21ވަނަ ގަރުނުގެ ފަހުގެ ތާރީހްގައި ކުރިޔަށްދިޔަ ހަނގުރާމަތަކުގެ ތެރެއިން ދެވަނަ ނަގޯރނޯ – ކަރަބަކް ހަނގުރާމަ (2020)، ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ (2022)، އިސްރާއިލާއި އީރާނާ ދެމެދު ކުރިޔަށްދިޔަ 12 ދުވަހުގެ ހަނގުރާމަ (2025) ފަދަ ހަނގުރާމަތަކުގައި ޑްރޯންސް ބޭނުންކޮށްގެން ހަނގުރާމަ ކުރިޔަށްގެންދިޔަ މަންޒަރު ވަނީ ފެނިގެންގޮސްފައެވެ. ޑްރޮނައިޒޭޝަން، ހަނގުރާމައިގެ މައިދާނުގައި ޓާރގެޓިންގ، ސްޓްރައިކިންގ އަދި އިންޓެލިޖެންސް ކަލެކްޝަން ފަދަ ކަންކަމުގައި އަންމޭންޑް އޭރިޔަލް ވެހިކަލްސް (ޔޫއޭވީ) ބޭނުންކުރުން މިއީ 21ވަނަ ގަރުނުގައި، ފަހުގެ ތާރީޚެއްގައި، ދުނިޔޭގައި ކުރިޔަށްދިޔަ ހަނގުރާމަތަކުގައި ޑްރޯންސް ބޭނުންކުރުމުގެ ޓެކްޓިކްސް، ޓެކްނީކްސް އަދި ޕްރޮސީޖަރސް (ޓީޓީޕީސް)ތަކުގެ ތެރެއިން އުފެދިގެންއައި ބަހެކެވެ. ސްޓޭންޑަރޑް އިނގިރޭސި ޑިކްޝަނަރީއެއްގައި ބަޔާންކޮށްފައި ނުވިނަމަވެސް މި ބަސް މިހާރު މިވަނީ މާނަކުރެވިފައެވެ. ޑްރޮނައިޒޭޝަނަކީ ޓެކްޓިކަލް، އޮޕަރޭޝަނަލް އަދި އިސްތިރާޖީ ލެވެލްގައި ޔޫއޭވީ ސިސްޓަމްސް ބޭނުންކޮށްގެން ހަނގުރާމަކުރުމޭ ވެސް ބުނެވިދާނެއެވެ.
ކުރިއަރާފައި މިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ގައުމުތަކުން ދަނީ އެ ގައުމުތަކުގައި ޑްރޯންސް އަމިއްލައަށް އުފައްދައި ކޮމަރޝަލް އަދި މިލިޓަރީ ބޭނުންތަކުގައި ބޭނުންކުރަމުންނެވެ. އަސްކަރީ ގޮތުން ބޭނުންކުރެވޭ ޑްރޯންތަކުގެ ތެރޭގައި މީޑިއަމް އަލްޓިޓިއުޑް ލޯންގް އެންޑިއުރެންސް (މޭލް) އަދި ހައި އަލްޓިޓިއުޑް ލޯންގް އެންޑިއުރެންސް (ހޭލް) ޑްރޯނުން ފެށިގެން، ލޯ ފްލައިންގ ލޮއިޓަރިން ޑްރޯންސް، ކޮންބެޓް ޑްރޯންސް، ޓެކްޓިކަލް އަދި ނެނޯ ޑްރޯންސް ވެސް ހިމެނެއެވެ. މީގެ އިތުރުން ކަނޑުމަތީގައި ބޭނުންކުރުމަށް އަންމޭންޑް ސަރފޭސް ވެސަލްސް (ޔޫއެސްއެފް) ގޮތުގައި އޮސްޓްރޭލިޔާގައި ބްލޫ ބޮޓަލް ބޭނުންކުރެއެވެ. އޮޕަރޭޝަންތަކުގައި ރިސްކް އެކުލެވޭ އަދި ”ހިއުމަން އެފަރޓް“ އެކަމަކަށް ބޭނުންވާ އެތައްކަމެއް ޑްރޯންސްގެ އެހީގައި ކުޑަކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސިފައިންނަށް ހުރި އިނީޝިއަލް ރިސްކް، ރަނގަޅު މިންވަރަކަށް ކުޑަކުރެވިގެންދެއެވެ. ކޮމަރޝަލް ބޭނުންތަކަށް ބަލާއިރު ފަޔަރ ފައިޓިންސް (ޖީއެފް – އެމްއެޗް – 75އޭ/ޗައިނާ) ލޮޖިސްޓިކްސް ޑެލިވަރީ، ފޮޓޯ އެންޑް ވީޑިއޯގްރަފީ ފަދަ އެތައް ކަމެއްގައި ޑްރޯންސް ބޭނުންކުރެއެވެ.
2022 ފެބުރުވަރީ 24ގައި ފެށިގެންދިޔަ ރަޝިޔާ – ޔޫކްރެއިން ހަނގުރާމައިގެ މައިދާނުން ޑްރޯން ބޭނުންކުރުމުގެ ޓީޓީޕީސް ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުންދިޔައެވެ. ދެ ގައުމުން ވެސް ހަނގުރާމަކުރަމުން ދިޔަވަރަކަށް ފަސްޓް ޕަރސަން ވިއު (އެފްވީޕީ) ޑްރޯންސް އެކި ރޯލްތަކުގައި ބޭނުންކުރަމުން ދިޔައެވެ. 2022 އޮކްޓޫބަރުގައި ރަޝިޔާގެ ސެވަސްޓަޕޮލްގައި އޮތް ބްލެކްސީ ފްލީޓަށް ވަނީ ޔޫކްރޭނުން ޑްރޯންސް ބޭނުންކޮށްގެން ހަމަލާދީފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް އޮޕަރޭޝަނަކީ 2025 ޖޫން 1ވަނަ ދުވަހު ކުރިޔަށްގެންދިޔަ ”އޮޕަރޭޝަން ސްޕައިޑަރ ވެބް“ ނަމަކަށް ކިޔުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ޔޫކްރެއިނުން 117 އެފްވީޕީ ޑްރޯންސް (1200 – 600 ޑޮލަރ/ޑްރޯން) ބޭނުންކޮށްގެން ރަޝިޔާގެ ސްޓްރެޓެޖިކް 4 އެއަރ ބޭސްއަކަށް ހަމަލާދީ، ރަޝިޔާގެ ކްރޫސް މިސައިލް ބޮންބަރ ކޭޕަބިލިޓީ ގާތްގަނޑަކަށް 34% ކުޑަކޮށް، 7 ބިލިއަން ޑޮލަރުގެ ގެއްލުންތަކެއް ދިނެވެ. މީގެ އިތުރުން އިސްރާއިލް – އިރާންގެ ދެމެދުގައި، 12 ދުވަހުގެ މުއްދަތަށް ހިނގި ހަމަލާ ބަދަލުކުރުމުގައި މުޅިދުނިޔޭގެ ސަމާލުކަން ހުއްޓިގެންދިޔައީ ”ޝާހެދް 136“ ނަމަކަށް ކިޔާ އިރާނުގެ ޑްރޯނަކަށެވެ. 2000 ކިލޯމީޓަރަށް ވުރެ ދުރަށް ދަތުރުކުރުމާއި ޓަރގެޓަށް ސްޓަރައިކްކުރުމުގެ ޤާބިލުކަން ލިބިފައިވާ މި އަގުހެޔޮ ޑްރޯން ވައްޓާލުމަށް ޓަކައި އިސްރާއިލްގެ އެއަރ ޑިފެންސް ސިސްޓަމްތަކުގެ ތެރެއިން އަޔަން ޑޯމް މިސައިލް (40000 – 50000 ޑޮލަރ)، ޑޭވިޑް ސްލިންގ ސްޓަނަރ (1 މިލިއަން ޑޮލަރ) އަދި އެރޯ 3 (35 މިލިއަން ޑޮލަރ/ޔުނިޓް) ހޭދަވެގެން ގޮސްފައިވާކަން ވަނީ ކުރެވުނު ދިރާސާތަކުން ފެނިފައެވެ.
މި ފިލާވަޅުތަކުގެ އަލީގައި އެމެރިކާއިން ވަނީ ލޫކަސް (ލޯ ކޮސްޓް އަންސްކްރޫޑް ކޮންބެޓް އެޓޭކް ސިސްޓަމްސް) އުފައްދައި، 2025 ޑިސެމްބަރ މަހު ޔޫއެސް ސެންޓްރަލް ކޮމާންޑުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާކަން ހާމަކޮށްފައެވެ. މި ސިސްޓަމުން ފާހަގަވެގެން ދިޔައީ އީރާންގެ ”ޝާހެދް 136″އާ ހުރި އެއްގޮތްކަމެވެ. ”ލޫކަސް“އަކީ ”ޝާހެދް 136“ ބަލައިގެން އެމެރިކާއިން ރިވާސް އިންޖިނޭރިންކޮށްގެން ހަދާފައިވާ އެއްޗެކެވެ. މީގެ އިތުރުން ޔޫއެސްގެ އަސްކަރިއްޔާއިން މުޅިން އައު މިލިޓަރީ އޮކިއުޕޭޝަނަލް ސްޕެޝަލިޓީ 15X (ޑްރޯން އޮޕަރޭޓަރ އަދި މެއިންޓެއިނަރ) އުފައްދައި އޭގެ ތަމްރީނުތައް ވެސް ކުރެވެމުން އެބަދެއެވެ.12 ނޮވެމްބަރ 2025ގައި ރަސްމީގޮތެއްގައި ރަޝިއާއިން، ރަޝިއަން އަންމޭންޑް ސިސްޓަމްސް ފޯސްގެ ނަމުގައި މުޅިން އައު ބްރާންޗެއް އަސްކަރިއްޔާގައި އުފައްދާފައިވެއެވެ. އަދި ހަމައެއާ އެކު ފަހުގެ ތާރީޚުގައި އަވައްޓެރި އިންޑިޔާއިން ވެސް ބެޓާލިއަން ލެވެލްގައި ޑްރޯން ޕްލެޓޫނެއް އިކްއިޕްކޮށް ބޭނުންކުރާނެ ކަމުގެ މަޢުލޫމާތު ވަނީ ހާމަކޮށް، އެކަމަށް އަމަލީ މަސައްކަތްތަކެއް ވެސް ފެށިގެންގޮސްފައެވެ. އިގުތިސާދީގޮތުން ދުނިޔޭގެ ހާލަތު ދަށަށް ދާ ވަރަކަށް އަގު ހެޔޮކަމާ އެކު ފަސޭހައިން ލިބެން ހުންނަ، އަދި ތައްޔާރުކުރުމަށާއި ތަމްރީނުކުރުމަށް ފަސޭހަ، ލީތަލް އޭރިޔަލް ކޮމްބެޓް ސިސްޓަމެއްގެ ބޭނުން މި ވަނީ ކޮންމެ ގައުމަކަށް ވެސް ޖެހިފައެވެ. އަސްކަރިއްޔާގެ އިންފްރާސްޓްރަކްޗަރ އަދި ރިސޯސް، ވަކިން ޚާއްޞަކޮށް ސިފައިންނަކީ ތަމްރީންކުރުމާއި ބެހެލެއްޓުމަށް އެތައް ޚަރަދެއް ދައުލަތުން ކުރަންޖެހޭ ބައެކެވެ. އަދި ހަމަ އެއާއެކު ކޮންމެ ސިފައިންގެ މީހެއްގެ ފުރާނައަކީ އަގުނުކުރެވޭނެ އަގުބޮޑު އެއްޗެކެވެ.
ކޮންމެ ހަނގުރާމައެއް ވެސް ފެށުމުގެ ކުރިން ބެޓަލްފީލްޑް ދެނެގަނެ، ހަނގުރާމަކުރުމަށް އެ ބަޔަކަށް ފަސޭހަވާނެހެން ބައްޓަންކުރުމުގެ މިޝަންތަކެއް ކުރިޔަށްގެންދެއެވެ. މި ކަންކަމުގެ ޝިކާރައަކަށްވެ، މަރުވެގެންދާ ކޮންމެ މީހަކީ އެ ގައުމެއްގެ އަސްކަރިއްޔާއިން މަދުވެގެންދާ ވަރަށް ވެސް އަގުބޮޑު އެސެޓެކެވެ. އެތައް ދުވަހެއް ވަންދެން ތަމްރީންކުރުމަށް ފަހު އެތައް ޚަރަދެއްކޮށްގެން އިކްއިޕްކުރެވޭ އިރު، މަރުވެގެންދަނީ އަގު ހެޔޮ ޔޭއޭވީއެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އަސްކަރިއްޔާތަކަށް އަވަސްކަމާ އެކު ޓެކްޓިކަލް، އޮޕަރޭޝަނަލް އަދި އިސްތިރާޖީ ލެވެލްގައި ފޫނުބެއްދޭނެ ގެއްލުންތަކެއް ކުރިމަތިލާންޖެހޭކަން ފަހުގެ ހަނގުރާމަތަކުން މިވަނީ ސާބިތުވެގެންގޮސްފައެވެ. ސްޓްރެންތް އިން ނަންބަރސް މިއީ ކޮންމެ އަސްކަރިއްޔާއަކުން ވެސް ބޭނުންވާ ކަމެކެވެ. ދުޝްމަނުންނަށް ވުރެ ތިން ބައިކުޅަ އެއްބައި ބޮޑުކޮށް ހަނގުރާމަކުރުން މިއީ އެދެވޭ ގޮތެކެވެ. ނަމަވެސް މި ޒަމާނުގެ އެސިމެޓްރިކް އަދި ހައިބްރިޑް ވޯފެއަރ މި ކޮންވެންޝަނަލް ޕްރިންސިޕަލާ ޚިލާފެވެ. ކުދިކުދި ބާރުތަކުން ބޮޑެތި އަސްކަރިއްޔާތަކުގެ މައްޗަށް އެތައް ގެއްލުންތަކެއް ދިނުމުގައި ޑްރޯންތައް އަންނަނީ ވަރަށް ބޮޑު ރޯލެއް އަދާކުރަމުންނެވެ.
