ކަންކަމުގައި  ކާމިޔާބު ގިނަ މީހުން އެމީހުންގެ ކާމިޔާބީގެ ސިއްރަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި އަމިއްލަ ޤާބިލުކަމަށް އޮންނަ ޔަޤީންކަން ކަމުގައި ބުނެއެވެ. ނަމަވެސް މަދު ބަޔަކު މެނުވީ އިތުބާރު އުފެއްދޭނެ ގޮތްތަކާއި އިތުބާރު ހުރި މީހަކަށް ވެވޭނެ ގޮތްތައް ބަލާ ހޯދާކަށް ނޫޅެއެވެ.  މިއީ އުނދަގޫ ކަމެކެވެ. ސަބަބަކީ އިތުބާރު ބިނާވެފައި އޮންނަނީ ތަފާތު ކަންތައްތަކުގެ މައްޗަށް ކަމަށްވާތީއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި އިތުބާރު ބިނާވެފައި އޮންނަނީ ތިމާގެ ޝައުޤުވެރިކަން އިތުރުކޮށްދޭ، އަދި ތިމާއަކީ ކާކުކަން އެނގި އުފާވެރިކަމާއި ފަޚުރުވެރިކަން ގެނެސްދޭ ޚިޔާރުތަކާއި ކާމިޔާބީތަކުގެ މައްޗަށެވެ. މިފަދަ ކަންތައްތައް ދެނެގަތުމަކީ ދިރިއުޅުމުގައި އެންމެ އަގުހުރި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ތިރީގައި މިވަނީ އަމިއްލަ ނަފުސަށްކުރާ އިތުބާރު އުފެއްދުމަށް ފަށައިގަނެވިދާނެ ބައެއް ކަންކަމެވެ.

1. ކަންތައްތައް ނިންމުން

އިތުބާރު ބިނާވެފައި އޮންނަނީ ކާމިޔާބީގެ މައްޗަށެވެ. ކުޑަ އަދި ބޮޑެތި ލަނޑުދަނޑިތައް ހާސިލުކުރެވޭ ނަމަ، އަމިއްލަ ނަފުސާ މެދު ރަނގަޅު އިޙުސާސްތަކެއް ކުރެވޭނެއެވެ. މިކަން ފެށެނީ ދުވަހުންދުވަހަށް ކަނޑައަޅާ ލަނޑުދަނޑިތަކުންނެވެ. މިއަދު ނުވަތަ މި ހަފުތާގެ ކޮންމެ ދުވަހަކު ނުވަތަ މި ހަފުތާގެ ވަކި ދުވަހަކު ލަނޑުދަނޑި ހާސިލުކުރުމަށް ކުރަންޖެހެނީ ކޮން ކަމެއްތޯ ބަލާށެވެ. ކޮންމެ ދުވަހަކަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރެވޭ ނަމަ، ގިނަ ފަހަރު ހަފުތާއަކުން އަދި މަހަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވެސް ހާސިލުކުރެވޭނެއެވެ. މިއީ ހަ މަހުން އަދި އަހަރަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭ ހިސާބަށް ގެންދާނެ ކަމެކެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ކޮންމެ ކަމެއްގައި ވެސް ފުރަތަމަ ކުރިއެރުން ލިބެނީ ކުޑަކުޑަކޮށް ކަމާއި، ބޮޑެތި ބަދަލުތައް އަންނަނީ އެއް ރެއަކުން ނޫން ކަމެވެ. ބޮޑެތި ލަނޑުދަނޑި ހާސިލުކުރުމަށް ގިނަ ވަގުތު ނަގާނެކަން އަބަދުވެސް ދަންނާށެވެ. އެކަން ކުރެވޭނެ ކަމަށް ޔަޤީންކުރެވޭތީ، ބޮޑު ލަނޑުދަނޑިއެއް ކަނޑައެޅިދާނެ ކަމަށް ޤަބޫލުކުރެވޭނެއެވެ. އަމިއްލައަށް ލަނޑުދަނޑިއެއް ކަނޑައަޅައި، އެކަމަށް މަސައްކަތްކުރަން ފަށާށެވެ.

2. ކަންކަން ކުރެވެވުންދާވަރު ބެލުން

ބޮޑު ނުވަތަ ކުޑަ ލަނޑުދަނޑިއެއް ނަމަވެސް، އެ ލަނޑުދަނޑިއަކަށް ވާސިލުވުމުގެ  އެންމެ ރަނގަޅު ގޮތަކީ އެ ލަނޑުދަނޑި ކުދި ލަނޑުދަނޑިތަކަކަށް ބަހާލައި، ކުރިއަށްދާ މިންވަރު ބެލުމެވެ. ޕްރޮމޯޝަނެއް ހޯދުމަށް، ރަނގަޅު ވަޒީފާއެއް ހޯދުމަށް، މަތީ ތަޢުލީމު ހޯދުމަށް، ވަޒީފާ ބަދަލުކުރުމަށް، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށް ނުވަތަ 10 ކިލޯ ލުއިކުރުމަށް މަސައްކަތް ކުރިޔަސް، ކުރިއަށްދާ މިންވަރު އެނގޭނެ އެންމެ ރަނގަޅު ގޮތަކީ އެކަން މޮނިޓަރކުރުމެވެ. ކުރެވޭ ކަންތައްތައް މިންކުރަން މަސައްކަތްކުރާށެވެ. މިސާލަކަށް ދަންނަވަނީ ނަމަ ވަޒީފާތަކަށް ނުވަތަ މަތީ ތަޢުލީމަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ އަދަދު، ކާ ކާނާގެ ބާވަތްތަކާއި ކުރާ ކަސްރަތުގެ މިންވަރު، އަދި ލަނޑުދަނޑިއަކީ ކޮންމެ އެއްޗެއް ނަމަވެސް އެކަމެއް ލިޔެ ބަލަހައްޓާށެވެ. މިކަމުން ރަނގަޅު މަގުގައި ދެމިހުރުމަށް އެހީތެރިވެދޭނެއެވެ. އަދި ކުރިއަށްދާ މިންވަރު ވަގުތުންވަގުތަށް ފެނި އިތުބާރު އިތުރުވާނެއެވެ.

3. ކަސްރަތުކުރުން

ކަސްރަތު ކުރުމަކީ ޢާންމު ގޮތެއްގައި ޞިއްޙަތަށް ފައިދާކުރުމުގެ އިތުރުން، ކަސްރަތުކުރުމުން ހަނދާން ބެހެއްޓުމަށް އެހީވެދެއެވެ. ސަމާލުކަން އިތުރުކޮށްދެއެވެ. ނަފުސާނީ ގޮތުން ކުރިމަތިވާ ޕްރެޝަރ ކުޑަކުރުމަށް އެހީވެދެއެވެ. އަދި ހިތްދަތިކަން ދުރުކުރެއެވެ. އިތުރު ހަކަތައެއް ނެތް ހިނދު ކަންކަމާއި ކަންބޮޑުވުމަކީ  އުނދަގޫ ކަމެކެވެ. އެހެންކަމުން ކަސްރަތުކުރުމުގައި ހަރަކާތްތެރިވެ، މިކަމަށް ވަގުތު ހޯދާށެވެ.

4. ބިރުނުގަތުން

ފެއިލުވުމަކީ ތިބާގެ ދުޝްމިނެއް ނޫނެވެ. ޙަޤީޤަތުގައި ތިބާ ހަލާކުވެދަނީ ފެއިލުވުމަށް އޮންނަ ބިރުންނެވެ. ބޮޑެތި ލަނޑުދަނޑިތަކާއި ބޮޑެތި ހުވަފެންތައް ދެކޭ ނަމަ، ތިބާއަށް ހީވާނީ އެކަން ނުކުރެވޭނެ ކަމަށެވެ. އެފަދަ ވަގުތުތަކުގައި އަމިއްލަ ނަފުސަށް އިތުބާރުކޮށް ކުރިއަށް ދާން ޖެހެއެވެ. ކާމިޔާބު ކޮންމެ މީހަކު ވެސް ބިރުގެންފައިވާނެއެވެ. ނަމަވެސް އެމީހުން މަސައްކަތްކޮށް، ރިސްކު ނަގަމުން ގޮސްފައިވަނީ އެމީހުން ހާސިލުކުރަން މަސައްކަތްކުރާ ކަންތައްތަކަކީ ފެއިލްވެދާނެކަމުގެ ބިރަށްވުރެ މާމުހިންމު އަދި އަވަސް ކަންތައްތަކަކަށް ވާތީއެވެ. ލަނޑުދަނޑި ހާސިލުކުރަން ކިހާ ބޮޑަށް ބޭނުންވޭތޯ ވިސްނާލާށެވެ. އެއަށްފަހު ބިރު އެއްފަރާތަށް ޖައްސާލައި، ދުވަހުންދުވަހަށް ކުރިއަށް ދާށެވެ.

5. ވަޢުދުތައް ފުއްދުން

މީހުން އިޙްތިރާމްކުރަނީ އެމީހަކު ކުރާނެ ކަމަށް ބުނާ ކަމެއް ކުރާ މީހުންނަށެވެ. އޭގެ އިތުރުން، މާ މުހިންމު ކަމަކީ، އަމިއްލަ ނަފުސަށް އިޙްތިރާމްކުރެވޭނީ އަމިއްލައަށް ކުރާނެ ކަމަށް ބުނާ ކަމެއް ކުރުމުންނެވެ. އަދި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުވާނެއެވެ. ސަބަބަކީ މަސައްކަތަށް ފަހަތަށް ނުޖެހޭކަން އެނގޭތީއެވެ. ޢަމަލާއި ބަސް ދިމާވާތީއެވެ. އަދި މިކަމުން ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ގުޅުންތައް ބަދަހިކުރުމަށާއި، އަމިއްލަ ނަފުސާ މެދު ފަޚުރުވެރިވުމަށް މަގުފަހިވެގެންދާނެއެވެ.

6. އެހެން މީހުން ދައްކާ ވާހަކަތަކަށް ނުބެލުން

ތިބާއަށް ލަނޑުދަނޑި ހާސިލު ނުކުރެވޭނެ ކަމަށް ވަރަށް ގިނަ މީހުން ބުނާނެއެވެ. އެއީ ވަޒީފާގައި އުޅޭއިރު ނުވަތަ މުޖުތަމައުގެ ތެރެއިން ކަމުގައި ވިޔަސް، ނުވަތަ ރައްޓެހިންނާއި ޢާއިލާއިން ލިބޭ ނުރަނގަޅު ފީޑްބެކްތަކެއް ކަމުގައި ވިޔަސް، ތިޔަ ކަނޑައެޅި ލަނޑުދަނޑިއަކީ މާ ބޮޑު ލަނޑުދަނޑިއެއްކަމަށް  ނުވަތަ ތިބާ ތައްޔާރުނުވާ ކަމަށް ނުވަތަ ތިބާއަށް އެކަން ނުކުރެވޭނެ ކަމަށް ނުވަތަ އެކަން މީގެ ކުރިން ނުކުރެވި އޮތް ކަމަށް މީހުން ބުނާނެއެވެ. އަދި ތިބާ އެއް ގޮތަކަށް ވެސް އެ ވާހަކަތަކަށް ކަންފަތް ދީގެން ނުވާނެއެވެ. ތިބާ ވާންވާނީ ހަރުދަނާ މީހަކަށެވެ. ކޮންމެ ދުވަހަކު ވެސް މީހުން ދުނިޔެ ބަދަލުކުރެއެވެ. އެއީ އެމީހުންގެ ވަށައިގެން ތިބި އެންމެން ބުނަމުންދިޔަ ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. ތިބާއަށް އެކަން ކުރެވޭނެ ކަމަށް ހީވާ ނަމަ، ތިބާއަށް އެކަން ކުރެވޭނެއެވެ. އެމީހުންގެ ވާހަކަތަކަށް ކަންފަތް ނުދީ، އަމިއްލަ ނަފުސަށް އިތުބާރުކޮށް ކުރިއަށް ދާށެވެ.

7. ހިތަށް އުފާވެރިކަން ގެނުވައިދޭ ކަންތައްތައް ކުރުން

ހުސްވަގުތުގައި ކުރަން އެންމެ ލޯބިކުރާ ކަމަކީ ކޮބައިތޯއެވެ؟ އެއީ ބޭރަށް ގޮސް، މޫދަށް އެރި ފަތައި، މަޖާކުރުމާއި، މަސްހިފުންކަމުގައި ވިޔަސް ނުވަތަ ގާތްތިމާގެ މީހުންގެ ކައިރިއަށް ޒިޔާރަތްކުރުންކަމުގައި ވިޔަސް ނުވަތަ ގޭގައި ތިބެ، ޓީވީން ދައްކާ ރީތި ޕްރޮގްރާމްތައް ބެލުންވިޔަސްމެއެވެ. އެއީ ކޮންމެ ކަމެއް ނަމަވެސް، އެކަމަށް ޖާގަ ހޯދާށެވެ. ސަބަބަކީ ދިރިއުޅުމަކީ ކުރު އެއްޗަކަށް ވާތީއެވެ. ދިރިއުޅުން މުއްސަނދިކޮށް، އަމިއްލަ ނަފުސު އެންމެ ރަނގަޅު ގޮތުގައި ބައްޓަންކުރުމަށް ވަގުތު ބޭނުންވެއެވެ.

 
 
 
ޝެއަރކުރެއްވުމަށް