އަމިއްލަ ނަފުސު ދެނެގަތުމާއި އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމުގެ ޤާބިލްކަމަކީ ކޮންމެ ސިފައިންގެ މީހެއްގެ ކިބައިގައި ހުރުން ލާޒިމްވާ ސިފައެކެވެ. މި ކަންކަން ތިމާގެ ގައިގައި އަށަގެންފައިވޭތޯ ބެލުމަކީ ލީޑަރެއްގެ ހައިސިއްޔަތުން ކޮންމެ މީހަކަށް ވެސް ބެލިދާނެ ކަންކަމެވެ. އަދި މިއީ އަސްކަރިއްޔާގެ ކޮންމެ ސިފައިންގެ މީހަކަށް ވެސް މުހިންމުކަމެކެވެ. މިކަން އަމިއްލަ ނަފުސަށް ދެނެގަނެވިދާނެ އެއް ގޮތަކީ އިމޯޝަނަލް އިންޓެލިޖެންސެވެ. މިއީ  އެފެކްޓިވް ލީޑަރުން ތަފާތުކޮށްދޭ އެއް ކަމެވެ. ހަމަ އެހެންމެ އިމޯޝަނަލް އިންޓެލިޖެންސަކީ ލީޑަރޝިޕްގެ އެންމެ ގޮންޖެހުން ބޮޑު އެއް ދާއިރާއެވެ.

 

ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތާއި އިމޯޝަނަލް އިންޓެލިޖެންސްގައި ހިމެނޭ ބައެއް ބައިތަކަކީ:

  •  އަމިއްލަ ޖަޒުބާތުތަކާ މެދު ހޭލުންތެރިވުން
  •  އެ ޖަޒުބާތުތައް ކޮންޓްރޯލްކުރުން
  •  އެހެން މީހުންނާއިމެދު ހަމްދަރުދީވުން
  •  އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުން

 

ތިމާގެ ކަންކަމާ މެދު ވިސްނާ ބީދައިން ތިމާގެ ދަށުގައި މަސައްކަތްކުރާ މީހުންނާ މެދު ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން އަމިއްލަ ނަފުސު ދެނެގަތުމާއި އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމަށް ދަސްވާނެއެވެ.

އަބަދުވެސް ކަންކަމާ މެދު ވިސްނައި ފިކުރުކުރުމުގެ  މާނައަކީ، ތިމާގެ ވަރުގަދަކަން ނުވަތަ އެންމެ ޤާބިލްކަމާއި، ބަލިކަށިކަން، އަދި އެންމެ ފަސޭހައިން ރުޅިއަންނަ ކަންތައްތަކާއި ނުވަތަ ހިތްހަމަނުޖެހޭ ކަންތައްތައް ދެނެގަތުމެވެ. އަދި ތަފާތު ހާލަތްތަކުގައި އަވަސްއަރުވާފައި ނިންމާނިންމުންތަކާއި އެކަމުގެ ސަބަބުން ދިމާވާ ކަންތައްތައް ކޮންޓްރޯލްކުރުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ. މީގެ އިތުރުން، އެހެން މީހުންގެ ޖަޒުބާތުތަކާއި ބޭނުންތަކަށް ސަމާލުކަންދީ، އެކުވެރި ގުޅުންތައް ބިނާކޮށް، ހައްލުތައް ހޯދުމުގެ ގޮތުން ދެބަސްވުންތައް އެއް ފަރާތްކޮށް ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ލީޑަރޝިޕާއި އިމޯޝަނަލް އިންޓެލިޖެންސާ މިއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަމެވެ. ޖަޒުބާތީ ގޮތުން ވިސްނުންތޫނު ލީޑަރަކު ޓީމުގެ މެންބަރުންންގެ ކަންކަން ކަނުލައި އަހައި، އެމީހުންނާ ގުޅުން ބަދަހިކޮށް، އިތުބާރު ބިނާކޮށް، ގުޅުންތައް ވަރުގަދަކުރުމަށް އިސްކަންދޭންޖެހޭނެއެވެ. އަދި މި ކަންކަމަށް އިތުރުކުރުމަށް އަހުލުވެރިވާން ޖެހޭނެއެވެ. މި ހުނަރު ނެތް ނަމަ ލީޑަރުން މި ހުނަރުތައް ދަސްކޮށް، އިތުރަށް ތަރައްގީކޮށް ބޭނުންކުރުން މުހިންމެވެ.

ސަރވަންޓް ލީޑަރޝިޕްގެ ނަޒަރިއްޔާއިން ބަލާ އިރު، އިމޯޝަނަލް އިންޓެލިޖެންސަކީ ވަރުގަދަ ގުޅުންތައް ބިނާކުރުމަށާއި، ޓީމުގެ މެންބަރުންގެ ޖަޒުބާތުތަކާއި އެމީހުން ހިތްވަރާ އެކު މަސައްކަތްކުރުމަށް ބާރުއަޅާ ސަބަބުތައް ދެނެގަތުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. މިއީ އެންމެންނަށް ވެސް އެމީހުންގެ އެންމެ ރަނގަޅު މަސައްކަތް ދެއްކޭނެ އިތުބާރާއި ޔަޤީންކަމާ އެކު މަސައްކަތްކުރުމުގެ މާހައުލަކަށް މަގުފަހިކޮށްދޭ އަސާސެކެވެ.

އިމޯޝަނަލް އިންޓެލިޖެންސްގެ ސަބަބުން ލީޑަރުން ލީޑަރޝިޕަށް ދިމާވާ ގޮތްތަކާއި، އެހެން މީހުންނާ މުއާމަލާތްކުރާގޮތް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ކުރުގޮތަކަށް ދަންނަވަނީ ނަމަ އަމިއްލަ ނަފުސު ދެނެގަތުމާއި އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމަށް ޓަކައި ތިމާއަށް ކަންކަން ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމަށް ޓަކައި މި ކަންކަން އަމިއްލައަށް ތަޖުރިބާކުރުން މުހިންމުކަމުގައި ދެކެމެވެ. އޭރުން ތިމާއަކީ އަމިއްލަ ނަފުސު ދެނެގަތުމާއި އަމިއްލަ ނަފުސު ކޮންޓްރޯލްކުރުން އެނގޭ ކާމިޔާބު މީހަކަށްވެ، ދަށުގައި މަސައްކަތްކުރާ ސިފައިން އިތުބާރުކުރާ އަދި ލީޑަރުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ލީޑަރަކަށް ވެވިދާނެ މީހެކެވެ.               

 
 
 
 
 
 
 
 
 
ޝެއަރކުރެއްވުމަށް