ކޮންމެ މިނިވަން ދައުލަތަކަށް ވެސް އެންމެ އަސާސީ އަދި އެންމެ މުހިންމު އެއް ކަމަކީ އެ ގައުމުގެ ސިޔާދަތެވެ. ދިވެހި ބަހުގެ ރަދީފުގައި ”ސިޔާދަތު“ ގެ މާނަކަމުގައި ބަޔާންކޮށްފައިވަނީ ”ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން“ މިހެންނެވެ. ސިޔާދަތަކީ ގައުމެއްގެ އަމިއްލަ މިނިވަންކަމާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރާއި، އެތެރޭގެ ކަންކަން ހިންގުމުގައި އެއްވެސް ބޭރު ބައެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ކަންކުރުމުގެ ފުރިހަމަ ބާރެވެ. ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ މުޖުތަމަޢުގައި ދެމި އޮތުމަށް ޓަކައި ސިޔާދަތު މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން، ގައުމެއްގެ ސިޔާދަތީ ރުކުންތައް ހިމާޔަތްކުރުމަކީ އެއީ ކޮންމެ ރައްޔިތެއްގެ ވެސް ގައުމީ ވާޖިބެކެވެ.
ގައުމުގެ ސިޔާދަތަކީ، އެ ގައުމެއްގެ ސަރަހައްދީ ބާރުތަކުގެ ތެރޭގައި، އެހެން އެއްވެސް ބޭރު ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލައަށް ޤާނޫނު ހަދައި، އެ ޤާނޫނުތައް ތަންފީޒުކޮށް، ގައުމުގެ ކަންކަން ހިންގުމުގެ ފުރިހަމަ ބާރު އެ ގައުމަކަށް ލިބިގެންވުމެވެ. މާނައަކީ، ގައުމެއްގެ ތެރޭގައި އެންމެ މަތީ ބާރަކީ އެ ގައުމުގެ ސަރުކާރު ކަމުގައި ވުމާއި، އެ ގައުމުގެ އެތެރޭގެ ކަންކަމަށް ބޭރުގެ އެއްވެސް ބަޔަކަށް ނުފޫޒު ނުފޯރުވޭނެ ގޮތެއްގައި ކަންކަން ބެހެއްޓުމެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން އެ ގައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އެހެން ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވުމަކީ ވެސް ސިޔާދަތުގެ ބައެކެވެ. އެހެންނަމަވެސް ބަވަނަވެފައިވާ މިފަދަ ޒަމާނެއްގައި ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ ގުޅުންތަކާއި އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމާއި ސަރަހައްދީ އިއްތިހާދުތަކާއި ބައިނަލްއަގުވާމީ ތަފާތު އިއްތިހާދުތައް އުފައްދައިގެން، ގުޅިގެން މަސައްކަތްކުރުމަކީ ގައުމެއްގެ ސިޔާދަތާއި ކަރާމާތައް ބުރޫ އަރާނެ ފަދަ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި ޒަމާނީ ޑިޕްލޮމަސީއަކީ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ގައުމުތަކުގައި އުފައްދައި، ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ދޭދޭ ގައުމުތަކުގެ މެދުގައި އެހީތެރިކަމާއި އެއްބާރުލުމުގެ މަތިވެރި ރޫޙު ފެތުރިގެން ދާ ފަދަ މާހައުލެއް އުފެއްދުމެވެ.
ގައުމެއްގެ ސިޔާދަތު ދެމިއޮތުމަށް ޓަކައި އެތައް ރުކުންތަކެއް ހިމާޔަތްކުރަން ޖެހެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ސަރަހައްދީ ހިމާޔަތާއި، ސަރުކާރުގެ ބާރުވެރިކަމާއި، އިގުތިސާދީ މިނިވަންކަމާއި، ސަޤާފީ ވަންތަކަމާއި ދިފާޢީ ބާރެވެ. މިގޮތުން ސަރަހައްދީ ހިމާޔަތްކަމުގައި ބެލެވެނީ ގައުމެއްގެ ބިމާއި، ކަނޑުގެ ސަރަހައްދާއި، ވައިގެ ސަރަހައްދަކީ އެ ގައުމުގެ މިލްކުވެރިކަން އޮންނަ، ހަމަޖެހިފައިވާ އުސޫލުގެ ބޭރުން، ބޭރު ފަރާތްތަކަށް ވަދެނުކުމެ ނުހެދޭނެ ގޮތެއްގައި ދިފާޢުވެފައިވާ ތަންތަން ކަމުގައި ވުމެވެ. ސަރުކާރުގެ ބާރުވެރިކަމޭ ބުނެވެނީ ގައުމުގެ ތެރޭގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި، ޤާނޫނުތައް ތަންފީޒުކޮށް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރަށް ފުރިހަމަ ބާރު ލިބިފައިވުމެވެ. އިގުތިސާދީ މިނިވަންކަމަކީ ގައުމުގެ ތަބީޢީ ވަސީލަތްތަކުގެ މިލްކުވެރިކަމާއި، އިގުތިސާދީ ސިޔާސަތުތައް ބޭރު ފަރާތްތަކުގެ ނުފޫޒެއް ނެތި އެކުލަވައިލުމުގެ މިނިވަންކަން ލިބިފައިވުމެވެ. ސަގާފީ ވަންތަކަމަކީ ގައުމެއްގެ ބަހާއި، ސަގާފަތާއި، އާދަކާދަ އަދި ދީނީ ކަންކަން ރައްކާތެރިކޮށް، އެ ކަންކަން އެ ގައުމެއްގެ ވަޠަނީ ރޫޙާ އެއްގޮތަށް ދެމެހެއްޓުމެވެ. އަދި ދިފާޢީ ބާރަކީ ބޭރުގެ ހަމަލާތަކުން ގައުމު ހިމާޔަތްކުރުމަށް ޓަކައި ވަރުގަދަ ދިފާޢީ ބާރެއް ޤާއިމުވެފައިވުމެވެ. މީގެ ތެރެއިން ހަމަ ކޮންމެ ކަމަކީ ވެސް ގުޅިލާމެހިފައިވާ ކަންކަމެވެ. ވަކި ކަމެއް ފުރިހަމަވުމަކުން ގައުމުގެ ސިޔާދަތީ ރުކުންތައް ފުރިހަމަވި ކަމަކަށް ނުބެލޭނެއެވެ. ހަމައެއާ އެކު ހުރިހާ ގައުމަކަށް ހުރިހާ ކަމެއް އެއްގޮތް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ގައުމެއްގެ ސިޔާދަތީ ރުކުންތައް ހިމާޔަތްކުރުމަކީ ގިނަ ސަބަބުތަކަށް ޓަކައި ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީތޯއެވެ. ސިޔާދަތީ މިނިވަންކަމަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި، އަމަންއަމާންކަން ދެމެހެއްޓުމުގެ މައިގަނޑު ބިންގަލެވެ. ސިޔާދަތު ނެތް ގައުމެއްގެ އެތެރޭގެ ކަންކަމަށް ބޭރުގެ ފަރާތްތަކުން އަތްގަދަކުރާނެއެވެ. ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަކީ، ރައްޔިތުންނަށް އަމިއްލަ ނަފުސުގެ އިތުބާރު އުފެއްދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިނިވަން ދައުލަތެއްގެ ރައްޔިތުންނަށް ލިބިދޭ ގައުމިއްޔަތާއި، އަމިއްލަވަންތަކަން ކަށަވަރުކޮށްދެނީ ސިޔާދަތުންނެވެ. ހަމައެއާ އެކު ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ތަރައްޤީ އަމިއްލައަށް ކަނޑައެޅުމުގެ ބާރު ލިބެނީ ސިޔާދަތުންނެވެ. ވަސީލަތްތަކުގެ މިލްކުވެރިކަމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ލިބެނީ ސިޔާދަތުން ކަމަށްވުމުން، އެ ބާރު ބޭރު ފަރާތްތަކަށް ދޫކޮށްލުމަކީ ގައުމުގެ މުސްތަގުބަލަށް ނުރައްކާވާނެ ކަމެކެވެ. މި ޒަމާނުގެ ޚާރިޖީ ސިޔާސަތުތައް ގައުމުތަކުން ބައްޓަންކުރަމުން އެ ދަނީ މި ދެންނެވި ތަރަހައިގެ ތެރެއިންނެވެ.
މި ޒަމާނުގައި ގައުމުތަކުގެ ސިޔާދަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނައެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަވަނަ ވެފައިވާ ދުނިޔޭގެ ސަބަބުން އިގުތިސާދީ ގުޅުންތައް ބަދަހިވެ، ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ނުފޫޒު ގަދަވުމެވެ. ބޭރުގެ ދަރަނިތަކާއި، ބައިނަލްއަގުވާމީ މުޢާހަދާތަކުގެ ސަބަބުން ގައުމުތަކުގެ ސިޔާސަތުތައް ބޭރު ފަރާތްތަކަށް ތަބާވާން ޖެހުން މެދުވެރިވެއެވެ. އަދި ޓެރަރިޒަމާއި ސައިބަރ ހަމަލާތައް ފަދަ އާ ބާވަތްތަކުގެ ނުރައްކާތައް ވަނީ ގައުމުތަކުގެ ސިޔާދަތަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. މިފަދަ ހަމަލާތައް ގައުމުތަކުގެ ސަރަހައްދު ފަހަނައަޅައި ގޮސް، ދިފާޢީ ނިޒާމުތަކަށް އޮތް ގޮންޖެހުން ބޮޑުކުރެއެވެ. މީގެ އިތުރުން މީޑިއާގެ މިނިވަންކަމާއި، އިންޓަނެޓުގެ ބޭނުންކުރުން ފުޅާވުމާ އެކު، ބޭރުގެ ސަގާފަތާއި ފިކުރުތަކުގެ ނުފޫޒު ފުޅާވެ، ގައުމެއްގެ އަމިއްލަވަންތަ ސަގާފަތާއި، އިޖުތިމާޢީ ފޭރާމަށް ނުރައްކާ ކުރެއެވެ.
ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫނެވެ. ކޮންމެ ރައްޔިތަކަށް ވެސް މިކަމުގައި އަދާކުރެވޭނެ މުހިންމު ދައުރެއް ވެއެވެ. އިސްލާމީ އަޤީދާގައި ސާބިތުވެ ތިބެ، ދީނީ ވަހުދަތު ހިފެހެއްޓުމަށް ޓަކައި ސަމާލުކަންދިނުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ ދިގު ތާރީޚާއި، މިނިވަންކަމަށް ޓަކައި ވެފައިވާ ޤުރުބާނީތަކަށް އިޙުތިރާމްކޮށް، ގައުމީ ލޯތްބާއި، ވަފާތެރިކަން އަބަދުވެސް އިސްކޮށް، އަންނަން އޮތް ޖީލުތަކަށް މި ރޫޙު އުނގަންނައިދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ގައުމުގެ ޤާނޫނު އަސާސީއާއި، އެހެނިހެން ޤާނޫނުތަކަށް ފުރިހަމައަށް އިޙުތިރާމްކޮށް، ގައުމުގެ ހަމަޖެހުން ދެމެހެއްޓުމުގައި ފަރުދީގޮތުން ކުރެވެން ހުރި ކަންކަމަށް ސަމާލުކަންދިނުން މުހިންމެވެ. މީޑިއާ މެދުވެރިކޮށް ނުވަތަ އެހެން ގޮތްގޮތުން އަންނަ ބޭރުގެ ފިކުރުތަކާއި، ސަގާފަތުގެ ނުފޫޒަށް ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ސަމާލުވެ، ދިވެހިވަންތަ އާދަކާދަތައް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމަށް ލޯބިކޮށް، ފަރުދުންގެ މެދުގައި އިޙުތިރާމް އިންތިހާއަށް އަށަގެންފައިވާ މުޖުތަމައެއް ބިނާކުރުމަށް ޓަކައި ތިމާއަށް ކުރެވޭނެ ކަންކަމާމެދު ވިސްނުމަކީ ކުރެވިދާނެ ކަމެކެވެ. ގައުމީ އުފެއްދުންތެރިކަމަށް ބާރުދީ، ގައުމުގެ އިގުތިސާދުގައި ހިއްސާވެ، އާމްދަނީ ލިބޭނެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމަކީ ކުރެވޭނެ ކަމެކެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވެ، ނަފުސަށް ވުރެ ގައުމު އިސްކުރުމަކީ ކުރެވޭނެ ކަމެކެވެ.
ގައުމެއްގެ ސިޔާދަތަކީ އެ ގައުމެއްގެ ދިރިހުރުމާއި، ކުރިއެރުމާއި، ރައްޔިތުންގެ އަމަންއަމާންކަން ކަށަވަރުކުރުމަށް ޓަކައި ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސެވެ. މި ޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ އެކު ވެސް، ގައުމުގެ ސިޔާދަތީ ރުކުންތައް ހިމާޔަތްކުރުމަށް ސަރުކާރުންނާއި، ކޮންމެ ރައްޔިތަކު ވެސް ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. މިކަން އަދާކުރެވިއްޖެ ނަމަ، މި ކުޑަކުޑަ ގައުމަށް ވެސް އަމިއްލަވަންތަކަމާއި، މިނިވަންކަމާ އެކު، އުޖާލާ މުސްތަގުބަލަކަށް ކުރިއެރުމުގެ މަގު ފަހިވާނެއެވެ. އެހެންކަމުން، ގައުމުގެ ސިޔާދަތު ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ހިތުގައި އަށަގަންނަންޖެހޭ އަސާސީ ގައުމީ ވިސްނުމެކެވެ.
