ތާރީޚުގައި 1988 ނޮވެންބަރު ތިންވަނަ ދުވަހަކީ ދިވެހީން ދުށް ވަރަށް ބިރުވެރި އަދި އެހާމެ ނުރައްކާތެރި ދުވަހެކެވެ. އެއީ ދިވެހީންގެ މިނިވަންކަމަށް ހަމަލާދިން ދުވަހެކެވެ. އެއީ ދިވެހީންގެ ސިޔާދަތާއި އިސްތިގުލާލަށް ހަމަލާދިން ދުވަހެކެވެ. އެ ދުވަހު ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުވެ، ދުޝްމަނުން ޖެހި ބަޑީގެ ވަޒަން އަރައިގެން 39 މީހުން ޒަޚަމުވިއެވެ. އެތައް ބަޔަކަށް ނަފުސާނީގޮތުން ގެއްލުން ލިބުނެވެ. އެ ދުވަހު ދިވެހިރާއްޖެ ހިފުމަށް ދުޝްމަނުން ކުރި މަސައްކަތާ ދެކޮޅަށް ދިވެހި ސިފައިން ވަރުގަދަ ޖިހާދެއްކުރިއެވެ. އެ ދުވަހު ދިވެހި ރައްޔިތުން ދިޔައީ ދިވެހި ދައުލަތަށް އެއްބާރުލުންދީ، އީމާންކަންމަތީ ސާބިތުވެތިބެ މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދިވެހީންނަށް ނަޞްރު ދެއްވުންއެދި ދުޢާ ދަންނަވަމުންނެވެ. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެކަމުގެ ބިރުވެރިކަން ގާތްގަނޑަކަށް 18 ވަރަކަށް ގަޑިއިރަށް ދެމިގެންދިއުމަށްފަހު މާތް ﷲ ދިވެހީންނަށް ނަޞްރާއި ނަސީބު މިންވަރު ކުރެއްވިއެވެ.
ދިވެހީންގެ ނަޞްރާއި ނަސީބަކީ މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހީން ސާބިތުވެ ތިބި އިސްލާމީ އަޤީދާއެވެ. ދިވެހީންނަށް މި ނަސީބު މިންވަރުކުރެއްވި ދުވަހެއްގެ ގޮތުގައި (ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި) ފާހަގަ ކުރަނީ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތް ވަނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ދިވެހީން ގަބޫލުކުރި ދުވަހަށެވެ. 2 ރަބީޢުލްއާޚިރު 548، މީލާދީގޮތުން އެއީ 27 ޖޫން 1153އެވެ. ދިވެހީން އިސްލާމްދީން ޤަބޫލުކުރުމަށް ފަހު ދިވެހީން ދެކެމުން އައީ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމާއި ހިމާޔަތްކުރުމަކީ ދީނީ ވާޖިބެއްގެގޮތުގައެވެ. ދިވެހީންގެ މިނިވަންކަމަށް ދެވޭ ކޮންމެ ހަމަލާއަކީ ދިވެހީން އެ ދީނެއްގެ މަތީގައި ސާބިތުވެ ތިބި މާތްވެގެންވާ އިސްލާމްދީނަށް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ވެސް ދިވެހީން ދުށީ މި ނަޒަރިއްޔާތުންނެވެ.
ނޮވެންބަރު ތިންވަނަ ދުވަހުގެ ބިރުވެރިކަމާއި ހިތްދަތިކަން ދުވަހަކު ވެސް ދިވެހީންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ. އެ ބިރުވެރި ހަމަލާގައި ޝަހީދުވި ޝަހީދުންގެ ދަރިންނާއި ހުވަފަތްއަނބިންނާއި މައިންބަފައިންނަކީ ދިވެހީންނެވެ. އެ ބިރުވެރި ހަމަލާގައި ޒަޚަމުވި މީހުންނާއި ދުޝްމަނުން ރަހީނުކުރި މީހުންގެ ތެރޭގައި ގިނައީ ވެސް ދިވެހީންނެވެ. ދުޝްމަނުންގެ މި ހަމަލާ ނާކާމިޔާބުކޮށްލުމަށް ހިތްވަރާއި ޢަޒުމާ އެކު ޖިހާދުކުރީ ހިތްވަރުގަދަ، ކެރޭ ދިވެހި ސިފައިންނެވެ. ދުޝްމަނުންގެ ހަމަލާތަކުން ޒަޚަމުވެ އަނިޔާ ލިބުނު މީހުންގެ ފުރާނަ ސަލާމަތްކުރެވޭތޯ އެ ބިރުވެރި ވަގުތުގައި އިޚްލާޞްތެރިކަމާ އެކު މަސައްކަތްކުރީ ހިތްވަރުގަދަ ދިވެހި ދަރީންނެވެ. ދުޝްމަނުން މާލެތެރޭގައި ބަޑިޖަހަމުން ބަޑިއާ އެކު ހަރަކާތްތެރިވި މަންޒަރު ދުށީ ދިވެހީންނެވެ. ދުޝްމަނުންގެ ލާއިންސާނީ ހަމަލާތަކުން ޝަހީދުވެގެން ބިންމައްޗަށް ވެއްޓިފައި ތިބި ޝަހީދުން ނެގީ ދިވެހީންނެވެ. ސިފައިންގެ މައިމަރުކަޒު ހިފުމަށް ޓަކައި ދުޝްމަނުން ކެނޑިނޭޅި ބަޑިއާއި ރޮކެޓާއި މޯޓަރުން ހަމަލާ ދިން މަންޒަރު ދުށް ބަޔަކީ ދިވެހީންނެވެ. އެ ބިރުވެރި އަޑު ނާހާ ދިވެއްސަކު މާލެއަކު ނެތެވެ. މި ހަމަލާ ގުޅިގެން މުޅި ދިވެހިރާއްޖެ އޮތީ ހުއްޓިފައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ދިވެހިރައްޔިތުން ތިބީ ނުހަނު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މި އެންމެންނަކީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަށް ހެކިވާނެ ހެކިވެރީންނެވެ. އެހެންކަމުން މި ހާދިސާއަކީ އެކަމުގައި ޝާމިލުވި ކުދިބޮޑު ހުރިހާ ކުށްވެރިން މިއަދު މިނިވަންވެފައި ވިޔަސް އަދި އެ މީހުން ކޮންމެ ގޮތަކަށް މިއަދު ވާހަކަ ދެއްކިޔަސް ހަގީގަތް ބަދަލު ނުކުރެވޭނެ ހާދިސާއެކެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ރޭވިގެން އައީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސްރީލަންކާގެ ތަމަޅަ ނިރުބަވެރި ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާޢަތުގެ އިސްވެރިޔާ އުމާ މަހޭޝްވަރަމްއާ ބައްދަލުކޮށް، މަޝްވަރާ ކުރެވި އެއްބަސްވި ކަންތައްތަކެއްގެ މައްޗަށެވެ. މި ހަމަލާގައި ދިވެހީންގެ ތެރެއިން ބައިވެރިވިކަމަށް ކުށް ސާބިތުވީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި، ސ. ހިތަދޫ ޕެރިސްހޮލިޑޭ އަޙްމަދު ނާޞިރު (ސަގަރު ނާޞިރު)އާއި، ސ. ހިތަދޫ ޒަމާނީގޭ ޢަބްދުﷲ ޝާހިދާއި، ހެންވޭރު ކަރޯގޭ ޢައްބާސް އިބްރާހީމް (ކަރޯ ޢައްބާސް)އާއި، މާފަންނު ދީފުރަމްއާގޭ އަޙްމަދު އިސްމާޢީލް މަނިކު (ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު)އާއި، މައްޗަންގޮޅި ތިނަދޫގޭ ޢުމަރު ޖަމާލާއި، މާފަންނު ދުއްލިސާގެ މުޙައްމަދު ނަޢީމް (ޕައިލެޓް ނަޢީމް)އެވެ. މީގެތެރެއިން ޝަރީޢަތުން މެރުމަށް ހުކުމްކުރެއްވީ ޢަބްދުﷲ ލުޠުފީއާއި ސަގަރު އަޙްމަދު ނާޞިރާއި ޢަބްދުﷲ ޝާހިދާއި ކަރޯ ޢައްބާސްގެ މައްޗަށެވެ. މި މީހުންގެ މައްޗަށް އިއްވި މަރުގެ ޙުކުމް އޭރުގެ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އުމުރަށް ޖަލަށްލުމަށް ބަދަލުކޮށްދެއްވާފައެވެ. އުމުރު ދުވަހުގެ ޖަލު ޙުކުމުގެ މުއްދަތަކީ 25 އަހަރުކަމަށް ވާތީ މިހާރު ވަނީ މި ހުރިހާ ކުށްވެރިން ވެސް ޤާނޫނީ ހަމަތަކާ އެއްގޮތަށް މިނިވަންވެފައެވެ. ކުށްވެރިން މިނިވަންވެގެން ދިއުމަކީ މި ހާދިސާ ނުހިނގާ ކަމަށްވާ ކަމެއް ނޫނެވެ. އަދި އެއީ މި ހާދިސާގައި ޝަހީދުވެދިޔަ ޝަހީދުން ޝަހީދުނުވާކަމަށް ވާނެ ކަމެއް ވެސް ނޫނެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ފެށުނީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު، ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާ އެކު މާލެއަރައި ސިފައިންގެއަށް ހަމަލާދޭން ފެށުމުންނެވެ. ޒަމާނީ ހަތިޔާރާއި ތަމްރީނުވެފައިވާ ތަމަޅަ ހަނގުރާމަވެރިންނާ އެކު ޢަބްދުﷲ ލުޠުފީއާއި ސަގަރު އަޙްމަދު ނާޞިރު މާލެއައީ ކަނޑުމަގުން ދެ ބޯޓެއްގައި ދެމީހުން ތިބެގެންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ދިވެހި ގައުމަށް އެންމެ ބޮޑަށް ޚިޔާނާތްތެރިވި ދެ ޚާއިނުންނަކީ މިއީއެވެ. މި ހަމަލާގައި އިސްކޮށްހުރި ދިވެއްސަކީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. މިއީ އޭނާ ދިވެހިރާއްޖޭގެ ވެރިކަމުގެ ދަހިވެރިކަމުގައި ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެކެވެ.
ދުރާލައި ރާވައިގެން ދިވެހީންގެ މިނިވަންކަމަށް ދިން މި ނުރައްކާތެރި ހަމަލާ ނާކާމިޔާބުވީ މާތްﷲ ގެ މިންވަރުފުޅާއި ވާގިފުޅާ އެކު ހިތްވަރުގަދަ ދިވެހި ސިފައިން ކުރި ހިތްވަރުގަދަ ޖިހާދުގެ ސަބަބުންނެވެ. ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބެ، ދެއްކެވި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ސަބަބުންނެވެ. ދިވެހި ރައްޔިތުން ދިވެހި ދައުލަތާއި ވެރީންނަށާއި ދިވެހި ސިފައިންނަށް ކުރި އިތުބާރުގެ ސަބަބުންނެވެ. ނޮވެންބަރު ތިންވަނަ ދުވަހު ދިވެހީންނަށް ނަޞްރާއި ނަސީބު މިންވަރު ކުރެއްވީ ދިވެހީން އިސްލާމީ އަޤީދާގައި ސާބިތުވެ ތިބެ، މާތް ﷲގެ ދީނަށް ނަޞްރު ދިނުމުގެ ސަބަބުންނެވެ.
ނަޞްރަކީ ދުޝްމަނުން ބަލިކޮށްލުމަށް މާތް ﷲ ދެއްވާ މަދަދެވެ. ނަސީބަކީ މާތް ﷲގެ މިންވަރުފުޅުން މެދުވެރިވާ ރަނގަޅު ގޮތެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުވެ، ދިވެހީންނަށް ލިބިގެންދިޔަ މަތިވެރި ނަޞްރުން މި ދެ ކަންތައް ވެސް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ނާމާން ފަތިހަކުން ފެށުނު ދުވަހެއް ނަޞްރާއި ނަސީބުގެ ދުވަހަކަށް ބަދަލުވެގެން ދިޔައީ މަރަށް ބިރެއްނެތި މާތް ﷲގެ މަގުގައި ތެދުވެރިކަމާ އެކު ދިވެހި ސިފައިން ކުރި ޖިހާދަށް ވަރަށް މަތިވެރި ދަރަޖައަކަށް މާތް ﷲގެ މަދަދާއި ހެޔޮ ގޮތްތައް މެދުވެރިވެގެންނެވެ. އެ ދުވަހު ސިފައިންގެ ވަށައިގެން ތިބެ ދުޝްމަނުން މަސައްކަތްކުރަމުން ދިޔައީ ސިފައިންގެ މައިހެޑުކުއާޓަރު ހިފާށެވެ. ސިފައިންގެ ފާރުތަކާއި ފުރާޅުތައް މަތިން ސިފައިންގެ އެތެރެއަށް ފޮނުވަމުން ދިޔަ މޯޓަރސެލްތަކުގެ ތެރެއިން ގޮވީ މަދު އެއްޗެކެވެ. ސިފައިންގެ މައިގޭޓަށާއި ފުލުސް އޮފީސް ގޭޓަށް އުކި އަތުބޮންތަކުން އެއްވެސް ބޮމެއް ނުގޮވައެވެ. ސިފައިންގެ ހުޅަނގުދެކުނު ކަން ގޮއްވާލައިގެން ސިފައިންގެ ތެރެއަށް ވަދެގަންނަން ދުޝްމަނުންކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ފުލުސް އޮފީސް ގޭޓަށް ހަމަލާދީ އެ ދޮރުން ސިފައިންގެ އެތެރެއަށް ވަންނަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ. ސިފައިންގެ މައިގޭޓަށް ހަމަލާދީ އެ ގޭޓުން އެތެރެއަށް ވަންނަން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. ދުޝްމަނުންގެ ފުރަތަމަ ހަމަލާއާ އެކު ވަގުތުން ރައްދުގައި ހަމަލާދީ ދުޝްމަނުން ފަހަތަށް ޖެއްސުވުމުގެ ޢަޒުމާއި ހިތްވަރު އަދި ޙިކުމަތާއި ފަންވަރު ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް މާތް ﷲ މިންވަރުކޮށްދެއްވިއެވެ. ނަޞްރުގެ ދުވަހުގެ ގައުމީ ބަޠަލަކީ އެއީއެވެ.
ހަމަލާގެ ވަރަށް ކުރީކޮޅު އެ ހަމަލާގައި ދުޝްމަނުންގެ ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ހުރި ވަސަންތީއާއި އޭނާގެ އެހީތެރިޔަކަށްހުރި ޖޫލީ ދިވެހި ސިފައިން ދިން ހަމަލާތަކުން މަރުވިއެވެ. އަދި އެކްސްޕްލޯސިވް ބޭނުންކޮށްގެން ތަންތަން ގޮއްވާލުމުގެ އެކްސްޕާޓެއްގެ ގޮތުގައި ދުޝްމަނުންގެ ތެރޭގައި ހުރި އައްޕި ވެސް ދިވެހި ސިފައިން ދިން ހަމަލާއެއްގައި ހަމަލާގެ ވަރަށް ކުރީކޮޅު ވަނީ މަރުވެފައެވެ. މި ހަމަލާގެ އިސް ބަޔަކު ދުޝްމަނުންގެ ތެރެއިން މަރުވުމުން އެމީހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ހަދާނެގޮތް ހުސްވިއެވެ. މިއިން ކޮންމެ ކަމަކީ ވެސް އެކަލާނގެ ދިވެހީންނަށް ނޮވެންބަރު ތިންވަނަ ދުވަހު ދެއްވި މަދަދަށް ވެގެންދިޔައެވެ.
ދުޝްމަނުންނާ ދެކޮޅަށް ދިވެހި ސިފައިން ޖިހާދުކުރަމުން ދިޔައީ ވަރަށް ދަތިއުނދަގޫ ހާލަތެއްގައި ތިބެގެންނެވެ. ވަށައިގެން ބަންދުވެފައި ތިބި ކޮށްޓެއް ކަހަލަ ތަނެއްގެ އެތެރޭގައި ބޭރުން އެއްވެސް އެހީތެރިކަމެއް އެއްވެސް މީހަކަށް ފޯރުކޮށްދެވެން ނެތް ހާލަތެއްގައެވެ. އެހެން ނަމަވެސް ސިފައިންގެ ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑި ސިފައިންގެ އެތެރެއަށް ގެނެވޭނެ ގޮތް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވިއެވެ. ނޮވެންބަރު ތިންވަނަ ދުވަހު ސިފައިންގެ އެތެރޭގައި ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރަމުން ދިޔަ ބައެއް ސިފައިން މުޅި ދުވަސް ހޭދަކުރީ ކާ އެއްވެސް އެއްޗެއް ނުކައެވެ. ވަރަށް މަދު ބަޔަކަށް ޖޫސްޕެޓީ ކޮތަޅުގައި ބެހި މުގުރިހަ ފޮދެއް ލިބުނެވެ. އަނެއް ބައި ސިފައިން މުޅި ދުވަސް ހޭދަކުރީ ކަޅުސައިތަށްޓެއް ބުއިގޮތަށެވެ. އެ ދުވަހު ގިނަ ސިފައިންނަށް ބަޑުހައިކަމާއި ކަރުހިއްކުން އިހުސާސް ވީ ދުޝްމަނުން މާލެ ދޫކޮށްދިއުމުން، ސިފައިންގެ ކަންތައްތައް ހަމައަކަށް އެޅެން ފެށުމުންނެވެ.
ދުޝްމަނުން ސިފައިންގެ އެތެރެއަށް މޯޓަރުން ދިން ހަމަލާތަކުގައި ބައެއް ސިފައިން ޒަޚަމުވިއެވެ. އެކަމަކު ސިފައިންގެ ތެރޭގައި ފަރުވާ ދޭނެ ގޮތެއް އެ ދުވަހަކު ނެތެވެ. އަޅާނެ ބޭހެއް، ކާނެ ބޭހެއް ނެތެވެ. ލޭމަނާކުރަން އޮޅާނެ ބެންޑޭޖެއް ވެސް ނެތެވެ. ތަދުކަނޑުވަން ޖަހާނެ އިންޖެކްޝަނެއް ވެސް ނެތެވެ. ވަރުދެރަވިޔަސް ގުޅާނެ އައިވީއެއް ނެތެވެ. ޒަޚަމުވި ބައެއް ސިފައިން ޔުނިފޯމު ވީދައިގެން އެ ފޮތިން ތަންތަން ބަނދެގެން ޖިހާދުކުރަމުން ގެންދިޔައެވެ. މި ހާލަތުގައި ސިފައިންގެ ލީޑަރޝިޕުން ރެކީ ޕެޓްރޯލަށް ނިކުންނަން ނިންމެވުމުން ދުޝްމަނުން ޖަހަމުން ދިޔަ ވަޒަންތަކުގެ ކުރިމައްޗަށް އަމިއްލައަށް އެދިގެން ނިކުތް ހިތްވަރުގަދަ ފަހުލަވާނުން އެ ދުވަހު ސިފައިންގެ ތެރޭގައި ތިއްބެވެ. ކޮންފަދަ މަތިވެރި ޤުރުބާނީއެއްތޯއެވެ؟
ކީރިތި ޤުރުއާނުގެ މުޙައްމަދު ސޫރަތުގެ 7ވަނަ އާޔަތުގެ މާނައިގައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަޞްރު ދޭނަމަ، އެ ކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ.“ މާތް ﷲގެ މި ވަޙީ ބަސްފުޅުގައިވާގޮތަށް ނޮވެންބަރު ތިންވަނަ ދުވަހު ދިވެހީންނަށް މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ ވަނީ ނަޞްރާއި ނަސީބު މިންވަރު ކޮށްދެއްވާފައެވެ. ދިވެހި ސިފައިންގެ ފައިތިލަތައް އެ ދުވަހު ވަނީ ސާބިތުކޮށްދެއްވާފައެވެ. ނަޞްރަށް އެދޭ ނަމަ އަޅުގަނޑުމެން ވާންޖެހޭނީ މާތް ﷲގެ ދީނަށް ނަޞްރުދޭ ބަޔަކަށެވެ. އެ ދީނުގެ މަތީގައި ސާބިތުވެ ދެމިތިބޭ ބަޔަކަށެވެ. ނަޞްރާއި ނަސީބަކީ މާތްވެގެންވާ އިސްލާމްދީނެވެ.
