”އިލާހީ މި ބިން ކުރައްވާށޭ އަމާން، މި އަޅާގެ އުފަން ދިވެހީންގެ މި ބިން
ތިބާ ޙަޟުރަތުން އޮހޭ މަދަދުން، ފިލާ ނުމެދާ ދިވެހީންގެ މި ބިން“
~ އޮނަރަބަލް ޢަބުދުއްރަޝީދު ޙުސައިން ނ.ޢ.ވ. ~
ނަޞްރުގެ ދުވަހޭ ބުނުމުން އަޅުގަނޑުގެ ހިތަށް ވެރިވަނީ އުފަލާއި ހިތާމައާއި މޮޅިވެރިކަމެވެ. އުފަލަކީ ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެ ދުވަހު މުސްލިމު ދިވެހިންނަށް ދެއްވި މަތިވެރި ނަޞްރުގެ އުފާވެރި ކަމެވެ. ހިތާމައަކީ އަޅުގަނޑާ އެއް ސުފުރާމަތިން ކައިއުޅުނު ގާތް އެތައް އަޚުންނެއް ތާއަބަދަށް ވަކިވެގެން ދިއުމުގެ ފުން ހިތާމައެވެ. މޮޅިވެރިކަން ފިލައި، ހިތަށާއި ނަފުސަށް ލުއިކަން ލިބެނީ … އާދެ،
“ދިރިތިބި ބަޔެކެ ޝަހީދުނީ، ވިރިވާ ގޮތުން ފޮތުން
ލާތަޙުސަބަންނަ އާޔަތުން ވިސްނައިފި މީހަކަށް“ މިހެންވެގެންނެވެ.
1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޝަހީދުންގެ ޛިކުރާއަކަށް ދުވަހަކު ފަޑުވުމެއް ނެތެވެ.
ނަޞްރުގެ ދުވަހު އަޅުގަނޑުގެ ޚިޔާލީ ލޮލުގެ ކުރިމަތީގައި ނިއުޅެމުން އޮޅެމުން ދިޔައީ މީގެ ތިރީސް ހަތް އަހަރެއްހާ ދުވަހުގެ ކުރީގެ ހަނދާންތަކެކެވެ.
އޭރު އަޅުގަނޑު އުމުރުން ގުނެމުންދަނީ ސާޅީހުގެ އެންމެ ކުރީކޮޅުގެ އަހަރުތަކެވެ. ﷲގެ ހެޔޮ ރަޙުމަތްފުޅުން އޭރު އަޅުގަނޑަކީ ވެސް ހިތްވަރުގަދަ ސިފައިންގެ ލަސްކަރަށް ނިސްބަތްވުމުގެ ނަސީބު ލިބިފައިވާ މީހުންގެ ތެރެއިން އެކަކީމެވެ. މަސައްކަތްކުރަމުން އައީ ފުލުހުން ތެރޭގައެވެ. މިއަދު ވެސް އަޅުގަނޑުގެ ފަޚުރަކީ އެއީއެވެ. ދިވެހި ސިފައިންގެ ހިތްވަރާއި ކެރުމެވެ.
އެ ބިރުވެރިރޭގެ އެ ހާދިސާ ހިނގަން ފެށުމުގެ ބައިގަނޑިއެއް ހާއިރު ކުރިން ފެށިގެެން އަޅުގަނޑު އުޅުނީ އޮފީސްތެރޭގައި އޮފީހު މަސައްކަތެއްގައެވެ. ކުއްލިއަކަށް އަޅުގަނޑުގެ ފުރަގަހުން، ބޭރުން ބަޑިއެއްގެ އަޑު އިވުނު އިރު އަނެއް ފަރާތުން ”އެޓޭކް“ ކިޔާފައި މީހަކު ހަޅޭއްލަވައިގެން އަޑު އިވުނެވެ. ދުވަހުގެ ބިރުވެރިކަމާއި ނާމާންކަން ފެށިގެން އައީ އެ ހިނދުކޮޅުން ފެށިގެންނެވެ.
”އޮހޮރާލިޔަސް ބިމަށް ލޭ,
ފަސްޖެހި ނުދާނެ ސިފައިން
ވަޠަނާއި ދިވެހި ރައިއްޔަތް,
މިނިވަން ކުރާނެ ސިފައިން“
– މުޙައްމަދު މަނިކު މ.ނިޔަދުރުގެ
ދިވެހި ސިފައިންގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރާއި އޮންނަ ޔަގީންކަން … ދެން މިއަށް ވުރެ ވަކި އިތުރަށް ދަންނަވާނީ ކީކޭތޯއެވެ. މި ޔަގީންކަން ދެމެހެއްޓުމަށް ތާއަބަދު ފައިތިލަތައް އަދާހަމަކުރަން މަސައްކަތްކުރަން ޖެހޭނެއެވެ.
ސިފައިންތެރޭ އުޅެނީ ވެސް އިންސާނުންނެވެ. ސިފައިންތެރޭ މަދުންނަމަވެސް ޚާއިނުން އުފެދިފައި އެބަތިއްބެވެ. މިހެން މި ދެންނެވީ 1988 ނޮވެންބަރު 3ވަނަ ދުވަހު ހިންގި ޢުދުވާނުގައި އޭރު ސިފައިންގެ ޔުނިޓެއްގެ އިސްވެރިޔަކު، އެ މުޢާމަރާ ރާވަން ފެށި ހިސާބުން ފެށިގެން ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންކަން ޝަރީޢަތަށް ސާބިތު ވެފައިވާތީއެވެ. އެފަދަ ނުރަނގަޅު މީހުން އެއްފަރާތްކޮށް ނަމޫނާ ލިބިގަންނަންވީ ނޮވެންބަރު 3ގެ ޢުދުވާނުގެ ޝުހުދާއުން ފަދަ ހިތްވަރުގަދަ ތިމާގެ އަމިއްލަ ނަފުސަށް ވުރެ ދީނާއި ގައުމާއި ވެރިންނާއި ރައްޔިތުންނަށް އިސްކަންދިން ބޭބޭފުޅުންގެ ސިޔަރަތުންނެވެ.
1988 ނޮވެންބަރު 3ވަނަ ދުވަހު ހިނގި ޢުދުވާނުގެ ހަނދާންތައް ހިތުގައި އާވެ އާލާވެގަންނަ ކޮންމެ ހިނދެއްގައި ހަނދާނުގެ ފަތްފުށުން އާވެއާލާވެގެން، ނިއުޅިގެން އަންނަނީ މިއަދުގެ ދިވެހިން ”ބޮޑުބޭބެ“ ކިޔާ، އިންޑިޔާގައި ޗޯލާ އެމްޕެރަރ ރާޖާރާޖާ ދަ ގުރޭޓާއި އޭނާގެ ދަރިކަލުން ރާޖެންދުރަ 1، 985-1044މ.އަށް ހިންގެވި ބާރުގަދަ ވެރިކަމުގައި އަހަރެމެންގެ ކާބަަފައިންގެ މައްޗަށް ގަދަބާރުން އަތްގަދަކުރައްވައިގެން އުޅޭނެ ހަރުކަށި އަނިޔާވެރި ގޮތެވެ. މީގެ 981 ހާ އަހަރު ދުވަސް ކުރިއެވެ. އެހެންނަމަވެސް އެ ދުވަހު އިންޑިއާގެ އެމްޕެރަރ ރާޖާރާޖާ ދަ ގްރޭޓްގެ ދެބަަަފައިންގެ އަނިޔާވެރި ވަކިތަކުގެ ދަށުވެ މަރުވެގެން ދިޔައީ ވެސް ހަމަ މި ދިވެހިންގެ ކާބަފައިންނެވެ. ހުވަަފަތްވީ މި ދިވެހިންގެ މައިންކަމުގައިވި ދިވެހި އަންހެނުންނެވެ. ޔަތީމުވީ މި ދިވެހި އަޚުންގެ ޅަދަރިންނެވެ. އާހު! ….. އެއީ ހާސްކަމުގެ އުދާހުން ފުރިފައިވާ ހިތާމަވެރި ތާރީޚެއްގެ މާޒީވެފައިވާ ހިތަށް ތަދުކުރާ ހަނދާންތަކެކެވެ.
އެ ދުވަހު ވެސް ދިވެހިންގެ ކިބައިގައިހުރި ގަދަ ހިތްވަރާއި ވަޠަނީ ރޫޙާއި، ގައުމީ ޖޯޝް ދައްކައިދޭ ދަލީލަކީ ސިރީ ބަވަނަ މަހާރަދުން އިންޑިއާގެ ޗޯލާއިންގެ ވަރުގަދަ ރަސްކަމުގައި ދިވެހިރާއްޖޭގެ މަލިކު އަތޮޅާއި ތިލަދުންމަތި، ގަދަބާރުން އަތުލައިގެން މުޅި ދިވެހިރާއްޖެ އަޅުވެތި ކުރެވުނީކަމުގެ ހިތްހަމަޖެހުމުގައި ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަހު ތިބި ޗޯލާއިންނާއި ހަނގުރާމަކޮށް އެމީހުން ބަލިކުރައްވައި، ކޮއިމަލާ ”މުޅި ދިވެހިރާއްޖޭގެ ރަސްގެފާނު“ ކަމުގައި ވެވަޑައިގަތުމެވެ. އެ ދުވަހު ވެސް، މިއަދު ވެސް އަދި މާދަމާ ވެސް، އިންޝާ ﷲ! ދިވެހިންނާއި، ދިވެހި ސިފައިންނަކީ ފަހަށް ޖެހޭނެ ބައެއް ނޫނެވެ.
ދިވެހިން އިސްލާމްވީ 1153މ. އަހަރު މައުލާނާ އަބުލްބަރަކާތު ޔޫސުުުފުލް ބަރުބަރީގެ އަތްޕުޅުގެ މައްޗަށެވެ. އޭރު ވެސް ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ރަސްކަމުގައި އިންނެވީ ”ކޮއިމަލާ ކަލޯ“އެވެ. މި ރަދުންނަށް ތާރީޚުގައި ”ދަންހަރާ“ ވެސް ލިޔެފައި ހުރެއެވެ. އިސްލާމްވެ ވަޑައިގަތުމުން މި ރަދުންގެ ނަންފުޅަކީ މުޙައްމަދު ބިން ޢަބްދުﷲ ސިރީ ތްރިިބުވަނަ އާދީއްތަ މަހާރަދުންނެވެ. ބައެއް މުވައްރިޚުން މި ރަދުންގެ ނަންފުޅު ލިޔުމުގައި މުޙައްމަދުގެ ކުރިއަށް ދަރުމަސް ލައިފަވަނިކޮށް ވެސް ފެނިފައިވެއެވެ. އަދި މި ރަދުންނަށް ”ތީމުގެ މަހާ ކަލަމިންޖާއޭ ވެސް ލިޔެފައި ހުއްޓާ ފެނިފައިވެއެވެ. މި ރަދުންނަށް ދިވެހިންގެ ތެރޭ މަޝްހޫރުވެފައިވާ ނަންފުޅަކީ ދަރުމަވަންތަ ރަސްގެފާނެވެ.
ސިރީ މަހާބަރަނަ މަހާރަދުން، ސުވަސްތީ ސިރީ ތީމުގޭ ރަންފިރޭރު މިނި އަބާރަނަ މަހާރަދުން، އައްސުލްޠާނު ދަރުމަސް މުޙައްމަދު ޢަބްދުﷲ ނުވަތަ އައްސުލްޠާނު މުޙައްމަދު ޢަބްދުﷲ ނޫނީ އައްސުލްޠާން މުޙައްމަދުލް އައްވަލާއި ދިވެހިން، އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ އަތްޕުޅު މައްޗަށް އިސްލާމްވީ ފަހުން ބޭރުގެ އެއްވެސް ބަޔަކު ދިވެހިންނާ ތޮޅުނު ނަމަ ތޮޅެފައި ވަނީ ދިވެއްސެއްގެ ޚިޔާނާތްތެރިކަމުން ކަމަށް ތާރީޚު ލިޔުއްވާ ބޭފުޅުން ލިޔުއްވަައިފައި ވެއެވެ. ނަން އެނގެން ހުރި މިފަދަ ޚާއިނުންގެ ތެރޭގައި ދިވެހި ރަސްކަމުގައި ތިން ފަހަރެއްގައި ރެދަލިކުރެއްވި ކަޅުމުޙައްމަދު ރަސްގެފާނާއި، އޭނާގެ ކާފަ ދަރިކަލުން ނުވަވަނަ ޙަސަން ރަސްގެފާނާއި ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުންނާއި އަދިވެސް ބައެއް ބޭބޭފުޅުން ހިމެނެއެވެ.
މިފަދަ ޣައްދާރު ޚާއިނުން ހިންގި ކޮންމެ ޢުދުވާނަކުން ދިވެހި ގައުމު ސަލާމަތް ކޮށްފައިވަނީ ދިވެހި ގައުމުގެ ފަޚުރުކަމުގައިވި ވަކިވަކި ފަރުދުންނެވެ. ހިތްވަރުގަދަ މުޖާހިދުންނެވެ.
ނޫރައްދީނު ބަންޑާރައިން 1308ހ ވަނަ އަހަރު ދިވެހި ސިފައިން އުފެއްދެވިފަހުން ދިވެހިން ތެރޭ ހިނގި ދެކޮޅުވެރިކަމުތެރޭ ދެފަހަރެއްގެ މަތިން ބޭރުން ކުލީ ސިފައިން ގެނެސްގެން އެމީހުންގެ އެހީގައި ރާއްޖޭގެ ވެރިކަން ގަދަ ބާރުން ފޭރިގަތުމަށް މަސައްކަތް ކުރިއެވެ. އެއީ، ވެލާނާގެ މުހަންމަދު ދީދީ އިންޑިޔާގެ ޕަޓާން އިން ޕިޝޯރީން ގެ 31 ހަނގުރާމަވެރި ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން 1327ހ. ވަނަ އަހަރު އައި ދަތުރެެވެ. މި މީހުންގެ ތެރޭގައި ޕިޝާވަރު މީހުންނާއި ރާވަލްޕިންޑީ މީހުން ހިމެނެއެވެ. މި މީހުންގެ ތެރޭގައި އިންޑިޔާގެ ސިފައިން ތެރޭ އުޅުނު ފުލީ ޓްރެއިންޑް 8 މީހުން ހިމެނެއެވެ. މި ފަހަރު ވެސް ﷲގެ ރަޙުމަތްފުޅުން އެކަލާނގެ މަތިވެރި ނަޞްރު ލިބުނީ ދިވެހިންނަށެވެ. ދިވެހި ލަސްކަރުގައި ހިމެނެނީ ދިވެހި ސިފައިންގެ ބަޔަކާއި ތެދުވެރި އަމާނާތްތެރި ޢާންމުންގެ ދާދި މަދު ބަޔެކެވެ. ލަސްކަރުގެ ވެރިޔަކަށް ހުންނެވީ ވެސް ސިފައިންގެ ފުރަތަމަ ކޮމާންޑަރ (ރިޓަޔަރޑް) ދޮންމަނިކުގެ އިސްމާޢީލް ދީދީއެވެ.
މީގެ ފަހުން ވެސް ކުދިބޮޑު ތަފާތު ފިތުނަތަކުގެ ދުންބުރައި، ހުޅުފަޅައި، އަޅި ބުރައި މި ގައުމުގެ ތާރީޚު ކިތަންމެ ފަހަރަކު ހަޑިވެފައި ވެއެވެ.
1988 ނޮވެންބަރު 3ވަނަ ދުވަހު ހިނގި ޢުދުވާނަކީ ދިވެހިރާއްޖޭގެ ހަތަރު ހާހެއްހާ ދުވަސްވީ ދިގު ތާރީޚުގައި ވެސް ހިނގާފައި ނުވާ ފަދަ ބިރުވެރި، ނާމާން، ނުރައްކާތެރި ޢުދުވާނެއް ކަމާ މެދު، ޒާތީ ތަޢައްޞުބުން ދުރުހެލިވެފައިވާ އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. އެ ދުވަހު ސިފައިން ކުރީ، ބިރުވެރި، އަގުހުރި ބޮޑު ޚިދުމަތެއްކަމާ މެދު އެ ދުވަސް ލޮލުން ދުށް ކޮންމެ މީހަކު ދެބަހެއް ނުވާނެއެވެ.
”މި ގައުމުގެ ޢިއްޒަތާ އަބުރަށް ޓަކައި އެ ކުރެއްވި މިންނަތަކީ،
މި ގައުމުގެ ހިތްތަކުން ފުހިގެންނުދާ އައުލާ މިސާލެއްތާ!“
މުޙައްމަދު ޖަމީލު ދީދީ
