ގައުމީ ލޯތްބަކީ، ހިތުގެ އެންމެ އަޑިން ގައުމަށް ޓަކައި ކުރެވޭ އިހުސާސްތަކެކެވެ. ހިތުގައި އުފެދޭ ޝުއޫރުތަކެވެ. ވަތަނީ ބިމަށް ދެވިފައިވާ ޢިއްޒަތާއި ޤަދަރަކީ ޚާއްޞަ މަގާމެއް ދެވިފައިވާ އެއްޗެކެވެ. އަގުކުރެވޭ ވަރަށް ވުރެ އެތައް ގުނައެއް މަތިވެރި، ދުނިޔެވީ އެއްވެސް އެއްޗަކާ ބަދަލު ކުރެވޭނެ އެއްޗަކަށް ނުވެއެވެ. ވަތަނީ ލޯބީގެ ވިންދު ޖަހާ ހިތެއްގެ ވެރިޔަކަށްވެވުމަކީ އެ ނޫން މީހަކަށް ވުރެ ގައުމުގެ ކޮންމެ ކަމަކާ މެދު އިހުސާސްތައް ގަދަފަދަ ވާނެ ކަމެކެވެ. ދިރިއުޅުމުގެ ކޮންމެ ހިނދެއްގައި ވެސް، ގައުމަށް ޓަކައި ކޮށްދެވޭނެ ކަމަކާމެދު ވިސްނާ ހިތެކެވެ. ގައުމަށް ޓަކައި ވެވުނު ކޮންމެ ގުރުބާނީއެއް ވާން އިންޗިއެއްގެ މިންވަރު ވެސް ފަހަތަށް ނުޖެހޭ ހިތެކެވެ.
ގައުމު ދެކެ ފިސާރި ލޯބިވާ މީހެއްގެ ހިތުގައި ގައުމު ވާނީ އޭނާގެ ދިރިއުޅުމުގެ އެއް ބައި ކަމުގައެވެ. އެފަދަ މީހަކަށް، ގައުމަކީ ހަމައެކަނި ބިމެއް ނުވަތަ ވަށައިގެންވާ ކަނޑެއް ނޫނެވެ. އެއީ އޭނާގެ އުފަންވުމާއި، ބޮޑުވުމާއި، ދިރިއުޅުމުގެ ކޮންމެ ހިނދެއްމެ ގުޅިފައިވާ މާހައުލެކެވެ. ގައުމަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އެ ހިތަށް ލިބޭ އުފާވެރިކަމެކެވެ. ތަސައްލީއާއި ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ގައުމަށް ލިބޭ ދެރައަކީ އެ ހިތް އެކަމާ މެދު ގިސްލާނޭ ކަމެކެވެ. ގައުމީ ދިދަ މިނިވަންކަން މަތީ ވިހުރުވޭތަން ފެންނަ ހިނދު އުފާވެރިކަން އިންތިހާއަށް އިހުސާސް ކުރެވޭނެއެވެ. ގައުމީސަލާން އަޑު އިވޭ ހިނދު ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑުގައި ހިނގާ ލޭ ކެކިގެން ދެއެވެ. މިއީ މައިންބަފައިންނާއި ދަރިންގެ ދެމެދުގައި ވާ ފަދަ ލޯތްބަކާއި ގަދަރެކެވެ. އެއްވެސް ޝަރުތެއް ނެތި ވެވޭ ހަގީގީ ލޯތްބެކެވެ. ގައުމަށް ދެވޭ އިހްތިރާމާއި ވަފާތެރިކަމުގެ މައްޗަށް ބިނާވާ ގައުމީ ރޫހުގެ ތެރެއިން އުފެދިގެން އަންނަ ލޯތްބެކެވެ.
މި ދެންނެވި ފަދަ ލޯތްބެއް ގައުމުދެކެވާ މީހެއްގެ ސިކުނޑިން ވިސްނާލާ އިރު، އޭނާގެ އުފަން ވަތަނާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ތަފާތުވެއެވެ. ތިމާމެންގެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާއަކީ ހަމައެކަނި ފުލުހުންނާއި ސިފައިންނަށް މަތި ކުރެވިފައިވާ ވާޖިބެއް ކަމަކަށް އޭނާގެ ޟަމީރު ގަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް އެއީ ވަކިވަކި ކޮންމެ ދިވެހި ފަރުދެއްގެ ގައުމީ ވާޖިބެއް ކަމުގައި ގަބޫލު ކުރެއެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޖިހާދުކުރުމަކީ ދިވެހި ލޭ ހިނގާ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. ގައުމަކީ ކެނޑިނޭޅި ޚިދުމަތްކުރުން ޙައްޤު، އަގުހުރި މުތެއް ފަދަ އެއްޗެކެވެ. މި ގައުމުގެ ތާރީޚާއި، އާދަކާދަތަކާއި، ސަގާފަތަކީ ފަޚުރުވެރިކަމާ އެކު ދިފާޢުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ އަގުހުރި ތަކެއްޗެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ބިމުގެ މިނިވަންކަމާއި، އިސްލާމްދީން ހިމާޔަތްކުރުމަށް ޓަކައި ކާބަފައިން ވެފައިވާ މަތިވެރި ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކުރަން ޖެހެއެވެ. މިފަދަ މީހަކު ބޭނުންވާނީ އަބަދުވެސް، އަމާންކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާ އެކު ދިރިއުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި އޮތުމެވެ.
ގައުމީ ލޭ ހިނގާ ހިތެއް ނަމަ، ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ، ގައުމުގެ ކުރިއެރުމަށް ކުރެވޭނީ ކޮން ކަމެއްތޯ އަމިއްލަ ނަފުސާ ސުވާލު ކުރެއެވެ. އަދި ކޮންމެ ފަރުދަކީ ވެސް ގައުމުގެ ލާބައާއި މަންފާ އިސްކުރާން ޖެހޭ މީހެއްގެ ގޮތުގައި ހިތުގެ އަޑިން އޭނާ ގަބޫލުކުރެއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގެ އިތުރަށް، ގައުމުގެ ކުރިއެރުމާއި، އެކިއެކި ދާއިރާތަކަށް ކުރިއެރުން ހޯދުމަށް އޭނާގެ ގާބިލިއްޔަތު ތަންދޭ އެންމެ ފުރިހަމައަކަށް މަސައްކަތް ކުރާނެކަން ޔަގީނެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ދިވެހި ބަހާއި، މުއްސަނދި ތާރީޚު ހިމާޔަތްކުރުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ގައުމުގެ ގުދުރަތީ ރީތިކަމާއި ސާފުތާހިކުރަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. މިއިން ކޮންމެ ދާއިރާއަކުން ވެސް، އެ މީހަކަށް ވެވުނު މިންވަރަކުން މި ލޮބުވެތި ފަސްގަނޑަށް ޓަކައި ޒައްރެއްގެ މިންވަރު ވެސް ކަމެއް ކޮށްދެވޭތޯ ބަލަން އެބަ ޖެހެއެވެ. ގައުމަށް ގައްދާރުވުމަކީ ހަމައެކަނި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލަން ކުރެވޭ މަސައްކަތެއް ނޫނެވެ. ގައުމަށް ޓަކައި ޚިދުމަތެއް ނުކޮށް، ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކީ ގައުމަށް ވެވޭ ގައްދާރެކެވެ. ހިޔާނާތެކެވެ. ގައުމީ ލޯބި ހިނގާ ހިތަކީ މިއާ ޚިލާފަށް، ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލައި، ތިމާއަށް ވީވަރަކުން ގައުމަށް ޚިދުމަތް ކުރާ ހިތެއްގެ ވެރިއެކެވެ.
ގައުމީ ވިންދަކީ ލިޔާ މަޒުމޫނަކުން، ހަދާ ޅެމަކުން ބުނެދެވޭ ވަރަށް ވުރެ ފުން، ވަރަށް ގިނަގުނަ ޖަޒުބާތުތަކެއް އެކުލެވޭ އަސަރުހުރި އިހުސާސެކެވެ. މި އިހުސާސްތައް ދާއިމީ ގޮތެއްގައި އަޅުގަނޑުމެންގެ ހިތްތަކުގެ ވިންދާ ގުޅި، ލާމެހިފައިވާ އިހުސާސްތަކެއްގެ ގޮތުގައި ވާން ޖެހެއެވެ. ގައުމީ ޖޯޝާއި، މި އިހުސާސްތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ވެސް އަށަގަންނުވާން އެބަ ޖެހެއެވެ. މީގެ ކުރިން މި ގައުމު ދެކެފައިވާ ފަދަ ގައްދާރުން އަލުން މި ފަސްގަނޑުން ފެންނާކަށް އަޅުގަނޑުމެން ނޭދެމުއެވެ. އެކަން އެ މަގުން ގެންދެވޭނީ އަޅުގަނޑުމެން މައިންބަފައިންނާއި ބެލެނިވެރިން މި ދެންނެވި އަމާޒަށް މަސައްކަތް ކޮށްގެންނެވެ. ގައުމީ ރޫހުގައި ގައުމަށް ޓަކައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ޖެހިލުމެއް ނެތި ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތައްޔާރަށް ތިބި ފަހުލަވާނުންތަކެއް ތަރުބިއްޔަތުކޮށް މުޖުތަމަޢުއަށް ނެރެދީގެންނެވެ. ގައުމުގެ ކޮންމެ އަފުރާދެއްގެ ހިތުގައި ގައުމީ ވިންދު ޖަހައިގެންނެވެ.
