ލޯތްބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. މީގެ އަސަރުތައް ކުރިލައި ވަރުގަދަ ވަނީ ސަބަބުތަކެއް އޮވެގެންނެވެ. ހިތް އެދޭ ކަންތައްތަކެއް ހުރެގެންނެވެ. މައިވަންތަ ލޯތްބާއި ގައުމީ ލޯތްބާއި ވަޠަނީ ލޯބީގެ ބާރަކީ ވެސް ސަބަބުގެ މައްޗަށް ބަރޯސާވާ ކަމެކެވެ. މިއިން ކޮންމެ ބައެއް ވެސް، ތިމާއަށް މުހިންމުވާ މިންވަރެއްގެ މައްޗަށް ލޯބީގެ ކުލުނާއި ގަދަރު ބޮޑުވެގެން އާދެއެވެ. އެކަމަށްދޭ ސަމާލުކަމާއި އިސްކަން އިތުރުވާނެއެވެ. މި ހުރިހާ ކަމެއް ވެސް ގުޅިލާމެހެނީ ބުނެދިނުމާއި އޮޅުންފިލުވައިދިނުމުގެ މައްޗަށެވެ. ކިޔަވައިދިނުމާއި ދަސްކޮށްދިނުމުގެ މައްޗަށެވެ. ކަންމިހެން ހުރުމުން ދިވެހި ގައުމު ދެކެ ލޯބިވާ ގައުމީވަންތަ ބަޔަކު ބިނާކުރަން އެދޭ ނަމަ، މި ގައުމުގެ ތާރީޚާއި ސަޤާފަތް ކިޔަވައިދިނުން މުހިންމެވެ.

ގައުމިއްޔަތެއް ދިރި ދެމިގެންދަނީ، އެ ތަނެއްގެ އަހުލުންގެ ހިތްތަކުގައި ވަޠަނީ ލޯބީގެ ހުޅުކޮޅު ފުރިހަމައަށް ރޯކުރެވިގެންނެވެ. ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތެއްގެ ވެރިބައެއް ބިނާކުރެވިގެންނެވެ. އެކަމަށް ޓަކައި ބޭނުންވަނީ ތާރީޚުގެ ފަތްފުއްތައް ކިޔަވައިދިނުމެވެ. ގައުމުގެ ނިސްބަތުން ތިމާއަކީ ކާކުކަން ބުނެދިނުމެވެ. ގައުމަށް ތިމާ މުހިންމު ވަނީ ކީއްވެގެންކަން ދަސްކޮށްދިނުމެވެ. ތިމާގެ ނަސްލާއި އަސްލު ގުޅެނީ ކޮން ބަޔަކާކަން ބުނެދިނުމެވެ. މީގެ މިސާލަކަށް ޖަޕާނު ފުދެއެވެ. ޖަޕާނަކީ ސަގާފަތާ ތަރިކައިގެ ގޮތުން ފާހަގަކޮށްލެވޭ ގައުމެކެވެ. އެމީހުންގެ ތަޢުލީމީ ނިޒާމު ބިނާކޮށްފައިވަނީ އަޚްލާޤާއި ސަގާފަތަށް އިޙްތިރާމްކުރަން ދަސްކޮށްދިނުމުގެ މައްޗަށެވެ. އެކަމަށް ޓަކައި ދެވޭ ސަމާލުކަން އިންތިހާއަށް އިތުރެވެ. ނަތީޖާއަކީ ގައުމީ ލޯބިން ފުރިގެންވާ ހިތްތަކެއްގެ ވެރި ބަޔަކަށް ޖަޕާނު ކުދިން ވުމެވެ. މިއީ ފެންނާން އޮތް ރީތި މިސާލެކެވެ. އެހެންކަމުން ގައުމުވަންތަ، ގޮތްހުރި ބަޔަކު ބިނާކުރުމަށް ކުރަންޖެހޭ އެންމެ އިސް މަސައްކަތަކީ، އެ ތަނެއްގެ އަހުލުންގެ ހިތްތަކުގައި ގައުމުވަންތަކަން އުފެއްދުމެވެ. އޭގެ ގަސްތައް ރުވައި އާލާކުރުމެވެ.

ގައުމަކަށް ނިސްބަތްވާ މީހުންނަށް އެ ގައުމެއް މުހިންމު ވާނީ، އެ މީހަކާއި ގައުމާ އޮތް ގުޅުން ބުނެދެވިގެންނެވެ. އެއީ ތާރީޚުން ފިލާވަޅެކެވެ. ތާރީޚަކީ ހަމައެކަނި ފާއިތުވި ދުވަސްތަކުގެ ވާހަކައެއް ނޫނެވެ. އެއީ އަހަރުމެންގެ މުޖުތަމައު އުފެދި ބޮޑުވެ އަދާހަމަކުރި ގޮތުގެ މާޒީއެވެ. ގައުމަށް ޓަކައި ކާބަފައިންވި ޤުރުބާނީއާއި މަސައްކަތުގެ ވާހަކައެވެ. ކުރިމަތިވި ހަނގުރާމަތަކާއި، ހާސިލުކުރި ކާމިޔާބީތަކުގެ ނާވިލެވެ. ތާރީޚު ކިޔަވައިދިނުމުން، ބުނެދެވި ދަސްކޮށްދެވެނީ އެ ޙަޤީޤަތްތަކެވެ. ކުޑަކުދިންނާއި ޒުވާނުންނަށް އެމީހުންގެ އަސްލާއި ވަޒަނާއި ނިސްބަތްވާ ތަން އަމާންކަމާއި ރައްކާތެރިކަމާ އެކު ދިރިދެމިއޮތުމަށް ބަޔަކުވި ޤުރުބާނީއެވެ. މި ވާހަކަތައް ކިޔައިދީ ބުނެދިނުމުން މިއަދުގެ ޖީލުގެ ހިތްތަކުގައި ގޮވާންކުރެވެނީ ގައުމީ ލޯތްބެވެ. ގައުމު ވަންތަކަމެވެ. ގައުމަށް ޓަކައި ޚިދުމަތްކުރުމުގެ ރޫހެވެ. އެމީހުންގެ ނަސްލާއި، ސަގާފަތާއި، ދީނުގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްކުރުމުގެ މުހިންމުކަމެވެ. މި ސަބަބަށް ޓަކައި ކޮންމެ ފަރުދަކަށް ވެސް އޭނާ ނިސްބަތްވާ ގައުމާއި އޭނާއާ ގުޅި ލާމެހިގެންދާ ގޮތް ބުނެދިނުމަކީ ކުރަންޖެހޭ ކަމެކެވެ. ގައުމުގެ ނިސްބަތުން ދެމިއޮތުމަށް ކުރުން ވާޖިބު ކަމެކެވެ.

ދުނިޔޭގެ ގައުމުތަކުން އެ ގައުމުތަކުގެ ތާރީޚު ތައުލީމީ މަންހަޖުގައި ހިމަނައި ކިޔަވައިދެނީ ވަކި ޚާއްޞަ މަގުސަދުތަކެއް ހާސިލުކުރުމަށް އެދޭތީއެވެ. ގައުމުދެކެ ލޯބިވާ، ވަފާތެރި ބަޔަކު ބިނާކުރުމަށް ބޭނުންވާތީއެވެ. ގައުމަށް ޓަކައި ޤުރުބާންވާން ތައްޔާރަށް ތިބޭނެ ބަޔަކު އުފަންކުރަން އެދޭތީއެވެ. ތާރީޚީ ފޮތްތަކާއި، ދިރާސާތަކުން މިކަން އެނގި ސާބިތުވެއެވެ. ވަކި މާއްދާއެއްގެ ގޮތުގައި އެ ބައެއްގެ ތާރީޚު ކިޔަވައިދޭ ގައުމުތަކަށް ބަލާ އިރު، އެފަދަ ފޮތްތަކުން ފެންނަނީ އެ ގައުމުގެ ފަޚުރުވެރި ކާމިޔާބީތަކެވެ. ގައުމަށް ޓަކައި ޚިދުމަތްކުރި އަބުޠާލުންގެ ޒިކުރާތަކެވެ. ބޮޑެތި ޢިލްމުވެރިންނާއި، ދިފާޢީ ބޮޑެތި ބޭބޭފުޅުންގެ ވާހަކަތަކެވެ. އެ ބޭބޭފުޅުންގެ މަސައްކަތްޕުޅެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކިޔަވާ ކުދިންގެ ހިތްތަކުގައި ގައުމީ ފަޚުރާއި، ރޫޙު އާލާކުރަން އެދޭތީއެވެ. ގައުމު ދިފާޢުކުރުމާއި ގައުމަށް ޚިދުމަތްކުރުމުގެ އަޒުމު ވަރުގަދަ ބަޔަކު ބިނާކުރަން ބޭނުންވާތީއެވެ. ޒުވާން ޖީލުގެ ހިތްތަކުގައި ގައުމީ ވާޖިބާއި، މަސްއޫލިއްޔަތު އަދާކުރުމުގެ ރޫހު އާލާކުރުމަށެވެ. އެހެންކަމުން ގައުމުގެ ތައުލީމީ މަންހަޖުން އެ ގައުމެއްގެ ތާރީޚު ކިޔަވައިދޭން ޖާގަ ދިނުމަކީ، ގައުމުގެ ކުރިމަގަށް ރުކުރުވާލެވޭ ދިފާޢުގެ ވަރުގަދަ ފާރެކެވެ.

އިގުތިޞާދީ ގޮތުންނާއި ނުފޫޒުގެ ގޮތުން ބާރުހުރި ކަމަށް ބެލެވޭ ގައުމުތަކުން އެ ނަތީޖާއަށް ވާސިލުވެވުނީ މި ބޭސް ބޮއިގެންނެވެ. އެ ބައެއްގެ ތާރީޚާއި ހަޟާރަތު ކިޔަވައިދީގެންނެވެ. ސަގާފަތާއި އާދަކާދަ ދަސްކޮށްދީ އެއަށް ލޯބި އުފައްދައިގެންނެވެ. ރަސްމީ ތަޢުލީމުގެ ތެރެއިންނެވެ. މިކަމުގެ މިސާލުތައް ބައިވަރެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުގައި އެ މީހުންގެ ތާރީޚު ކިޔަވައިދެއެވެ. ޖަޕާނާއި ކޮރެއާ، ސިންގަޕޫރާއި އޮސްޓްރޭލިޔާގައި އެ ގައުމުތަކުގެ ތާރީޚާއި ސަގާފަތް ކިޔަވައިދެއެވެ. އަވައްޓެރި އިންޑިއާ، ޕާކިސްތާން، ބަންގުލަދޭޝްގައި އެ ގައުމުތަކުގެ ތާރީޚާއި ސަގާފަތާއި ގައުމީ އަބްޠާލުންގެ ވާހަކަތައް ކިޔަވައިދެއެވެ. ބޭނުމަކީ ކޮބައިތޯއެވެ. ޒުވާން ޖީލުގެ ހިތްތަކުގައި ގައުމީ ލޯތްބާއި ގައުމީ ވަންތަކަން އުފެއްދުމެވެ. ގައުމަށް ޚިދުމަތްކުރުމުގެ ރޫޙު އާލާކުރުމެވެ. އެހެންކަމުން ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެދޭ ނަމަ އެ ބައެއްގެ ތާރީޚާއި މާޒީ ކިޔައިދޭން ޖެހެއެވެ. ގައުމީ ބަޠަލުންގެ ފަތްފުށްތައް ކިޔަވައިދޭން ޖެހެއެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ތާރީޚަކީ ވެސް ޚިދުމަތްތެރިންގެ ރީތި ވާހަކަތަކުން ފުރިގެންވާ މާޒީއެކެވެ. ދިވެހިންގެ ދީނާއި، ދިވެހި ބަހާއި، ސަގާފަތް ރައްކާތެރިކުރުމަށް ކާބަފައިން ކުރެއްވި ގިނަގުނަ މަސައްކަތްތައް ފެންނާން އޮތް ކުލަތަސްވީރެކެވެ. ގައުމަށް ޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި ޝަހީދުންގެ ވާހަކަތަކެވެ. އަލިރަސްގެފާނުންގެ ހިތްވަރުގަދަ، ޖެހިލުންކުޑަ ގުރުބާނީއެވެ. ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދެވެ. މި ޖިހާދުގައި އެކަލޭގެފާނުންގެ އަޚުން ޝަހީދުވެދިއަ ގޮތެވެ. މަލާބާރީންނާ ހަނގުރާމަ ކުރައްވައި ޝަހީދުވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް ކަލާފާނު (ތިންވަނަ)ގެ މަތިވެރި ޤުރުބާނީއެވެ. ނޮވެންބަރުު 3ގެ އުދުވާނުގައި ގައުމަށް ޓަކައި އަމިއްލަ ފުރާނައިން ޤުރުބާންވި ޝަހީދު ޙުސައިން އާދަމުގެ މަތިވެރި ޚިދުމަތެވެ. މިފަދަ ތާރީޚީ ހާދިސާތަކާއި، ގައުމީ ބަޠަލުންގެ ވާހަކަތައް ކިޔަވައިދިނުމަކީ، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދައި، ގައުމަށް ޓަކައި ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދުގެ ޒުވާން ޖީލަށް މި ވާހަކަތައް ބުނެދީ ދަސްކޮށްދޭނެ މަގެއް ނެތުމެވެ. ކިޔަވައިދޭނެ ސުކޫލެއް ނެތުމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުސްތަގުބަލަށް ޓަކައި މިއަދު ކުރަންޖެހިފައިވާ އެންމެ ބޮޑު އިންވެސްޓަކީ މިއީއެވެ. ދިވެހިގެ ފަޚުރުވެރި މާޒީ ކިޔަވައިދިނުމެވެ. ދިވެހިންގެ އާދަކާދައާއި ސަގާފަތް ސުކޫލުތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި އުނގަންނައި ދިނުމެވެ. 

ގައުމުދެކެ ލޯބިވާ ބަޔަކު ބިނާކުރުމަކީ ކޮންމެ ގައުމެއްގެ ކުރިމަގަށް ވެސް ކޮންމެހެން ކުރަންޖެހޭ ހޭދައެކެވެ. މިކަން ކުރުމަށް ޓަކައި، ގައުމީ ލޯބީގެ ހުޅުކޮޅު ޒުވާން ހިތްތަކުގައި ރޯކުރަންޖެހެއެވެ. ތިމާއަކީ ކާކުކަން ތިމާއަށް ބުނެދޭން ޖެހެއެވެ. ގައުމުގެ ކޮންމެ ފަރުދަކަށް ވެސް ތިމާއާއި ގައުމާ އޮތް ގުޅުން ބުނެދީ ދަސްކޮށްދޭން ޖެހެއެވެ. އެކަމަށް ޓަކައި ގައުމުގެ ތާރީޚާއި، ސަގާފަތުގެ މުއްސަނދިކަން ކިޔަވައިދިނުމަކީ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ވަސީލަތެވެ. މި ގައުމުގެ ދިރިއޮތުމާއި ރައްކާތެރިކަން ގުޅިފައިވަނީ، ގައުމުގެ ތާރީޚުން ހިތްތައް އަލިކޮށްދީގެންކަން ކަށަވަރެވެ. ގައުމަށް ޚިދުމަތްކުރުމަށް ތައްޔާރުވެފައިވާ ޖީލެއް އުފެއްދޭނީ އޭރުންނެވެ. ގައުމުގެ ދިފާޢުގައި ސާބިތުކަމާ އެކު ނުކުންނާނީ މި ބޭސް ދީގެންނެވެ. އޭރުން އަމިއްލަ އެދުމުގެ ކުރިއަށް ގައުމު އިސްކުރާނެއެވެ. ތިމާގެ ނަފުސަށް ލިބޭ އަރާމަށް ޓަކައި ގައުމު ވިއްކައެއް ނުލާނެއެވެ. މި ބިމުން އެންމެ ވެލިފުކެއްގެ މިންވަރު ވެސް އެހެން މީހަކު ނުޙައްޤުން ގެންދާކަށް ޖާގައެއް ނުދޭނެއެވެ. ގައުމުދެކެ ލޯބިވާ ގައުމިއްޔަތެއްގެ ވެރިބައެއް ބިނާކުރެވޭނީ އޭރުންނެވެ.

ޝެއަރކުރެއްވުމަށް