ސެކިޔުލަރިޒަމް (ލާދީނީ ފިކުރު) ޔޫރަޕުގެ މުޖުތަމަޢުގައި ފެތުރެމުންދާކަމުގެ ނިޝާންތައް ފެންނަމުންދިޔައީ، ވިހިވަނަ ޤަރުނުގެ މެދަކާ ހިސާބުންނެވެ. ނަވާރަވަނަ ޤަރުނުގެ ފުރަތަމަކޮޅު، ފަރަންސޭސި ފިލޯސަފަރ އަދި ސޯޝިއޮލޮޖިސްޓް [އޮގަސްޓޭ ކޮމްޓެ] ”AUGUSTE COMTE“ އަށް ސައިންސުގެ އިރު އަރަމުންދާ މަންޒަރާއި ދީނަށް އެކަމުގެ ސަބަބުން ހިޔަނި އެޅެމުންދާ މަންޒަރު ފެނުމާ އެކުގައެވެ.
ހުޅަނގުގެ ފަލްސަފާ ކުރިއަރައިގެންދިޔުމުގެ ތެރެއިން، ސެކިޔުލަރ މަންޠިޤުން ނުވަތަ ލޮޖިކުން ވިސްނާ އިރު، ބޯދާ ޚުރާފީ ކަންކަމުން މިންޖުވެ، ތަރައްޤީގެ ޒަމާނަކަށް ހޭލެވި، މުޖުތަމަޢުތައް ތަރައްޤީވަމުން ދާނީ، ދީން ދޫކޮށް ސައިންސާ ދިމާއަށް މިސްރާބު ޖެހުމުންކަމުގައި ޤަބޫލުކުރެވުނެވެ. އަދި، ހަމަ ނަވާރަވަނަ ޤަރުނު ނިމެމުން ދިޔަ އިރު، ޖަރުމަން ފިލޯސަފަރެއް، އަދި ޝާއިރެއް އަދި ދުރުވިސްނޭ ވިޝަނަރީއެއްކަމުގައިވާ [ނީޓްޝަރ] ”NIETZSCHE”ގެ ދަޢުވާއެއް ކަމުގައި ވީ، [ހުޅަނގުގެ ދުނިޔެއަށް ކަލާނގެ މިވަނީ މަރުވެފައެވެ.] މި ގޮވައިލުން ޔޫރަޕުގެ މުޖުތަމަޢުތަކުގައި ހަލުވިކަމާ އެކު ފެތުރިގެންދިޔައެވެ. ކަލާނގެ ވޮޑިގެންވުމާއި، ދީން ނެތިގެންދާނެ ދުވަހަކަށް، ހުޅަނގުގެ ފިލޯސަފަރުންނާއި، ޝާއިރުންނާއި ލިޔުންތެރިން ޝައުޤުވެރިކަމާ އެކު އިންތިޒާރުކުރަމުން ދިޔައެވެ. ފަރަންސޭސިވިލާތުގެ ކްރިސްޓިއަން މިޝަނަރީ ފާދިރީ، އަދި އާސާރީ ދިރާސާތައް ކުރާ ޢިލްމުވެރިޔެއްކަމުގައިވާ [ޕިއަރެ ޓިއެލްހާރޑް ޑެ ޝާޑިން] ”PIERRE TIELHARD DE CHARDIN“ އާއި، ޖަރުމަނުވިލާތުގެ ދީނީ ފާދިރީއެއްކަމުގައިވާ [ޑިއެޓްރިޝް ބޮންހޮއެފަރ] ”DIETRICH BONHOEFFER“ އާއި އެމެރިކާގެ، [ޕޯލް ޓިލިޝް] ”PAUL TILLICH“ ލާދީނީ ފިކުރު ފެތުރުމަށް އެބުރިގަތެވެ. ކްރިސްޓިއަން ދީނަށާއި ހުޅަނގުގެ ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކުން ފުރުޞަތު ހޯދަމުންދިޔައެވެ. ބޮޑު ވަބާއެއްގެ ސިފާގައި މުޅި ދުނިޔެއަށް ފެތުރެމުންދިޔަ ލާދީނީ ފިކުރުގެ ނަތީޖާއިން، ދީނަށް އެއްވެސް ޖާގައެއް ނެތްކަން އެނގެމުން ދިޔަދިޔަހެން، މުޖުތަމަޢުގެ ތެރެއިން ދީން ބޭރުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔައެވެ.
ޖަރުމަނު ފިލޯސަފަރ، [ނީޓްޝަރ] ”NIETZSCHE“ ގެ [ކަލާނގެ މަރުވެއްޖެއޭ] ގޮވަމުންދިޔަ ގޮވެލިތަކުގެ އަޑު، ހުޅަނގުގެ ދުނިޔޭގައި ފެތުރެމުން ދިއުމާ އެކުއެކީގައި، ކްރިސްޓިއަން ދީން ވެސް މަރުވެގެން ދިޔައީއެވެ. ލާދީނީ ފިކުރުތަކުގެ ތެރޭގައި ދީނަށް އެއްވެސް ޖާގައެއް ނެތްކަން އެނގުމާ އެކު، ކްރިސްޓިއަން ދީނުގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ ފާދިރީން، ވަކިން ޚާއްޞަގޮތެއްގައި، ޕްރޮޓެސްޓަންޓުން، ލާދީނީ ފިކުރު ޤަބޫލުކޮށް، ޘަޤާފީ ކްރިސްޓިއަން ދީނަށް ބަދަލުގެނެސް، ސެކިއުލަރ ކްރިސްޓިއަން ދީނެއް އުފެއްދިއެވެ. ޒަމާނީ ތަރައްޤީއަށް ޝައުޤު ހުރި ކްރިސްޓިއަން ދީނުގެ ފާދިރީން، ލާދީނީ ފިކުރުތައް ބަލައިގަތެވެ. ޔޫރަޕާއި އިނގިރޭސިވިލާތުގެ ފާދިރީން، ވަކިން ޚާއްޞަގޮތެއްގައި، ކާރލް ބާރތު ”KARL BARTH”އާއި، ފްރައިޑް ރިޝް ގޮގަރޓެން ”FRIEDRICH GORGARTEN“ އާއި، ރުޑޮލްފް ބަލްޓްމާން ”RUDOLPH BULTMANN”އާއި ގެރްހާރޑް ވޮން ރަޑް ”GERHARD VON RAD”އާއި އަރެންޑް ވާން ލީޔުވެން ”AREND VAN LEEUWEN”އާއި ހާރވޭ ކޮކްސް ”HARVEY COX”އާއި ލެސްލީ ޑީވާރޓް ”LESLIE DEWRAT“ ފަދަ ޔޫރަޕާއި އިނގިރޭސިވިލާތާއި އެމެރިކާގެ ކްރިސްޓިއަން ކެތޮލިކް އަދި ޕްރޮޓެސްޓަންޓް އެތައް ފާދިރީންތަކެއް ލާދީނީ ފިކުރަށް ތާއީދުކޮށް، ކްރިސްޓިއަން ދީނުގެ ތެރެއަށް މި ފިކުރު ގެނެސް ތަޢާރަފުކުރިއެވެ. ލާދީނީ ފިކުރުގެ އޮއިވަރުގައި ކްރިސްޓިއަންދީން ރަނގަޅަށް ތާށިވަމުންދިޔަ މަންޒަރު، ޢާންމު ކްރިސްޓިއަނުންނަށް ވެސް އިޙުސާސްކުރެވެމުން ދިޔައެވެ. ކްރިސްޓިއަން ދީނަށް އައު ތަރުޖަމާތަކެއް ގެނައުމާއި، އައު ވިސްނުންތަކެއް ގެނައުމުގެ ތެރެއިން މުޅި އެ ދީން ލާދީނީ ފިކުރުގެ ތެރެއަށް މެހެވިގެންދިޔައެވެ.
ޑެންމާކުގެ ފިލޯސަފަރ، [ސޯރެން ކިއެރްކަރގާރޑް]ގެ ބަހުން ނަމަ، [އަހަރެމެން އަބަދުވެސް ބަދަލުވަމުން މިދަނީ ކްރިސްޓިއަނުންނަށެވެ.] ޢާންމުންގެ މީހުންނަށް ހޭވެރިކަން ނުވާ ފަދަ ހުޝިޔާރު މަގުން، މުޅި ކްރިސްޓިއަން ދީން، ލާދީނީކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން ބަދަލުތައް ގެންނަމުންދިޔައެވެ. ކްރިސްޓިއަން ދީން ލާދީނީކުރުމުގެ މަސައްކަތްތައް މޭރުންވި ހިސާބުން، ޘަޤާފީ ކްރިސްޓިއަނުންގެ ތެރޭގައި އިދިކޮޅު އަޑުތައް އުފުލަމުން ގެންދިޔައެވެ. ދުނިޔެ ކްރިސްޓިއަންކުރުމުގެ ބަދަލުގައި، ކްރިސްޓިއަން ދީން ދުނިޔެކުރުމުގެ މަސައްކަތްތަކާ އިދިކޮޅު އަޑުތައް އުފުލަމުންދިޔައެވެ.
ލާދީނީ އައިޑިއޮލޮޖީއާއި އިސްލާމްދީން
ކްރިސްޓިއަނުންގެ ތެރޭގައި ލާދީނީ ފިކުރުގެ އަސަރު، ފެތުރިގެންދިޔަ ފަދައިން، އިސްލާމީ ދުނިޔެއަށް ފެތުރިގެން ދިޔުމަކީ ނާދިރުކަމެކެވެ. ސަބަބަކީ، އިސްލާމުދީނާއި ކްރިސްޓިއަން ދީނާ އަޅާކިޔާ އިރު، މި ދެ ދީނުގެ އަސާސްތަކުގައިހުރި ހަރުދަނާކަމާއި އާރުލާ މިންވަރު އެތައް ގުނައެއް ތަފާތުވާތީއެވެ. އިސްލާމީ ދުނިޔެއަށް ކޮށްފާނެ ނޭދެވޭ އަސަރެއްކަމުގައި ވާނީ، ހުޅަނގުގެ ވިސްނުމާއި ނިންމުންތަކަށް ދޯޅުވާ މުސްލިމު މުފައްކިރުންނާއި ޢިލްމީ މީހުންގެ ފުށުންނެވެ. ހުޅަނގުގެ ތަރައްޤީއާއި ސައިންޓިފިކް ހޯދުންތަކުގެ ދަޅައެޅިގެން ކުލަތައް ވަކިކުރަން ނޭނގޭ ހިސާބަށް ބެހިގެން ހިނގައްޖެ ނަމައެވެ. އިސްލާމީ އަސާސްތަކާއި، ހުޅަނގުގެ ވިސްނުންތަކާއި ދުނިޔެއާ މެދު ދެކޭގޮތާއި ފޮތުގެ ތަފާތުކުރަން ނޭނގިއްޖެ ނަމައެވެ. ލާދީނީވުމުގެ މުޅި އިޖުރާއާތުތައް ހިނގަމުންދާ ގޮތާ މެދު ހޭލުންތެރި ނުވެ ތިބެއްޖެ ނަމައެވެ. އެހެންވީމާ، ލާދީނީވުމަކީ ކޮބައިކަމާއި، ސިޔާސަތުގެ ތެރެއަށް ލާދީނީވުން ވަދެގެންދިއުމުން ފާޅުވާ ނަތީޖާއަކީ ކޮބައިކަން އެނގުން ވަރަށް މުހިންމެވެ.
ލާދީނީވުމާއި ދީންވެރިވުން
އިސްލާމު ދީން ބާވައިލެއްވުނު ހިސާބުން ފެށިގެން، މި ދީން ޙިމާޔަތްވެގެންވަނީ ސީދާ އިލާހީ ޖާމިންވެ ވޮޑިގެންވުމާ އެކުގައެވެ. ކުރީގެ ސަމާވީ ދީންތައް (ޔަހޫދީ ދީނާއި ނަޞާރާ ދީން) ޙިމާޔަތްކޮށް ރައްކައުތެރިކުރުމާ މަތިކުރެވިގެން ދިޔައީ، އެ ދީންތަކުގެ އަހުލުވެރިންނެވެ. އެ ދީންތަކުގެ ކަމުވޮށިގެންވާ ދަންނަބޭކަލުންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައެޅުއްވުމާ އެކުގައެވެ. ދީން ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު، އިންސާނުންނާ ޙަވާލުކުރެވިގެންދިޔުމުގެ ނަތީޖާއަކަށްވީ، މުޅި ދީން ބާވައިލެއްވުނު އަސްލުން ބޭރުކޮށް، ދީނަށް އެކިކަހަލަ ބަދަލުތައް ގެނެވިގެންދިޔުމެވެ. ބާވައިލެއްވި އަސްލުން ބޭރުވެގެން ދިޔުމެވެ. އެހެންވީމާ، އިސްލާމް ދީނަށް އެ ފަދައިން އިންސާނީ އަތްތަކުން ބަދަލުގެނެވިގެން ދިޔަ ނުދެއްވުމަށް ކަނޑައަޅުއްވައި ނިޔާކުރެއްވުމާ އެކު، އިސްލާމު ދީނަށް އިންސާނީ އެދުންތަކާ އެއްގޮތަށް ބަދަލު ގެނެވިގެން ދިޔުމަށް ރައްކާތެރިކަން ލިބިގެންދިޔައެވެ. އެހެންވީމާ، އިސްލާމު ދީން ވަނީ، ބާވައިލެއްވި ގޮތާ އެއްވެސް ތަފާތެއްނެތި މި ދީނުގެ އަސްލުން ބޭރުވެގެން ނުވާ މަގުން ޙިމާޔަތްކުރެވިފައެވެ. އިސްލާމު ދީނުގެ އަސްލު ބަދަލުކޮށްލެވޭ ވަރަށްވުރެ ޙިމާޔަތުގެ ބޯ ފަށަލައެއް ލެވިފައެވެ. އެހެންވީމާ، އިސްލާމް ދީނުގެ ތެރެއަށް ލާދީނީ ފިކުރު ވަދެގެންދިޔުމަކީ ވާނޭކަމެއް ނޫނެވެ. އަދި ލާދީނީ ފިކުރަކީ އިސްލާމް ދީނާ ވަރަށް ބީރައްޓެހި ފިކުރެކެވެ. މި ދީނުގެ އުސޫލުތަކާއި ޢަޤީދާގެ ސާބިތުކަމުގެ ސަބަބުންނެވެ.
ލާދީނީ ފިކުރާއި ދީން
އިނގިރޭސި ބަހުން ބުނެއުޅޭ ”SECULAR“ މި ބަސް އުފެދިގެން އައީ، ލެޓިން ބަހުގެ ”SAECULUM”އިންނެވެ. މާނައަކީ، [ޒަމާނާއި މަކާން]އެވެ. [ޒަމާން] މާނަކުރަނީ، [މިހާރު] ނުވަތަ [މި ވަގުތު]އެވެ. އަދި [މަކާން] މި ލަފުޒު މާނަކުރަނީ [ދުނިޔެ] ނުވަތަ [ދުނިޔެވީ]އެވެ. އެހެންވީމާ ލެޓިން ބަހުން ބުނާ ”SAECULUM”ގެ މާނައަކީ މި ޒަމާނެވެ. ނުވަތަ މިހާރު މި ހިނގަމުންދާ ވަގުތެވެ. އަދި މި ޒަމާން ނުވަތަ ހިނގަމުން މި ދާ ވަގުތުގެ މާނައަކީ މި ދުނިޔެއެވެ. އެހެން ދުނިޔެއެއް ނުވުމެވެ.
ބުނެވިދިޔަ މާނައަށް ނިސްބަތްކޮށް [ސެކިޔުލަރ]ގެ މާނަކުރާ ނަމަ، އެއީ، ދީނާއި ޣައިބަށް އީމާންވުމުގެ ޢަޤީދާގެ ދައުރެއް ނޯންނަ، ހަމައެކަނި ބުއްދިއާއި އިންސާނީ ބަހުގެ މައްޗަށް ބިނާވާ ފިކުރެއްކަމުގައި ވުމެވެ. ދުނިޔެއާއި ދީން ވަކިކުރުމެވެ. ދީނީ އަޅުކަމާއި، ޢަޤީދާ ނައްތައިލުމެވެ. ދުނިޔެއަކީ އިންސާނާ ހިތުހުރި ގޮތަކަށް ކަންތައްކުރުމަށް އޮތް ތަނެއްކަމުގައި ދުށުމެވެ. ލާދީނީވުން ނުވަތަ ސެކިޔުލަރައިޒޭޝަން ހިނގަނީ ހަމައެކަނި، ސިޔާސަތާއި އިޖުތިމާޢީ ޙަޔާތުގައި އެކަންޏެއް ނޫނެވެ. ޘަޤާފަތުގައި ވެސް މެއެވެ. އިންސާނީ މުޖުތަމަޢާއި އިންސާނީ ޘަޤާފަތުގެ ތެރެއިން ދީން ބޭރުކޮށްލައިގެންނެވެ. ޣައިބަށް އީމާންވުމުގެ ޢަޤީދާ އެއްފަރާތްކޮށްލައިގެންނެވެ. ލާދީނީ ޙަރަކާތަކީ، މިނިވަންވެގަތުމުގެ ޙަރަކާތެކެވެ. ލާދީނީ ޙަރަކާތްތައް ހިންގާ މީހުން ދެކޭގޮތުގައި، މުޅި އިންސާނީ ތާރީޚަކީ، ލާދީނީކުރުމުގެ ތާރީޚެކެވެ. ލާދީނީކުރުމުގެ އަސާސީ ޢުންޞުރުތަކަކީ، ޤުދުރަތީ ޠަބަޢީ ނިޒާމުގެ ޙުރުމަތްކަނޑައިލުމެވެ. ސިޔާސަތުން ދީން ބޭރުކޮށްލުމެވެ. އިންސާނީ އަޚްލާޤިއްޔާތާއި ސުލޫކިއްޔާތުގެ އަގެއްނެތްކަން ދެއްކުމެވެ.
ޤުދުރަތީ ޠަބަޢީ ނިޒާމުގެ ޙުރުމަތްކަނޑައިލުމުގެ މި އިސްޠިލާޙަކީ، ޖަރުމަނުވިލާތުގެ ސޯޝިއޮލޮޖިސްޓެއް ކަމުގައިވާ، މެކްސް ވެބަރ ”MAX WEBER“ މާނަކުރުމުން ނަގާފައިވާ އިސްޠިލާޙެކެވެ. އޭނާ ބުނާގޮތުންވިއްޔާ، ދީނުގެ އިރުޝާދުތަކުން ޠަބަޢީ ނިޒާމު މިނިވަންކުރަން ޖެހެއެވެ. މި މިނިވަންކުރުމުގެ ތެރޭގައި، ރޫޙާނީ ބާރުތަކާއި، ސިޙުރު ހާހޫރައާއި ކަލާނގެތަކުން މިނިވަންކުރުން ހިމެނެއެވެ.
ޠަބަޢީ ނިޒާމަކީ، މާތް ﷲގެ ކުޅަދުންވަންތަކަމާ ގުޅިފައިވާ ބަހާއެއް ކަމުގައި ނުދެކެއެވެ. ނަތީޖާއެއްގެ ގޮތުން، މި ދުނިޔޭގައި ހިތުހުރި ގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނަންޖެހޭނެކަމަށް ޤަބޫލުކުރެއެވެ. ސިޔާސަތުން ދީން ބޭރުކޮށްލުމުގެ މާނައަކީ، ސިޔާސީ ބާރުތަކުގައި ދީނުގެ އެއްވެސް ދައުރެއް ނެތުމެވެ. ސިޔާސީ ބަދަލުތަކުގެ އަސާސަކީ ސިޔާސަތުގައި ދީނަށް އެއްވެސް ޖާގައެއް ނުދިނުމެވެ. އަދި އިންސާނީ އަޚްލާޤިއްޔާތާއި ސުލޫކިއްޔާތު ލާދީނީކުރުމަކީ، އިންސާނީ އަގުތަކާއި އަޚްލާޤިއްޔާތު ބުނެދޭ ބާރަކީ ދީންކަމުގައި ނުވުމެވެ. ނަތީޖާއެއްގެ ގޮތުން، ޒަމާނާއި ޙާލަތާ އެކުއެކީގައި އިންސާނީ ސުލޫކާއި އަޚްލާޤިއްޔާތަށް ވެސް ބަދަލުތައް ގެނައުމުގެ ފުރިހަމަ މިނިވަންކަން ލިބެންޖެހޭނެކަމަށް ޤަބޫލުކުރެއެވެ. ލާދީނީކުރުމުގެ ޙަރަކާތްތަކަކީ ޅަފަތުގެ ދާނުން ފެށޭ އަދި ތަޞައްރުފުވުމުގެ މަރުޙަލާތަކަށް ވަންނަމުންދާ ބަދަލުތަކެއްކަމުގައި އެވެރިން ދެކެއެވެ.
ލާދީނީކުރުމުގެ އިސްޠިލާޙު
ލާދީނީކުރުމުގެ އިސްޠިލާޙު އޭގެ އަސްލު ސިފައިގައި ދެނެގަތުމަށް ޓަކައި، ހުޅަނގުގެ މީހުންގެ ދީނީ، ޢިލްމީ، ފިކުރީ، މާއްދީ ޙަޔާތަށް އަދި އެ މީހުންގެ ޘަޤާފަތާއި ޙަޟާރަތަށް ނަޒަރު ހިންގައިލުމުން ވަރަށް ގިނަ މަޢުލޫމާތުތަކެއް އެނގިގެންދާނެއެވެ. ލާދީނީ ފިކުރުގެ މަފްހޫމާއި އަސާސްތައް އޮތީ އެމީހުން ބުނާ ފަދައިން، ބައިބަލްގައެއް ނޫނެވެ. އެމީހުން ގެންގުޅޭ ބައިބަލް ތަރުޖަމާކުރުމުގައެވެ. ދުނިޔެއާ މެދު އެމީހުން ގެންގުޅޭ މާއްދިއްޔަތުގެ ވިސްނުންތަކުގެ ތެރެއިން ނުކުމެގެން އަންނަ ފިކުރުގެ ތަރުޖަމާތަކާއެވެ.
ތާރީޚުގެ ޞަފުޙާތަކުން ބުނެދޭ ޙަޤީޤަތުގެ އަލީގައި، ދަންނަވަން ޖެހެނީ، ބާވައިލެއްވި ދީންތަކުގެ ތެރެއިން، ކްރިސްޓިއަން ދީން ނޫނީ، އެ ބައެއްގެ އަސްލު މަރުކަޒު ބަދަލުކޮށްފައިވާ އެހެން އެއްވެސް ދީނެއް ނެތެވެ. ކްރިސްޓިއަން ދީނުގެ އަސްލު މަރުކަޒުކަމުގައިވާ ޖެރޫސަލަމް ދޫކޮށް، ރޯމަށް، އެ ދީނުގެ މަރުކަޒު ބަދަލުކޮށްފައިވެއެވެ. އެ ހިސާބުން، ކްރިސްޓިއަން ދީން ލާދީނީކުރުމުގެ ޙަރަކާތްތައް ވެސް ފެށިގެން ދިޔައެވެ. މި ޙަރަކާތާ އެކު، ދެ ވައްތަރެއްގެ ކްރިސްޓިއަން ދީނެއް އުފެދުނެވެ. އެއް ވައްތަރަކީ، އަސްލު ކްރިސްޓިއަން ދީނެވެ. އަދި އަނެއް ވައްތަރަކީ ލާދީނީކުރަމުން އައި ކްރިސްޓިއަން ދީނެވެ. މި ކަން މިގޮތަށް ހިނގަމުން ދިޔުމަށް މަގުފަހިވެގެންދިޔައީ، ކުރިން ވެސް ބަޔާންވެދިޔަ ފަދައިން، އިސްލާމު ދީން ފިޔަވައި ސަމާވީ އެހެން ދީންތަކުގެ އަސްލާއި ބިންގާ ނެތިގެން ދިޔުމުގެ ނަތީޖާއިންނެވެ. އިސްލާމު ދީނަށް އެފަދަ ޙާލަތެއް މެދުވެރިނުވީ، އިލާހީ ޙިމާޔަތުގައި ލައްވާފައިވުމުގެ ސަބަބުންނެވެ.
