الحمد لله وحده، والصلاة والسلام على نبينا وسيد نا محمد وعلى آله وصحبه، أما بعد:

އެއްކައުވަންތަ މާތް ﷲއަށް ޙަމްދު ކުރަމެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އަހަރެމެންގެ ސާހިބާ އަދި ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ހިމަނަމެވެ. އެއަށްފަހު،

މި ތާރީޚީ ޗާޓަރަށް ނަންދެވިފައި ވަނީ މި ޗާޓަރ ފާސްކުރެވުނު މުޤައްދަސް ތަނަށް ނިސްބަތްވާ ގޮތަށެވެ. އެގޮތުން މީގައި ހިމެނޭ މަބްދައުތަކާއި ބޭނުންތައް ގުޅުވާލެވިފައިވަނީ ތާރީޚީ ގޮތުން ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނަތުލް މުނައްވަރާގައި މީގެ 1400 އެތައް އަހަރެއްގެ ކުރިން އެއްބަސްވެ ވަޑައިގެން ސޮއިކުރެއްވި ތަފާތު ދީންތަކުގެ އަހުލުވެރިން އެކުއެކީގައި ރަށްވެހިންގެ ގޮތުގައި މުޖުތަމަޢުގައި  ޞުލްޙައިގައި ދިރިއުޅުމުގެ ވާހަކަ ހިމެނޭ ގޮތަށެވެ. އެއީ މަދީނާގެ އެ މުޖުތަމަޢުގައި އަލަށް އުފެދިގެންދިޔަ މުސްލިމުންގެ އުންމަތް އުފެދުމަށް ފަހުއެވެ.

މައްކާ ޗާޓަރ އެކަށައެޅި ބައްދަލުވުމަށް މާތްވެގެންވާ މައްކަތުލްމުކައްރަމާއަށް އިސްލާމީ ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ކުރެ 1200އަށް ވުރެ ގިނަ ބޭކަލުން ޙާޟިރުވިއެވެ. އެ ބޭކަލުން ތަމުސީލުކުރެއްވީ އިސްލާމީ ދުނިޔޭގެ މުފްތީންނާއި އިސްލާމީ ދުނިޔޭގެ އިސް ޢިލްމުވެރިންގެ ގޮތުގައި ތިއްބަވައިގެންނެވެ. އަދި މި ބައްދަލުވުމުގައި 4500އަށް ވުރެ ގިނަ އިސްލާމީ މުފައްކިރުން ބައިވެރިވެ ވަޑައިގަތެވެ. މި ބޭކަލުން ތަމުސީލުކުރެއްވީ  ސުންނީންނާއި ޝީޢީންނާއި އެނޫން ވެސް ތަފާތު މީހުން އެކުލެވޭ ތަފާތު މަޒުހަބުތައް ހިމެނޭ ތަފާތު 27  ޖަމާޢަތެއް ވެސް ޝާމިލުވާ ގޮތަށެވެ. އެބައިމީހުންނަކީ އަމިއްލައަށް އެތަނަށް ޙާޟިރުވެ ތިބި މީހުންނެވެ. އަދި އޭރު ކުރިމަތިވި ކުއްލި ބައެއް ހާދިސާތަކާ ހުރެ ބައެއް ބޭކަލުންނަށް މި ބައްދަލުވުމަށް ވަޑައިގަތުމަށް ޢުޛުރުވެރިވެ ގާތްގަނޑަކަށް 1%އަށް ވުރެ މަދު ބަޔަކު އެބައިމީހުންގެ ބަދަލުގައި މީހުން މި ބައްދަލުވުމަށް ފޮނުއްވިއެވެ. މި ތާރިޚީ ބައްދަލުވުން އޮތީ (1440ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހުދިހައިގެ ތެރޭގައެވެ. އެއީ މީލާދީގޮތުން 2019ވަނަ އަހަރު) މާތްވެގެންވާ ކަޢުބާގެ ކައިރީގައެވެ. މި ބައްދަލުވުން ބޭއްވީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމިލްޙަރަމައިނި އައްޝަރީފައިނި އަލްމަލިކު ސަލްމާނުގެ ރިޢާޔަތުގެ ދަށުންނެވެ. (މާތް ﷲ އެމަނިކުފާނު ރައްކާތެރިކުރައްވާށިއެވެ.) މި ބައްދަލުވުމަށް 139 ދައުލަތަކުން  ބޭފުޅުން ވަޑައިގަތީ  އެ ބޭފުޅުންނަށް މުހިންމުވެފައިވާ އެތައް ޤަޟިއްޔާތަކަކާ މެދު ދިރާސާކޮށް، މަތިވެރި އިސްލާމީ އެއްބަސްވުމަކުން އެއްބަސްވެ އިންސާނީ އިސްލާމީ އަގުތަކުގެ އަލީގައި ދިރިއުޅުމުގެ ފުރުޞަތު ހޯދުމަށެވެ. ވަކިން ޚާއްޞަކޮށް ދުނިޔޭގެ ކަންކޮޅުތަކުތަކުގައި ތަފާތު ދީންތަކުގެ އަހުލުވެރިންނާއި ތަފާތު ޘަޤާފަތްތަކާއި ތަފާތު ދަރިފަސްކޮޅުތަކާއި މަޒްހަބުތަކުގެ އަހުލުވެރިން އަމާންކަމާ އެކު ގުޅިގެން އުޅުމާ މެދު މިފަދަ ޗާޓަރެއް އެކުލަވާލުމަށެވެ.

މި ޗާޓަރަކީ މި ޒަމާނުގެ އިސްލާމީ ތާރީޚުގައި މިގޮތަށް އެކަށައެޅޭ ފުރަތަމަ ޗާޓަރެވެ. އަދި މިއީ މަދީނަތުލް މުނައްވަރާގައި މާތް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  އެކަށައެޅުއްވި މިފަދަ ޗާޓަރަކާ އެކު މި އުންމަތުގައި އެކަށައެޅޭ މިފަދަ ދެވަނަ ޗާޓަރެވެ. ހަމަ އެހެންމެ އިސްލާމީ ތާރީޚުގައި ޙަޤީޤީ ސިފައިގައި މާތްވެގެންވާ މައްކާގައި ފުރަތަމަ ފަހަރަށް އެކަށައެޅޭ މިފަދަ ފުރަތަމަ ޗާޓަރެވެ. ކުރިން އިޝާރާތް ކުރި ފަދައިން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  މިފަދަ ޗާޓަރެއް އެކުލަވާލެއްވި ފަހުން، ކުރިން ހުވަފެނެއްގެ ގޮތުގައި ދުށް ކަމެއް ޙަޤީޤަތަކަށްވެ، އިސްލާމީ އުންމަތުގެ ޢިލްމުވެރިން އަހައްމިއްޔަތުކަން ބޮޑު މައްސަލައެއްގައި އެއްބަސްވެ ވަޑައިގެން އެއްބަސްވުމެކެވެ. މި ޗާޓަރ އިސްލާމީ އުންމަތުގެ މުފްތީގެ އެތައް ބަޔަކާއި އިސްލާމީ އުންމަތުގެ ކުރިޔަށް ތިއްބެވި ބޮޑެތި ޢިލްމުވެރިން ސިފަކުރައްވާފައިވަނީ އިސްލާމީ އުންމަތުގެ ދެވަނަ ދުސްތޫރުގެ ގޮތުގައެވެ.

މި ޗާޓަރު ސިފަކުރައްވައި އިސްލާމީ އުންމަތުގެ މުފްތީންނާއި ބޮޑެތި ޢިލްމުވެރިން  ބަޔާންކުރައްވަނީ މި ޗާޓަރ، އެ ބޭކަލުންނަށް ސިފަކުރެވެނީ  އެ ބޭކަލުންނަކީ ދުނިޔޭގައި ދިރިއުޅެމުންދާ ތަފާތު ދަރިފަސްކޮޅުތަކާއި ބައިވެރިވެ ޙަރަކާތްތެރިވާ ބައެއްގެ ގޮތުގައެވެ. އެގޮތުން އެހެނިހެން ފަރާތްތަކެކޭ އެއްފަދައިން އެންމެންނަށް އީޖާބީ ގޮތެއްގައި ސަލާމަތާއި  އަމާންކަމާއި ބާއްޖަވެރިކަން ޝާމިލުވާ ގޮތުން އިންސާނުންނަށް ކުރިއެރުން ލިބެން ޖެހޭނެ ކަމަށެވެ. އަދި އިންސާނީ އެހީތެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމާއި ލޯތްބާއި ކުލުނުގެ  ގުޅުން ދަމަހައްޓާ ބަޔަކަށް ވާކަމަށެވެ. އަދި ހުރިހާ ބާވަތެއްގެ ނުރުހުންތެރިކަމާއި ޢުންޞުރީ ނާތަހުޒީބީ ގޮތްތަކާ ދެކޮޅުހަދާ ކަމަށެވެ. އެގޮތުން އެ ބޭކަލުން ހުއްދަކުރައްވަނީ އިސްލާމީ އުޚުއްވަތްތެރިކަމާއި އިންސާނިއްޔަތު ކަމުގައި ހިފަހައްޓައި އުޅުމަށެވެ. އެ ކަންކަމުގެ ތެރެއިން ޙަޤީޤީ އަޚުވަންތަކަމުގެ ތެރެއަށް ދިޔުމަށެވެ. ފަހެ އެހެނީ ކޮންމެ އިންސާނަކީ އޭނާ ބޭނުންވިޔަސް ނުވިޔަސް، ރުހުނަސް އަދި ނުރުހުނަސް، އަނެއް އިންސާނާގެ އަޚެކެވެ. ފަހެ ހުރިހާ އިންސާނުންނަކީ އާދަމުގެ ދަރީންނެވެ.

މި ޗާޓަރގައި އިސްލާމީ އުންމަތުގެ ޢިލްމުވެރިން އެބޭކަލުންގެ ފިކުރު ބަޔާން ކުރައްވައެވެ. އެއީ ކުރިޔާ ޚިލާފަށް އިސްލާމީ ތާރީޚާއި އެންމެހާ ދީންތަކުގެ ތާރީޚުގައި ވެސް އެބޭކަލުންގެ އުންމަތަކީ ބާރުގަދަ، އުފާވެރި، މަޑުމައިތިރި އުންމަތަކަށްވެއްޖެ ކަމަށެވެ. އެކަން އެގޮތަށް ވީ މި ދެންނެވި ބައްދަލުވުމަށް އެއް ދީނަކަށް ގުޅިގެން އުޅުމަށް ޓަކައި ހުރިހާ ޖަމާޢަތްތަކާއި މަޒްހަބުތަކުން އެއްވެސް އިސްތިސްނާއެއް ނެތި މި ބައްދަލުވުމުގައި ބައިވެރިވުމުންނެވެ. އަދި މި ބައްދަލުވުމުގެ އެންމެ ޚާއްޞަ ކަމަކީ އެހެން ދީންތަކަށް އިހާނެތި ބަސް ރައްދުކުރާ ބަޔަކު މި ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ނެތުމެވެ. އެފަދަ މީހުންނަކީ ސިޔާސީ ހަނި ލަނޑުދަނޑިއަކަށް ޓަކައި ދީނަކީ ޢާލަމީ އެއްޗެއްގެ ގޮތުގައި އެބައިމީހުންގެ ޚާއްޞަ ޝިޢާރު ބޭނުންކުރުމެވެ. މި ޗާޓަރުގައި މި ދެންނެވި ބޮޑެތި ޢިލްމުވެރިން ހޯދައިދޭން އުޅުއްވާ އެއްޗަކީ އިސްލާމްދީނުގެ ޙަޤީޤަތް ސާފުކޮށް ބުނެދިނުމާ އެކު އެ ދީނަކީ ޢާލަމްތަކަށް އޮތް ރަޙްމަތެއްކަމުގެ ލަނޑުދަނޑި ހާމަކޮށްދިނުމެވެ. މިހެންވެ އިސްލާމީ ދައުލަތްތަކުގެ ޚާރީޖީ ވަޒީރުން އެބައިމީހުންގެ 47ވަނަ ބައްދަލުވުން ޖުމްހޫރިއްޔާ ނައިޖަރުގެ ވެރިރަށް ނަޔާމީގައި (1442ހ- 2020މ) ބޭއްވި އިރު އެ ބައްދަލުވުމުގައި މި ޗާޓަރަށް އިސްލާމީ ހުރިހާ ދައުލަތަކުން އެއްބަސްވެ، އެކަމަށް ތާއީދުކުރާ ކަމުގެ ޤަރާރެއް ނެރުމަށް ބާރުއެޅުމާ އެކު ވަޞިއްޔަތްކޮށްފައިވަނީ  އިސްލާމީ ދައުލަތްތަކުގެ ޘަޤާފީ، ތަޢުލީމީ، ދީނީ މުއައްސަސާތަކުން މި ޗާޓަރުގެ ފައިދާ ހާސިލުކުރުމަށެވެ. އަދި ހަމަ އެ ފަދައިން އިސްލާމުން ނޫން އެހެނިހެން ޖަމާޢަތްތަކުގެ ދީނީ ފިކުރީ މުއައްސަސާތަކުން ވެސް ބައްދަލުވުންތަކާ ނަދުވާތައް ބާއްވައި މި ޗާޓަރުގެ ޙަޤީޤަތާއި މުހިންމުކަން ހާމަކޮށްދިނުމަށް ގޮވާލާފައި ވެއެވެ.  މި ޗާޓަރުން ޢިސްލާމީ ޢިލްމުވެރިން ކަށަވަރުކޮށްދެއްވަނީ މި ޗާޓަރުގެ ސަބަބުން އިސްލާމީ އުންމަތުގެ ޝާނާއި ޝައުކަތަށް އުނިކަމެއް ނާންނާނެ ކަމެވެ. އަދި ދީނީ ކަންކަމުގައި ވާހަކަދެއްކުމުގައި އޭގެ މައްޗަށް ބިނާކޮށްގެން ވާހަކަ  ނުދެއްކުމަށާއި، އެޔާ ގުޅުވައިގެން ވާހަކަ ނުދެއްކުމަށާއި އޭގެ މައްޗަށް ބިނާކޮށްގެން ވާހަކަ ދައްކާނީ ކަމާގުޅުންހުރި މޮޅު ޢިލްމުވެރި މާހިރުންގެ ބައްދަލުވުންތަކާއި މި ޗާޓަރ އެކުލަވާލުމަށް މާތްވެގެންވާ މައްކާގައި  މި ބޭއްވި ފަދަ ކޮންފަރެންސްތަކުގައި އެޔާއި އިސްލާމީ ރިސާލަތާ ގުޅުވައިގެންނެވެ.

ޒަމާނީ އޮނިގަނޑަކަށް ފެތޭ ގޮތަށް މީގެ އަހަރުތަކެއް ކުރިންސުރެ އިސްލާމުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ކުރި މަސައްކަތެއްގެ ގޮތުން މާތްވެގެންވާ މައްކާގައި ހުންނަ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ރަސްމީ މަޤައްރުން މިކަން ކުރެވުނު ކަމަށް ވިޔަސް  އިސްވެ ދެންނެވުނު ރާބިޠާގެ ޢަމަލީ ގުޅުން އިސްލާމްދީނާ އެކު ވަނީ ފެށިފައެވެ.  އިސްލާމް ދީން ފެށުމާ އެކު އިސްލާމީ އެއްބައިވަންތަކަމުގެ ގުޅުން އުފެދިގެން ދިޔައެވެ. ނުވަތަ އިސްލާމީ އެއްބައިވަންތަކަމުގެ ރާބިޠާ އުފެދިގެން ދިޔައެވެ.  އެހެންކަމުން އެ ގުޅުން މިހާރު އެ ފެންނަނީ މިހާރުގެ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަންހަޖުގެ ގިއުގަނޑުގެ ތެރޭގައި ހަރަކާތްކުރާ ތަނެވެ. އެއީ މި ދެންނެވި އިސްލާމީވަންތަކަމުގެ މުޤައްދަސްކަމާއި ބަރަކާތްތެރިކަމުގެ ޝަރަފާއި މުޤައްދަސްކަން ދުނިޔޭގެ ކަންކޮޅުތަކަށް ފޯރަމުންދާނެ ގޮތަށެވެ.އެކަމުގެ ހެޔޮ ތައުފީޤު މާތް ﷲގެ ޙަޟްރަތުން އަޅަމެންނަށް ދެއްވާށިއެވެ.

  • ރާބިޠަތުލްޢާލިލްއިސްލާމީގެ ސެކްރެޓަރީ ޖެނެރަލް
  • މައްކާޗާޓަރ އެކުލަވާލި ކޮމެޓީގެ ޗެއަރމަން
  • މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާ
ޝެއަރކުރެއްވުމަށް