1941ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހަކީ ދުނިޔޭގެ އަސްކަރީ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. އެ ދުވަހަކީ، ޖަޕާނުން އެމެރިކާގެ ހަވާއީގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒަށް ހަމަލާދިން ދުވަހެވެ. އެއީ މީގެ 83 އަހަރު ކުރިއެވެ.
އެމެރިކާގެ ޕާލް ހާބަރގައި ގާއިމުކޮށްފައިވާ ނޭވަލް ބޭސް ފެންނަނީ، އެހެން ދުވަސްތަކެކޭ އެއްފަދައިން އާންމު ދުވަހެއްގެ ގޮތުގައެވެ. އެ މަރުކަޒުގައި ޑިޕްލޯއީކުރެވިފައި ތިބި ކަލާސީނުން، މެސްރޫމްތަކުގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔަ އިރު، އެއް ބަޔަކު ތިބީ ނިދާފައެވެ.
ޖަޕާނުން ކުރިއަށްގެންދިޔަ މި ހަމަލާގައި ދެ ގަޑިއިރުގެ ތެރޭގައި ޕާލް ހާބަރގައި ގާއިމުކޮށްފައިވާ ޕެސިފިކް ފްލީޓްގެ އެއަރބޭސް ފަނާކޮށްލިއެވެ. މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް އެ އަސްކަރީ މަރުކަޒަށް ލިބުނެވެ. އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ހަލާލުކޮށްލިއެވެ. އެ މަރުކަޒުގެ އެއަރފީލްޑްތައް ހަލާކުކޮށްލިއެވެ. އެމެރިކާގެ ދެހާހަށް ވުރެ ގިނަ މީހުން މަރުވިއެވެ.
މި ހަމަލާ ވެގެންދިޔައީ އެމެރިކާއަށާއި އަދި ދުނިޔެއަށް ސިހުން ގެނުވި، ދެވަނަ ބޮޑުހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމަށް މަޖުބޫރުކުރުވި އެއް ސަބަބު ކަމުގައެވެ. ދުނިޔޭގެ އަސްކަރީ ބާރުވެރިކަމަށް މި ހަމަލާގެ ސަބަބުން ބޮޑެތި އަސަރުތަކެއްކުރުވިއެވެ. ދުނިޔޭގެ ”ޕަވަރ އޮފް ބެލެންސް“ އަލުން ބައްޓަންކުރުމަށް މަގުފަހިކުރުވިއެވެ.
މި ހަމަލާއަށް ފަހު، ޖަޕާނާ ދެކޮޅަށް އެމެރިކާއިން ރަސްމީކޮށް ހަނގުރާމަ އިޢުލާންކުރިއެވެ. މުޅި ގައުމު އެކަތިގަނޑަކަށް ހަދައި، އެމެރިކާގެ ފުޅާ ސިނާއީ ބާރާއި އަސްކަރީ ބާރު އެއްކޮށްލިއެވެ. މި ހަމަލާއަށް ހަތަރު އަހަރު ވެގެންދިޔަ އިރު، ދުނިޔޭގެ އަސްކަރީ ބާރުވެރިކަން އޮތީ މުޅިން ބަދަލުވެގެން ގޮސްފައެވެ. ނަތީޖާއަކަށްވީ، އެމެރިކާއަށް އަމާޒުވި ހަނގުރާމައިގެ ތޫފާން އަނބުރާލައި، ޖަޕާން ފަނާކޮށްލުމެވެ. ޖަޕާނުގެ ހިރޯޝިމާއާއި ނަގަސާކީއަށް އެޓޮމް ބޮން އަޅައި، މުޅި ޖަޕާން ސުންނާފަތިކޮށްލުމެވެ. އެހެންކަމުން، އެމެރިކާގެ ޕާލް ހާބަރގެ ނޭވަލް ބޭސްއަށް ދިން ހަމަލާ ވެގެންދިޔައީ، އިންސާނީ ތާރީޚު ބަދަލުކޮށްލައި، ގައުމުތައް އަސްކަރީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ ބާރަކަށެވެ. އަދި ދުނިޔޭގައި އަސްކަރީ ގޮތުން ބާރުގަދަ ގައުމުތައް ސާބިތުކަމާ އެކު ފައިތިލަ ސާބިތުކޮށްލަން މެދުވެރިވި ހާދިސާއަށް ވެސް މެއެވެ. އެހެންކަމުން، އަސްކަރީ ނަޒަރަކުން މި ހަމަލާއަށް ބަލައިލުމަކީ، މުހިންމު ކަމެއްކަމުގައި ދެކެމެވެ.
1941ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހު އެމެރިކާގެ ޕާލް ހާބަރއަށް ދެވުނު ހަމަލާއަކީ، ކުޑަހިނދުކޮޅެއްގެ ތެރޭގައި ޖަޕާނުން ވަރަށް ރޭވުންތެރިކަމާ އެކު، އަސްކަރީ ކަނޑުގެ ބާރާއި އަދި ވައިގެ ބާރުގެ ބޭނުން ނުހަނު ފުރިހަމައަށް ހިފައިގެން ކުރިއަށްގެންދިޔަ ވަރުގަދަ އޮޕަރޭޝަނެކެވެ. އެ ދުވަހަކީ، އާދައިގެ މަތިން ޕާލް ހާބަރއަށް އަމާން އަދި ހަމަހިމޭން ދުވަހެއް ނަމަވެސް، މި ހަމަހިމޭންކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވީ، ގަޑިން ހެނދުނު 7:55 ހާއިރުއެވެ. އުނޑުމަތިން ފެންނަމުންދިޔަ ހިތްހަމަޖެހުން ގެއްލުވާލީ، އެއްފަހަރާ އުޑުމަތި ފުރާލި، އެތައް ސަތޭކަ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އަދި ބޮންއަޅާ ބޯޓުފަހަރުގެ އަޑާ އެކުއެވެ. މި މަންޒަރާ އެކު، ހަމަހިމޭން އުޑުމަތި އެއްކޮށް ބަނަވެގެންދިޔައެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަވާއީގެ ޕެސިފިކް ފްލީޓް ގާއިމުކޮށްފައިވާ، ނޭވަލް ބޭސްއަށް ބޮމުގެ ވާރޭ ވެހެންފެށިއެވެ. މި ހަމަލާ ވެގެންދިޔައީ، ފަހުގެ އަސްކަރީ ތާރީޚުގައި އެމެރިކާއަށް ކުރިމަތިވި ލަދުވެތި ކަމަކަށެވެ. އަދި މި ހަމަލާގެ ގެއްލުމާއި ބިރުވެރިކަމުން މުޅި އެމެރިކާ ސިއްސުވާލިއެވެ.
މުޅި އެމެރިކާ ހާސްކޮށްލި މި ހަމަލާއަކީ، ޖަޕާނުގެ ވައިގެ ސިފައިންގެ އިސް ކޮމާންޑަރެއްކަމަށްވާ، ވައިސް އެޑްމިރަލް ޗުއިޗީ ނަގޫމޯ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެކެވެ. ޖަޕާނުން މި ހަމަލާދީފައިވަނީ، ހަވާއީގެ އުތުރު ކަނޑުގެ ސަރަޙައްދުގައި އެއަރކްރާފްޓް ކެރިއަރއެއް ބާއްވައިގެންނެވެ. ޕާލް ހާބަރއަށް ހަމަލާދިނުމަށް ޖަޕާނުން، ކަނޑުމަގުން 6 މަނަވަރު ބޭނުންކުރިއެވެ. ވައިގެ މަގުން 353 އަސްކަރީ މަތިންދާ ބޯޓު ބޭނުންކޮށްފައި ވެއެވެ. ޖަޕާނުން ދިން މި ހަމަލާގެ އަމާޒަކީ، ޖަޕާނުން ޕެސިފިކް އަދި އިރުދެކުނު އޭޝިއާގައި ފަށާފައިވާ އަސްކަރީ ބާރުވެރިކަމަށް އެމެރިކާއިން ހުރަސް އެޅުމުގެ ކުރިން، އެމެރިކާގެ ޕެސިފިކް ފްލީޓް ބަލިކަށިކޮށްލައި ނައްތާލުމެވެ. ޖަޕާނުން، މި ހަމަލާ ރާވާފައި އޮތީ، ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. މި ގޮތުން ފުރަތަމަ މަރުހަލާގައި، ހަމަލާތައް އަމާޒުކޮށްފައި ވަނީ، އެ މަރުކަޒުގެ އެއަރފީލްޑްގެ އިތުރުން، ހަނގުރާމަމަތީ މަނަވަރުތަކަށެވެ. އަދި ދެވަނަ މަރުހަލާގެ ހަމަލާތައް އަމާޒުކޮށްފައި އޮތީ، ފުރަތަމަ މަރުހަލާގައި ނައްތާނުލެވުނު ހަނގުރާމަމަތީ މަނަވަރުތަކާއި އަދި އެ ބޭސްގެ އިންފްރާސްޓަކްޗަރއަށެވެ.
ޖަޕާނުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެތައް ގެއްލުންތަކެއް އެމެރިކާގެ އަސްކަރީ މަރުކަޒަށް ލިބުނެވެ. ޔޫއެސްއެސް އެރިޒޯނާ ހަނގުރާމަމަތީ މަނަވަރަށް 1700 ޕައުންޑްގެ ބޮމެއް އަމާޒުވެ، ބޮޑު ގޮވުމެއްގޮވިއެވެ. މި ގޮވުމުގެ ސަބަބުން، އެ މަނަވަރުގައި ތިބި އެއްހާސް އެއްސަތޭކަ ކަލާސީނުން ވަގުތުން މަރުވިއެވެ. މި ނުރައްކާތެރި ހަމަލާގެ ހަނދާނެއްގެ ގޮތުގައި، ހަދާފައިވާ ޔޫއެސްއެސް އެރިޒޯނާ މެމޯރިއަލް ބިނާކުރެވިފައިވަނީ، އެ މަނަވަރު އަޑިއަށްދިޔަ ތަނުގެ ފެންމަތީގައެވެ. މިއީ، ޕާލް ހާބަރއަށް ދެވުނު ހަމަލާގެ ނުރައްކާތެރިކަން މިއަދު ވެސް ރަމްޒުކޮށްދޭ ހަނދާނީ ބިނާއެކެވެ.
ޔޫއެސްއެސް އެރިޒޯނާއަށް އަމާޒުވި ވަރުގަދަ ހަމަލާއާ އެކު، އެ މަނަވަރު އަޑިއަށްދިޔަ އިރު، ކައިރީގައި އޮތް ޔޫއެސްއެސް އޮކްލަހޯމާ މަނަވަރަށް ޓޯޕީޑޯގެ ހަމަލާތައް އަމާޒުވެ ބަނޑުންޖަހާލައި، ގިނަ ސެއިލަރުންތަކެއް މަނަވަރުގެ އެތެރޭގައި ތާށިވިއެވެ. ޖަޕާނުގެ މި ނުރައްކާތެރި ކުއްލި ހަމަލާގައި، ޔޫއެސްއެސް ވެސްޓް ވާޖިނިއާއާއި ޔޫއެސްއެސް ކެލިފޯނިއާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޔޫއެސްއެސް ނެވާޑާ ހަނގުރާމަމަތީ މަނަވަރުގައި އަލިފާން ރޯވިއެވެ. މި މަނަވަރުގައި އަލިފާން ރޯވުމާ އެކު، ބަނދަރުން ނިކުމެ، ފިލަން މަސައްކަތްކޮށްފައި ވެއެވެ. އެހެން ނަމަވެސް، މަނަވަރަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން، އަޑިއަށްދާނެ ކަމުގެ ބިރަށް ފިލައިގެން ދެވޭގޮތެއް ނުވިއެވެ.
ޖަޕާނުން ދިން ކުއްލި ހަމަލާއާ އެކު، މުޅި އަސްކަރީ މަރުކަޒަށް ސިހުން ގެނުވި ނަމަވެސް، ރައްދު ހަމަލާދިނުމުގައި ސެއިލަރުން އާދަޔާޚިލާފު ހިތްވަރާ އެކު ރައްދު ހަމަލާދީފައިވެއެވެ. މި ގޮތުން، ގަނަރީ ތަމްރީން ލިބިފައި ނުވާ، ސެއިލަރެއްކަމަށްވާ މެސް އެޓެންޑެންޓް ޑޯރިސް، ޔޫއެސްއެސް ވެސްޓް ވާޖިނިއާގައި އެންޓި އެއަރކްރާފްޓް ބަޑިއެއް ބަހައްޓައިގެން، ޖަޕާނުގެ މަތިންދާބޯޓުތަކަށް، ވަޒަން ހުސްވަންދެން ހަމަލާދީފައި ވެއެވެ. މި ހިތްވަރުގަދަ އަމަލުގެ ސަބަބުން އޭނާއަށް ނޭވީ ކްރޮސް ލިބިފައި ވެއެވެ. ޖަޕާނުން ދޭން ފެށި ހަމަލާއާ އެކު، އެންމެންނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ އިރު، ޔޫއެސްއެސް ނެވާޑާއިން ރައްދު ހަމަލާދީ، އެ މަނަވަރު ސަލާމަތްކުރުމުގެ މަސައްކަތް ވެގެން ދިޔައީ، ގިނަ ބަޔަކަށް ލިބިގެންދިޔަ ހިތްވަރަކަށެވެ. މުޅި އަސްކަރީ މަރުކަޒުގައި ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އާންމުން ޒަޚަމްވި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައިވެއެވެ. ޖަޕާނުންދިން މި ވަރުގަދަ ހަމަލާގައި ދެގަޑިއިރު ތެރޭގައި 2403 މީހުން މަރުވެ، 1178 މީހުން ޒަޚަމްކޮށްލިއެވެ. އަދި 200 މަތިންދާބޯޓު ސުންނާފަތިކޮށްލިއެވެ. ޖަޕާނުން ޕާލް ހާބަރ ނޭވަލް ބޭސް ދޫކޮށްލީ، މުޅި ދުނިޔެއަށް އިމްޕީރިއަލް ޖަޕާނުގެ އަސްކަރީ ބާރުވެރިކަން ދެއްކުމަށް ފަހުއެވެ.
މި ހަމަލާއަށްފަހު، ޖެހިގެން އައި ދުވަސްކަމުގައިވާ، 1941 ޑިސެންބަރު 8ވަނަ ދުވަހު އެމެރިކާގެ އޭރުގެ ރައީސް، ފްރެންކްލިން ޑީ ރޫޒްވެލްޓް، އެމެރިކާގެ ކޮންގްރެސްއާ މުޚާޠަބުކުރައްވައި، ޑިސެންބަރު 7ވަނަ ދުވަހަކީ ބަދު ނަސީބު ދުވަހެއްގެ ގޮތުގައި ވަނީ ވިދާޅުވެފައެވެ. މި ތަޤުރީރަށް ފަހު މާގިނައިރުތަކެއް ނުވެ، އެމެރިކާއިން ޖަޕާނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރިއެވެ. އަދި ހަމަމިއާ އެކު، ޖަޕާނުގެ އެކުވެރިން ކަމަށްވާ ޖަރުމަނާއި އިޓަލީން އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރިއެވެ. މިކަން ވެގެންދިޔައީ، މުޅި ދުނިޔެ ދެވަނަ ބޮޑުހަނގުރާމައަށް ރަސްމީކޮށް ހުޅުވިގެން ދިއުން ކަމުގައެވެ. އެމެރިކާގެ ނޭވަލް ބޭސް، ޕާލް ހާބަރއަށް ޖަޕާނުން ދިން ހަމަލާއިން އެމެރިކާއަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔައެވެ. މި ގޮތުން، ޖަޕާނުގެ ވައިގެބާރުގެ ވަރުގަދަކަމާއި، އެމެރިކާއަށް ކުއްލިއަކަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވެވިފައި ނެތްކަމާއި އަދި އެ ގައުމުގެ އިންޓެލިޖެންސް ދާއިރާ ފެއިލްވެފައިވާ މިންވަރު ވަޒަންކޮށްދިނެވެ.
މި ހަމަލާއަކީ، ޖަޕާނުން ކުއްލިއަކަށް ދިން ހަމަލާއެއް ނޫނެވެ. މި ހަމަލާއަކީ، އެ ގައުމުން ވަރަށް ރަނގަޅަށް ތައްޔާރުވެ، އެ ކަމަށް އެތައް މަހެއް ހޭދަކޮށް، ޕްލޭންކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މިކަމަށް ބޭނުންވާ ތަމްރީން ހެދީ ސިއްރިޔާތުގައެވެ. މި ހަމަލާގައި އެމީހުން ބޭނުންކުރި، މަތިންދާ ބޯޓުތައްކަމަށްވާ، ނަކަޖިމާ ބީ5އެން ޓޯޕީޑޯ ބޮން އަޅާ ބޯޓުތަކާއި އަދި ”މިޓްސުބިޝީ އޭ6އެމް “ޒީރޯ” މަތިންދާބޯޓުތަކުން އެމީހުންގެ ހަނގުރާމައިގެ ހުނަރާއި އުކުޅުތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައި ވެއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ، އެމެރިކާގެ ރާޑަރ ސިސްޓަމްތަކަށް ނޭންގި، ޖަޕާނުން އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެ، ހަމަލާދިނީ ކިހިނަކުން ހެއްޔެވެ. މިކަމަށް ނަޒަރު ހިނގާލާ އިރު، އެމެރިކާގެ ރާޑަރު ސްޓޭޝަންތަކުން އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ބޯޓުތައް ޑިޓެކްޓްކުރެވިފައި ވެއެވެ. އެހެން ނަމަވެސް، އެ އިންޒާރު ބާތިލުކުރީ އެ ބޯޓުތަކަކީ، ކެލިފޯނިއާއިން ފުރައިގެން އެ، އެއަރބޭސްއަށް އަންނަ ބީ17 ބޮން އަޅާ މަތިންދާބޯޓުފަހަރުކަމަށް ހީކޮށް، ކުރެވުނު ކުށް ހީއެއްގެ ތެރެއިންނެވެ. މި ހަމަލާގެ ސަބަބުން، ނޭވަލް ބޭސްތަކުގައި ގާއިމުކޮށްފައިވާ ނޭވަލް ފްލީޓްތަކުގެ ނާޒުކުކަން ތަސައްވުރު ކުރެވިގެންދިޔައެވެ. މަތިންދާ ބޯޓު އުފުލާ މަނަވަރުތަކުގެ މުހިންމުކަން އަންދާޒާކުރެވިގެން ދިޔައެވެ. އެމެރިކާގެ ނޭވަލް ސްޓެރެޓެޖީއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވިއެވެ.
އެމެރިކާގެ ޕާލް ހާބަރއަށް ދެވުނު ވަރުގަދަ ހަމަލާއިން، އެމެރިކާ ބަދަލުކޮށްލިކަމީ އެއްވެސް ސުވާލެއް އުފެދޭ ކަމެއްނޫނެވެ. މި ހަމަލާގެ ސަބަބުން އެމެރިކާގެ އާންމުންގެ ކިބައިން ދުވަހަކު ވެސް ނުފެންނަ އެއްބައިވަންތަކަމާއި ގައުމީ ޖޯޝް ފެންނަން ފެށިއެވެ. ނަތީޖާއަކަށްވީ، އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކުރުމުގެ ގައުމީ މަސައްކަތްތައް ފެށިގެން ދިއުމެވެ. ރައްޔިތުންގެ މެދުގައި އޮތް އެކަހެރިކަން ނިމުމަކަށް ގެނެސް، އަސްކަރީ އަދި ސިނާއީ މަސައްކަތްތައް ކުރިއެރުވުމުގެ މަސައްކަތް މުޅި އެމެރިކާގައި ފެށިގެން ދިޔައެވެ.
ސިފައިންނާއި އަދި އާންމު ރައްޔިތުން ވެސް، އެއް ރޫހަކާއި އެއް އަޒުމެއްގައި ގައުމީ މަސްލަހަތު އިސްކުރިއެވެ. ގިނަ އަދަދެއްގެ ޒުވާނުން ގައުމަށް ޓަކައި އަސްކަރިއްޔާއަށް ފައުޖުފައުޖަށް ގުޅިފައި ވެއެވެ. އެމެރިކާގެ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ އާލާތްތައް އުފެއްދުމުގެ މަސައްކަތަށް އަންހެނުން ނިކުންނަން ފެށިއެވެ. މި ގޮތުން، ފެކްޓްރީތަކާއި، ޝިޕްޔާޑްތަކާއި، އަދި އަސްކަރީ އެކިއެކި ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން ވެގެންދިޔައީ، އަސްކަރީ އުފެއްދުންތެރިކަމުގެ މައިބަދަކަމުގައެވެ.
ޖަޕާނުން ޕާލް ހާބަރއަށް ދިން ހަމަލާއަކީ ވަރަށް ކާމިޔާބު ހަމަލާއެކެވެ. އެހެން ނަމަވެސް، މި ކާމިޔާބީ މާގިނަ ދުވަހަކަށް ދެމިގެން ނުދިޔައެވެ. ހަވާއީގެ ޕާލް ހާބަރއަށް ވަރުގަދަ ހަމަލާތަކެއް ދިން ޖަޕާނުުގެ ހިރޮޝިމާއާއި ނާގަސާކީއަށް 1945ވަނަ އަހަރު އެމެރިކާއިން ދިން ފަނާކުރަނިވި އެޓޮމިކް ބޮމުގެ ހަމަލާއާ އެކު އެމެރިކާއިން ޖަޕާނުގެ ބާރު އެއްކޮށް ސުންނާފަތިކޮށްލިއެވެ.
ޕާލް ހާބަރ ކޮޅަށް ހުރީ ގަބުރެއްގެ ގޮތުގައާއި ކްލާސްރޫމެއްގެ ގޮތުގައެވެ. އެ ތަނަކީ، ޚިދުމަތުން ރިޓަޔަރކޮށްފައިވާ ސިފައިންނާއި، ދަރިވަރުންނާއި އަދި ފަތުރުވެރިން މިއަދު، އިޙްތިރާމް އަދާކުރުމުގެ ގޮތުން ޒިޔާރަތްކުރާ ހަނދާނީ ބިނާއެކެވެ.
އަސްކަރިއްޔާއަށް ޕާލް ހާބަރއަކީ ހަމައެކަނި ހަނދާނީ ބިނާއެއް ނޫނެވެ. އެ ބިނާ ހަނދާންކޮށްދެނީ، އަބަދުވެސް ދުޝްމަނުންނަށް ފާރަވެރިވެ ތިބުމަށެވެ. ހަމަޖެހުމާއި މިނިވަންކަން ކޮންމެ ހިނދަކު ވެސް ގެއްލިގެން ހިނގައިދާނެ ކަމެވެ. ހަމަލާއެއް އަތުވެދާނެ ކަމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބެންޖެހޭ ކަމެވެ. އަދި 1941ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހުގެ ހެނދުނެކޭ އެއްފަދައިން މިއަދު ވެސް، ހުރިހާ ރައްޔިތުން އެއް ރޫހަކާއި އެއް ޖޯޝެއްގައި ގައުމަށް ޓަކައި މަސައްކަތްކުރަންޖެހޭ ކަމެކެވެ.
އަސްކަރީ ނަޒަރަކުން ބަލާ އިރު، ޕާލް ހާބަރއަކީ ހަމައެކަނި، ބަޔަކު ދިން ހަމަލާއެއް ނޫނެވެ. މި ހަމަލާ އަކީ، މުޅި ދުނިޔޭގެ އާރާއި ބާރު ބަދަލުކޮށްލި، އަސްކަރީ ސްޓެރެޓެޖީތައް އަލުން ބައްޓަންކުރުމަށް މަޖުބޫރުކުރުވި ސަބަބެއް ވެސް މެއެވެ. މި ހަމަލާއިން، ކުދި ގައުމުތަކެކޭ އެއްފަދައިން ބާރުގަދަ ގައުމުތަކަށް ވެސް، އަސްކަރީ ޤާބިލުކަން އިތުރުކޮށް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ދައްކުވައިދިނެވެ. އެ ހާދިސާއަށް މިހާރު 83 އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު، އެ ދުވަހުގެ އެ ގޮވުމުގެ އަޑުތައް އެމެރިކާގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދެއެވެ.
މި ހަމަލާއިން މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ، ބާރުގަދަ ގައުމުތަކަށް ވެސް ދެ އަތް އުރާލައިގެން ނުތިބެވޭނެ ކަމެވެ. މި ހަމަލާއިން ދުނިޔެ ހަނގުރާމައިގެ މުޅިން އައު ޒަމާނަކަށް ހުޅުވިގެންދިޔަ އިރު، ކިތަންމެ ވަރުގަދަ އަސްކަރީ ބާރުވެރިކަމެއް ލިބިފައި ވީނަމަވެސް، ހަނގުރާމައިގެ ކާމިޔާބީ ބިނާ ވަނީ، ނިންމާ ރަނގަޅު ނިންމުންތަކުގެ މައްޗަށްކަން ސާބިތުކޮށްދިނެވެ. މި ހަމަލާގެ ސަބަބުން އެމެރިކާގައި އުފެދިފައިވާ ސިޔާސީ އަދި އިޖުތިމާއީ ބައިބައިވުންތައް ނިމުމަކަށް ގެނެސް، މުޅި ގައުމު، ގައުމީ ރޫހާއި ޖޯޝާ އެކު އަލުން އެއްކުރުވިއެވެ.
އެހެންނަމަވެސް، ޖަޕާނަށް މި ހަމަލާ ވެގެންދިޔައީ، ތާރީޚުގައި ވެސް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން މެދުވެރި އެއް ސަބަބު ކަމުގައެވެ. ޖަޕާނުގެ ސިޓީތައް ހަލާކުވެ، ރައްޔިތުން ތަސައްވަރު ނުކުރެވޭ ފަދަ ވޭނާއި ތަކުލީފުތައް ތަހައްމަލު ކުރިއެވެ. އެހެން ނަމަވެސް، މި ހުރިހާ ކަމެއް މާޒީއަށް ދޫކޮށް، ޖަޕާނުން އެ ގައުމު ބިނާކުރީ ސުލްހަވެރި އަދި ހަރުދަނާ ޑިމޮކްރަސީއެއްގެ ނަމޫނާ މުޅި ދުނިޔެއަށް ދައްކުވަމުންނެވެ. ޕާލް ހާބަރގެ ހަމަލާ ދުނިޔޭގެ ތާރީޚުން ފެންނާން އޮތީ ހަމައެކަނި މުސީބާތެއްގެ ގޮތުގައެއް ނޫނެވެ. މި ހަމަލާއިން މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ، ހަނގުރާމައިގެ ބިރުވެރިކަމާއި، ދުޝްމަނުންގެ ހަމަލާތަކަށް އަބަދުވެސް ހުޝިޔާރުވެ ތިބުމަށާއި އަދި ދިގު ދެމިގެންދާ ބާރެއްގެ ގޮތުގައި ދެމިއޮތުމަށް އަސްކަރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމު ކަމެވެ.
މިނިވަންކަމަކީ، ފާރަވެރިވާންޖެހޭ ކަމެކެވެ. އަދި މިނިވަންކަމަކީ، އަގުއަދާނުކުރެވޭ ފަދަ ނިއުމަތެއްކަން މިފަދަ އަސްކަރީ ހާދިސާތައް އަބަދުވެސް ހަނދާންކޮށްދެއެވެ.
ރިފަރެންސް:
- ޔޫއެސް ނޭވަލް ހިސްޓްރީ އެންޑް ހެރިޓޭޖް 1941
- އަންޓޯލްޑް ސްޓޯރީސް އޮފް ޕާލް ހާބަރ 1981
- ރޫސްވެލްޓް، ކޮންގްރެސް ތަޤްރީރު 1941
- އަންޓޯލްޑް ސްޓޯރީ އޮފް ބެޓަލް މިޑްވޭ، 2005
