ފިނިހަނގުރާމައަކީ، ދެ ސްޕަރޕަވަރުންގެ މެދުގައި ހިނގި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ދުވަސްވަރަށް ނިސްބަތްކުރާ ފިކުރީ، ސިޔާސީ، އަދި އަސްކަރީ ވާދަވެރި ރޭހެކެވެ. މި ހަނގުރާމައަކީ، އެހެނިހެން ހަނގުރާމަތައް ފަދައިން ދެ ސްޕަރޕަވަރުން ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސްގެން ކުރި ހަނގުރާމައެއް ނޫނެވެ.
ފިކުރީ ބައިބައިވުން
ފިނިހަނގުރާމައަކީ، ކެޕިޓަލިޒަމާއި، ޑިމޮކްރެޓިކް ފިކުރު އޮތް އެމެރިކާއާއި، ކޮމިއުނިޒަމާއި އޮތޯރިޓޭރިއަން ފިކުރު ގެންގުޅުނު ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ދުނިޔޭގެ ކޯޅުންތަކެކެވެ.
މި ވާދަވެރިކަމުގައި މުޅި ދުނިޔޭގެ ބާރުތައް ދެ ބްލޮކަކަށް ބެހިގެން ދިޔައެވެ. އެމެރިކާ އިސްވެ އޮވެ ހުޅަނގު ބްލޮކް ކޮންޓްރޯލްކުރި އިރު، ސޯވިއެޓުން އިރުމަތީ ބްލޮކް ކޮންޓްރޯލްކުރިއެވެ. ހުޅަނގު ބްލޮކުގައި ހިމެނުނީ ކެޕިޓަލިޒަމާއި ޑިމޮކްރަސީއަށް ތާއީދުކުރާ ގައުމުތަކާއި، 1949ވަނަ އަހަރު އުފެއްދި ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) އަށް ނިސްބަތްވާ ގައުމުތަކެވެ.
އިރުމަތީ ބްލޮކްގައި ހިމެނުނީ ސޯވިއެޓް ޔޫނިއަންއާއި އެ ގައުމުގެ ކޮމިއުނިސްޓް ސެޓެލައިޓް ދައުލަތްތަކެވެ. (ސެޓެލައިޓް ސްޓޭޓް ކަމުގައި މުޚާތަބުކުރަނީ ރަސްމީކޮށް މިނިވަން ދައުލަތެއް ނަމަވެސް ސޯވިއެޓުން ކޮންޓްރޯލް ކުރާ ދައުލަތްތަކަށެވެ.) އެ ބްލޮކްގައި އުފެދުނު އަސްކަރީ އިއްތިހާދަކީ، ވަރސޯ ޕެކްޓެވެ. ވަރސޯ ޕެކްޓަކީ ނޭޓޯއާ ދެކޮޅަށް ސޯވިއެޓް ޔޫނިއަންއާއި އެ ޔޫނިއަންގެ އިރުމަތީ ޔޫރަޕްގެ ސެޓެލައިޓް ދައުލަތްތަކުން 1955ވަނަ އަހަރު އުފެއްދި އަސްކަރީ އިއްތިހާދެކެވެ.
ދެ ސްޕަރޕަވަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ރޭހާއި، އެހެން ގައުމުތަކަށް ހަތިޔާރާއި އެހީތެރިކަން ދީގެން ކުރެވުނު ޕްރޮކްސީ ހަނގުރާމަތަކާއި، ފިކުރީ ވާދަވެރިކަމާއި، ޖާސޫސީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެގެން ދިޔައެވެ. މި ލިޔުމުގައި މި ބަލާލަނީ، ފިނިހަނގުރާމައިގައި އެ ވާދަވެރިކަން އޮތް ގޮތާއި، އެ ވާދަވެރިކަމުގައި ސޯވިއެޓް ޔޫނިއަން ރޫޅި، ދުނިޔޭގެ އެއް ސްޕަރޕަވަރު ނިމިގެން ދިޔަ ގޮތުގެ މައްޗަށެވެ.
ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަން
ފިނިހަނގުރާމައިގެ ހަތިޔާރު ރޭހަކީ އެމެރިކާއާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ކުރިއަށް ދިޔަ ވާދަވެރި އަސްކަރީ ”ބިލްޑްއަޕް“ (ފުޅާކުރުން) އެކެވެ. އެގޮތުން، އެ ވާދަވެރިކަމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި، ބެލިސްޓިކް މިސައިލް ފަދަ ޑެލިވަރީ ސިސްޓަމްތައް ތަރައްގީކޮށް ފުޅާ ދާއިރާއެއްގައި ސްޓޮކްކުރުން ކުރިއަށް ގެންދިޔައެވެ. އަދި، މި ހަތިޔާރުގެ ރޭހުގެ ސަބަބުން ދުވަހެއްދުވަހަކަށް ވަރުގަދަ ނިއުކްލިއަރ ވޯހެޑްތަކާއި ޑެލިވަރީ ސިސްޓަމްތައް އުފައްދަމުން ދިޔައެވެ. އެގޮތުން، ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން އުފެއްދި އެޓޮމިކް ބޮމަށް ފަހު، ފުރަތަމަ ފަހަރަށް, ސޯވިއެޓް ޔޫނިއަނުން 1949ވަނަ އަހަރު އަމިއްލައަށް އެޓޮމިކް ބޮމެއް އުފެއްދިއެވެ. އޭގެފަހުން ހަތިޔާރު އުފެއްދުމުގެ ރޭސް ދެ ބާރުގެ ދެމެދުގައި ވަރަށް ބޮޑަށް ވަރުގަދަވެ ފުޅާވެގެން ދިޔައެވެ. އެ ވާދަވެރިކަމުގައި އެމެރިކާއިން ހައިޑްރޯޖަން ބޮން ފަދަ ވަރުގަދަ ހަތިޔާރުތައް އުފައްދަން ފެށިއެވެ. އޭގެ ފަހަތުން، ސޯވިއެޓުން ވެސް އެފަދަ އެއްވަރުގެ ހަތިޔާރުތައް އުފައްދަން ފެށިއެވެ. މި ވާދަވެރިކަމުގެ ސަބަބުން، ނިއުކްލިއާ ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުންތަކެއް ލިބެން ފެށިއެވެ. ދެ ފަރާތުން ވެސް މަސައްކަތްކުރަމުން ދިޔައީ ދުވަހެއްދުވަހަކަށް ނިއުކްލިއާ ވޯހެޑްތައް އުފައްދައި އޭގެ ތަޖުރިބާތައް ކޮށް، އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު އަސްކަރީގޮތުން މޮޅުވުމަށެވެ. މިގޮތުން، ހަތިޔާރު އުފެއްދުން ފުޅާވެގެން ދިޔަ މިންވަރަކީ، ދެ ފަރާތަށް ވެސް އެއް ބަޔަކު އަނެއް ބަޔަކު މުޅިން ނައްތާލުމުގެ ނުރައްކާތެރި ގާބިލުކަން ލިބިގެން ދިޔުމެވެ.
ޕްރޮކްސީ ހަނގުރާމަތައް
ފިނިހަނގުރާމައިގެ ތެރޭގައި ވުޖޫދުވެގެން އައި، ޕްރޮކްސީ ހަނގުރާމަތަކަކީ އެމެރިކާއާއި ސޯވިއެޓް ޔޫނިއަނުން އެއް ބަޔަކު އަނެއް ބަޔަކާ ސީދާ ހަނގުރާމައަށް ނިކުތުމުގެ ބަދަލުގައި، އެހެން ގައުމުތަކުގެ އިދިކޮޅު ފެކްޝަންތަކަށް ތާއީދުކޮށް، އެހީތެރިވެދީގެން ”ހިންގުވި“ ހަނގުރާމަތަކެކެވެ. މި ސްޓްރެޓެޖީގެ ސަބަބުން ސީދާގޮތުން ނިއުކްލިއަރ ނުރައްކަލާ ކުރިމަތިލާން ނުޖެހި، ދެ ސުޕަރޕަވަރަށް ވެސް ދުނިޔޭގެ ސިޔާސީ މައިދާނުގައި އެ ބައެއްގެ ނުފޫޒާއި ފިކުރުތައް ފުޅާކުރުމުގެ ފުރުސަތު ލިބުނެވެ. މިގޮތުން، ކޮރެއާއާއި ވިއެޓްނާމް ހަނގުރާމަ ފަދަ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކާއި، އޭޝިއާ، އެފްރިކާ، އަދި ލެޓިން އެމެރިކާ ސަރަހައްދުތަކުގައި ހިނގި އެފަދަ ހަނގުރާމަތަކަށް، އެމެރިކާއާއި ސޯވިއެޓުން ވަނީ މާލީގޮތުންނާއި، އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް ހަނގުރާމައަކީ، ކޮރެއާ ހަނގުރާމަ (1953-1950)އެވެ. މި ހަނގުރާމައިގައި، ސޯވިއެޓް ޔޫނިއަންއާއި ޗައިނާގެ ތާއީދު އޮތީ އުތުރު ކޮރެއާއަށެވެ. އަދި، ދެކުނު ކޮރެއާއަށް ތާއީދުކުރަމުން ދިޔައީ އެމެރިކާއާއި ޔޫއެންގެ ސިފައިންނެވެ.
އެފަދަ އަނެއް ހަނގުރާމައަކީ ވިއެޓްނާމް ހަނގުރާމަ (1955-1975)އެވެ. މި ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަންއާއި، ޗައިނާއިން ތާއީދުކުރީ ކޮމިއުނިސްޓް އުތުރު ވިއެޓްނާމަށެވެ. އަދި، އެމެރިކާއިން ދެކުނު ވިއެޓްނާމް ސަރުކާރަށް ތާއީދުކުރިއެވެ.
ފިނިހަނގުރާމައިގެ ދުވަސްވަރު ހިނގި ސޯވިއެޓް-އަފްޣާން ހަނގުރާމަ (1979-1989)އަކީ ވެސް ފާހަގަކޮށްލެވޭ ހަނގުރާމައެކެވެ. މި ހަނގުރާމަ ހިނގީ ސޯވިއެޓް ޔޫނިއަނުން އަފްޣާނިސްތާނަށް އަރައިގަތުމާ ގުޅިގެންނެވެ. މި ހަނގުރާމައިގައި، އެމެރިކާއިން އަފްޣާނިސްތާނުގެ މުޖާހިދީންނަށް ތާއީދުކުރިއެވެ. އަފްޣާނުގައި އުފެދުނު ތާލިބާނުންނާއި މަޝްހޫރުވި ބައެއް އެފަދަ ޖަމާޢަތްތަކަކީ އެމެރިކާއިން ފަންޑުކޮށްގެން އެ ދުވަސްވަރު ބާރުގަދަކުރި ބައެއް ޖަމާޢަތްތަކެވެ.
އޭގެ އިތުރުން، އެ ދުވަސްވަރު އެފްރިކާގައި ހިނގި ހަމަނުޖެހުންތަކަށް ކޮންމެވެސް ވަރަކަށް ކަޅިއެއް އެއްލަން ޖެހޭކަމުގައި ދެކެމެވެ. އޭގެ ތެރޭގައި، ސޯވިއެޓް ޔޫނިއަންއާއި ކިއުބާއިން އިސްވެ، ސޯމާލިއާއާއި އިތިއޮޕިއާއާ ދެމެދު ހިނގި އޮގަޑެން ހަނގުރާމަ ފަދަ ހަމަނުޖެހުންތަކަށް ވަދެގަނެ، ބޮޑެތި ލޭއޮހޮރުވުންތައް ހިންގާފައިވެއެވެ.
ހަމައެހެންމެ، ލެޓިން އެމެރިކާގައި ކޮމިއުނިޒަމް ފެތުރުން ހުއްޓުވުމަށް ޓަކައި އެމެރިކާއިން ނިކަރާގުއާ (ސެންޓްރަލް އެމެރިކާގެ ގައުމެއް)އާއި ކިއުބާ ފަދަ ގައުމުތަކުގެ ވެރިކަމަށް ތާއީދުކޮށް، އެ ގައުމުތަކުގައި އޮތް ކޮމިޔުނިސްޓް ޖަމާޢަތްތަކާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގާފައިވެއެވެ.
ފިނިހަނގުރާމައިގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުން އިތުރުވުމާއި، އަސްކަރީ މަރުކަޒުތައް އިތުރުވަމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާތެރިކަން ބޮޑުވިއެވެ. ޕްރޮކްސީ ހަނގުރާމަތަކުގެ ސަބަބުން ވިއެޓްނާމް، އެންގޯލާ އަދި އަފްޣާނިސްތާން ފަދަ ސަރަހައްދުތައް ހަލާކުވެ، އެތައް މިލިއަން ބަޔަކު މަރުވެ، ދިގު މުއްދަތަކަށް ހަމަނުޖެހުން ކުރިމަތިވިއެވެ.
ޖައްވީ ވާދަވެރިކަން
ފިނިހަނގުރާމައިގެ ޖައްވީ ރޭހަކީ ފިނިހަނގުރާމައިގެ ވާދަވެރިކަމާއި ނިއުކްލިއާ ހަތިޔާރުގެ ރޭހުގެ ސަބަބުން ޖައްވީ އުދުހުމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމަށް އެމެރިކާއާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު 20ވަނަ ގަރުނުގައި އުފެދުނު ވާދަވެރި ރޭހެކެވެ. މި ވާދަވެރިކަމުގައި، 1957ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ސެޓެލައިޓެއް (ސްޕަޓްނިކް) ޖައްވަށް ފޮނުވިއެވެ. އަދި، 1969ވަނަ އަހަރު އެމެރިކާގެ އެޕޯލޯ 11 މިޝަނުން ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ފޮނުވިއެވެ. މި ރޭހުގައި ސެޓެލައިޓްތަކާއި، އިންސާނުން ނުލައި ރިސާޗްކުރުމަށް ޖައްވަށް ފޮނުވާ ސްޕޭސް ޕްރޯބާއި، އިންސާނުންގެ ޖައްވީ ދަތުރުތައް ހިމެނޭ ގޮތަށް ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. މިއަދު ވެސް ފެންނަމުންދާ ޓެކްނޮލޮޖީގެ އެފަދަ ބައެއް ކުރިއެރުންތަކަކީ، ދެ ސުޕަރޕަވަރުންގެ މެދުގައި ހިނގި ފިކުރީ އަދި ސިޔާސީ ވާދަވެރިކަމުގެ ބޮޑު ރަމްޒެއް ގޮތުގައި ފާހަގަވެގެން ދެއެވެ.
މާޝަލް ޕްލޭން
ކޮމިއުނިޒަމާ ދެކޮޅު ވިސްނުމުގައި، އެމެރިކާއިން 1948ވަނަ އަހަރު މާޝަލް ޕްލޭން ތަންފީޒުކުރަން ފެށިއެވެ. މާޝަލް ޕްލޭނަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ހުޅަނގު ޔޫރަޕަށް އިގުތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ހިންގި ޕްލޭނެކެވެ. އެ ޕްލޭނަކީ ހަނގުރާމައިގެ ސަބަބުން އެ ގައުމުތަކުގައި ފަނާވެގެންދިޔަ އިންފްރާސްޓްރަކްޗަރތައް އަލުން ބިނާކުރުމާއި، ސިނާއަތްތައް ޒަމާނީކުރުމާއި، ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ފިނިހަނގުރާމައިގެ ކުރީކޮޅު އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބަޔަކަށް ވެގެން ދިޔައެވެ. ސަބަބަކީ، މި ޕްރޮގްރާމްގެ ސަބަބުން، އެމެރިކާއާ އެކުވެރި ޑިމޮކްރެޓިކް ގައުމުތަކެއް އުފެއްދި، އެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވައި، އިތުބާރު ހުރި ވިޔަފާރީގެ ބައިވެރިން އުފެއްދުމުގެ އިތުރުން، ގައުމުތަކުގައި ކޮމިއުނިޒަމް ފިކުރު ފެތުރުން ހުއްޓުވުމަށް ފުރުޞަތު ލިބިގެން ދިޔުމެވެ.
ކޮމެކޮން
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ހުޅަނގު ޔޫރަޕް އަލުން ބިނާކުރުމަށާއި، ކޮމިއުނިޒަމް ފެތުރުން ހުއްޓުވުމަށް އެމެރިކާއިން އެކުލަވާލި މާޝަލް ޕްލޭނާ ދެކޮޅަށް ސޯވިއެޓް ޔޫނިއަނުން އުފެއްދީ ކައުންސިލް ފޯ މިއުޗުއަލް އިކޮނޮމިކް އެސިސްޓެންސް (ކޮމެކޮން)އެވެ. އޭގެ މަގުސަދަކަށްވީ، ސޯވިއެޓުންގެ ކޮންޓްރޯލްގެ ދަށުގައިވާ އިރުމަތީ ޔޫރަޕްގެ ކޮމިއުނިސްޓް ގައުމުތަކަށް ވަކި އިގުތިސާދީ ބްލޮކެއް ގާއިމުކޮށްދީ، ސޯޝަލިސްޓް ދައުލަތްތަކުގެ މެދުގައި ވިޔަފާރިއާއި އެއްބާރުލުމުގެ އަމިއްލަ ނެޓްވޯކެއް އުފެއްދުމެވެ. އެގޮތުން، އިރުމަތީ ޔޫރަޕްގެ ކޮމިއުނިސްޓް ގައުމުތަކުގެ މެދުގައި އިގުތިސާދީ އެއްބާރުލުމާއި ކޯޑިނޭޝަން ފަހިކޮށްދީ، ސޯވިއެޓް ލީޑަޝިޕްގެ ދަށުގައި ތިބެގެން ވިޔަފާރިކުރުމާއި ވަސީލަތްތައް ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ.
ޓެކްނޮލޮޖީއާއި ސައިންސްގެ ކުރިއެރުން
ފިނިހަނގުރާމައިގެ ސަބަބުން ޓެކްނޮލޮޖީއާއި ސައިންޓިފިކް ކުރިއެރުންތަކަށް ދުނިޔޭގެ ފެންވަރުގައި ކުރި އަސަރުތައް އިންތިހާއަށް ބޮޑުވެ، އެމެރިކާއާއި ސޯވިއެޓް ވާދަވެރިކަމުގެ ސަބަބުން ޖައްވީ ހޯދުންތަކާއި ކޮމްޕިއުޓިން އަދި ނިއުކްލިއާ ޓެކްނޮލޮޖީގެ އިތުރުން ޓެލެކޮމިއުނިކޭޝަން އަދި މެޓީރިއަލްސް ސައިންސް ފަދަ އެހެން ދާއިރާތަކުން އާ އުފެއްދުންތަކެއް ވުޖޫދުވެގެން އައެވެ. ޖީޕީއެސް، އިންޓަރނެޓް (އާރްޕަނެޓް) އަދި ސެޓެލައިޓް ކޮމިއުނިކޭޝަން ފަދަ ޓެކްނޮލޮޖީތަކަކީ ފިނިހަނގުރާމައިގެ ވާދަވެރިކަމުގައި، އެ ދުވަސްވަރު ވުޖޫދުވެގެން އައި ކުރިއެރުންތަކެވެ.
ސޯވިއެޓުން ރޫޅި ފިނިހަނގުރާމަ ނިމުން
ސޯވިއެޓް ޔޫނިއަން، ރަސްމީކޮށް ރޫޅުނުކަން އިޢުލާނުކުރީ، 1991 ޑިސެންބަރު 26ގައެވެ. އެ ޔޫނިއަން ރޫޅިގެން ދިޔުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދިގު މުއްދަތެއް ވާންދެން އެ ޔޫނިއަން ހިންގަމުން ދިޔަ އޮނިގަނޑުގެ ހުރި ބަލިކަށިކަމާއި، އެ ޔޫނިއަންގެ އެތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަން ހިމެނެއެވެ. 1922ވަނަ އަހަރުން ފެށިގެން ދުނިޔޭގައި އޮތް އެއް ސްޕަރޕަވަރު ރޫޅުމާ އެކު، އެ ޔޫނިއަންގެ ދަށުން 15 ޖުމްހޫރިއްޔާއެއް މިނިވަންވިއެވެ. އަދި، ރަޝިޔާ ފެޑެރޭޝަން އުފެދުނެވެ.
1. އިގުތިސާދީ ދަތިކަމާއި ނާޤާބިލުކަން
ކާބޯތަކެއްޗާއި ދުވަހުންދުވަހަށް ބޭނުންވާ ކޮންސިއުމަރ ގުޑްސް އުފެއްދުމަށް ސަމާލުކަން ނުދީ، އެ ޔޫނިއަނުން އިސްކަން ދިނީ ބޮޑެތި ސިނާޢަތްތަކާއި އަސްކަރީ އުފެއްދުންތަކަށެވެ. އޭގެ ސަބަބުން މަރުކަޒީ ގޮތުން އިގުތިސާދު ދެމެހެއްޓުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ދިގުލައިގެން ގޮސް، އެތައް ދާއިރާއަކުން ފަހަތަށް ދާން ފެށިއެވެ. އަދި، 1980ގެ އަހަރުތަކުގެ ތެރޭގައި އިގުތިސާދީ ކުރިއެރުން ހުއްޓި، އިންފްލޭޝަން މައްޗަށް ގޮސް، ޖުމްހޫރިއްޔާތަކުން އެ ފަރާތްތަކުގެ އަމިއްލަ ވަސީލަތްތައް ކޮންޓްރޯލްކުރަން ފެށުމުން ޔޫނިއަންގެ އެތެރޭގައި ކަޅުބާޒާރުތައް ކުރިއަރައިގެން ދިޔައެވެ. ނަތީޖާއަކަށް ވީ ޔޫނިއަންގެ އިގުތިސާދީ ނިޒާމުން، ހުޅަނގުގެ މާކެޓާ ވާދަ ނުކުރެވި އިގުތިސާދު ބަލިކަށިވެ، އާންމުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުންތައް އިތުރަށް ބޮޑުވުމެވެ.
2. އަސްކަރީ އަދި ދިފާޢީ ޚަރަދުބޮޑުވުން
ފިނިހަނގުރާމައިގެ ހަތިޔާރުގެ ރޭހުގެ ސަބަބުން، ސޯވިއެޓް ޔޫނިއަންގެ ޖީޑީޕީގެ 25 އިންސައްތައާ ހަމައަށް ޚަރަދުކުރީ ދިފާޢީ ދާއިރާއަށެވެ. އިޖުތިމާއީ ރައްކާތެރިކަމަށް ނުވަތަ އިގުތިސާދީ އިސްލާހަށް ބެލުމެއް ނެތި މި ”ގަންސް އޯވަރ ބަޓަރ“ ގެ އުސޫލުން ޚަރަދުތައް ކުރަމުން ދިޔަ އިރު، ރައްޔިތުންގެ ނުވަތަ ދަށްފަންތީގެ ރައްޔިތުންނަށް ކުރާނެ އަސަރާ މެދު ނުވިސްނައެވެ. އޭގެ ސަބަބުން، ކޮންސިއުމަރ ގުޑްސްގެ ދާއިރާ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ދެމެހެއްޓޭ ގޮތް ނުވެ، ވަސީލަތްތައް މަދުވެ، މާލީ ގޮތުން އަޑިއަޅާލުމާ ކުރިމަތިވިއެވެ.
3. ސިޔާސީ ރިފޯމާއި އެތެރޭގެ ބައިބައިވުންތައް
ޔޫއެސްއެސްއާރުގެ ލީޑަރ، މިޚައިލް ގޯރްބަޗޭވް، 1985ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެން، އެ ޔޫނިއަންއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ފެށިއެވެ. އެގޮތުން އިގުތިސާދު ރީސްޓްރަކްޗަރކުރުމުގެ މަސައްކަތާއި، ހުޅުވިފައިވާ ސިޔާސީ މާހައުލެއް ގާއިމުކުރުން ފަދަ ސިޔާސަތުތައް ދިރުވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް، އޭގެން އެދެވޭ ނަތީޖާތަކެއް ނުފެނެއެވެ. އޭގެބަދަލުގައި، ވެރިންގެ ކޮރަޕްޝަނާއި، ހިންގުމުގެ ނާޤާބިލުކަމާއި، އެތެރޭގެ މަސްލަހަތުތަކާ މެދު ޝަކުވާތައް އިތުރަށް ފާޅުވާން ފެށީއެވެ.
ހުޅުވާލެވިފައިވާ ސިޔާސީ މިނިވަންކަން ޖުމްހޫރިއްޔާތަކަށް ދިނުމާ އެކު، ޖުމްހޫރިއްޔާތަކުން، ފުޅާދާއިރާއެއްގައި ވެރިކަމުގެ ނިޒާމަށް ފާޑުކިޔުންތައް އަންނަ ފެށިއެވެ. އަދި ޖުމްހޫރިއްޔާތަކުގައި އެބައެއްގެ ގައުމިއްޔަތުގެ ރޫޙާއި ވަޠަނީ ހަރަކާތްތައް ފުޅާވެގެން ދާން ފެށިއެވެ. އާހިރު ނަތީޖާއަކަށް ވީ، ސޯވިއެޓުންގެ މުސްކުޅި ފިކުރިއްޔާތާ އެކު ހަރުދަނާ ލީޑަރޝިޕެއް ވެރިކަމުގައި އެޑޮޕްޓް ނުކުރެވުމުން، ބާރުތައް އިތުރަށް ގެއްލިގެން ދާން ފެށިއެވެ.
4. ގައުމިއްޔަތުގެ ރޫހާއި، ވަކިވެގަތުމުގެ ހަރަކާތްތައް އިތުރުވުން
ސޯވިއެޓުންގެ ވެރިކަމުގައި، ރަޝިޔާ ނަސްލު ނޫން ޖުމުހޫރިއްޔާތަކާ ދެމެދު ވަރަށް ބޮޑު ނަސްލީ ތަފާތުތަކެއް ގެންގުޅޭކަން އޮތީ ފާހަގަވެފައެވެ. އެހެންކަމުން ޖުމްހޫރިއްޔާތަކުގެ މެދުގައި މޮސްކޯގެ ޑޮމިނެންސާ މެެދު ނުރުހުންތެރިކަން ދިގުމުއްދަތެއް ވާންދެން ދެމި އޮތެވެ. ނަތީޖާއަކަށްވީ، މަރުކަޒީ ކޮންޓްރޯލް ބަލިކަށިވަމުން ދިޔަ ދަނޑިވަޅުގައި، ވަކިވަކި ޖުމްހޫރިއްޔާތަކުން މިނިވަންކަމުގެ އަޑުތަކާއި ހަރަކާތްތައް އިތުރުވާން ފެށުމެވެ. އަދި، 1980ގެ އަހަރުތަކުގެ ފަހުކޮޅު، ބޯލްޓިކް ދައުލަތްތަކުން (އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ) ސޯވިއެޓުންނާ ވަކިވެ، އަމިއްލަ އިސްތިގުލާލް ހިނގާ ދައުލަތްތަކެއް ގޮތުގައި އިޢުލާން ކުރިއެވެ. މިކަމުގެ ސަބަބުން، އެހެނިހެން މަރުކަޒީ ބާރާއި، ވަށައިގެންވާ ޖުމްހޫރިއްޔާތަކުގެ މެދުގައި ހަމަނުޖެހުމާއި ވަކިވެ ގަތުމުގެ ރޫހު އިތުރުވެ އާލާވާން ފެށިއެވެ.
ސޯވިއެޓް ޔޫނިއަން ރޫޅުން
ގައުމިއްޔަތުގެ ރޫހު އިތުރުވެ، މަރުކަޒީ ބާރާ ދެކޮޅު މުޒާހަރާތައް 1989ވަނަ އަހަރުން ފެށިގެން ޖުމްހޫރިއްޔާތަކުގައި ފެށުނެވެ. އަދި، ލިތުއޭނިއާ ފަދަ ޖުމްހޫރިއްޔާތަކުން 1990ވަނަ އަހަރު މިނިވަންކަން އިޢުލާންކުރިއެވެ. އޭގެ ފަހުން، އެހެން ޖުމްހޫރިއްޔާތަކުން ވެސް ފަހަރަކު ޖުމްހޫރިއްޔާއެއް މިނިވަންކަން އިޢުލާންކުރަން ފެށީއެވެ.
މި ހަމަނުޖެހުންތަކުގައި، ހަރުކަށި ކޮމިޔުނިސްޓުން ގޯރްބަޗޯވްއާ ދެކޮޅަށް ނިކުމެ 1991ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، މަރުކަޒީ ބާރުތައް އަތުލިއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ޑިސެންބަރު 8ވަނަ ދުވަހު، ރަޝިޔާއާއި، ޔޫކްރޭން އަދި ބެލަރޫސްގެ ލީޑަރުން އިސްވެ، ”ބެލަވޭޒާ“ އެއްބަސްވުމުގައި ސޮއިކުރައްވައި، ސޯވިއެޓުންގެ ބާރު ރޫޅާލިކަން އިޢުލާންކޮށް، އޭގެ ބަދަލުގައި ކޮމަންވެލްތު އޮފް އިންޑެޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) އުފެއްދުމަށް ނިންމީއެވެ. އަދި، އެ ތިން ލީޑަރުންނާ، ސޯވިއެޓުންގެ އެހެން ޖުމްހޫރިއްޔާތަކުން ވެސް ގުޅިވަޑައިގެންނެވުމާ ގުޅިގެން، 1991 ޑިސެންބަރު 25ވަނަ ދުވަހު ގޯރްބަޗޯވް މަޤާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ޖެހިގެން އައި ދުވަހު ސޯވިއެޓުންގެ ކިއްލާ، އާދެ! ކްރެމްލިންގައި ނަގާފައި ހުރި ސޯވިއެޓް ދިދަ އަބަދަށް ޓަކައި ތިރިކޮށްފިއެވެ. އެހާހިސާބުން ސޯވިއެޓުންގެ ބާރު އެއްކޮށް ރޫޅުނީއެވެ.
ސޯވިއެޓް ޔޫނިއަން ރޫޅުމާ އެކު، އެމެރިކާއަކީ ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރަށް ވެގެންދިޔައެވެ. މިއަދު ވެސް ފެންނަމުންދާ ނޭޓޯ ފުޅާކުރުމުގެ ވިސްނުމާއި، ރަޝިޔާގެ ޖިއޯޕޮލިޓިކަލް ފިކުރުތަކާއި، މެދުއިރުމަތި ފަދަ ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް އޭރު ފިނިހަނގުރާމައިގެ ތެރޭގައި ނިންމާފައި ހުރި ނިންމުންތަކާ ވަރަށް ބޮޑަށް ގުޅިގެންދެއެވެ.
ފިނިހަނގުރާމައިގެ ދުވަސްވަރު ނިއުކްލިއާ ހަތިޔާރު އުފެއްދުން އިތުރުވެގެން ދިޔަ ދިޔުމަކީ ވެސް، މުޅި ދުނިޔެއަށް މިހާރު ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
