ބަދަލުވަމުންދާ ދުނިޔޭގައި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތައް އިތުރުވަމުން ދާއިރު، ސައިބަރ އަދި ސްޕޭސްއަކީ ސިފައިންގެ ފުރާނަ ސީދާ ނުރައްކަލަށް ހުށަނާޅާ ހަމަނުޖެހުންތަކުގެ ނަތީޖާ ކަނޑައެޅޭނެ މުހިންމު ހަނގުރާމައިގެ ވަސީލަތެއް ގޮތުގައި ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ. އަސްކަރީ އިސްތިރާޖް ކުރިއެރުވުމުގައި، އެއްގަމާއި، ކަނޑު އަދި ވައިގެ ސަރަޙައްދުތައް ހިމެނޭ ޓްރައި-ސަރވިސަސް އޮނިގަނޑުގެ ތެރެއަށް، ސައިބަރ އަދި ޖައްވު ހިމެނޭގޮތަށް ފުޅާވެގެން ހިނގައްޖެއެވެ. މި ޑޮމެއިންތަކަކީ ޒަމާނީ ހަނގުރާމައިގެ އެންމެ މަތީ ދަރަޖަ ރަމްޒުކޮށްދޭ ޑޮމެއިންތަކެކެވެ. މި ބަދަލުގެ ސަބަބުން އިންފޮމޭޝަން ޑޮމިނޭޝަނާއި އޯބިޓަލް ކޮންޓްރޯލަކީ 21ވަނަ ގަރުނުގައި ހަނގުރާމަތައް ހިނގާ ގޮތް އަލުން ބައްޓަންކުރާ މުޅިން އައު ނާރެހެކެވެ.

ސައިބަރ ސްޕޭސްއަކީ އިންޓަރކަނެކްޓެޑް ޑިޖިޓަލް ސިސްޓަމްތަކުގެ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ ގޮތުގައި ސިފަކުރެވިފައިވާ ދާއިރާއެކެވެ. ސައިބާ އޮޕަރޭޝަންތަކުގެ ތެރޭގައި އިންޓެލިޖެންސް މައުލޫމާތުތައް އެއްކުރުމާއި، ފެނާއި ކަރަންޓާއި މުވާސަލާތީ ނިޒާމުތައް ހިމެނޭހެން ނާޒުކު ބިނާރުތައް ހަލާކުކޮށްލުން ނުވަތަ ދޮގު މައުލޫމާތު ފެތުރުމާއި ދުޝްމަނުންނާއި އަދުއްވުންގެ ނެޓްވޯކުތައް ހެކްކުރުން ހިމެނެއެވެ. ސައިބަރ ވޯރފެއަރއަކީ އޭގެ ޒާތުގައި ވަރަށް މަސްހުނިކޮށް އޮތް ދާއިރާއެއްކަމުން، ކޮންވެންޝަނަލް އަދި އާދަޔާ ޚިލާފު ޓެކްޓިކްސް އެއްކޮށްލައި ހައިބްރިޑް ކޮންފްލިކްޓްތަކަށް ވަރަށް  ފުރިހަމަ ވަސީލަތަކަށް ވެގެންދެއެވެ.

ސްޕޭސް ވޯރފެއަރ ބިނާވެގެންވަނީ މުވާސަލާތީ ވަސީލަތްތަކާއި، ނެވިގޭޝަންތަކާއި، ރިކޮނައިސެންސް އަދި ސެޓެލައިޓްތައް ކޮންޓްރޯލްކުރުމުގެ މައްޗަށެވެ. މި ޑޮމެއިންގައި ދޭ ހަމަލާތަކުގެ ތެރޭގައި ސިގްނަލްތައް ޖޭމްކުރުމާއި، އެންޓި-ސެޓެލައިޓް ހަތިޔާރު ބޭނުންކުރުން ނުވަތަ ގްރައުންޑް ސްޓޭޝަންތަކަށް ސައިބަރ ހަމަލާދިނުން ފަދަ ކަންކަން ހިމެނެއެވެ. މި ދެ ޑޮމެއިން އެއްކޮށްލުމުން އޭގެ އަސަރު އެތަކެއް ދަރަޖައެއް އިތުރުވެއެވެ. މިސާލަކަށް ސައިބާ ހަމަލާއަކުން ސެޓެލައިޓް ގްރައުންޑް ކޮންޓްރޯލްތައް ޑިސޭބަލްކޮށް ދުޝްމަނުންގެ މައްޗަށް ކުރިހޯދެއެވެ. ކޮންވެންޝަނަލް އަސްކަރިއްޔާގެ ދައުރު ގިނަ ފަހަރު ފެށެނީ މި މަރުހަލާތަކަށް ފަހުއެވެ.

ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ޓްރައި-ސަރވިސަސް ސްޓްރަކްޗަރއަށް ބްރާންޗުތައް އިތުރުކޮށްގެން ނުވަތަ ޚާއްޞަ ސިފައިންތަކެއް އުފައްދައި މި ޑޮމެއިންތައް އެކުލަވައިލަން ފަށާފައެވެ. އަސްކަރިއްޔާގެ ހަ ވަނަ ގޮތްޕެއްގެ ގޮތުގައި 2019ވަނަ އަހަރު އުފެއްދި އެމެރިކާގެ ސްޕޭސް ފޯސްއަކީ ސްޕޭސް ޑޮމެއިން އެވެއާނެސްއާއި ސެޓެލައިޓް ޑިފެންސަށް އިސްކަންދޭ ފައުޖެކެވެ. 2018ވަނަ އަހަރު ޔުނިފައިޑް ކޮމްބެޓެންޓް ކޮމާންޑަކަށް ބަދަލުކުރި އެމެރިކާގެ ސައިބަރ ކޮމާންޑަކީ ހަމަލާދިނުމަށާއި ދިފާޢުކުރުމަށް ސައިބަރ އޮޕަރޭޝަންތައް ހިންގުމަށް ޚާއްޞަކޮށްފައިވާ ކޮމާންޑެކެވެ. ރަޝިޔާއާގައި މި ޒިންމާތައް އަދާކުރުމަށް އެއިރޯސްޕޭސް ފޯސްއެއް އޮވެއެވެ. ފަރަންސޭސިވިލާތުން 2019ވަނަ އަހަރު ”ކޮމާންޑްމަންޓް ޑި އެލް އީސްޕޭސް“ގެ ނަމުގައި ޖައްވީ ދާއިރާއިން ޚާއްޞަ ޤާބިލުކަން އުފެއްދުމުގެ އިތުރުން އެ ގައުމުގެ ސައިބަރ ޑިފެންސް ކޮމާންޑުން ސައިބަރ މަސައްކަތްތައް ވިލަރެސްކުރެއެވެ. ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސްގެ ތެރޭގައި ސްޕޭސް އޮޕަރޭޝަންސް ގްރޫޕެއް އުފައްދާފައި ވާއިރު، ކެނެޑާގެ ރޯޔަލް ކެނެޑިއަން އެއަރ ފޯސްގެ ދަށުން ސްޕޭސް ފޯކަސް ޔުނިޓްތައް ގެންގުޅެއެވެ. މި ނުރައްކާތަކަށް ތައްޔާރުވެތިބުމަށް އިންޑިއާއިން ވަނީ 2019ވަނަ އަހަރު ޑިފެންސް ސްޕޭސް އޭޖެންސީއާއި ޑިފެންސް ސައިބަރ އޭޖެންސީ އުފައްދައިފައެވެ. އޮސްޓްރޭލިއާއިން ވަނީ 2022ވަނަ އަހަރު ޑިފެންސް ސްޕޭސް ކޮމާންޑް އުފައްދާފައެވެ. އަދި 2024ވަނަ އަހަރު އޮސްޓްރޭލިއާގެ ޖޮއިންޓް ކެޕޭބިލިޓީސް ގްރޫޕްގެ ތެރޭގައި ސައިބަރ ކޮމާންޑް ތައާރަފްކޮށްފައިވެއެވެ.

މި ޒަމާނުގެ ކޮންފްލިކްޓްތަކުގައި މި ޑޮމެއިންތަކަކީ ހަމައެކަނި ސަޕޯޓް ޑޮމެއިންތަކެއް ނޫނެވެ. 2022ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނަޒަރު ހިންގާލާ އިރު މި ހައިބްރިޑް ހަގީގަތް ވަރަށް ރަނގަޅަށް ސިފަވެގެން ދެއެވެ. ހަމަލާތައް ބަދަލުކުރުމުގެ ކުރިއަށް ރަޝިޔާގެ ޖީއާރްޔޫ ޔުނިޓްތަކާ ގުޅުން ހުރި ސައިބާ އެކްޓަރުން ޔޫކްރެއިންގެ ކަރަންޓު ގްރިޑްތަކާއި މާލީ ނިޒާމުތަކަށް ހަމަލާތައް ދޭން ފެށީ މަދަނީ އިންފްރާސްޓްރަކްޗާ ހަލާކުކޮށް، ހަލަބޮލިކަން އުފައްދާ، މުޅި ޔޫކްރެއިން ހުއްޓުމަކަށް ގެނައުމުގެ ބޭނުމުގައެވެ.

ރައްދުގައި ހުޅަނގުގެ އެހީއާ އެކު ޔޫކްރެއިނުން ވަނީ ކައުންޓަރ ސައިބަރ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. ހަމަލާތަކުގެ ސަބަބުން ގުޅުންތައް ކެނޑިފައި އޮތުމުން ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓްތައް ބޭނުންކޮށްގެން މުވާސަލާތީ ޚިދުމަތްތައް އަލުން ގާއިމުކޮށްފައެވެ. މި ހަނގުރާމަ ދިގުދެމިގެންދާ އިރު ޖައްވީ ދާއިރާއިން ފެނިގެން މިދަނީ ކޮމާޝަލް ސެޓެލައިޓްތަކުން ހަމަލާދިނުމަށް ރިއަލް ޓައިމް އިމޭޖަރީތައް ފޯރުކޮށްދެމުން ދާތަނެވެ. ފާއިތުވި އަހަރު ރަޝިއާއިން ވަނީ އެންޓި-ސެޓެލައިޓް ހަތިޔާރު ޓެސްޓްކޮށްފައިކަމަށް އެކި ރިޕޯޓްތައް ބުނެއެވެ. 

ޒަމާނީ ހަނގުރާމަތަކުގައި ސައިބަރ އަދި ސްޕޭސްގެ މުހިންމު ދައުރު ސާބިތުކޮށްދޭ އަނެއް މިސާލަކީ އީރާނާއި އިސްރާއީލުގެ ހަނގުރާމައެވެ. 2024-2025ވަނަ އަހަރު އިޒްރޭލު ސިފައިން އީރާނަށް އަމާޒުކުރި ވައިގެ ހަމަލާތަކާ އެކުއެކީގައި ސައިބާ ހަމަލާތަކެއްދިނުމަށް ފަހު އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި ކޮމާންޑް ނެޓްވޯކްތައް ހަލާކުކޮށްލާފައިވެއެވެ.

2024ވަނަ އަހަރު ޗައިނާއިން އިންތިޒާމްކުރި ވޯލްޓް ޓައިފޫން ކެމްޕެއިން ފަދަ ސައިބަރ އިންޓްރޫޝަންތަކުގެ ސަބަބުން ޓައިވާންގެ މައްސަލައިގައި އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވާދަވެރިކަން އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގައި ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ އެކު ފިލިޕީންސްގެ ސަރުކާރުގެ ސައިޓްތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައިބަރ ޑޮމައިންގެ ނުރައްކަލުން މި ކުޑަކުޑަ ޒަޒީރާ ގައުމު އިސްތިސްނާއެއް ނުވެއެވެ. ރާއްޖޭގައި ހިނގާ ދާހިލީ އެކިއެކި މައްސަލަތަކާ ގުޅިގެން ސައިބަރ ހަމަލާގެ އަމާޒުފަތްގަނޑަކަށް ރާއްޖޭގެ އެކި ޚިދުމަތްތައް ހަދާފައިވާ ފަހަރުތައް މަދެއް ނޫނެވެ. މައުލޫމާތު ވަގަށް ނެގުމާއި، އެކި ޑިސްއިންފޮމޭޝަން ކެމްޕެއިންތަކުގެ ސީދާ އަސަރު ދިވެހިންނަށް ކުރަމުން ދެއެވެ. މި ފަދަ ހަމަލާތަކުގެ ފަހަތުގައި ސްޓޭޓް އަދި ނޮން-ސްޓޭޓް އެކްޓަރުން ޝާމިލްވެއެވެ. 

މި މިސާލުތަކުން ދައްކުވައިދެނީ ސައިބަރ އަދި ސްޕޭސް އޮޕަރޭޝަންތަކުގެ ސަބަބުން ހަނގުރާމައިގެ މައިދާންތައް ޑިޖިޓަލް އަދި އޯބިޓަލް ދާއިރާތަކަށް ފުޅާކޮށް، ކިނެޓިކް އެކްޝަންތައް ފުޅާކޮށް، ”ވޯރ ބިޔޯންޑް ބޯޑަރސް“އަށް މަގުފަހިކޮށްދޭ ގޮތެވެ.

މި ޑޮމެއިންތައް ފުޅާވުމުގެ ސަބަބުން ކަންބޮޑުވުން އުފެދޭ އެއް ކަމަކީ ޖައްވުގައި އުފެދޭ ކުނިބުނީގެ މައްސަލައެވެ. މީގެއިތުރުން ސައިބަރ އެކްސެޕްޝަންތައް ކޮންޓްރޯލްކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ބޭނުންކުރުމަށް ހުރި ގޮންޖެހުންތަކެވެ. 1967ވަނަ އަހަރުގެ އައުޓަރ ސްޕޭސް ޓްރީޓީ ފަދަ މުޢާހަދާތަކަކީ ޒަމާނީ ނުރައްކާތަކަށް އައުޓްޑޭޓެޑް މުޢާހަދާތަކެކެވެ. އިގުތިސާދީ ގޮތުން ރެސިލިއަންޓް ސެޓެލައިޓްތަކާއި ކުއަންޓަމް ސެކިއަރ ނެޓްވޯކްތަކަށް ކުރާ އިންވެސްޓްމަންޓުތައް އިތުރުވަމުން އަންނަ އިރު، 2030ވަނަ އަހަރު އަންނަން ވާއިރަށް އަސްކަރިއްޔާތަކުން ޖައްވީ ދާއިރާއަށް ކުރާ ހޭދަ 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވެއެވެ. އެތިކަލް ގޮތުން ބަލާ އިރު، މަދަނީ އިންފްރާސްޓްރަކްޗަރއަށް ދޭ ސައިބަރ ހަމަލާތަކުގެ ސަބަބުން ކޮލެޓަރަލް ގެއްލުން ލިބުމުގެ ބިރު އޮތުމަކީ، ހަނގުރާމަތަކުގެ އެތިކްސްއާ މެދު ސުވާލު އުފެދި، ނަތީޖާ ބަދަލުވެގެން ހިނގައިދާނެ ކަންކަމެވެ. 

މި ޑޮމެއިންތަކުގެ މުހިންމުކަމާ އެކު އަސްކަރީ ގާބިލްކަމުގެ ވާދަވެރިކަން އިތުރުވެފައިވެއެވެ. އަދި ހަމަ އެހެންމެ ހަމަނުޖެހުންތައް އިތުރުވަމުން ދާއިރު، އޭގެ އަސަރު ވަރަށް ބޮޑެވެ. ސްޕޭސް ސިސްޓަމްތަކަށް ސައިބަރ ހަމަލާދިނުމުގެ ނުރައްކާ ބޮޑުވެ، ”ސްޕޭސް ޕާލް ހާބަރު“ ނުވަތަ ސައިބާ ބްލެކްއައުޓްގެ ނުރައްކާ އިންތިހާއަށް މިވަނީ އިތުރުވެފައެވެ. މި އާ ޒަމާނުގައި ކާމިޔާބީ ބިނާވެފައި އޮންނަނީ ސިފައިންގެ އަދަދު ގިނަވުމުގެ މައްޗަށް އެކަންޏެއް ނޫނެވެ. ޑިޖިޓަލް ކޯޑާއި ކޮސްމޯސް ކޮންޓްރޯލް ކުރާ ބަޔަކަށް ކުރި ލިބިގެންދާނެކަން ޔަގީނެވެ.

ޝެއަރކުރެއްވުމަށް