އިންސާނާގެ ދިރިއުޅުމުގައި ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަކީ، ނަފުސާނީ ގޮތުން ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްޞަކޮށް މިކަމުގެ މުހިންމުކަން ސިފައިންނަށް ބޮޑެވެ. ކަސްރަތުކުރުމަކީ ހަށިގަނޑަށް ލިބޭ ފައިދާތަކުގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ފުން އަސަރުތަކެއް ކުރާ ކަމެކެވެ. މި ލިޔުމުގައި ކަސްރަތުކުރުމުން ހަށިގަނޑުގެ އެތެރޭގައި ހިނގާ އަހަރުމެންނަށް އެނގުން ވަރަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން އަލިއަޅުވާލާނަމެވެ.

ކަސްރަތުގެ ސަބަބުން ހަށިގަނޑުން އެންޑޯފިންއޭ ކިޔާ ވަރަށް މުހިންމު މާއްދާއެއް ބޭރުވެއެވެ. މި ލިޔުމުގައި ކަސްރަތޭ ބުނެވޭ ބަހުގެ މާނަޔަކީ އިނގިރޭސިން ދަންނަވާ ނަމަ ”ފިޒިކަލް އެކްޓިވިޓީސް“ އެވެ. އެންޑޯފިންއަކީ ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާ ކެމިކަލެކެވެ. މި މާއްދާ އުފައްދައި ބޭރުކުރަނީ ސިކުނޑީގެ ގްލޭންޑެއް ކަމަށްވާ ޕިޓުއިޓަރީ ގްލޭންޑުންނެވެ. އެންޑޯފިންއަކީ ހަށިގަނޑު ތެރޭގައި ހުންނަ ތަދު ކުޑަކޮށް، މޫޑު ރަނގަޅުކޮށްދޭ އަދި އުފާވެރިކަން އިތުރުކޮށްދޭ ނިއުރޯޓްރާންސްމިޓަރެކެވެ. އާންމުކޮށް ކަސްރަތުކުރުމާއި، ކާތަކެތި ކެއުމުން މި މާއްދާ ހަށިގަނޑުން ބޭރުވެއެވެ. މި މާއްދާގެ ސަބަބުން ކަންބޮޑުވުމާއި ހާސްކަން ކުޑަވެ، ހިތްހަމަޖެހުމާއި އަރާމުކަން އިހުސާސްކުރެވެއެވެ. ވަކިން ޚާއްޞަކޮށް ބުރަ ކަސްރަތުތައް ކުރުމުން މި މާއްދާ ގިނައިން ބޭރުވެ، ”ރަނަރސް ހައި“ ގެ ނަމުން މަޝްހޫރު ނަފުސާނީ ހަމަޖެހުމެއް ލިބެއެވެ.

ދުވުމަކީ އެންޑޯފިން ބޭރުކުރުމަށް އެހީތެރިވާ އެންމެ މުހިންމު އެއް ކަސްރަތެވެ. ދުވުމުގެ ސަބަބުން ހިތާއި ފުއްޕާމޭގެ މަސައްކަތް ރަނގަޅުވެ، ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދިނުން އިތުރުވެއެވެ. މީގެ އިތުރުން، ދުވުމުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން ކުޑަވެ، ނިދި ރަނގަޅުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ނަފުސާނީ ގޮތުން ވަރަށް ބޮޑު ދުޅަހެޔޮކަމެއް ލިބިގެންދެއެވެ. ދުވާ މީހުންނަށް އާންމުކޮށް އިހުސާސްވާ ހިތްހަމަޖެހުން ނުވަތަ ”ރަނަރސް ހައި“އަކީ އެންޑޯފިންގެ ސަބަބުން ލިބޭ އިހުސާސެކެވެ.

ޕިޓުއިޓަރީ ގްލޭންޑަކީ ސިކުނޑީގެ ތިރީގައި އިންނަ، ކުޑަ ވަށް ގޮށެކެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ހޯމޯން ސިސްޓަމްގެ ”މާސްޓަރ ގްލޭންޑް“ ގެ ގޮތުގައި ބެލެވެއެވެ. ސަބަބަކީ ހަށިގަނޑުގެ އެހެން ގިނަ ގުނަވަންތަކުގެ ހޯމޯން އުފެއްދުމުގެ ކަންކަން ކޮންޓްރޯލްކުރަނީ މި ގްލޭންޑުން ކަމަށް ވާތީއެވެ. މި ގްލޭންޑުން އެންޑޯފިންގެ އިތުރުން ވެސް ހަށިގަނޑުގެ ޖިންސީ ހޯމޯންތަކާއި، ސްޓްރެސް ކޮންޓްރޯލްކުރުމަށް އެހީވާ ހޯމޯންތައް އުފައްދައެވެ. އެހެންކަމުން، ކަސްރަތުގެ ސަބަބުން މި ގްލޭންޑް ހީވާގިވެ، މިފަދަ މުހިންމު ހޯމޯންތައް ބޭރުކުރުން އިތުރުވެއެވެ.

ކަސްރަތުކުރުމުން ހަށިގަނޑުން ޕޮޒިޓިވް އެނާޖީ ނުވަތަ ރަނގަޅު ހަކަތަ ބޭރުވެއެވެ. މި ހަކަތަ ބޭރުވުމުގެ ސަބަބުން މުޅި ދުވަހު ހަށިގަނޑަށް ވަރުގަދަކަމާއި ފުރިހަމަކަން ލިބި، ސިކުނޑި ތާޒާވެ، ފިކުރުތައް ސާފުވެއެވެ. އޭގެ ސަބަބުން އެކުގައި މަސައްކަތްކުރާ މީހުނަށް ވެސް ހެޔޮ އަސަރުތައްކުރެއެވެ. އަދި ނިކަމެތިކަމާއި ބާރުކުޑަވުމުގެ އިހުސާސްތަކުން ދުރުވެ، އާ އުންމީދަކާއި ހިތްވަރު ލިބެއެވެ. ކަސްރަތަށް ފަހު ލިބޭ ހަމަޖެހުމާއި އުފާވެރިކަމަކީ ހަށިގަނޑުން އަމިއްލައަށް އުފައްދާ އެންމެ ރަނގަޅު ބޭހޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ސިފައިންނަކީ ގައުމަށް ޓަކައި އެތައް ގުރުބާނީއެއް ވެފައިވާ ބަޔެކެވެ. ވަޒީފާގެ ހާލަތުތަކަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރަށް ބުރަ ހާލަތުތަކެކެވެ. ސިފައިންގެ މީހަކަށް ފިޒިކަލް ޓްރެއިނިންގެ މުހިންމުކަން ވަރަށް ބޮޑެވެ. ގަވާއިދުން ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑު ވަރުގަދަވެ، ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެފައި ހުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، އެންޑޯފިން ބޭރުވުމުގެ ސަބަބުން ދިމާވާ ސްޓްރެސްއާއި ހާސްކަން ކޮންޓްރޯލްކުރުމަށް ސިފައިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. ހަށިގަނޑު ދުޅަހެޔޮ ސިފައިން، ނަފުސާނީގޮތުން ވެސް ހަރުދަނާ ބަޔަކަށް ވެފައި، ގައުމީ ވާޖިބުތައް އަދާކުރުމުގައި އިތުރަށް ހީވާގިވާނެއެވެ.

ކުރުގޮތަކަށް ދަންނަވާ ނަމަ، ކަސްރަތަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެކަނި ކުރާ ކަމެއް ނޫނެވެ. މިއީ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް އަސަރުކޮށް، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ އަސާސީ އެއް ބާރެވެ. އެންޑޯފިންއާއި ޕިޓުއިޓަރީ ގްލޭންޑް ފަދަ ހަށިގަނޑުގެ އެތެރޭގެ މުހިންމު މަސައްކަތްތަކުން މިކަން ސާބިތުވެއެވެ. ހަމަ އެފަދައިން، ގައުމީ ވާޖިބުތައް އަދާކުރާ ސިފައިންގެ މީހުންނަށް ކަސްރަތުގެ މުހިންމުކަން ދެގުނަ ބޮޑެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް ކަސްރަތަށް އިސްކަންދީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހެއެވެ.

މަޢުލޫމާތު އެއްކުރީ:

  • Harber, V. J., & Sutton, J. R. (1984). Endorphins and exercise. Sports Medicine, 1(2), 154171.
  • Harvard Health Publishing. (2019). Exercising to relax. Harvard Medical School. https://www.health.harvard.edu
ޝެއަރކުރެއްވުމަށް