ފިޒިއޮތެރަޕީ ނުވަތަ ފިޒިކަލް ތެރަޕީ (ކަސްރަތުފަރުވާ) އަކީ، އަނިޔާއެއް، ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަސަރުކޮށްފައިވާ މީހުންގެ ހަރަކާތްތެރިކަމާއި ނުކުޅެދުންތެރިކަން އަލުން އަނބުރާ އިޔާދަކުރުމަށް އަމާޒުކޮށްގެން ފަރުވާ ދެވޭ ޞިއްޙީ ދާއިރާގެ ފަންނެކެވެ. ކަސްރަތުފަރުވާ ތެރޭގައި ކަސްރަތުކުރުމާއި، މެނުއަލްތެރަޕީ (އަތުފަރުވާ)އާއި، އިލެކްޓްރޯތެރަޕީ (ކަރަންޓްފަރުވާ) އާއި ހައިޑްރޮތެރަޕީ (ފެންފަރުވާ) އާއި ގުދުރަތީ ގޮތްތަކާއި، ސައިންޓިފިކް ހޯދުންތަކަށް ބިނާވެގެން ތަރައްޤީކޮށްފައިވާ އުސޫލުތައް ބޭނުންކުރެވެއެވެ. ކަސްރަތުފަރުވާގެ މައިގަނޑު މަގުސަދަކީ، ބަލިމީހުންގެ ހަރަކާތްތެރިކަމާއި ހެލިފެލިވެއުޅުމުގައި ދިމާވާ އުނދަގޫތަކާއި ދަތިތަކާއި ވޭންތަކާއި ރިހުންތައް ކުޑަކުރުމާއި، ނުޅެދުންތެރިކަން އިޔާދަކުރުމެވެ. މިއަދު ކަސްރަތުގެ ފަރުވާއަކީ ބައްޔެއްވުމުން ނުވަތަ އޮޕަރޭޝަނެއްކުރުމުން ދެވޭ އިޔާދަކުރަނިވި ފަރުވާއެއްގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށް ވެސް ދެވޭ ފަރުވާއެކެވެ.

ކަސްރަތުފަރުވާއަކީ ގަދީމީ ޒަމާނުގައި ވެސް އިންސާނުން ބޭނުންކުރި ފަރުވާއެކެވެ. ޤަދީމީ ގްރީކްގެ ބޭސްވެރިޔާ ހިޕޮކްރެޓީސް އާއި ގޭލެން ފަދަ ބޭފުޅުން ވަނީ ބަލިތަކަށް ފަރުވާ ދިނުމުގައި މަސާޖާއި ފެންވަރުވާ އާއި ކަސްރަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، މިޒަމާނުގެ ފިޒިއޮތެރަޕީގެ ބިންގާ އެޅުނު ކަމަށް ބެލެވެނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. ޚާއްސަކޮށް، ފުރަތަމަ ބޮޑު ހަނގުރާމައިގައި ޒަޚަމުވި ސިފައިންނަށް ފަރުވާ ދިނުމަށާއި ދުނިޔޭގައި ޕޯލިއޯ ބަލި ފެތުރިގެން ދިޔުމާއެކު އެ ބަލި ޖެހުނު މީހުންނަށް ފަރުވާ ދިނުމަށެވެ. މި ދުވަސްވަރުގައި ”ރިކޮންސްޓްރަކްޝަން އެއިޑްސް“ ގެ ނަމުގައި އަންހެނުންނަށް ކަސްރަތުފަރުވާގެ ތަމްރީނު ދީގެން ފަރުވާ ދޭން ފެށުނެވެ. މިގޮތުން، ކަސްރަތުފަރުވާއަކީ ބޭސްވެރިކަމުގެ ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ތަރައްޤީވެގެން ދިޔައެވެ.

ކަސްރަތުފަރުވާގެ އަހައްމިއްޔަތުކަން ހަނދާންކޮށް، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ކަސްރަތުފަރުވާގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މި ދުވަހަކީ މުޅި ދުނިޔޭގައި ފިޒިއޮތެރަޕީގެ ޚިދުމަތްތަކާއި، އިންސާނުންގެ ހަށިގަނޑުގެ ހަރަކާތްތެރިކަން ދެމެހެއްޓުމުގައި ކަސްރަތުފަރުވާގެ މުހިންމުކަން ހާމަކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ނިސްބަތް ވަނީ ވޯލްޑް ކޮންފެޑެރޭޝަން ފޯ ފިޒިކަލް ތެރަޕީ  (މިހާރުގެ ވޯލްޑް ފިޒިއޮތެރަޕީ) މި ޖަމިއްޔާ، އުފެއްދި ދުވަސްކަމުގައިވާ  8 ސެޕްޓެންބަރު 1951 އަށެވެ.

ކަސްރަތުފަރުވާގެ ދާއިރާއަކީ އަބަދުވެސް ކުރިއަރަމުން އިތުރަށް ތަރައްޤީވަމުން އަންނަ ދާއިރާއެކެވެ. މިއަދު، ކަސްރަތުފަރުވާގެ ފަރުވާތައް ދެވެނީ ސައިންޓިފިކް ހޯދުންތަކާއި ދިރާސާތަކަށް ބިނާކޮށެވެ. އާ އުސޫލުތަކާއި، އާ ހޯދުންތަކާއެކު ކަސްރަތުފަރުވާގެ ދާއިރާ ވަނީ އެތައް ބަޔަކަށް ޚާއްޞަ ވެފައެވެ. މިގޮތުން، ކުޅިވަރު ކުޅުންތެރިންނަށް ދެވޭ ކަސްރަތުފަރުވާ (ސްޕޯޓްސް ފިޒިއޮތެރަޕި) އާއި، ނާރުގެ ބަލިތަކަށް ދެވޭ (ނިއުރޯލޮޖިކަލް ފިޒިއޮތެރަޕީ) އާއި، ކުޑަކުދީންނަށް ދެވޭ ކަސްރަތުފަރުވާ (ޕީޑިއަޓްރިކް ފިޒިއޮތެރަޕީ) އާއި، އަންހެނުންގެ ޞިއްޙަތަށް ޚާއްޞަކޮށްގެން ދެވޭ ކަސްރަތު ފަރުވާ (ވިމެންސް ހެލްތު ފިޒިއޮތެރަޕީ) އަދި ހިތާއި ފުއްޕާމޭގެ ބަލިތަކަށް ދެވޭ ކަސްރަތުފަރުވާ (ކާޑިއޯޕުލްމޮނަރީ ފިޒިއޮތެރަޕީ) ހިމެނެއެވެ. މީގެ އިތުރުން، ފަރުވާ ދިނުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އުސޫލުތަކަށް ވެސް ދަނީ ބޮޑެތި ކުރިއެރުންތަކެއް އަންނަމުންނެވެ.  މިގޮތުން، އެޑްވާންސްޑް ކަސްރަތު މެޝިންތަކާއި، ކަރަންޓް އަދި ފެނުތެރޭގައި ފަރުވާގެ އާ އާލާތްތަކާއި، ހަށިގަނޑުގެ ހަރަކާތްތައް ދެނެގަތުމަށް ބޭނުންކުރާ ޑިޖިޓަލް ސިސްޓަމްތައް ފަދަ ތަކެތި ކަސްރަތުފަރުވާގައި ބޭނުންކުރެވެއެވެ.

މުސްތަގުބަލުގައި މި ދާއިރާއަށް އިތުރު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި ރޮބޮޓިކްސް ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފަރުވާ ދިނުމުގައި އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. މީގެއިތުރުން ވައްޗުއަލް ރިއަލިޓީ (ވީއާރު) ބޭނުންކޮށްގެން ކަސްރަތު ކުރުމާއި، މައުލޫމާތު ދިނުން ވެސް ކުރިއަރައި ފުޅާވެގެންދާނެއެވެ.  ޓެލެހެލްތު ނުވަތަ ރިމޯޓުން ކަސްރަތު ފަރުވާގެ ޚިދުމަތްތައް ދިނުމަކީ ވެސް މުސްތަގުބަލުގައި އިތުރަށް ފުޅާވެގެންދާނެ ދާއިރާއެކެވެ. ޚާއްޞަކޮށް، ދިވެހިރާއްޖޭ ފަދަ ޖަޒީރާ ރަށްތަކެއްގައި ދިރިއުޅެމުންދާ ބަޔަކަށް އެ މީހެއްގެ ރަށުގައި ހުރެގެން ކަސްރަތުފަރުވާ ހޯދުމުގެ ފުރުސަތު މިކަމުގެ ސަބަބުން އިތުރަށް ފަހިވެގެންދާނެއެވެ.

ޝެއަރކުރެއްވުމަށް