ސިފައިން އުފެދުނު އިރުވެސް ދިވެހިންގެ ތެރޭގައި ބަޑިބޭސް އުފައްދައި ކުޅިވަރަށް ބަޑިބޭސް ބޭނުން ކުރަމުން އައިސްފައިވެއެވެ. ނޫރައްދީން ބަންޑާރައިން ސިފައިން އުފައްދަވައި، 1892 އެޕްރީލު 21ވަނަ ދުވަހުގެރޭ ހެންވޭރު ބޮޑުހިއްޗަށް ވަޑައިގެންނެވި އިރު ރަދުންގެ އަރިހުގައި ސިފައިން ހިނގަމުންދަނިކޮށް، ނޫމަރާގަނޑުވަރު މަލިން މަނިއްޕުޅު ބަޑިބޭހުން ތައްޔާރުކޮށްފައިވާ އަތުއޮނުގަނޑެއް (އަލިހޮޅިއެއް) ރޯކޮށް، ސިފައިންގެ ބޮލާ ދިމާވާގޮތަށް ހިންގައި ސިފައިންގެ ބޮލަށް އަލިފާން ކަނި ބުރުވިއެވެ. ބަޑިބޭހުގައި ރޯކުރުމުން މާތަކެއް ފޮޅިގެންދާ ގޮތަށް ކުޅޭ މި ކުޅިވަރު އެ ޒަމާނުގައި ކުޅުނުކަމާއި ބަޑިބޭސް ހިމެނޭ އާލާތްތައް ދިވެހިންގެ ތެރޭގައި ގެންގުޅުނުކަން މި ހާދިސާއިން ވެސް އެނގެއެވެ.
މީގެ އިތުރުން 1909ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ކޮމާންޑަރ އެޗްޖޭސީ މާޝަލް، ސްރީލަންކާގައި އޭރު ހުންނެވި އިނގިރޭސި ގަވަރނަރަށް އެރުވި ރިޕޯޓުން އޭރު ރާއްޖޭގައި ބަޑިބޭސް ތައްޔާރުކުރާކަން އެނގެއެވެ.
ކުރީޒަމާނުގައި ހަވާ އަރުވަނީ ބޮޑު ދެހިތީގައި ހިތިގެ ދޮށު އަތިރިމަތީގައެވެ. މިކަންކުރަނީ ހިތިވިލޭރޭ ބަޑިޖަހާ ހަތަރު ކޮށީގެ މީހުންނެވެ. ހަވާ ރޯކުރަނީ ބަޑިކޮށިތަކުގެ އެދުރު ބޭކަލުން ނުވަތަ އިސް ދަރިވަރުންނެވެ. ހަތަރު ބަޑިކޮށީގެ ތެރެއިން ފުރަތަމަ ހަވާ ރޯކުރަނީ ބަންޑާރަކޮށިންނެވެ. ދެވަނައަށް ތުރުކީ ކޮށިންނެވެ. ތިންވަނައަށް މޫދު ކޮށިންނެވެ. ދެން ފާދިއްޕޮޅު ކޮށިންނެވެ. ހަވާ އަރުވަން ފަށަނީ ބޮޑުނާބަ ޖެހުމަށްފަހުގައެވެ. އެ ނާބަ ޖަހަނީ ހިތިގެ ދޮށުގައެވެ.
ހަވާ އަރުވާ ނިމުނީމާ ބައެއްފަހަރު ”ފައިދޮށުފުރޭތަ“ އޭކިޔާ އެއްޗެއް ރޯކުރެއެވެ. އެއީ ވަރަށް ކުރު ސަޑުބުރިއެއް ލާފައި އޮންނަ ހަވައެކެވެ. މި ހަވާ ރޯކުރަނީ މޫދު ކައިރީގައި ބާއްވާފައެވެ. މި ހަވަޔަކީ އޭގައި ރޯކުރީމާ ދާނެ ވަކި މިސްރާބެއްނެތި، ބިންމަތީގައި އެކިދިމަދިމާއަށް ދުއްވައި ގަންނަ އެއްޗެކެވެ. ބައެއް ފަހަރު ކުޅިބަލަން އެއްވެފައި އޮންނަ މީހުންގަނޑުގެ ތެރެއަށް ވެސް ވަދެގެން ދެއެވެ. އެ ވަގުތު މީހުންތައް ހަޅޭއްލަވައި އެއާ ދުރަށް ދުއްވައި ގަނެއެވެ. އަދި އަނެއްބައި ފަހަރު އެ އެއްޗަށް މޫދަށް ވެސް އެރެވެއެވެ.
ހަވާ އަރުވާ ހެދުމަކީ އެ ޒަމާނުގައި ވެސް މަޖަލަކަށް ކުރާ ކަމެކެވެ. ފައިދޮށުފުރޭތަ ރޯކޮށް ނިމުނީމާ އެ ރެއެއްގެ ހިތީ ކުޅިވަރު ނިމެއެވެ.
ދިވެހިރާއްޖޭގައި ކުރެވެމުންއައި ޒަމާންވީ ރަސްކަމަށްފަހު، 1953 ޖަނަވަރީ 01ވަނަ ދުވަހު އިޢުލާން ކުރެވިގެންދިޔަ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި މުނާސަބަތާ ގުޅިގެން ވެސް މާލޭގައި ބަޑިބޭހުގެ ކުޅިވަރު އޮތެވެ. އޭގެފަހުން 1965ވަނަ އަހަރު ޖުލައި 26ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމާ ގުޅިގެން ޖެހިގެން އައި އަހަރު ފާހަގަކުރި މިނިވަންދުވަހު މާލޭގައި ބަޑި ބޭހުގެ ކުޅިވަރު ވަރަށް ކުލަގަދަކޮށް ބޭއްވިއެވެ.
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ރައީސްކަމުގައި ވެސް ޖުމްހޫރީ ދުވަހާ ގުޅިގެން ބަޑިބޭހުގެ ކުޅިވަރު ބޭއްވިއެވެ. މީގެއިތުރުން ވެސް އެކިއެކި މުނާސަބާތަކުގައި ބަޑިބޭހުގެ ކުޅިވަރު ބާއްވަމުން އައެވެ. ބަޑިބޭހުގެ ކުޅިވަރު އޮންނަ ރޭރޭ ބަޑިބޭހުގެ ކުޅިވަރު ބައްލަވާލެއްވުމަށް ވަޑައިގެން ދެއްވުންއެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅަކުން ކޮންމެ ފަހަރަކު ވެސް ދަންނަވަމުން ގެންދިޔައެވެ. މި އާދަކާދަ 1970ގެ އަހަރުތަކުގެ ތެރޭގައި ވެސް މިގޮތަށް އޮތެވެ.
1990ވަނަ އަހަރު އައި މިނިވަން 25ގައި ވެސް އަދި އޭގެފަހުން 1998ވަނަ އަހަރުއައި ޖުމްހޫރީ 30ގައި ވެސް ބަޑިބޭހުގެ ކުޅިވަރު ވަރަށް ކުލަގަދަކޮށް ބޭއްވިއެވެ. އަދި 1992ވަނަ އަހަރު ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ބަޑިބޭހުގެ ކުޅިވަރަކީ ވެސް ވަރަށް ރީތި ދައްކާލުމެކެވެ. ސިފައިން ބޭނުންކުރާ ބައެއް އުޅަނދުތަކާއި، ހަތިޔާރުތަކުގެ އިތުރުން ”100 އަހަރުގެ ސިފައިންގެ ޚިދުމަތް“ މިފަދަ ޢިބާރާތްތައް ވެސް ބަޑިބޭހުގެ ކުޅިވަރުގެ ތެރެއިން ފެނިގެން ދިޔައެވެ.
އައުސާސްކަފަށް މަރުޙަބާ ކިއުމުގެ ގޮތުން މާލޭގެ އިރުއުތުރު ފަރާތު އަތިރިމަތި ސަރަހައްދުގައި ބަޑިބޭހުގެ ކުޅިވަރު ބޭއްވިއެވެ. އެފަހަރު ބަޑިބޭހުގެ ކުޅިވަރަށް ފަހު ވަރަށް ފުރިހަމަ ލޭޒަރ ޝޯއެއް ޢާންމުންނަށް ދައްކާލުން އޮތެވެ. އެއީ ރާއްޖޭގައި ލޭޒަރ ޝޯއެއް އެހާ ފުރިހަމައަށް އާންމުންނަށް ފެންނަގޮތަށް ބޭއްވި ފުރަތަމަ ފަހަރެވެ.
ބަޑިބޭހުގެ ކުޅިވަރު ސިފައިން ކުޅެނީ ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން، އެކަމުގައި އިސްކޮށް ސީނިއަރ ބޭކަލަކު ހުންނަވައިގެންނެވެ. ފުރަތަމަ ބަޑިބޭހުގެ ކުޅިވަރު ސިފައިން ދައްކައިދިން އިރު ސީނިއަރ ބޭކަލެއްގެ ގޮތުން މަސައްކަތް ކުރެއްވީ ޅަރީތި ދޮންތުއްތެވެ. އޭނާގެ ބެއްލެވުމުގެ ދަށުން އެކަމުގައި އިސްކޮށް އުޅުއްވީ ފެރިދޫ ކުޑަހުއްތެވެ. އޭނާގެ އެހީތެރިއެއްގެ ގޮތުން އިނގިރޭސި އުމަރުމަނިކާއި އިބްރާހީމް ޢަބްދުﷲއާއި އިނގިރޭސި އަޙްމަދު މަނިކެވެ. 1978ގެ ފަހުން ސިފައިންގޭގައި ބަޑިބޭހުގެ ކުޅިވަރުގެ ކަންތައްތަކުގައި އުޅުއްވަނީ ކާނަލް ޙަސަން ނަޞީރާއި ކާނަލް ބިލާލު އާދަމް މަނިކެވެ.
