ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތަކުގެ އަލީގައި ސިފައިންގެ ޢަމަލުތައް ބައްޓަންކުރެވޭ އަޚުލާޤީ ވާޖިބުގެ ތެރެއިން މި ލިޔުމުގައި އަލިއަޅުވައިލަން ގަސްތުކުރަނީ ތަޤުވާވެރިކަމުގެ މައްޗަށެވެ. ”ތަޤުވާވެރިކަމަކީ ސިއްރުގައްޔާއި ފާޅުގައި ގަދަ ކީރިތިވަންތަ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތުމެވެ.“ (ޖަމީލު، 1939).
ތަޤުވާވެރިކަމަކީ އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ އެންމެހައި އަޅުކަންތައް އޭގެ މަތީގައި ބިނާކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ. އަދި އިންސާނާގެ މުޅި ދިރިއުޅުން އޭގެ މަތީގައި ބިނާކުރަންޖެހޭ އެއްޗަކީ ތަޤުވާވެރިކަމެވެ. އެހެނީ، މާތް ﷲއަށް ތަޤުވާވެރިވުމަކީ އިންސާނާ ވީ ކޮންމެ ތަނެއްގައި މާތް ރަސްކަލާނގެއަށް ބިރުވެތިވެ ކިޔަމަންތެރިވުމެވެ. އެއީ ކޮންމެ ޙާލަތެއްގައި ވެސް ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ހުރުމެވެ. ޙުދޫދުން ބޭރުނުވުމެވެ. އެކަލާނގެ އަމުރުފުޅު އައިސްފައިވާ ކޮންމެ ކަމަކަށް އެއްވެސް ޝަރުތަކާއި ނުލައި ކިޔަމަންވެ ބޯލެނބުމެވެ.
ދިވެހި ސިފައިންގެ ނަފުސުތައް ވެސް ތަރައްޤީވެ ބިނާވާންޖެހޭނީ ތަޤުވާވެރިކަމުގެ މަތީގައެވެ. އެ ނަފުސުތައް ތަރުބިއްޔަތުވާންޖެހޭނީ އެންމެ ފުރަތަމަ މާތް ﷲއަށް ކިޔަމަންގަތުމުގެ އަސާސްގެ މަތީގައެވެ. ތަމްރީންތަކުގައި ސިފައިންނަށް އުނގަންނައިދޭ އަމުރަށް ކިޔަމަންތެރިވުން ފެށޭ ހިސާބަކީ ތިމާގެ ވެރި ރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށް ނަފުސުތައް ހާނުވައި ތަރުބިއްޔަތުކުރާ ހިސާބެވެ. މިކަމަށް ޓަކައި، ސިފައިންގެ ތަމްރީނުތައް ބައްޓަންކުރެވިފައިވަނީ، އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވެތިބުމަށް ސިފައިން ތަމްރީނުކުރުމަށެވެ. މިގޮތުން، އީމާންކަމުގެ ރުކުންތަކަށް އަހުލުވެރިވުމާއި، އިސްލާމްކަމުގެ ރުކުންތަކަށް ޢަމަލީގޮތުން ފުރިހަމައަށް ތަބަޢަވުމަށް ތަމްރީނުތަކުގައި އާދަކޮށްދެއެވެ. އެހެންކަމުން، މިއާދަތައް، ތިމާގެ މުޅި ޙަޔާތުގައި ދޫނުކުރާނެ އާދަތަކެއްގެ ގޮތުގައި ގަދަޔަށް ހަރުލެއްވުމަކީ ކޮންމެ ފަރުދަކު ވެސް ކުރަންޖެހޭނެ ކަމެއްކަމުގައި ހަނދާނުގައި ބަހައްޓަންވާނެއެވެ.
މާތް ﷲގެ ޙަޟުރަތުގައި އިންސާނާގެ މާތްކަން މިނާ މިންގަނޑަކީ އޭނާގެ ތަޤުވާވެރިކަމެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް ވުރެ މާތްވަނީ އޭނާގެ މުދާވެރިކަމާއި، ޙަސަބާއި ނަސަބުގެ މޮޅުކަމަކުން ނޫނެވެ. ނުވަތަ އޭނާއަށް ލިބިފައިވާ މަތިވެރި މަޤާމަކުން ވެސް ނޫނެވެ. އިންސާނާގެ މާތްކަން ދަރަޖަކުރުމުގައި ބަލަންޖެހޭ މިންގަނޑު ސާފުކޮށް ބަޔާންކުރައްވައި ޙުޖަރާތު ސޫރަތުގެ 13ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ މިފަދައިންނެވެ. ”އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ފިރިހެނަކާއި އަންހެނެއްގެ ފަރާތުން (آدم عَلَيْهِ ٱلسَّلَامُ) އާއި ސިއްތުނާ حَوَّاء ގެފާނުންގެ ފަރާތްޕުޅުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖަމާޢަތް ޖަމާޢަތަށާއި ޤަބީލާ ޤަބީލާއަށް ލެއްވީމެވެ. އެއީ ކަލޭމެން (އެކަކު އަނެކަކަކު) ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭމެން ކުރެ ﷲގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ ކަލޭމެން ކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ ޚަބަރުކުރައްވާ ކަލާނގެއެވެ.“ (އިބްރާހީމް، 2013).
އަހަރުމެން އެންމެންނީވެސް މާތް ﷲގެ އަޅުންނެވެ. އެކަލާނގެ އަޅުވެތިކަމުގެ ހިޔަލަށްވުރެ ވަކީން ހިތްތަކަށް އުފާވެރިކަން ލިބިދޭނެ އެހެންކަމެއް ނުވެއެވެ. ވުމާއިއެކު، ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދީނުގެ އެންމެހައި އަޅުކަންތަކަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ ބަޔަކަށްވުމުގެ ޢަޒުމު ދަމަހައްޓަންވާނެއެވެ. ފަރުޟު އަޅުކަންތަކުގެ އިތުރުން، ކުޅަދާނަވީވަރަކުން ސުންނަތް އަޅުކަންތަކަށްވެސް ލޯބިކުރާ، ދީނުގެ ޝަޢާއިރުތައް ދިރުވާ އާލާކުރުމަށް މަސައްކަތްކުރާ ބަޔަކަށް އަހަރުމެން ވާންވާނެއެވެ. އަދި، މާތް ﷲ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމާއިއެކު، މާތް ނަބިއްޔާ صلى الله عليه وسلم މަނާކުރެއްވި ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމުގެ ޢަޒުމު ހުންނަންވާނެއެވެ. ކަންކަމުގައި މަދަދުދެއްވާ ފަރާތަކީ މާތް ﷲ ކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ކޮންމެ ކަމެއްގައިވެސް ކުރިއަށް ދިއުމަކީ އެކަމެއްގައި ކާމިޔާބުވުމަށްޓަކައި މުހިންމު ޝަރުޠެކެވެ. ދިވެހި ތާރީޚުގައި، ދިވެހީން ކޮށްފައިވާ ކާމިޔާބު ޖިހާދުތަކުން ލިބުނު ނަޞްރުގެ ފަހަތުގައިވެސް ވަނީ މާތް ﷲގެ މަދަދާއިމެދު ބެހެއްޓި ފުރިހަމަ އިތުބާރާއި ޔަޤީންކަމެވެ. އެ މަދަދާއި ނަޞްރު ލިބޭނީ، އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވެގެންކަން އަބަދުވެސް ދަންނާންޖެހޭނެއެވެ.
އަހަރުމެން ދުނިޔޭގެ މި ވަގުތީ ޙަޔާތް ވޭތުކުރާއިރު، މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަކީ ދިރިއުޅުމުގެ މަޤުޞަދުކަމުގައި ހަދަންޖެހެއެވެ. އަދި ހަމަ އެއާއިއެކު، ތިމާގެ އަހުލުންނާއި، ރަޙްމަތްތެރީންނާއި އެކުގައި އުޅޭ އެންމެހައި މީސްތަކުންނަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރަންޖެހެއެވެ. ތިމާއަކީ، ކިތަންމެ މަތީ މަޤާމެއްގެ ވެރިޔަކަސް، ތަޤުވާވެރިކަމެއް އޭނާގެ ކިބާގައި ނެތްނަމަ، އޭނާގެ އެ މަޤާމުގެ އެއްވެސް އަގެއްނެތެވެ. އަދި، ތަޤުވާވެރިކަމުގެ މާތް ޞިފައިން ޞިފަލިބިފައި ނެތްނަމަ، އަނެކުންގެ އިޙުތިރާމާއި ޤަދަރެއްވެސް އޭނާއަކަށް ނުލިބޭނެއެވެ. އެހެނީ، އިންސާނީވަންތަކަމުގެ އެންމެހައި ރިވެތި ޞިފަތަކާއި، މާތް މަކާރިމުލް އަޚްލާޤުގެ ޞިފަތައް ކަމުގައިވާ، މަޑުމޮޅިކަމާއި، ހިތްތިރިކަމާއި، ތަވާޟުޢުވެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއި، އޯގާތެރިކަމާއި، ދީލަތިކަމާއި، އެކަކު އަނެކަކަށް ހެޔޮފޯރުވުންފަދަ އެންމެހައި މާތް ޞިފަތައް ބިނާވެފައިވާ ބިންގަލަކީ ތަޤުވާވެރިކަމެވެ. އިންސާނާއަކީ، ޙަޤީޤަތުގައި އަމިއްލަ އެއްވެސް އާރެއް ބާރެއް ލިބިފައިނުވާ ނިކަމެތި މަޚްލޫޤެއްކަމުގެ އިޙުސާސް އޭނާއަށް ގެނުވައިދެނީ، މާތް ﷲ އަށް އަޅުވެތިވުމާއިއެކު، ތަޤުވާގެ ބިންގަލުގައި އާރާސްތުކުރާ ކިޔަމަންތެރިކަމާއި ބޯލެނބުމުގެ ކިއްލާއިންނެވެ. އެ ކިއްލާގެ ތަނބުތައް ވަރުގަދަވާނެއެވެ. އެކިއްލާގެ ފާރުތައް އުސްވެފައި ދިފާޢު ވަރުގަދަވާނެއެވެ. އަޅުގަނޑުމެންގެ ކޮންމެ ސިފައިންގެ މީހަކުވެސް ވާންޖެހޭނީ، އެފަދަ ވަރުގަދަ ކިއްލާއަކަށެވެ. ތަޤުވާގެ ވަރުގަދަ އައްޑަނައަކަށެވެ. ތަޤުވާގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ހަވާނަފުސުގެ އެދުންތަކަށް ގަދަވެގަންނަ ވަރުގަދަ ޝަޚުޞިއްޔަތަކަށެވެ.
ރިފަރެންސް:
- ޖަމީލު، މުޙައްމަދު. (1939). ދުރޫސުލްއަޚްލާޤް. ދިވެހިރާއްޖެ: ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް ޕލޓ. ލޓޑ.
- އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 1912
