ދިވެހި ދައުލަތަށް ވީހާ ދުވަހެއް ދިވެހި އަސްކަރިއްޔާއަށް ވެދާނެއެވެ. އެއް އަސާސްތަކެއް ޤަބޫލުކޮށް އަޅުގަނޑުމެންނަކީ ދިވެހީންކަމުގައި ބުނާ ހިސާބުން ދިވެހި ޤައުމު ވާނީ އުފެދިފައެވެ. މި ޤައުމުގެ ސަރަޙައްދަކީ ދިވެހީން ކަނޑައަޅައި ހިމާޔަތްކުރަމުން އައިސްފައިވާ ދިވެހީންގެ ރާއްޖެއެވެ. މި ޤައުމާއި މި ރާއްޖެގެ ހުރިހާ އިންތިޒާމުތަކެއް ބަލަހައްޓައި ހިންގަނީ ދިވެހީން އެކުލަވާލާ ދިވެހި ދައުލަތުންނެވެ. ދިވެހި ޤައުމާއި ދިވެހީންގެ ރާއްޖެއާއި ދިވެހީންގެ ދައުލަތް ދިފާޢުކުރުމަށް އުފައްދާ ދިވެހީންގެ ލަޝްކަރަކީ އޭރެއްގައި އޮންނަ ދިވެހި އަސްކަރިއްޔާއެވެ. އެހެންކަމުން ދިވެހި އަސްކަރިއްޔާއަކީ ދިވެހި ދައުލަތުގެ އެންމެ ވަރުގަދަ މުއައްސަސާއެވެ. ދިވެހި ލަޝްކަރުގެ އެންމެ އިސްވެރިޔަކަށް އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔަކު ހުންނެވުމުން ދިވެހި ލަޝްކަރަކީ ދިވެހި ދައުލަތުގެ އެންމެ އިސް ބާރުކަން ވެސް އެނގިގެންދެއެވެ.
ދިވެހިރާއްޖޭގެ ލަޝްކަރާ ބެހޭ ގޮތުން ޢަރަބި ދަތުރުވެރިއެއްކަމަށްވާ އަލްމަސްއޫދީ މީލާދުން 916 ވަނަ އަހަރު ވިދާޅުވެފައިވަނީ ހިމަނައި ނުގަނެވޭހާ ބިޔަ ބޮޑު ލަޝްކަރެއް މައިދާނަށް ނެރުމުގެ ކުޅަދާނަކަން ދިވެހި ސިންގާސަނާއަށް ލިބިގެންވާކަމަށެވެ. މީލާދުން 12 ވަނަ ޤަރުނުގައި އައްސުލްޠާން މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި ޗޯޅާއިން ބަލިކުރެއްވި ހަނގުރާމައިން ވެސް އެނގިގެންދަނީ އޭރު ވެސް ވަރުގަދަ ދިވެހި ލަޝްކަރެއް އޮތްކަމެވެ.
މީލާދުން 16 ވަނަ ޤަރުނުގައި ޕޯޗްގީޒުން ދިވެހިރާއްޖެ ހިފުމަށް ކުރި ހަނގުރާމަތަކުގައި އަބޫބަކުރު ރަސްގެފާނާއި ޝަހީދު ޢަލީ ރަސްގެފާނުގެ ޒަމާނުގައި ވެސް ދިވެހީންގެ ބޮޑު ލަޝްކަރެއް އޮތްކަން އެނގެއެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރުމުގެ ކުރިން ދިވެހި ލަޝްކަރު ބެހިފައި އޮތީ ދެބަޔަކަށް ނުވަތަ ދެބައިލަޝްކަރީންގެ މައްޗަށެވެ. އެއީ އިސްތިންވަރާ ފަސްތިންވަރެވެ. އިސްތިންވަރުގައި އޮންނަނީ ދޮށިމޭނާވަރާއި ހަކުރާވަރާއި ވެލާނާވަރެވެ. ފަސްތިންވަރުގައި އޮންނަނީ ފާމުދޭރިވަރާއި މާފަތްވަރާއި ދަހަރާވަރެވެ. މި ވަރުތަކުގެ ވެރިންނަކީ ނުވަތަ ކޮމާންޑަރުންނަކީ ބޮޑުމުސްކުޅިންނެވެ. މިއީ އިހުގައި ވަޒީރުކަމަށް ކޮލިލައްވާފައި ތިއްބަވާ ބޮޑުބޭކަލުންނެވެ. އެހެންކަމުން އެނގިގެން ދަނީ ކުރިން އޮތް އަސްކަރީ ނިޒާމުގައި ރަސްގެފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އަސްކަރިއްޔާގެ ބައިތަކުގެ ވެރިންގެ ގޮތުގައި އެ ބައިތައް ހިންގަވައި ބަލަހައްޓަވަން ތިއްބެވީ ދައުލަތް ހިންގެވުމަށް ތިއްބަވާ އިސް ވަޒީރުން ނުވަތަ އެ ފެންވަރުގެ ބޭފުޅުންކަމެވެ. މިގޮތުން އަސްކަރިއްޔާގެ ދޮށިމޭނާވަރުގެ ވެރިއަކަށް ހުންނަވަނީ ދޮށިމޭނާ ބޭކަލެކެވެ. ހަކުރާވަރުގެ ވެރިއަކަށް ހުންނަވަނީ ހަކުރާބޭކަލެކެވެ. ވެލާނާވަރުގެ ވެރިއަކަށް ހުންނަވަނީ ވެލާނާ ބޭކަލެކެވެ. މާފަތްވަރުގެ ވެރިއަކަށް ހުންނަވަނީ މާފަތް ބޭކަލެކެވެ. ފާމުދޭރިވަރުގެ ވެރިއަކަށް ހުންނަވަނީ ފާމްދޭރި ބޭކަލެކެވެ. ދަހަރާވަރުގެ ވެރިއަކަށް ހުންނަވަނީ ދަހަރާ ބޭކަލެކެވެ.
އުތީމު މަހާރަދުން ޕޯޗުގީޒުންގެ އަޅުވެރިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށްފަހު ދިވެހި ލަޝްކަރު އެކުލަވާ ލެއްވީ ކުރިން އޮތް ގޮތަކަށް ނޫނެވެ. ބޮޑުތަކުރުފާނު ދިވެހި ލަޝްކަރު އެކުލަވާލެއްވީ ތިން ބައެއް ނުވަތަ ތިން ފޯހެއްގެ ގޮތުގައެވެ. އެއީ ވަރުހަނގުންނާއި އަސްކަރުންނާއި އައްތާރަފަނިންނެވެ. ވަރުހަގުންނަކީ ކުރިން އިސްތިންވަރުގެ ގޮތުގައި ކިޔަމުން އައި ދޮށިމޭނާވަރާއި ހަކުރާވަރާއި ވެލާނާވަރެވެ. އަސްކަރުންނަކީ ވަރުހަނގުންގެ ތިންވަރުގެ އިތުރުން މާފަތްވަރާއި ދަހަރާވަރެވެ. އައްތާރަފަނިން މި ބައިގައި ހިމެނެނީ ފާމުދޭރިވަރެވެ. ރަދުންގެ އެންމެ އަރިހުގައި މަސައްކަތް ކުރާ ދެގެދޭތެރެމީހުން ނުވަތަ ރަދުންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުން މަސައްކަތް ކުރަނީ މިބައިގައެވެ.
ބޮޑުތަކުރުފާނު ޤާއިމު ކުރެއްވި އަސްކަރީ ނިޒާމުގައި މިހާރު ސިފައިން ކިޔާހެން ދިވެހި ލަޝްކަރުގައި ހިމެނޭ މީހުންނަކީ ހަނގުން ނުވަތަ ހަނގުބޭކަލުންނެވެ. އެއީ އަސްކަރުން ނުވަތަ އަސްކަރީންނެވެ. އަސްކަރުންގެ ތެރޭގައި ނުވަތަ ހަނގުބޭކަލުންގެ ތެރޭގައި ހިމެނޭ ވަރުހަނގުންނަކީ ތިން ބައެއްގެ މައްޗަށް ހިމެނޭ ޚާއްޞަ ފައުޖެކެވެ.
