ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކުރީ ހިޖުރައިން 01 ޝަޢުބާން 965 (މީލާދީން 19 މޭ 1558) ގައެވެ. އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުން ނުވަތަ ދިވެހީންގެ ތެރޭގައި މަޝްހޫރު ”އަލިރަސްގެފާނު“ ޝަހީދުކުރުމަށްފަހުގައެވެ. ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ 1 ރަބީޢުލްއައްވަލް 981 (މީލާދީން 2 ޖުލައި 1573) ގައި އުތީމު މުޙައްމަދު ތަކުރުފާނު ނުވަތަ ބޮޑުތަކުރުފާނެއެވެ. އެއީ ފަހުން އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވުމުގެ ޖިހާދު ފެށްޓެވީ އެކަމާމެދު މަޝްވަރާ ކުރެއްވުމަށްފަހު އުތީމު ތިންބެއިންނެވެ. އެއީ މުޙައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) އާއި ބޭބޭފުޅު ޢަލީ ތަކުރުފާނާއި ކޮއްކޯފުޅު ޙަސަން ތަކުރުފާނެއެވެ. މި ބޭފުޅުންގެ އަރިހުގައި އޭރު ހުންނެވީ ދުވާފަރު ދަންޑެހެލެވެ. މި ޖިހާދަށް ފެށްޓެވީ އެކަމަށް ނިޔަތްގަންނަވައި، ދުޢާފުޅެއް ކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ޕޯޗުގީޒުންގެ ވެރިޔަކަށް ހުރި އަނދިރިއަނދިރިން، މާލޭން އުތުރުގެ ވެރިކަމާ ހަވާލުވެގެން ޕޯޗްގީޒުންގެ ފަރާތުން ތިލަދުންމަތީ ބާރަށުގައި ހުރި ވިޔަޒޯރަށް ފޮނުވި ނުރައްކާތެރި ފަތެއް (ސިޓީއެއް) ފޮނުވިއެވެ. މި ފަތް ވިޔަޒޯރަށް ލިބުނީ ހިޖުރައިން 18 ޝައްވާލު 975 (މީލާދީން 1568 ވަނަ އަހަރުގެ އެޕްރީލްމަހު) ގައެވެ. އެ ފަތުގައި އޮތީ ”މަނިކުފާނުން މިދާދުވަހު ބަންނަވައިދެއްވި ކަޅުއޮށްފުންމިޔޭ ކިޔާ އޮޑީއާއިގެން ލަސްނުވެ މާލެ ވަޑައިގަންނަވާށެވެ.“ މި ފަތް ހިފައިގެން ދިޔައީ ޕޯޗުގީޒު ސިފައިންގެ 10 މީހުންނާއި ދެ އޮފިސަރުންނެވެ. މި ފަތް ލިބުނުމުން ފިޔަޒޯރު އުތީމަށް ގޮސް، އުތީމު ތިންބެއިންނަށް މި ފަތް ދެއްކިއެވެ. އެ ބޭފުޅުންނަށް މި ހިނގާ ކަންތައްތަކުގެ ޙަޤީޤަތް އެނގިވަޑައިގެން ތިއްބައި ވިޔަޒޯރާ އެކު މާލެ ވަޑައިގަންނަވަން އެއްބަސްވެވަޑައިގަތެވެ.
މި ދަތުރުގައި ފާދިއްޕޮޅުން ނުކުމެ، ކާށިދޫ ކަނޑު ދުއްވާފައިވަނިކޮށް ވިޔަޒޯރާއި ޕޯޗްގީޒުންގެ ސިފައިންނާ ދެމެދުގައި ހިނގި ޒުވާބެއްގައި ޕޯޗުގީޒުންގެ ސިފައިންގެ މީހަކު ވިޔަޒޯރުގެ މެޔަށް ޚަންޖަރު ޖަހައިމަރާލިއެވެ. އެވަގުތު އުތީމު ތިންބެއިންނާއި ދަންޑެހެލާ ވެގެން ހުރިހާ ފަރަންޖީން މަރައި، އޮޑި ސާފުކޮށް އަނބުރާ ވަޑައިގަތީ އުތީމަށެވެ. އުތީމަށް ފައިބާވަޑައިގެން އުތީމު ތިންބެއިންނާއި ދަންޑެހެލާ ހަތަރު ބޭފުޅުން އުތީމު ކަނދުވަލު މިސްކިތަށް ވަޑައިގެން ޢިޝާ ނަމާދު އަދާއަށް ކުރެއްވިއެވެ. އަދި އިސްތިޚާރަތުގެ ދެ ރަކުޢަތާއި ވިތުރީގެ ތިން ރަކުޢަތް ކުރެއްވުމަށްފަހު މިސްކިތުގެ ދޮރުމައްޗަށް ނުކުންނެވިއެވެ. އެއަށްފަހު ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ނިޔަތްގަނެ، އެ ޖިހާދުގެ ވެރިއެއްކަމުގައި މުޙައްމަދު ތަކުރުފާނު ގަބޫލުކުރައްވަން ޢަލީ ތަކުރުފާނު ހުށަހެޅުއްވިއެވެ. އެކަން މުޙައްމަދު ތަކުރުފާނު ގަބޫލުކުރެއްވުމުން ހުރިހާ ބޭފުޅުން މުޙައްމަދު ތަކުރުފާނަށް ބައިޢަތު ހިއްޕެވިއެވެ. އެ ހިނދު އުތީމު ތިންބެއިންގެ ތެރެއިން ދޮށްޓަށް ހުންނެވި ޢަލީ ތަކުރުފާނު ދެ އަތް މައްޗަށް ނަންގަވައި އިސްވެ ދުޢާފުޅެއް ހަރުއަޑުން ވިދާޅުވިއެވެ. އެ ދުޢާފުޅުގައި ވިދާޅުވިއެވެ.
”ޔާރައްބި ކަލާކޯއެވެ. މި ތިބީ އިބަ ސުވާމީންގެ ދީނަށް ނަޞްރު ދިނުމަށް ނިޔަތްގަތް ވެރިއަކާއި ތިން މީހުންނެވެ. ފަހެ، އަޅަމެންނަށް ނަޞްރު ދެއްވައި ދީން ޢިއްޒަތްތެރިކުރައްވައި މި ތިބަ ތިން މީހުންގެ ޢުމުރު ދަންމަވައި، އަޅަމެންގެ ބައި ގިނަކުރައްވައި، މި ދިވެހިރާއްޖެ އިހު ވެސް ސަލާމަތްކުރެއްވި ފަދައިން ކުފުރުކަމުން ސަލާމަތް ކުރައްވައި މި ނިކަމެތި އަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވާފާދޭންވެއެވެ. އާމީން“ މި ދުޢާ ޢަލީ ތަކުރުފާނު ވިދާޅުވުމުން އެހެން ބޭފުޅުން ”އާމީން“ ވިދާޅުވިއެވެ.
މި ދުޢާފުޅު ވަނީ ޢަލީ ތަކުރުފާނު ކުރެއްވިގޮތަށް اللهُ سُبْحَانَهُ وَتَعَالَى ހިންމަވައި ދެއްވާފައެވެ. ޢަލީ ތަކުރުފާނު ޝަހީދުކޮށްލީ އަނބިކަނބަލުންގެ ރަށް ކަމުގައިވާ ތިލަދުންމަތީ ތަކަންދޫގައި ހުންނަވަނިކޮށް ހިޖުރައިން 980 ވަނަ އަހަރު (މީލާދީން 1572 ވަނަ އަހަރު) އެވެ. ޢަލީ ތަކުރުފާނުގެ އިސްތަށިފުޅު ބުރިކޮށްލައިގެން މާލެ ގެނައުމުން އެ އިސްތަށިފުޅު ވަޅުފުޅުލެވިފައިވަނީ ކ. ފުނަދޫގައެވެ. ހަށިކޮޅުގެ ޒިޔާރަތް ހުންނަނީ ހއ. ތަކަންދޫގައެވެ. (ފޮޓޯގައި އެބަނީ ތަކަންދޫގައި ހުންނަ ޢަލީ ތަކުރުފާނުގެ ޒިޔާރަތެވެ.)
