އުތީމު ޙުސައިން ޚަޠީބުތަކުރުފާނަކީ އުތީމު މަހާރަދުން، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ބައްޕާފުޅެވެ. އުތީމު ޙުސައިން ޚަޠީބުތަކުރުފާނުގެ ބައްޕާފުޅަކީ ކަޅު ޙަސަން ކަލޭގެ ގެ ދަރިކަލުން ކަޅު ޢަލީ ޚަޠީބުތަކުރުފާނެވެ. މަންމާފުޅަކީ މާޅޮސްމަޑުލު ދެކުނުބުރީ ހޮރުނބަދޫ ބޭކަނބަލެކެވެ. ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިއްބެވީ ދެ ބަނޑަކަށް ލިބިވަޑައިގެންފައިވާ ހަތަރު ބޭފުޅުންނެވެ. އެއީ ޝަހީދު ޢަލީތަކުރުފާނާއި ފާތުމާފާނާއި މުޙައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) އާއި ޙަސަން ތަކުރުފާނެވެ. ޙުސައިން ޚަޠީބުތަކުރުފާނުގެ ވަޞިއްޔަތަކީ އެ ތަކުރުފާނުގެ ހަތަރު ބޭފުޅުންނަށް ކުރެއްވި ވަޞިއްޔަތެކެވެ.

ޙުސައިން ޚަޠީބުތަކުރުފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގެންނެވީ މާރަންދޫ ތޭރަވާ މުދިންކަލޭގެއޭ ކިޔުނު ބޭކަލެއްގެ ދަރިކަނބަލަކާއެވެ. މި މާރަންދޫ ކަމަނާއަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ޝަހީދު ޢަލީ ތަކުރުފާނާއި، ފާތުމާފާނު (ދައިތާ ކަމަނާ) އެވެ. ފާތުމާފާނު ލިބިވަޑައިގެންނެވިތާ މާގިނަދުވަހެއް ނުވަނީސް މާރަންދޫ ކަމަނާ އަވަހާރަވީއެވެ.

ޢަލީ ތަކުރުފާނާއި ފާތުމާފާނަށް ތަންދޮރު އެނގިވަޑައިގަންނަވާވަރަށް ބޮޑުފުޅު ވާންދެން ކައިވެނިފުޅެއް ނުކުރައްވައި ހުންނެވުމަށްފަހު ޙުސައިން ޚަތީބުތަކުރުފާނު ކައިވެނިފުޅު ބައްލަވައިގެންނެވީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އައިމިނާ ދިޔޯ އާއެވެ. އުތީމު މުޙައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) އާއި ޙަސަން ތަކުރުފާނު ލިބިވަޑައިގެންނެވީ މި ކައިވެނިފުޅުންނެވެ. ޙަސަން ތަކުރުފާނު ލިބިވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް މި އަނބިކަނބަލުން ވެސް އަވަހާރަވީއެވެ. ދެން އިތުރު ކައިވެނިފުޅެއް ނުކުރައްވައި އުތީމު ޙުސައިން ޚަތީބު ތަކުރުފާނު ދަރީން ތަރުބިއްޔަތުކުރައްވާން ހުންނެވީއެވެ.

އުތީމު ޙުސައިން ޚަޠީބު ތަކުރުފަނާއި އާއިލާގެ ބޭފުޅުން ދިރިއުޅުއްވީ އުތީމު ގަނޑުވަރުގައެވެ. ޙުސައިން ޚަޠީބު ތަކުރުފާނަކީ އުތީމުގެ  ޚަޠީބެވެ. އެއީ ފަހުން ކިޔަމުން އައިގޮތުންނަމަ އުތީމު ކަތީބެވެ. ޙުސައިން ޚަތީބު ތަކުރުފާނަކީ މާލޭން އުތުރުގައި އޭރު ހުންނެވި އެންމެ ވަރުގަދަ އެއް ސިޔާސީ ލީޑަރެވެ. ވިޔަފާރި ކުރެއްވި އަތްމަތި ތަނަވަސް ބޭފުޅެކެވެ. ދީނަށް ލޯބިކުރެއްވި ހަރުދަނާ ޝަޚުޞިއްޔަތެކެވެ.

ޙުސައިން ޚަތީބު ތަކުރުފާނުގެ ބަލިހާލުކޮޅު ބޮޑުވިއެވެ. ބައްޕާފުޅުގެ ހާލުކޮޅު ދަށަށްދާން ފެށުމުން ތަކަންދޫގައި ދިރިއުޅުއްވަމުން ގެންދެވި ޢަލީ ތަކުރުފާނު ޢާއިލާގެ ބޭފުޅުން ގޮވައިގެން ވަޑައިގެން ހުންނެވީ އުތީމުގައެވެ. މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު ވިޔަފާރި ދަތުރެއްގައި އުޅުއްވަމުން ދުވާފަރަށް ފޭބެންނެވި ތަނުން ދަންޑެހެލާ ދިމާވެގެން އެ ދެބޭންނާއެކު ގެންނެވި ދަތުރުގައި ރަށަށް ވަޑައިގަންނަވަމުން ބޭބޭފުޅު ޢަލީ ތަކުރުފާނާ ބައްދަލުކޮށްލައްވާފައި ރަށަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ތަކަންދުވަށް މަޑުކުރެއްވިއެވެ. ތަކަންދުވަށް ލެއްޕެވުމުން ބައްޕާފުޅުގެ ހާލުކޮޅު ބޮޑުވެގެން، ބޭބޭފުޅު އަނބިދަރީން ގޮވައިގެން އުތީމަށް ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތެވެ. ދެން ތަކަންދުވަށް ފައިބައިވަޑައިނުގެން އަވަސްއަވަހަށް ފުރުއްވައިގެން އުތީމަށް ވަޑައިގެންނެވިއެވެ.

އޭރު ޙުސައިން ޚަތީބު ތަކުރުފާނު އޮންނެވީ އާލާސްކަންފުޅު ބޮޑުވެ ތަންމަތީގައެވެ. ވަރަށް ގިނައިން ”މުޙައްމަދާއި ޙަސަނާ އަދިވެސް ނާދޭތޯ“ ސުވާލު ކުރައްވާ ހައްދަވައެވެ. މީގެ ދެބެން ގޭދޮށަށް ވަޑައިގެންނެވުމުން ހިނިތުންވެ ވަޑައިގެން ސަލާމް ކުރެއްވިއެވެ. އަދި ޙުސައިން ޚަތީބު ތަކުރުފާނުގެ ހަތަރުބެއިން އެނދުދާންކޮޅުގެ ކައިރިއަށް ގެންނަވައި މަރުގެ ވަޞިއްޔަތް ކުރެއްވިއެވެ. ޙުސައިން ޚަތީބު ތަކުރުފާނު ވިދާޅުވިއެވެ. ”ދަރިފުޅު މެންނޭވެއެވެ. ބައްޕާ ދުނިޔޭގައި ދިރިހުރުމުގެ ދުވަސް ހީވަނީކުރުވެއްޖެ ހެންނެވެ. ބައްޕައަށް ދުނިޔެއިން ކުރެވުނު ކަމަކީ ތިޔަ ހަތަރު ބެއިން ގެންގުޅެ ބޮޑުކުޅައުމެވެ. ތިޔަ ކުދީންނަކީ، ބައްޕަގެ ހެޔޮ ޢަމަލުތައް ކަމުގައި ވާށެވެ. ވަކިވަކިވެ ދެކޮޅުވެރި ނުވާށެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތާށެވެ. ވިޔަފާރިކުރުން ދޫނުކުރާށެވެ. ވިޔަފާރީގައި މަކަރު ހީލަތް ނުހަދާށެވެ. ދަރިފުޅުމެންނޭވެއެވެ. މި ރާއްޖެ މިދަނީ ޣައިރު ދީނަށް އެނބުރެމުންނެވެ. ތިޔަ ކުދީން މި ބަފައި ހަނދުމަކޮށް އިސްލާމްދީން ދޫނުކުރާށެވެ. ބައްޕަ ތިޔަ ކުދީން ނުފެނިގެން ހިތާމަކުޅައީ، މި ބަސް ނުބުނެވި އޮވެގެންނެވެ. މިހާރަކު ހިތާމައެއް ނެތެވެ. ތިޔަ ކުދީންނަށް އެނގިތިބި ވަރަކުން އެނގެމުންދާ ވަރަކުން ދީނަށް އުޅޭށެވެ.“ މި ވަޞިއްޔަތް ކުރެއްވިތާ ދެވަނައަށް ވީ ދުވަހު އުތީމު ޙުސައިން ޚަތީބު ތަކުރުފާނު އަވަހާރަވެއްޖެއެވެ. އެ ތަކުރުފާނު ފަސްދާނު ލެވިފައި ވަނީ އުތީމު ކަނދުވަލު މިސްކިތުގެ ގޯތިތެރޭގައެވެ.

ޝެއަރކުރެއްވުމަށް