އެއީ، 1945ވަނަ އަހަރުގެ އޮގަސްޓު މަހެވެ. މީގެ 80 އަހަރު ކުރިއެވެ. އެމެރިކާއިން، 1945ވަނަ އަހަރުގެ އޮގަސްޓު 6ވަނަ ދުވަހު ޖަޕާނުގެ ހިރޯޝިމާއަށް އަދި އޭގެ ދެ ދުވަސްފަހުން، އާދެ 1945ވަނަ އަހަރުގެ އޮގަސްޓު 9ވަނަ ދުވަހު ނަގަސާކީއަށް އެޓޮމިކް ބޮން ވައްޓާލިއެވެ. މިއީ ހަނގުރާމައެއްގައި ފުރަތަމަ ފަހަރަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވުނު ފަހަރެވެ. އަދި، މިހާތަނަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވުނު ހަމައެކަނި ފަހަރު ވެސް މެއެވެ. މި ހަމަލާތަކުގެ ސަބަބުން ދެވަނަ ބޮޑުހަނގުރާމައިގައި އޭޝިއާގެ ބާރުގެ ގޮތުގައި އޮތް ޖަޕާނަށް އަމާން ދޭން މަޖުބޫރުވިއެވެ. އެއަށްފަހު، ދެވަނަ ބޮޑުހަނގުރާމަ އެއްކޮށް ނިމުމަކަށް އައެވެ. ހަމައެހެންމެ، މި ހާދިސާ ވެގެން ދިޔައީ، ދުނިޔޭގައި ސިޔާސީ ގޮތުންނާއި، ސަލާމަތީގޮތުން ބޮޑެތި ބަދަލުތަކެއް ގެނުވި ހާދިސާއަކަށެވެ. ހަމައެހެންމެ، ފުން އަސަރުތަކެއް ކުރުވި ހާދިސާއަކަށެވެ.

މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ގުޅުންތައް އަލުން ތަރުތީބުކުރެވިގެން ދިޔައެވެ. އަދި ނިއުކްލިއަރ ހަތިޔާރުގެ ނުރައްކަލުގެ ދަލުގައި ޖެހި، ދުނިޔެ ފަނާވެދާނެކަމުގެ ބިރުވެރިކަން އޮތް އައު ޒަމާނެއް ފެށުނެވެ. މި މަޒުމޫނުގައި، ހިރޯޝިމާ އަދި ނަގަސާކީއަށް ވައްޓާލި ބޮމުގެ ސަބަބުން ދުނިޔެއަށް ކުރި އަސަރުތަކަށާއި، ޚާއްޞަކޮށް ދުނިޔެއަށް އައި ޖިއޯޕޮލިޓިކަލް ބަދަލުތަކަށާއި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވާދަވެރިކަމަށާއި، ދުނިޔޭގެ ސުލްޙަވެރިކަމުގެ މަސައްކަތްތަކަށާއި، އަދި އެތިކަލް ބަހުސްތަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.          

ދެވަނަ ބޮޑުހަނގުރާމަ ނިމުމާއި، ”ވޯލްޑް އޯޑަރ“ ތަރުތީބުވުން

1945ވަނަ އަހަރުގެ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޖަޕާނުން ހަނގުރާމައިގައި ބަލި ޤަބޫލުކުރަން މަޖުބޫރުވީ، އެޓޮމިކް ހަތިޔާރުގެ ބޭނުންކުރުމުގެ ސަބަބުންނެވެ. އަދި، އެއީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ކުރެވުނު ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިކުރި އެންމެ މުހިންމު އެއް ހާދިސާއެވެ. މި ހާދިސާގައި ހިރޯޝިމާއަށް ވައްޓާލި އެޓޮމިކް ބޮމަށް ދީފައިވާ ނަމަކީ، ”ލިޓްލް ބޯއީ“އެވެ. އަދި ނަގަސާކީއަށް ވައްޓާލި ބޮމަށް ދެވުނު ނަމަކީ ”ފެޓް މޭން“ އެވެ. މި ދެ އެޓޮމިކް ބޮމުގެ ހަމަލާގައި، އަދި އެ ހަމަލާގެ އަސަރުކޮށްގެން 1945ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 214,000އަށް ވުރެ ގިނަ މީހުން މަރުވި ކަމުުގައި އަންދާޒާކޮށްފައިވެއެވެ. އަދި، ހަމަލާތަކުގެ ފަހުން ވެސް، ގިނަ ބަޔަކު ރޭޑިއޭޝަނާ ގުޅުންހުރި ބަލިތަކުން މަރުވެފައިވެއެވެ. މި ހަމަލާތަކުގައި، ޖަޕާނަށް ކުރި ފަނާކުރަނިވި ބާރުގަދަ އަސަރުތަކުގެ މިންވަރުން އެކަނި ވެސް ދުނިޔެ ސިހުމަކަށް ގެނުވިއެވެ. އަދި، ނިއުކްލިއަރ ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެއަށް އިންތިހާއަށް ގެއްލުންދީ، ފަނާކޮށްލެވިދާނެ މިންވަރު ވަޒަންކޮށްލެވުނެވެ.

އެޓޮމިކް ބޮމްތަކުގެ ހަމަލާގެ ސަބަބުން، ދުނިޔޭގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އަދި ސުޕަރ ޕަވަރުގެ ގޮތުގައި އެމެރިކާ އިތުރަށް ބާރުގަދަ ވެގެން ދިޔައެވެ. މި ހާދިސާ ހިނގި އިރު، އެޓޮމިކް ހަތިޔާރު ހަމައެކަނި ހުރި ގައުމަކީ އެމެރިކާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ހަނގުރާމައަށް ފަހު، ދުނިޔޭގައި އެމެރިކާއަށް އިސްތިރާޖީ ގިނަގުނަ ފައިދާތަކެއް ލިބިގެން ދިޔައެވެ. އެގޮތުން، ދެވަނަ ބޮޑުހަނގުރާމައަށް ފަހު، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) އުފެއްދުމާއި، ބައިނަލްއަގުވާމީ އިއްތިހާދުތައް އަލުން އެކުލަވާލުމުގައި، އެމެރިކާއިން ވަނީ ބޮޑު ނުފޫޒެއް ފޯރުވާފައެވެ. ނަމަވެސް، އެމެރިކާގެ ނުފޫޒު ވަރުގަދަވެގެން ދިޔަ ވަރަކަށް، އޭގެ އަނެއްކޮޅުން، ސޯވިއެޓް ޔޫނިއަނާ އެކު އޮތް ވާދަވެރިކަން ދިޔައީ ފުޅާވަމުން، ބޮޑުވަމުންނެވެ. ސޯވިއެޓް ޔޫނިއަނުން އެމީހުންގެ އަމިއްލަ ނިއުކްލިއަރ ޕްރޮގްރާމް އަވަސްކުރުމާ އެކު، ދެ ބާރުގެ ދެމެދުގައި ފިނިހަނގުރާމަ ފެށުނެވެ.

އެޓޮމިކް ބޮމުގެ ހާދިސާ ވެގެންދިޔައީ، ”ބައިޕޯލަރ ވޯލްޑް އޯޑަރ“ ނިޒާމްގެ ފެށުމަށެވެ. މާނައަކީ، ގައުމެއްގައި ނިއުކްލިއަރ ކެޕޭސިޓީ ހުރުމަކީ  ގްލޯބަލް ޕަވަރ ޑައިނަމިކްސްގެ މައިގަނޑު ތަނބެއްގެ ގޮތުގައި ބެލެވެން ފެށުމެވެ. އެޓޮމިކް ބޮމުގެ ހަމަލާއަށް ފަހު، ދުނިޔޭގެ ސިޔާސީ، އިޤުތިޞާދީ އަދި ސަގާފީ ވައްޓަފާޅި އަލުން އެކުލަވާލެވި، މިއަދާ ހަމައަށް ވެސް އޭގެ އަސަރުތައް ދެމިގެން ދެއެވެ. އެގޮތުން، އައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލުތަކަކީ، ގައުމުތަކުން ސީދާ ހަނގުރާމަތަކަށް ނުކުތުމުގެ ބަދަލުގައި ޕްރޮކްސީ ހަނގުރާމަތަކާ ދިމާއަށް ދިޔުމާއި، ސިޔާސީ މަސްލަހަތު ހާސިލުކުރުމަށް ގައުމުތަކަށް އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި، ޖާސޫސީ ހަރަކާތްތައް އިތުރުވެގެން ދިޔުމެވެ. ހަމައެހެންމެ، ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޢާހަދާތަކާއި ޖަމްޢިއްޔާތައް އުފެދި، އަޑުއުފުލުން ވެސް ފެށުނެވެ.

އެޓޮމިކް ހަތިޔާރުގެ ސަބަބުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ނިއުކްލިއަރ ފިޒިކްސްގެ ދާއިރާއިން ކުރެވުނު ދިރާސާތަކުގެ ސަބަބުން ހަކަތައިގެ އައު ވަސީލަތްތައް ތަޢާރަފުވެ، ޞިއްޙީ ދާއިރާގައި ވެސް އައު ފަރުވާތަކާއި ޓެކްނޮލޮޖީތައް ތަޢާރަފުވެގެން ދިޔައެވެ.

ނަމަވެސް، މި ހުރިހާ ކަމެއްގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޖަޕާނުގެ މުޖުތަމަޢަށެވެ. އެޓޮމިކް ބޮންތަކުގެ ސަބަބުން ޖަޕާނުގެ އިޖުތިމާޢީ އަދި ސަގާފީ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން، ހަނގުރާމައަށްފަހު އަލުން ގައުމު ބިނާކުރުމުގެ މަސައްކަތްތަކުގައި ޖަޕާނު ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފައެވެ. ހަމައެހެންމެ، ގައުމިއްޔަތުގެ ހައްދުފަހަނައެޅި ވިސްނުމާ ދުރުވެ، ސުލްޙަވެރިކަމަށް ލޯބިކުރާ ޘަޤާފަތެއް ޖަޕާނުގެ ރައްޔިތުންގެ ކިބައިގައި އުފެދުނެވެ. އަދި، ބައިނަލްއަގުވާމީ މުޖުތަމަޢުގައި، ޖަޕާނު އޮތް މަޤާމު ބަދަލުވެގެން ދިޔަތަން ފެނުނެވެ.

ނިއުކްލިއަރ ހަތިޔާރުގެ ވާދަވެރިކަން ފެށި ދުނިޔޭގެ ސަލާމަތަށް އައި ބަދަލުތައް

އެޓޮމިކް ބޮމުގެ ހާދިސާއަށް ފަހު، ނިއުކްލިއަރ ހަތިޔާރުގެ ޒަމާން ފެށުނީއެވެ. އެ ހާދިސާއަށް ފަހު، އެމެރިކާއަށް ނިއުކްލިއަރ ހަތިޔާރުގެ މައްޗަށް އޮތް ”މިނެއް ނެތް“ ބާރާ މެދު ސޯޯވިއެޓް ޔޫނިއަނުން އިންތިހާއަށް ކަންބޮޑުވިއެވެ. ނަތީޖާއަކަށްވީ، ނިއުކްލިއަރ ބާރު ހޯދުމަށް މަސައްކަތް ފަށައި، 1949ވަނަ އަހަރު ސޯޯވިއެޓުންގެ ފުރަތަމަ އެޓޮމިކް ބޮން ކާމިޔާބުކަމާ އެކު ތަޖުރިބާކުރުމެވެ. މި ކުރިއެރުމުގެ ސަބަބުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން އިތުރުވެ، 1960ގެ އަހަރުތަކާ ހަމައަށް އައި އިރު، އެމެރިކާ އަދި ސޯވިއެޓް ޔޫނިއަނުން ހާހުން ގުނާލެވޭ މިންވަރަށް ނިއުކްލިއަރ ވޯހެޑްތައް އުފެއްދިއެވެ. އަދި، އެ ދެ ބާރުގެ އިތުރުން، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޗައިނާ ފަދަ އެހެން ބާރުގަދަ ގައުމުތަކުން ވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެށިއެވެ.

އެމެރިކާއާއި ސޯވިއެޓުންގެ ވާދަވެރިކަމުގައި، ނިއުކްލިއަރ ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، އަސްކަރީ ސްޓްރެޓެޖީތަކާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ބަދަލުތައް އައެވެ. ނޭޓޯ އަދި ވޯސޯ ޕެކްޓް ގާއިމުކުރިއެވެ. އަދި ނިއުކްލިއަރ ވާދަވެރިކަމުގެ ތެރޭގައި ދުނިޔެ ދެބައިވެ، ކޮރެއާ އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައި ޕްރޮކްސީ ހަނގުރާމަތައް ކުރެވުނެވެ. 1968ވަނަ އަހަރު ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ މުއާހަދާ (ނޮން-ޕްރޮލިފެރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް) ”އެންޕީޓީ“ ފަދަ އެއްބަސްވުންތައް އެކުލަވާލައި، ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ މުހިންމު މަސައްކަތްތަކެއް ފެށުނެވެ. އަދި، އަވަސް އިންޒާރުދިނުމުގެ ނިޒާމުތަކާއި، ދިފާއީ ސްޓްރެޓެޖީތައް ތަރައްޤީކޮށް، ދުނިޔޭގެ ސަލާމަތީ އޮނިގަނޑުގައި ނިއުކްލިއަރ ކަންބޮޑުވުންތައް އުފެދުނެވެ.

ދުނިޔޭގެ ސުލްހައިގެ ހަރަކާތްތަކާއި ނިއުކްލިއަރ އިދިކޮޅު ހަރަކާތްތައް

ހިރޯޝިމާ އަދި ނަގަސާކީގައި ހިނގި ނުރައްކާތެރި އެޓޮމިކް ބޮމުގެ ހާދިސާއަށް ފަހު، ދުނިޔޭގެ ސުލްހައިގެ ހަރަކާތްތަކާއި، ނިއުކްލިއަރ އިދިކޮޅު މުޖުތަމަޢުތައް އުފެދި، އިތުރަށް ހަރުދަނާވެގެން ދިޔައެވެ. އެ ހާދިސާތަކުން ސަލާމަތްވި މީހުން ކަމުގައިވާ ”ހިބަކުޝާ“އިން ވެގެންދިޔައީ، ނިއުކްލިއަރ ހަތިޔާރު އުވާލުމަށް ގޮވާލާ އެންމެ ވަރުގަދަ އަޑުތަކަށެވެ. އެމީހުން ދަނީ، ނިއުކްލިއަރ ހަތިޔާރުގެ ސަބަބުން އިންސާނިއްޔަތަށް ކުރިމަތިވާ ނުރައްކާތެރި ގެއްލުންތައް ބުނެދީ، އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށް، ދުނިޔެ ހޭލުންތެރިކުރުވަމުންނެވެ.

ޖަޕާނުގައި، ކޮންމެ އަހަރަކު ބާއްވާ ހަނދާނީ މުނާޞަބާތަކުގައި، ޚާއްޞަކޮށް ހިރޯޝިމާ ސުލްހައިގެ ހަނދާނީ ރަސްމިއްޔާތު (ޕީސް މެމޯރިއަލް ސެރެމޮނީ)ގައި، ނިއުކްލިއަރ ހަތިޔާރުން އެއްކިބާވެފައިވާ ދުނިޔެއެއްގެ މުހިންމުކަން އަބަދުވެސް ފާހަގަކުރެވެއެވެ. މި މުހިންމު މެސެޖަކީ މި އަހަރު ބޭއްވި އެ ހަރަކާތުގެ 80ވަނަ އަހަރީ ދުވަހުގައި ވެސް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ފަދަ ދުނިޔޭގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން، ތަކުރާރުކޮށް އިއްވި މެސެޖެކެވެ.

ނިއުކްލިއަރ ބޮން ގޮއްވުމުގެ ހާދިސާއަށް ފަހު، ”ކެމްޕޭން ފޮރ ނިއުކްލިއަރ ޑިސްއާމަމަންޓް (ސީއެންޑީ)“ ފަދަ ޖަމްޢިއްޔާތަކާއި، 1955ވަނަ އަހަރު ބޭއްވުނު ”ބަންޑަންގް ކޮންފަރެންސް“ ފަދަ މުހިންމު ހަރަކާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އުފެދުނެވެ. މި ކޮންފަރެންސްގައި ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުން ސުލްހަ ޤާއިމުކުރުމަށާއި އިސްތިޢުމާރު ނައްތާލުމަށް ގަދައަޅައި މަސައްކަތްކުރިއެވެ. ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރުމާއި ބޭނުންކުރުމާ ދެކޮޅަށް، ފުޅާ ދާއިރާގެ އިހުތިޖާޖުތަކެއް ކުރިއެވެ. ނިއުކްލިއަރ ބޮން ގޮއްވުމުގެ ހިތާމަވެރި މަންޒަރުތަކާއި، އަނދާ ހަލާކުވެފައިވާ ސިޓީތަކާއި، ރޭޑިއޭޝަންގެ ޝިކާރައަށްވެ، އަނިޔާ ލިބުނު މީހުންގެ މަންޒަރުތައް ހާމަކޮށް، އިންސާނިއްޔަތުކަމުގެ މުހިންމުކަން ވިސްނައިދިނެވެ.

އަޚްލާޤީ އަދި ސަޤާފީ ބަހުސްތައް

ޖަޕާނުގެ ހިރޯޝިމާ އަދި ނަގަސާކީގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާއިން ދިން ނުރައްކާތެރި އެޓޮމް ބޮމުގެ ހަމަލާއަކީ، ކޮންމެހެން ދޭންޖެހޭ ވަރުގެ ހަމަލާއެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި އެއީ އަޚްލާޤީ ގޮތުން އެޅި ރަނގަޅު ފިޔަވަޅެއްތޯ ކުރެވޭ ބަހުސް މިއަދާ ހަމައަށް ކުރިއަށްދެއެވެ. ދެވަނަ ބޮޑުހަނގުރާމަ ފަދަ އަނިޔާވެރި ހަނގުރާމައެއް ނިންމުމަށް ޓަކައި މިފަދަ ޢަމަލުތައް ހިންގުމުގެ ޝަރުޢީ ހައިސިއްޔަތާ މެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވެއެވެ. މި ބަހުސްގައި، ޖަޕާނުގެ އޭރުގެ ހާލަތަށް ރިޢާޔަތްކޮށް، އެވަރުގެ ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދިނުމުގެ އެއްވެސް މުހިންމުކަމެއް ނެތްކަމަށް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް، މިކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ، އެ ބޮމުގެ ސަބަބުން ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ އަނިޔާވެރި ހަނގުރާމައެއް ހުއްޓުވައި، ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްކުރެވުނު ކަމަށެވެ. މި ބަހުސްތަކުގެ އަސަރު މިއަދު ވެސް ހަނގުރާމައިގެ އަޚްލާޤީ މިންގަނޑުތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ޤައުމުތަކުގެ ޒިންމާއާ ބެހޭ މަޝްވަރާތަކުގެ އެޖެންޑާގެ ކުރިއަށް ނެރެއެވެ.

އެ ހަމަލާގެ އަސަރު، ސަޤާފީ ގޮތުން، ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ. ޖަޕާނުގެ މަންގާ އާޓިސްޓް އަދި ލިޔުންތެރިޔާ، ކެއިޖީ ނަކަޒާވާ ލިޔުއްވި މަންގާ ފޮތް، ”ބެއަރފުޓް ޖެން“ ފަދަ ފަންނީ މަސައްކަތްތަކުން، އެ ހާދިސާގެ ހަނދާންތައް ދިރިތިބި މީހުންނަށް ގެނެސްދެއެވެ. އަދި، ޖަޕާނުގެ ރައްޔިތުންނަށް ނަފުސާނީ ގޮތުން ލިބުނު އަނިޔާތައް ހާމަކޮށްދީ، ނިއުކްލިއަރ ހަނގުރާމައިގެ ނުރައްކާތެރިކަމާ މެދު ދުނިޔޭގެ ވިސްނުން އައު މިސްރާބަކަށް ގެންގޮސްދިނެވެ. ބައިނަލްއަގުވާމީ ފެންވަރުގައި، ބޮމުގެ ހަމަލާގެ އަސަރު ހަނގުރާމައަށްފަހުގެ އަދަބިއްޔާތާއި ސިނަމާގެ ދާއިރާއިން މިހާރު ދަނީ މީހުންނަށް ފޯރުކޮށްދެމުންނެވެ. ޑިސްޓޯޕިއަން ސައިންސް ފިކްޝަނުން ފެށިގެން ޑޮކިއުމެންޓަރީތަކާ ހަމައަށް، ސުލްޙައާއި އެއްބާރުލުމުގެ މުހިންމުކަން އިތުރަށް ފާހަގަކޮށްދިނެވެ. ”ގްރައުންޑް ޒީރޯ“ މި ޢިބާރާތް އުފެދިގެން އައީ ހިރޯޝިމާއިންނެވެ. މިއީ މުޅިން ހަލާކުވެ ވީރާނާވުމުގެ ޢާލަމީ ނިޝާނެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ޢިބާރާތެކެވެ.

ދުރު މުސްތަޤްބަލަށް ދެމިގެންދާ ތާރީޚީ ހަނދާންތައް

ހިރޯޝިމާ އަދި ނަގަސާކީގެ އެ ހަމަލާގެ އަސަރު 21 ވަނަ ޤަރުނަށް ވެސް ވަނީ ފޯރާފައެވެ. އަދި ދުނިޔޭގެ ސިޔާސަތުތަކާއި ތާރީޚީ ހަނދާންތަކަށް ނުހަނު ބޮޑު އަސަރެއް ކޮށްފައިވެއެވެ. އެޓޮމިކް ބޮމުގެ ހާދިސާއިން ދައްކުވައިދިނީ މުސްތަޤްބަލުގައި ހަނގުރާމަތައް ހުއްޓުވުމަށް ޓަކައި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ މުހިންމުކަމެވެ. މީގެ އިތުރުން، ޕުގްވާޝް ކޮންފަރެންސްތަކުގައި ސައިންޓިސްޓުން ޓެކްނޮލޮޖީގެ ޞުލްޙަވެރި ބޭނުންތަކަށް ވަކާލާތުކުރާ ފަދައިން، ސައިންޓިސްޓުންގެ ޒިންމާދާރުކަމުގެ މުހިންމުކަން ވެސް މި ހާދިސާތަކުން ފާހަގަކޮށްދެއެވެ.

އެހެންނަމަވެސް، ނިއުކްލިއަރ ހަނގުރާމައިގެ ބިރުވެރިކަން އަދިވެސް ދެމިއޮތްކަން ފާހަގަކުރަންޖެހެއެވެ. 2025ވަނަ އަހަރާ ހަމައަށް އައިއިރު، ރަޝިޔާ، ޗައިނާ އަދި އުތުރު ކޮރެއާ ފަދަ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ޤައުމުތަކާ ގުޅޭ ގޮތުން އުފެދޭ ކަންބޮޑުވުންތަކުން ހާމަކޮށްދެނީ އެޓޮމިކް ބޮމުގެ ހާދިސާތަކުން ލިބުނު ޢިބްރަތްތަކުގެ މުހިންމުކަމެވެ.

ނިންމުން

އެމެރިކާއިން ހިރޯޝިމާ އަދި ނަގަސާކީއަށް ވައްޓާލި އެޓޮމިކް ބޮމަކީ، ދުނިޔޭގެ ތާރީޚީ މަޝްރަޙު ބަދަލުކޮށްލި އެންމެ ބޮޑު އެއް ހާދިސާތަކުގެ ތެރެއިން ހާދިސާއެކެވެ. މި ނުރައްކާތެރި ހަމަލާގެ ސަބަބުން ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައިސް، ނިއުކްލިއަރ ބާރުތަކުގެ ފެށުން އިޢުލާނުކުރެވުނެވެ. އަދި ބާރާއި، ބިރުވެރިކަމާއި، އިޖުތިމާޢީ ހަރަކާތްތެރިކަމުގެ އައު ދައުރެއް އެ ހިނދުން ފެށިގެން ދިޔައެވެ. މި ހަމަލާގެ ދާއިމީ އަސަރު މިއަދުވެސް ދުނިޔޭގެ ހަތިޔާރުގެ ވާދަވެރިކަމާއި، ސުލްޙައިގެ މަސައްކަތްތަކުގެ ކުރިއެރުމާއި، ހަނގުރާމައާއި ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ކުރެވޭ ބަހުސްތަކުގައި ސާފުކޮށް ފެންނަން އެބައޮތެވެ.

މި ހިތާމަވެރި ހާދިސާއަށް 80 އަހަރު ފުރޭ ހަނދާންތައް އައުކުރަމުންދާ އިރު، ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށާއި، އެކަމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައި އަޑުއުފުލުމަކީ މުހިންމު ކަމެކެވެ. ހިރޯޝިމާ އަދި ނަގަސާކީގެ ހަމަލާއަކީ، އިންސާނިއްޔަތު ފަނާކޮށްލުމުގެ ޤާބިލުކަން އިންސާނުންނަށް ލިބިފައިވާކަން ހަނދާންކޮށްދޭ ބިރުވެރި ހަމަލާއެކެވެ. އަދި، ދެމެހެއްޓެނިވި ސުލްޙަވެރި މުސްތަޤުބަލެއް ބިނާކުރުމުގެ އުއްމީދީ ފުރުސަތުތައް ހަނދާންކޮށްދޭ، ދާއިމަށް ދެމިހުންނާނެ ހެކިތަކެކެވެ. މި ހާދިސާތަކުން ލިބުނު ފިލާވަޅުތައް ދަސްކޮށް، އަޅުގަނޑުމެންގެ މުސްތަޤުބަލު އާރާސްތުކުރުމަކީ މިއަދުގެ ޖީލުތަކުގެ މައްޗަށް އޮތް އަމާނާތެކެވެ.

ޝެއަރކުރެއްވުމަށް