ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16ވަނަ ދުވަހު، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ރަސްކަމުގައެވެ. މި ރަދުން މަޝްހޫރުވެފައިވަނީ ”ކުޑަބަންޑާރައިން“ގެ ނަންފުޅުންނެވެ. ދެ ދައުލަތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީފުޅުތަކެއްގެ ޒަރީޢާއިން މި އެއްބަސްވުމުން ޤާއިމުވެގެންދިޔަ އިރު އިނގިރޭސި ދައުލަތުން ފޮނުވި ސިޓީފުޅުގައި ސޮއިކުރައްވާފައި ވަނީ ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު އާތާ ހެމިލްޓަން ގޯޑުންނެވެ.
އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި 1948ވަނަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހު ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމުގެ ނަމުން މަޝްހޫރުވެފައިވާ އެއްބަސްވުމެއްގައި މާލޭގައި ސޮއިކުރެވުނެވެ. މިއީ އިނގިރޭސި ދައުލަތުގެ ދަށުގައި ކުރިން އޮތް ސިލޯނަށް ދިވެހިން ފޮނުވަމުންދިޔަ ވެދުން ނުވަތަ ޖިޒީ ކަނޑާލައި، އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި އާކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރު ދައުލަތް ހިންގަވަމުން ގެންދެވި ވަލީ ކޮމެޓީގެ ފަރާތުން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ސުމުއްވުލްއަމީރު އިބްރާހީމްފާމުލަދޭރި ކިލެގެފާނެވެ. އިނގިރޭސިންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނަށް ފޮނުވި ފުރަތަމަ ހައިކޮމިޝަނަރު ވޯލްޓާ ހެންކިންސަންއެވެ.
ދިވެހިރާއްޖޭގައި އޮތް ޒަމާންވީ ރަސްކަން ޖުމްހޫރީ ވެރިކަމަށް ބަދަލުވުމުންނާއި ޖުމްހޫރީވެރިކަން ނިމުމަކަށް ގެނެސް އަލުން ރަސްކަމެއް ޤާއިމުވުމުން އެ ބަދަލު އެއްބަސްވުމަށް ގެނެސް ދެ ދައުލަތުން ސޮއިކުރެވުނެވެ. މިގޮތުން މި ބަދަލު ގެނެވުނީ 1 ޖަނަވަރީ 1953ގައާއި 7 މާރިޗު 1954ގައެވެ.
އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ 1960ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 14ވަނަ ދުވަހު އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މަޝްހޫރު ”އޯލްޕޯޓް އެގްރިމެންޓް“ އެވެ. މިއީ މިނިވަންކަމުގެ އެއްބަސްވުމަށް ބަދަލުގެނައުމަށް ވެވުނު އެއްބަސްވުމެއްކަމަށް ނުވި ނަމަވެސް މި އެއްބަސްވުމަކީ މިނިވަންކަމަށް ދިވެހީން ކުރި ދަތުރުގައި މުހިންމު އެއްބަސްވުމަކަށް ވެގެންދިޔައެވެ. މި އެއްބަސްވުމުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސިވިލާތުގެ ކޮމަންވެލްތު ރިލޭޝަންސް އޮފީހުގެ މިނިސްޓަރ ލޯޑް ކަތުބާރޓް ޖޭމްސް މެކްކޯލް އޯލްޕޯޓްއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ލިބުނު އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ބޮޑު ވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރު ސިލޯނުގައި ހުންނެވި ސަފީރު ސަރ މައިކަލް ވޯކަރއެވެ. މި ރަސްމިއްޔާތު އޮތީ އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސްގައި އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ.
ދިވެހިރާއްޖެއަށް މިނިވަންކަން ލިބި ފާއިތުވި 60 އަހަރަކީ ހުރިހާ ގޮތަކުން ވެސް ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައިސް ތަރައްޤީގެ އަރުތަތަކެއް ހާސިލުކުރެވިފައިވާ ދުވަސްތަކެކެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިނިވަންކަން ދެމެހެއްޓުމުގައި އެކުވެރި ދައުލަތްތައް (އދ)ގެ މެންބަރު ގައުމަކަށް 1965ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހު ވުމަކީ އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއަދު ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ، އިހުތިރާމާއި ޤަދަރު ލިބިގެންވާ ހައިބަތުހުރި ދައުލަތެކެވެ. ދިވެހީންނަކީ އިސްލާމް ދީނުގައި ސާބިތުވެތިބެ، އަމިއްލަ ބަހާއި އަމިއްލަ ސަގާފަތާއި އަމިއްލަ ތާރީޚެއް އޮތް ގައުމެއްކަމާއި، ދިވެހިރާއްޖޭގެ ސަރަޙައްދަކީ ދިވެހީންގެ މިލުކެއްކަމާއި ދިވެހީންނަކީ އަމިއްލަ ވަރުގަދަ އައިޑެންޓިޓީއެއްގެ ވެރި ގައުމެއްކަން ދުނިޔެއިން ޤަބޫލުކޮށް، މި ކަންކަމަށް ދަނީ އިހުތިރާމުކުރަމުންނެވެ. މިނިވަންކަމުގައި ދިވެހީން ފާއިތުކުރި ފަސްދޮޅަސް އަހަރުގެ ރާސްތާއަކީ މިނިވަންކަމުގެ ބިންގާ އިތުރަށް ވަރުގަދަކޮށްފައިވާ ކާމިޔާބު ރާސްތާއެކެވެ.
