ތައިލެންޑާއި ކެމްބޯޑިއާ ބޯޑަރުގެ މައްސަލައަކީ ޒަމާންތަކެއް ވެފައިވާ ސަރަހައްދީ މައްސަލައެކެވެ. އެ މައްސަލައިގެ މައިގަނޑު އަސްލަކީ، 817 ކިލޯމީޓަރު ހިމެނޭ، ދެ ގައުމުން ހިއްސާކުރާ ބޯޑަރު ސަރަހައްދާއި، ޚާއްސަކޮށް ގަދީމީ ޚުމޭރު މީހުން ބިނާކުރި ފައްޅިތައް ކަމުގައިވާ ”ޕްރޭއާ ވިހެއާ“އާއި ”ޕްރަސަތު ޓާ މޮއާން ތޯމް“ ނަމުން މުޚާޠަބުކުރާ ފައްޅިތަކުގެ ވަށައިގެންވާ ސަރަހައްދުތަކަށް މި ދެ ގައުމުން ކުރާ ދައުވާތަކެވެ.

މި ކޯޅުންތައް ފެށިގެން އައީ، 1904ވަނަ އަހަރާއި، 1907ވަނަ އަހަރު ކަނޑައެޅި ”ފްރޭންކޯ-ސިއާމީ“ މުއާހަދާތަކުގައި، ސިއާމް (މިހާރުގެ ތައިލެންޑް)އާއި ފްރެންޗް އިންޑޯޗައިނާ (ކެމްބޯޑިއާ ހިމެނޭ ގޮތަށް އޮތް ފަރަންސޭސިވިލާތުގެ ކޮލޮނީ)އާ ދެމެދު ސަރަހައްދީ އިންތައް ވަކިކޮށް ކަނޑައެޅި ބޯޑަރުތަކުގެ ސަބަބުންނެވެ.
ފްރެންޗް އިންޑޯޗައިނާއަކީ 1887ވަނަ އަހަރު އިރުދެކުނު އޭޝިއާގައި އުފެދުނު ފަރަންސޭސިވިލާތުގެ ކޮލޮނީއެކެވެ. މިހާރުގެ ކެމްބޯޑިއާ (އެ ދުވަސްވަރުގެ ނަމުން ކެމްބޯޖް)، ލާއޯސް، އަދި ވިއެޓްނާމް (އެ ދުވަސްވަރު އޮތީ ކޮޗިންޗިނާ، އަނާމް، އަދި ޓޮންކިންގެ ނަމުގައިވާ ތިން ސަރަހައްދެއް ގޮތުގައި) އަކީ މި ކޮލޮނީގެ ތެރޭގައި ހިމެނުނު ސަރަހައްދުތަކެވެ. މި ކޮލޮނީ، 1954ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ.
1939ވަނަ އަހަރުގެ ޖޫން މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ތައިލެންޑުގެ ރަސްމީ ނަމަކީ ”ސިއާމް“ އެވެ. މި ދުވަހު އެ ގައުމުގެ ނަން ”ތައިލޭންޑް“ މި ނަމަށް ބަދަލު ކުރެވުނެވެ. ލާއޯސްއާއި ކެންބޯޑިއާއަކީ ތައިލޭންޑްގެ އިރުމަތިން ބޯޑަރު ހިއްސާކުރާ ދެ ގައުމެވެ.
އޭރުގެ ސިއާމް އަދި މިއަދު ތައިލޭންޑުގެ ގޮތުގައި އޮތް ސަރަޙައްދަކީ މީގެ ދިހަހާސް ވަރަކަށް އަހަރުއްސުރެ އިންސާނުން އާބާދުވެފައި އޮތް ގައުމެއް ކަމަށް ތާރީޚީ ހެކިތަކުން ދައްކައެވެ. ހުޅަނގުގެ ވިޔަފާރިވެރިން ތައިލޭންޑަށް އައިސްފައިވަނީ 16ވަނަ ގަރުނުގެ ތެރޭގައެވެ. މިގޮތުން އެންމެ ފުރަތަމައަށް އައިސްފައިވަނީ ޕޯޗުގީޒުންނެވެ. ދެން ފަރަންސޭސީންނެވެ. ދެން ލަންދޭސީން (ޑަޗުން)ނާއި އިނގިރޭސީންނެވެ. ހުޅަނގުގެ ބާރުތަކުގެ ފިއްތުމާއިި ނުފޫޒު ކިތަންމެ ވަރަކަށް ފޯރާފައި އޮތަސް ސިއާމް ނުވަތަ ތައިލޭންޑަކީ ހުޅަނގުގެ އެއްވެސް ބާރެއްގެ އިސްތިޢުމާރުގެ ދަށަށް ދިޔަ ގައުމެއް ނޫނެވެ. މި ގޮތުން ބަލާއިރު ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ހުޅަނގުގެ އިސްތިޢުމާރުން ސަލާމަތްވި ހަމައެކަނި ގައުމަކީ ވެސް ތައިލޭންޑެވެ.

ކޮންމެއަކަސް، އިސްވެ ފާހަގަކުރި، ”ފްރޭންކޯ-ސިއާމީ“ މުއާހަދާގައި ސޮއިކުރި ދެ ފަރާތަކީ ސިއާމް (މިހާރުގެ ތައިލެންޑް) އާއި ފްރެންޗް އިންޑޯޗައިނާއެވެ. މި މުއާހަދާގައިވާ ދެ ފަހަރެއްގެ މަތިން ސޮއިކޮށްފައިވެއެވެ. އެގޮތުން، 1904 ފެބުރުވަރީ 13ވަނަ ދުވަހު ސޮއިކުރެވުނު ފުރަތަމަ މަރުހަލާގައި ކަނޑައެޅި މައިގަނޑު ނިންމުންތަކުގެ ތެރޭގައި، އެ ސަރަހައްދުގައި އޮންނަ މެކޮންގް ކޯރުގެ ވާތް ފަޅީގައިވާ ސިއާމްގެ ދަށުގައި އޮތް ބިން، ފަރަންސޭސި ކޮލޮނީއަށް ދޫކޮށްލުމާއި، އޭގެ ބަދަލުގައި ފަރަންސޭސީންގެ އިސްތިޢުމާރުގެ ދަށުގައި 11 އަހަރު ވާންދެން އޮތް ޗަންތަބުރީ ޓައުން، އަނބުރާ ސިއާމަށް ދިނުމަށް ފަރަންސޭސިން އެއްބަސްވިއެވެ. މި މުއާހަދާއަކީ ސިއާމްއާއި ފަރަންސޭސި ކޮލޮނީއާ ދެމެދު 1893ވަނަ އަހަރު ހިނގި ހަމަނުޖެހުންތައް ހައްލުކުރުމަށް އެޅިގެންދިޔަ މުހިންމު ބިންގަލެއްގެ ގޮތުގައި ދެމިއޮތެވެ.
މި މުއާހަދާގައި ދެވަނަ ފަހަރަށް ސޮއިކުރީ 1907 މާރިޗު 23ވަނަ ދުވަހު ބެންކޮކްގައެވެ. މި މަރުހަލާގައި އެއްބަސްވެވުނު މައިގަނޑު ނިންމުންތަކުގެ ތެރޭގައި، ސިއާމްގެ ދަށުގައި އޮތް ”ބަޓަމްބަންގް“އާއި، ”ސީއަމް ރީޕް“ އަދި ”ސިސޯފޮން“ ޕްރޮވިންސް ފަރަންސޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ކެމްބޯޑިއާއަށް ދޫކޮށްލިއެވެ. ބަދަލުގައި މެކޮންގް ކޯރުގެ އިރުމަތީ އައްސޭރީގައި ހުރި ބައެއް ސަރަހައްދީ ބިންތައް ފަރަންސޭސި ކޮލޮނީން ސިއާމަށް އަނބުރާ ދިނެވެ. އެއަށްފަހު، އެ ގައުމުތަކަށް ނިސްބަތްވާ އިންތައް ކަނޑައަޅައި، ރަސްމީކޮށް ސަރަހައްދީ މެޕްތައް ކުރަހައި، މިއަދާ ހަމައަށް ދަނީ ބޭނުންކުރެވެމުންނެވެ.

އެހެންނަމަވެސް، ފަރަންސޭސި ސާވޭޔަރުން ކުރެހި މެޕްތަކުގައިވާ ”ޕްރޭއާ ވިހެއާ“ ފައްޅީގެ ވަށައިގެންވާ ސަރަހައްދާއި ބައެއް ބިންތައް ފާހަގަކުރެވިފައި ނުވާތީ ދެ ގައުމުން އޮތީ އެއްގަލަކަށް ނާރައެވެ. އެހެންކަމުން، އެ މައްސަލަ، 1962ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވެއްދިއެވެ. އެ ކޯޓުން ނިންމާފައި އޮތީ ”ޕްރޭއާ ވިހެއާ“އަކީ ކެމްބޯޑިއާއަށް ނިސްބަތްވާ ސަރަހައްދެއް ކަމުގައެވެ. ނަމަވެސް ތައިލެންޑުން ދަނީ އެ ފައްޅީގެ ވަށައިގެންވާ ސަރަހައްދުތަކަކީ ފަރަންސޭސިން ކަނޑައެޅި އިންތަކުގައި ފާހަގަކޮށްފައި ނުވާ ސަރަހައްދުތައް ކަމުގައިވާތީ، އެ ސަރަހައްދުތަކަށް ދައުވާކުރަމުންނެވެ.
މި މައްސަލަ އިތުރަށް ހޫނުވީ، ކެމްބޯޑިއާއިން 2008ވަނަ އަހަރު ”ޕްރެއާ ވިހެއާ“ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ސައިޓެއްގެ ގޮތުގައި ނޮމިނޭޓް ކުރުމުންނެވެ. އެކަމާ ދެކޮޅަށް ތައިލެންޑުގައި ގައުމީ ފެންވަރުގައި ވަރުގަދަ މުޒާހަރާތަކެއް ފެށުނެވެ. އަދި 2008އިން 2011އާ ދެމެދު ހަމަނުޖެހުން ބޮޑުވެ، އަސްކަރީ ހަމަނުޖެހުންތަކެއް ހިނގައި، ދިހަވަރަކަށް މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނެވެ.
މިދިޔަ ޖުލައި ފަހުކޮޅު ކުރިމަތިވި ހަމަނުޖެހުންތައް އަލުން ފެންމަތިވީ ”ޕްރޭއާ ވިހެއާ“އާއި ”އުބޮން ރައްޗަތާނީ“ ޕްރޮވިންސް ހިމެނޭ ބޯޑަރު ސަރަހައްދަށް ނިސްބަތްވާ ”އެމެރޭލްޑް ޓްރޭންގަލް“ގައި މޭ 28ވަނަ ދުވަހު ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރާލުމާ ގުޅިގެންނެވެ. އެ މަރާ ގުޅިގެން، ދެ ސަރުކާރުން ވެސް ވަނީ އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް އަދަބު ދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އެކަން ޑިޕްލޮމެޓިކް ބޮޑު ކާރިސާއަކަށް ބަދަލުވެ، ދެ ފަރާތުގެ ހަތިޔާރު އެޅި ސިފައިންގެ ހަމަލާތަކަކަށް ބަދަލުވީއެވެ.
މި ރުޅިވެރިކަމުގައި މަޝްރަޙު އޮއްވައި، އެފަދަ އެހެން ހާދިސާއެއް އަނެއްކާ ވެސް ހިނގިއެވެ. އެއީ، ޖުލައި 23ވަނަ ދުވަހު، އެ ސަރަހައްދުގައި އަޅާފައިވާ މައިނަކަށް އެރި ތައިލެންޑް ސިފައިންގެ މީހެއްގެ ފައި ބުރިވީއެވެ. އެ ހާދިސާއާ ގުޅުވައި، ތައިލޭންޑުން ކެމްބޯޑިއާއަށް ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެކަން ކެމްބޯޑިއާއިން ދޮގުކުރެއެވެ. މިކަމާ ގުޅިގެން، ތައިލެންޑުން ވަނީ ބޯޑަރު ހުރަސް ނުކުރޭ ގޮތަށް މަގުތައް ބަންދުކޮށް، ތައިލެންޑުގައި ހުންނަވާ ކެމްބޯޑިއާގެ ސަފީރު ގައުމަށް ފޮނުވާލައްވައި، ކެމްބޯޑިއާގައި ހުންނަވާ ތައިލޭންޑުގެ ސަފީރު އަނބުރާ ގައުމަށް ގެންނަވާފައެވެ.
އަދި، ދެ ގައުމުން ވެސް އަސްކަރީ ބާރު ބޭނުންކޮށްފައިވާ އިރު، ބަރު ހަތިޔާރާއި، ރޮކެޓް ހަމަލާތަކާއި، ވައިގެމަގުން އެއާ ސްޓްރައިކްތައް ”ޕްރަސަތު ޓާ މުއޯން ތޯމް“ ހިމެނޭ ބޯޑަރު ސަރަހައްދުގައި ބަދަލުކޮށްފައިވެއެވެ. އެއީ ބޭންކޮކާ 360 ކިލޯ މީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މި ހަމަލާތަކުގައި ސިފައިންނާއި އާންމުން ހިމެނޭހެން މަދުވެގެން 32އާއި 38 އާ ދެމެދުގެ މީހުން މަރުވެ، ދެ ގައުމުން ވެސް ދެ ލައްކައަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ.

ފަސް ދުވަހަށް ދެމިގެންދިޔަ އެންމެ ފަހުގެ ހަމަލާތަކަކީ 10 ވަރަކަށް އަހަރުގެ ތެރޭގައި އަވަށްޓެރި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ހަމަލާތަކެކެވެ. މި ހަމަނުޖެހުން އިތުރަށް ފުޅާވެގެން ދިޔުމުގެ ކުރިން މެލޭޝިއާއާއި އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް، އެ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ނުހުއްޓައިފި ނަމަ އެ ދެ ގައުމާ އެކު ވިޔަފާރީގެ އެއްބަސްވުންތައް ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވިއެވެ. މެލޭޝިއާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ދެ ފަރާތުން ”ވަގުތުން އަދި ޝަރުތެއް ނެތި“ ހަނގުރާމަ ހުއްޓާލުމަށް އޮތީ އެއްބަސްވެފައެވެ.
މަޢުލޫމާތު އެއްކުރީ؛
- ރެބޭކާ ރެޓްކްލިފް. (26 ޖުލައި 2025). ދަ ބިޓާ ފިއުޑް ފިއުލިންގ ދަ ބޯޑަރ ޑިސްޕިއުޓް ބިޓްވީން ތައިލޭންޑް އެންޑް ކެމްބޯޑިއާ. ނެގީ؛ ދަގާޑިއަން.
- ކެލީ ނުގް އަދި ޖޮނަތަން ހެޑް. (25 ޖުލައި 2025). ތައިލޭންޑް ވޯންސް ކްލޭޝަސް ވިތު ކެމްބޯޑިއާ ކުޑް ’މޫވް ޓުވާޑްސް ވޯރ’. ނެގީ؛ބީބީސީ.
- ކޭޓް ބާޓްލެޓް. (28 ޖުލައި 2025). ތައިލޭންޑް އެންޑް ކެމްބޯޑިއާ އެގްރީ ޓު ސީޒްފަޔާ. ވަޓް’ސް ބިހައިންޑް ދަ ކޮންފްލިކްޓް؟. ނެގީ؛އެންޕީއާރު.
- އަލްޖަޒީރާ ސްޓާފް. (24 ޖޫން 2025). ވަޓް ވީ ނޯވް އެބައުޓް ކްލޭޝެސް އޮން ދަ ތައި–ކެމްޕޯޑިއަން ބޯޑަރ. ނެގީ؛އަލް ޖަޒީރާ.
- މެތިއު ވީލާ. (1 ޖުލައި 2025). ބޯޑަރ ޑިސްޕިއުޓް ވިތު ކެމްބޯޑިއާ ސްޕާކްސް ޕޮލިޓިކަލް ޑިސްއެރޭ އިން ތައިލޭންޑް. ނެގީ؛ކްރައިސިސް ގުރޫޕް.
- ދިވެހި ވިކިޕީޑިއާ. ( 2023ޑިސެންބަރު 10) ސިޔާމް. ނެގީ؛ވިކިޕީޑީއާ
- ޕަނު ވޮންޗާ އުމް. (25 ޖުލައި 2025). އެކްސްކުލޫސިވް: ތައިލޭންޑް ފޭވާސް ޑައިރެކްޓް ޓޯކްސް ޓު އެންޑް ކެމްބޯޑިއާ ކޮންފްލިކްޓް،ރޭދަ ދެން މީޑިއޭޝަން. ނެގީ؛ރޮއިޓާސް
- ޖެރޮސްލޭވް ލޫކިވް. (26 ޖުލައި 2025). ކެމްބޯޑިއާ ކޯލްސް ފޮރ އިމީޑިއޭޓް ސީސްފަޔަރ ވިތު ތައިލެންޑް އޭޒް ދެތު ޓޯލް ރެއިޒަސް. ނެގީ؛ބީބީސީ
- ޖޯޝުއާ ކާލަންޓްޒިކް. (28 ޖުލައި 2025). ތައިލޭންޑް އެންޑް ކެމްބޯޑިއާ’ސް ސީޒްފަޔަރ: ވިލް އިޓް ސްޓޮޕް ވޯރ ވެން އެލީޓްސް ވޯންޓް ކޮންފްލިކްޓް؟. ނެގީ؛ކައުންސިލް އޮން ފޮރީން ރިލޭޝަންސް
- ޗަޑް ޑި ގުޒްމަން. (17 ޖޫން 2025). ތައިލޭންޑް އެންޑް ކެމްބޯޑިއާސް ފްރެންޑްޝިޕް ފެލްޓާސް އޭޒް ބޯޑަރ ކްލޭޝް އެސްކަލޭޓްސް: ވަޓް ޓު ނޯވް. ނެގީ؛ޓައިމް.
