ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތަކުގެ އަލީގައި ސިފައިންގެ ޢަމަލުތައް ބައްޓަންކުރެވޭ އަޚުލާޤީ ވާޖިބުތަކެއް ނުވަތަ އެތިކަލް އޮބްލިގޭޝަންތަކުގެ ގޮތުގައި 7 ކަމެއް ކަނޑައެޅި ޢަމަލުކުރެވެމުންދެއެވެ. މި 7 އަޚްލާޤީ ވާޖިބުގެ ތެރެއިން މި ލިޔުމުގައި އަލިއަޅުވައިލަން ގަސްތުކުރަނީ ތެދުވެރިކަމުގެ މައްޗަށެވެ.
ތެދުވެރިކަމަކީ އިންސާނީވަންތަ ސިފަތަކުގެ ތެރެއިން މުހިންމު ސިފައެކެވެ. ހުރިހައި ޒަމާނެއްގައި ވެސް ރިވެތި ސިފައެއްގެ ގޮތުގައި ޤަބޫލުކުރާ ސިފައެކެވެ. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އެ ކަމަކަށް ނުހަނު ބޮޑަށް ބާރު އަޅާފައިވާ އަޚްލާޤީ މާތް ސިފައެކެވެ. ތެދުވެރި އިންސާނާއަކީ ހުރިހައި ތަނެއްގައި ވެސް ޤަދަރުލިބިގެންވާ މީހެކެވެ. އަދި ތެދުވެރީންނަކީ މުޖުތަމަޢު ބަލައިގަންނަ، އެ މުޖުތަމަޢެއްގައި އިޙްތިރާމްލިބިގެންވާ ބައެކެވެ. މިގޮތުން އަނެކުންނަށާއި، ތިމާގެ އަމިއްލަ ނަފުސަށް ތެދުވެރިވުމަކީ، ސިފައިންގެ ފައުޖުގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބައްޓަންކުރެވޭ އެންމެ މުހިންމު އެއް ސިފައެވެ.
ތެދުވެރިކަމުގެ ސިފަ ނަފުސުގައި އަށަގެންނެވުމަކީ ކޮންމެ ސިފައިންގެ މީހަކު ވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭނޭ ކަމެކެވެ. ގައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ދަތުރުގެ ކޮއްތުގެ މުހިންމު ބައެއްގެ ގޮތުގައި ތެދުވެރިކަން ހެދުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. އެހެނީ، ތެދުވެރިކަމާ ނުލައި، މި ދަތުރުގައި ތިމާމެން ބޭނުންވާ ޙަޤީޤީ މަންޒިލަށް ވާޞިލުވުމަކީ ދަތިކަމަކަށް ވާނެއެވެ. މިގޮތުން، ތިމާގެ އަޚާއާއި ވާހަކަދައްކާ އިރު ތެދުބަހުން ވާހަކަދެއްކުމާއި، ކުރާ ކަންކަމުގައި ވެސް މަކަރާއި ހީލަތް ނުހެދުމާއި، ކަންކަން އޮޅުވައިނުލުން ވެސް ހިމެނެނީ ތެދުވެރިކަމުގެ ތެރެއިންނެވެ. ދޮގުހަދައި އޮޅުވާލުމަކީ، ނުވަތަ މަކަރާއި ހީލަތް ހެދުމަކީ ބައެއްފަހަރު ވަގުތީ ތަސައްލީއެއް ލިބިދޭ ކަމެއްކަމުގައި ވެދާނެއެވެ. ނަމަވެސް، އެކަމުގެ ސަބަބުން ތިމާގެ ނަފުސުގެ ޙަޤީޤީ ހަމަޖެހުމެއް ނުލިބޭނެއެވެ. ދޮގާއި، މަކަރާއި ހީލަތުން ތިމާ ހޯދާ ކާމިޔާބީ ވެސް ހަމަ މިފަދައެވެ. މިފަދަ ގޮތަކަށް ހޯދާ ކާމިޔާބީގެ ޙަޤީޤީ ފޮނިމީރުކަމެއް އޭނާގެ ނަފުސަކަށް ނުލިބޭނެއެވެ. ނުވަތަ ޙަޤީޤީ ހިތްހަމަޖެހުމުގެ ރާހަތެއް އެ ކާމިޔާބަކުން އޭނާއަކަށް ނުކުރާނެއެވެ. މިސާލަކަށް، އަޅުގަނޑުމެންގެ ތެރޭގައި ބާއްވާ ދުވުމުގެ ޗެލެންޖެއްގައި މަކަރާއި ހީލަތުން ވަނައެއް ހޯދުމަކީ އެހައި އުނދަގޫކަމަކަށް ނުވެދާނެއެވެ. ނަމަވެސް، އެ މަގުން ހޯދާ ވަނައިގެ އަގަކީ ކޮބައިތޯއެވެ. ހަމަ އެފަދައިން، އަޅުގަނޑުމެން އަހަރަކު ދެފަހަރު ޖަހާ ފިޓްނަސް ޓެސްޓުންނާއި އަހަރަކު އެއްފަހަރު ޖަހާ ކޮމަން ކޮލިފިކޭޝަން ޓެސްޓުން ވެސް މަކަރެއް ހަދާލައިގެން ފާސްވެދާނެއެވެ. އަދި އެ ނަތީޖާގެ މައްޗަށްބަލައި، ތިމާއަށް މަޤާމުގެ ކުރިއެރުން ވެސް ޙާޞިލްކުރެވިދާނެއެވެ. އެހެންނަމަވެސް، އެއީ ޙައްޤު ކާމިޔާބަކަށް ވާނެތޯއެވެ. އަދި އެއާ އެކު ތިމާއަށް ލިބޭ މުސާރައިގެ ކުރިއެރުމުން ލިބޭ އާމުދަނީއަކީ ޙަލާލުގޮތުގައި ތިމާގެ ޢާއިލާއަށް ކާންދެވޭ އެއްޗަކަށް ވާނެތޯއެވެ. އަދި ކިއެއްތޯއެވެ. މިފަދަ ގޮތަކަށް ޙާޞިލްކުރެވޭ ކާމިޔާބަކުން ތިމާގެ އަމިއްލަ ނަފުސަށް އަބަދުމެ މަލާމާތް ރައްދުކޮށްކޮށް ހުންނަ މީހަކަށް ވުމަށް ތިމާ އެދޭނަންތޯއެވެ.
އަޅުގަނޑުމެންގެ ތަމްރީންގައި ”އޮނަރ ކޯޑް“ ގެ ގޮތުގައި އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް ޖުމްލަތަކެއް ކިޔަމުއެވެ. އޮނަރ ކޯޑްގެ ފުރަތަމަ ޖުމްލަ ހަނދާނަށް ގެންނަމާ ހިނގާށެވެ. ”އަހަރެން ދޮގެއް ނުހަދާނަން“ މިފަދައިން އަޅުގަނޑުމެން ކިޔަނީ ތަމްރީނުގައި އެކަން އެގޮތަށް ކުރަންޖެހޭތީކަމުގައި ވިޔަސް، އޮނަރ ކޯޑް ކިއުމުގެ މަގުސަދަކީ ކޮބައިތޯއެވެ. އެއީ، ތެދުވެރިވުމުގެ މަތިވެރި ސިފަ އަބަދުވެސް ސިކުނޑީގައި ހަރުލެއްވުމަށް ވެވޭ އިޤުރާރެކެވެ. ބޭނުމަކީ، ސިފައިންގެ މީހާގެ ނަފުސު ތެދުވެރިކަމުގެ މަތީގައި ތަރުބިއްޔަތުކުރުމެވެ. ދޮގުހަދައިފި ނަމަ ހަރުކަށި އަދަބުތައް ތަމްރީނުތަކުގައި ދެވެނީ ވެސް ހަމަ މި ސަބަބަށް ޓަކައެވެ. އެއީ، ދޮގުހެދުމަކީ އަޅުގަނޑުމެންގެ ފައުޖު ތަރުބިއްޔަތުކުރެވޭ އަސާސްތަކާއި ޚިލާފު ކަމަކަށް ވާތީއެވެ. މި ފައުޖުގެ ތަމްރީނުތައް ބައްޓަންކުރެވިފައިވަނީ، މަކާރިމުލް އަޚްލާޤުގެ މަތީގައި އަގުހުރި ޝަޚުޞިއްޔަތެއް ބިނާކުރުމަށާއި، ރިވެތި ސިފަތަކުގެ މަތީގައި ބިނާކުރެވޭ ފިސާރި ވަރުގަދަ އަޖުދާދުން އުފެއްދުމަށްކަމުގައި ވާތީއެވެ. އެހެންކަމުން، އޮނަރ ކޯޑަކީ ވެސް ހަމައެކަނި ދުވަހުގެ ކޮއްތުގެ ކުރިން ކިޔާލަން އޮންނަ ”އަންބާ“އަކަށް ހަދައިގެން ނުވާނެއެވެ. ނުވަތަ ނިދުމުގެ ކުރިން ކިޔާލާ ނާނާއަކަށް ހަދައިގެން ނުވާނެއެވެ. މީގެ ބަދަލުގައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ގައުމީ ޚިދުމަތުގެ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ފުރިހަމައަށް ޢަމަލުކުރާ އެއްޗަކަށް އޮނަރ ކޯޑް ހެދުމަކީ ކޮންމެ ސިފައިންގެ މީހަކުމެ ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭނޭ ކަމެކެވެ.
ބައެއްފަހަރު، ކަމަކުން ރެކުމަށް، ނުވަތަ ކުރެވޭ ނުރަނގަޅު ކަމެއްގެ ޒިންމާއިން ބަރީޢަވުމަށް ބައެއް މީހުން ދޮގުހަދައެވެ. އޮފީހަށް ގަޑިޖެހުމުންނާއި، ހާޒިރުވާންޖެހޭ ތަނަކަށް ހާޒިރުނުވެވުމުންނާއި، ނިންމަންޖެހޭ މަސައްކަތެއް ނުނިމުމުން އެކަމަށް ޢުޒުރުވެރިވުމަށް ވެސް ދޮގުހަދައެވެ. އަދި ތިމާ ބޭނުންވާ ކަމެއް ޙާޞިލުކުރުމަށް ނުވަތަ އަނެކާއާ މެދު ތިމާގެ ހިތުގައި އޮންނަ ޙަސަދައާއި ނަފުރަތުގެ ސަބަބުން އޭނާއަށް ކަމެއް ޙާޞިލުވިޔަ ނުދިނުމަށް ދޮގުހަދައެވެ. އަދި ތިމާއަށް ހެދުނު ދޮގެއް ފޮރުވުމަށް ޓަކައި ދިހަބާރަ ދޮގު ހަދަންޖެހޭ ފަހަރު ވެސް އާދެއެވެ. މިގޮތަށް ހެދޭ ދޮގެއްގެ ސަބަބުން އެވަގުތަށް އޭނާއަށް ކުޑަ ހަމަޖެހުމެއް ލިބުނަސް، ގިނަފަހަރު އެކަމުގެ ސަބަބުން އޭނާ ފަހުން ހިތާމަކުރަންޖެހެއެވެ. ދޮގު ފަޅާނޭރިކަމުގައި ވިޔަސް، ފަޅާއަރާފާނެކަމުގެ ބިރުގައި ހުންނަންޖެހުމާއި، ޠަބީޢަތާއި ޚިލާފު ޢަމަލެއް ކުރެވުނުކަމުގެ ހިތާމައިގައި ހުންނަންޖެހުމާއި، އެ ދޮގުގެ ސަބަބުން ނަފުސުގެ ހިތްހަމަޖެހުން ގެއްލި ތިމާގެ ނަފުސާނީ ދުޅަހެޔޮކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. މިކަން މިހެން ވުމަށް ވުރެ، ތެދެއް ހަދައިގެން ލިބޭ ވަގުތީ ދެރައަކީ ތަހަންމަލުކޮށްލުން މާ އަޢުލާކަން ބޮޑު ކަމެއްކަމުގައި ފަހުން ޚުދު އޭނާއަށް ވެސް ޤަބޫލުކުރެވޭނެއެވެ. އަދި އެއީ، ކޮންމެ މީހަކުމެ ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް ކާމިޔާބުވުމަށް ޓަކައި ޢަމަލުކުރަންޖެހޭނޭ މަގެވެ.
އަޅުގަނޑުމެން ސިފައިންނަކީ، ގައުމުގެ ދިފާޢީ އައްޑަނައެވެ. ސިފައިންނަކީ، ދީނާއި ގައުމުގެ ދިފާޢުގައި ޖިހާދުކުރުމުގެ ކަމަރު ބާރުކޮށް ބަނދެގެންތިބި، ގައުމުގެ އެހެން ހުރިހައި އަފުރާދުންނަށް ވުރެ ވެސް މަތިވެރި ޒިންމާއެއް ކޮނޑުގައި އަޅުވައިގެން ތިބި ބައެކެވެ. ވުމާ އެކު، އަޅުގަނޑުގެ ނަޒަރުގައި ދިވެހި ސިފައިންގެ ތެދުވެރިކަމުގެ ދަރަޖަ ހުންނަންޖެހޭނީ އެހެން އެންމެންނަށް ވުރެ ވެސް މަތީގައެވެ. މަސްއޫލިއްޔަތު އުފުލުމުގައާއި، ތިމާގެ އަޚާއަށް އެހީތެރިވުމުގައާއި، ތިމާގެ އަޚާއަށް ހެޔޮގޮތް އެދުމުގައި، އަދި ކިއެއްތަ އަމިއްލަ ނަފުސަށް ވެސް އަބަދުމެ ތެދުވެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަނެކުން ބަލަންނެތް ނަމަވެސް، ނުވަތަ ތިމާގެ ކޮމާންޑަރުންނާއި ސީނިއަރ ފަރާތްތައް އަބަދުމެ ކަންކަން ހިނގާމަގު ބަލަންނެތްކަމުގައި ވިޔަސް، ޢަމަލުގައި އަދި ބަހުގައި ވެސް ސިފައިން ތެދުވެރިވާންވާނެއެވެ. އެއީ، ސިފަވަންތަކަމުގެ އެންމެ މަތިވެރި އެއް ސިފައެކެވެ.
