ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލަކީ 2000ވަނަ އަހަރުގެ މޭ 28ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގައި ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަމާ އެކު 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭކަލެކެވެ. ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ އެ ދާއިރާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އަދި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާ ގާތް އެކުވެރި ގުޅުމެއް ބާއްވާ ހިތްހެޔޮ މިޒާޖެއް ލިބިގެންވާ މިޝަން ފޯކަސްޑް އަދި މިޝަން އޮރިއެންޓެޑް ބޭކަލެކެވެ.
ނަފުސު ތަރައްޤީކުރެއްވުމަށް ޓަކައި ޢިލްމާއި ހުނަރު ހޯދުމުގައި އަބަދުވެސް ހިތާއިރޫޙުން ފުރިހަމަ ކާމިޔާބީ ހާސިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއްވި ބޭކަލެއްގެ ހައިސިއްޔަތުން ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީންތައް އަދި އަސްކަރީ އެކްސަސައިޒްތައް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ޗައިނާއިން ފުރިހަމަ ކުރެއްވި ޑިޕްލޮމާ އިން އިންފެންޓްރީ ވެޕަން ރިޕެއަރ އެންޑް މެއިންޓެނެންސް އިންޖިނިއަރިންގ ކޯސް، ސްރީލަންކާއިން ފުރިހަމަ ކުރެއްވި ސްޕެޝަލް ފޯސަސް އެޑްވާންސް ސްކިލް ޑިވެލޮޕްމަންޓް ޓްރެއިނިންގ، އެއަރ ބޯން ޓްރެއިނިންގ، އިންޑިއާއިން ފުރިހަމަ ކުރެއްވި އެންއެސްޖީ ޓްރެނިންގ، ކައުންޓަރ އިންސާޖެންސީ ވޯފެއަރ ޓްރެއިނިންގ، އަދި ދިވެހިރާއްޖެއިން ފުރިހަމަ ކުރެއްވި 36ވަނަ އަސާސީ ތަމްރީނު ކޯސް، 12ވަނަ ޝްޕެޝަލް ޓާސްކް ފޯސް ޓްރެއިނިންގ، 6ވަނަ ވެޕަން އިންސްޓްރަކްޓަރ ޓްރެއިނިންގ، 2ވަނަ އައިޓީސީ، 10ވަނަ އެންސީއޯ ކާޑަރ، 1ވަނަ އޭއެފްޖީ (އޭ) ލެވެލް 1، ސްޕެޝަލް ފޯސަސް ޓްރެއިނިންގ 2، އޯޕަން ވޯޓަރ ޑައިވިންގ، އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ، ރެސްކިޔު ސްވިމިންގ ގޯލްޑް ލެވެލް އަދި ވެޕަން އިންސްޓްރަކްޓަރ ރިފްރެޝަރ ކޯސް 4 ވަނީ ފުރިހަމަކުރައްވާފައެވެ.
މީގެ އިތުރުން ފުރިހަމަ ކުރައްވާފައިވާ ތަމްރީން ޕްރޮގްރާމްތަކާއި އަސްކަރީ އެކްސަސައިޒްތަކުގެ ތެރޭގައި އެމެރިކާގައި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑް ޕެސިފިކް ފޯރަމް 2019އާއި، ޕާކިސްތާނުގައި ފުރިހަމަކުރެއްވި އީގަލް ޑޭޝް 1އައި، އިންޑިއާގައި ކުރިއަށް ގެންދެވުނު އެކްސަސައިޒް ”އެކުވެރިން“ ގެ ފުރަތަމަ ޕްރޮގްރާމްގެ އިތުރުން، އިންޑިއާ އަސްކަރިއްޔާއާ ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދިޔަ އެކްސަސައިޒް ”އެކުވެރިން“ގެ ދެވަނަ ޕުރޮގްރާމާއި، ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ދިވެހިރާއްޖޭގައި ހިންގާފައިވާ މެޓަލް ސްމީ، ހެރިސް ރޭޑިއޯ ސިސްޓަމް ފީލްޑް ޓްރެއިނިންގ، ހެރިސް ރޭޑިއޯ ސިސްޓަމް މެއިންޓެނެންސް ލެވެލް 3، ވީބީއެސްއެސް، ފިއުޝަން މެޓަލްސް، ހިއުމަން ރައިޓްސް އެންޑް ހިއުމެނިޓޭރިއަން ލޯ، ބެލެންސް މެޓަލްސް، މިލިޓަރީ ލޯ އެކްސްޗޭންޖް އަދި ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ލީޑަރޝިޕް މެނޭޖްމަންޓް ވޯކްޝޮޕް01-2009، އެކްސަސައިޒް ”ވިދުވަރު އެކަތަ“، ވެޕަން އިންސްޓްރަކްޓަރ ވޯކްޝޮޕް، ކައުންޓަރ ޓެރެރިޒަމް އިމަޖެންސީ ޕޮޕިއުލޭޝަން ވޯކްޝޮޕް 2019 ހިމެނެއެވެ.
ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލް ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ވަރަށް މުހިންމު އެޕޮއިންޓްމަންޓްތަކެއް އަދާކުރައްވާފައިވެއެވެ. އެގޮތުން، އެމްއެންޑީއެފް ޓްރެއިނިންގ ޔުނިޓް މިހާރުގެ ސީޑީއެސްއެސްގައި ވެޕަން އިންސްޓްރަކްޓަރސް ޓީމްގެ މެމްބަރުގެ މަޤާމާއި، އޮފިސަރ ޓްރެއިނިންގ ވިންގްގެ ސީނިއަރ އެންލިސްޓެޑްގެ މަޤާމާއި، އަދި އެމްއެމްޑީއެފް ސްޕެޝަލް ފޯސަސްގެ ޓީމް ސާޖަންޓްގެ މަޤާމާއި، ޓީމް ލީޑަރގެ މަޤާމާއި، އާމަރީ އިންޗާޖްގެ މަޤާމްގެ އިތުރުން ޓްރެއިނިންގ ޑިޕާޓްމަންޓްގެ އޮފިސަރގެ އެހީތެރިޔާގެ މަޤާމު އަދާކުރައްވާފައިވުން ހިމެނެއެވެ. މިފަދަ ކޮންމެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައިވަނީ ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާ އެކު ލިބިފައިވާ ހުނަރާއި ޤާބިލްކަން އެންމެ މަތީ ދަރަޖައިގައި ދައްކުވައިދީގެންނެވެ.
މީގެ އިތުރުން ދިވެހި އަސްކަރިއްޔާގައި އުފައްދާފައިވާ ތަފާތު ކޮމިޓީތަކުގައި ވެސް ސިފައިންގެ ކުރިއެރުމާއި، މުއައްސަސާގެ މަސްއޫލިއްޔަތު ހަރުދަނާކުރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މިގޮތުން ސީނިއަރ ވެޕަން އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން ވެޕަން ކޮމިޓީގެ މެމްބަރުކަމާއި، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރެއްގެ ގޮތުގައި ކުރައްވާފައިވާ އަގުހުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސްޕެޝަލް ފޯސަސްގެ ސީނިއަރ ލީޑަރެއްގެ ގޮތުގައި ޔުނިޓްގެ ވެޕަންއާއި ކޮމިއުނިކޭޝަން ދާއިރާގެ އިތުރުން އޮޕަރޭޝަނަލް ދާއިރާ ތަރައްޤީކުރުމަށް ކޮށްދެއްވާފައިވާ ބުރަމަސައްކަތާއި ސެޓްފިކެޓް 4 އިން ސްޕެޝަލް އޮޕަރޭޝަން ކޯހުގެ ކަރިކިއުލަމް ޑިވެލޮޕްކުރުމުގެ މުހިންމު މަސައްކަތް ކޮށްދެއްވާފައިވެއެވެ. ވޮރަންޓް އޮފިސަރ 2 އިބްރާހީމް ޒަމީލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކުރެއްވި އިރު ހުންނެވީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އެންގެވުމަށް ފެށުމަށް ތައްޔާރުވަމުންދާ ”ނެޝަނަލް ސަރވިސް“އަށް ދިވެހި އަސްކަރިއްޔާއިން އެކުލަވާލި ޓީމުގެ މެންބަރެއްގެ ގޮތުގައެވެ.
ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ގައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 2002ވަނަ އަހަރުން ފެށިގެން 2004ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަން ”އޮޕަރޭޝަން ދަންމާނު 95، 115، 116 އަދި 117“ ގައި ކުރެއްވި ބުރަމަސައްކަތާއި، 2004 ޑިސެމްބަރ 26ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނާއި، 2007 މޭ 16ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަން ”ސްރީ ކުރިސްނާ“ ގައި ޖެހިލުންކުޑަކަމާ ހިކްމަތްތެރިކަމާ އެކު ދައްކުވައިދީފައިވާ ހިތްވަރާއި ކެރުން، އަދި، 2011ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ޓަކައި ކުރެވުނު ބުރަމަސައްކަތުގައި ދެއްކެވި ހިތްވަރު ފާހަގަކުރެވެއެވެ.
ދިވެހި އަސްކަރިއްޔާގައި އެންސީއޯއިންނަށް ޚާއްޞަކޮށް ތަމްރީންތައް ހިންގުމަށް އުފެއްދުނު ނޮންކޮމިޝަންޑް އޮފިސަރސް އެކަޑެމީ އުފެއްދުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެލައްވައި ކޮށްދެއްވި މަސައްކަތްތަކުގެ އިތުރުން ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ސިފައިން ތަމްރީންކުރުމާއި ރެކްރޫޓްކުރުމަށް މުދައްރިބެއްގެ ހައިސިއްޔަތުން ކޮށްދެއްވި ބުރަ އަދި އަގުނުކުރެވޭ މަސައްކަތްތުގައި ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމެންޑޭޝަން ހާސިލުކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 މެޑެއްޔާއި 13 ކުލައެއް ލިބިލައްވާފައިވެއެވެ. މިގޮތުން ލިބިލައްވާފައިވާ ޝަރަފުގެ ނިޝާންތަކަކީ އިންސާނީ ޚިދުމަތުގެ މެޑެލި، ކޯވިޑް 19 މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެލި، ޖުމްހޫރީ 50ގެ މެޑެލި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާސްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަހަރަށް، އަދި އަމާޒަށް ބަޑި ޖެހުމުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ ވަނީ ލިބިލައްވާފައެވެ.
ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލަކީ ދިވެހި އަސްކަރިއްޔާގައި އިންސާނީ ވަސީލަތް ބިނާކުރުމުގެ ދާއިރާއިން ސިފައިން ތަމްރީންކުރުމަށް ބޭނުންވާ ތަފާތު ޕްރޮގްރާމްތައް ފަރުމާކޮށް ޢިލްމުގެ މަންހަޖު ކުރިއަރުވާ ތަމްރީންކުރުމުގައި ގިނަ ދުވަސްތަކެއްގައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވައި، އެތައް ބަޔަކު ތަމްރީނު ކުރައްވާފައިވާ ކުޅަދާނަ ޤާބިލު މުދައްރިބެކެވެ. ސިފައިންގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ހިންގި ތަފާތު ކުޅިވަރު މުބާރާތްތަކުގައި ޖޯޝާއި ފޯރީގައި ބައިވެރިވެލައްވައި ރަން ވަނަތައް ހޯއްދަވައި، ސިފައިންގެ ބަޑި މުބާރާތްތަކުން ފަޚުރުވެރި އެތައް ވަނަތަކެއް ހާސިލުކުރައްވައި، އަދި އެ މުބާރާތުން އެއްވަނަ އެތައް ފަހަރަށް ހާސިލްކުރައްވާފައިވާ އެސްއެފް ޓީމްގެ މެންބަރެއްގެ ގޮތުގައި ހަތިޔާރަށް އަހުލުވެރި، މޮޅު ބަޑިޖެހުންތެރިއެއް އަދި މި ފަންނުގެ މާހިރެކެވެ.
ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލްގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި ޚާއްޞަކޮށް ސްޕެޝަލް ފޯސަސް ފަދަ ޚާއްޞަ ގޮތަކުން ހޮވި ޚާއްޞަ ތަމްރީންތަކެއް ލިބިފައިވާ އެލީޓް ޔުނިޓްތަކަށް ގުޅޭނެ ސޯލްޖަރުންނާއި މާދަމާ ދިވެހި އަސްކަރިއްޔާގެ ސަފުތަކާ ގުޅޭނެ ޒުވާނުންނަށް ވެސް ދައްކުވައިދެއްވި ވަރަށް ރީތި މިސާލެކެވެ.
ވޮރަންޓް އޮފިސަރ ގްރޭޑް 2 އިބްރާހީމް ޒަމީލް ދިވެހި އަސްކަރިއްޔާގައި ހޭދަކުރެއްވި ގައުމީ ޚިދުމަތުގެ ދިގު މުއްދަތުގައި ލޮބުވެތި އާއިލާއިން ވެދެއްވި ޤުރުބާނީއާއި މަތިވެރި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުގެ ޖިޒީތައް ވެދުންކުރަމެވެ. އަދި ވޮރަންޓް އޮފިސަރ 2 އިބްރާހީމް ޒަމީލަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރި ހަޔާތެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.
