ދުރޫޒުން ނުވަތަ އަލް މުވައްހިދޫންނަކީ މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން ގަބޫލުކުރާ ފިކުރުތައް މަސްހުނިކޮށްގެން އުފައްދާފައިވާ ބާޠިލު ދީނެވެ. މި ދީނަށް ހިންދޫ ދީނުގެ އަސަރުތައް ވެސް ވައްދާފައިވެއެވެ. އިސްލާމްދީނުގެ ޝިޔައީންގެ އިސްމާޢީލީ މަޒުހަބުން ވަކިވެގަނެގެން އުފެއްދި މި ދީނަށް އުޅޭ މީހުންގެ އާބާދީގައި ދެ މިލިއަނެއްހާ މީހުން ދުނިޔޭގައި އުޅެއެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާއާއި ލުބްނާނާއި އުރުދުންއާއި އިޒްރޭލުގައެވެ.
ދުރޫޒުންނަށް އެންމެ ބޮޑަށް އެހީތެރިވަނީ އިޒުރޭލުންނެވެ. ފަލަސްތީނުގެ ބިމުގައި 1948ވަނަ އަހަރު އިޒުރޭލުގެ ދައުލަތް ޤާއިމުކޮށް އަދި އެ ދައުލަތް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ދުރޫޒުންނަކީ އިޒުރޭލަށް ތާޢީދުކުރާ އަދި ވާގިވެރިވާ ބައެކެވެ. ދުރޫޒުން އެންމެ ގިނައިން ދިރިއުޅޭ ސީރިއާގެ ދެކުނުގެ ސަރަޙައްދުގައި ސީރިއާގެ ސަރުކާރުގެ ބާރެއްނެތި އެ މީހުންނަށް ފުރިހަމަ މިނިވަންކަމާ އެކު ދިރިއުޅެވެން ވާނެކަމަށް އިޒުރޭލުން ގަބޫލުކުރެއެވެ. ސީރިއާގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސުވައިދާއަކީ ދުރޫޒުންގެ މެޖޯރިޓީ އޮންނަ ޕްރޮވިންސެކެވެ. ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ފަހު ސީރިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަޙްމަދު އަލް ޝަރާގެ ސަރުކާރުން މި ސަރަޙައްދު ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތާ އިޒުރޭލުން ދެކޮޅު ހަދައެވެ. ދުރޫޒުން ވެސް ބޭނުންވަނީ ސީރިއާގެ ސިފައިންގެ ބަދަލުގައި ބައިނަލުއަޤްވާމީ ސުލުހަ ބަލަހައްޓާ ލަޝްކަރަކުން އެ ސަރަޙައްދު ހިމާޔަތްކޮށް އެބައިމީހުންނަށް ހިމާޔަތްދޭށެވެ. މިއީ ދެވަނަ އިޒުރޭލެއް މެދުއިރުމަތީގައި އުފަންކުރަން ކުރާ މަސައްކަތެއްކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.
ދުރޫޒު ދީނުގެ އަހުލުވެރިން މާތް ﷲގެ އެއްކައުވަންތަކަން ގަބޫލުކުރިޔަސް ކީރިތި ރަސޫލާއަކީ އެންމެ ފަހުގެ ނަބިއްޔާ ކަމަކަށް ގަބޫލެއް ނުކުރެއެވެ. މި މީހުން ގަބޫލުކުރަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތެރެއިން ވެސް ވަކި ބޭފުޅުންތަކެކެވެ. މި މީހުން ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތެރެއިން އެންމެ ކަމޭހިތަނީ ސަލާމްލެއްވި ޝުޢައިބުގެފާނަށެވެ. ދީނީ ކަމެއްގެ ގޮތުގައި އެކަލޭގެފާނުގެ މަގުބަރާއަށް ވަކި ޚާއްޞަ ދުވަސްވަރެއްގައި ޒިޔާރަތްކޮށް ހަދައެވެ. މި މީހުންގެ ދީނީ ދުވަހަކީ ބުރާސްފަތި ދުވަހެވެ. ދީނީ ފޮތެއްގެ ގޮތުގައި ގެންގުޅެނީ އެކިއެކި ދީންތަކުގެ ފަލްސަފާތަކާއި އަޤީދާތަކުން ބޭނުންވާ ބައިތައް ހިމަނައިގެން އަމިއްލައަށް ލިޔެފައިވާ ފޮތެކެވެ. ދުރޫޒުންގެ ދީނަކީ އެކަހެރި ދީނެކެވެ. އެ ދީނަށް ވަދެވެނީ ހަމައެކަނި އެ މީހުންގެ ދަރިކޮޅަށް ނިސްބަތްވާ މީހުންނަށެވެ. އެ މީހުންގެ އަޤީދާ ބުނާގޮތުން އެ ދީނަށް ގޮވާލުމަކީ މަނާ ކަމެކެވެ.
ދުރޫޒުން ވަނީ ދެ ގްރޫޕަކަށް ބެހިފައެވެ. އެއީ އެ ދީނުގެ ޢިލްމުވެރިންނާއި އެ މީހުންނަށް ތަބާވާ މީހުންނެވެ. މި ބާޠިލު އަގީދާ އުފެދިގެން އައީ މީލާދުން 11ވަނަ ޤަރުނުގެ ކުރީކޮޅު، މިޞްރުގެ ފާޠިމީ ޚަލީފާ އަލް-ޙާކިމް (996-1021)ގެ ވެރިކަމުގެ ދުވަސްވަރުއެވެ. ދުރޫޒުން ގަބޫލުކުރާ ގޮތުގައި ޝިޔައީ އިސްމާޢީލީންގެ އިމާމެއްކަމަށްވާ އަލް-ޙާކިމް ވަނީ އިލާހީ މަޤާމުފުޅަކަށް އުފުލިގެންނެވެ. އެ މީހުން ބުނަނީ އެ އިމާމް 1043ވަނަ އަހަރު އަވަހާރަވުމާ ހަމައިން ދުރޫޒު ދީނަށް ވަނުމަށް އޮތް ”ދަޢުވާގެ ދޮރު“ ވަނީ ބަންދުވެފައި ކަމަށެވެ. އެހެންކަމުން، އެ ދުވަހުން ފެށިގެން އެ ދީނުގައި ތިބި ދަރިކޮޅުތަކުގެ މީހުން ފިޔަވައި އާ މީހުންނަކަށް މި ދީނަކަށް ނުވަދެވޭނެއެވެ.
މި ޖަމާޢަތުގެ މީހުންނަށް ކުރިމަތިވި ދުއްތުރާތަކުގެ ސަބަބުން، މެދުއިރުމަތީގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ލުބުނާނުގެ ޝޫފް ފަރުބަދަތަކުގަޔާއި ސޫރިޔާގެ ޖަބަލުލް ދުރޫޒުގަޔާއި އިސްރާއީލުގެ ޖަލީލުގައާއި ގޯލާނުގެ އުސްބިންތަކުގައި މި މީހުން ވަޒަންވެރިވެގެން ދަނީ ދިރިއުޅެމުންނެވެ. މީގެއިތުރުން އެމެރިކާއާއި ކެނެޑާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި ޔޫރަޕާއި އޮސްޓްރޭލިޔާގައި ވެސް ދުރޫޒުން ވަރަށް ކުދިކުދި އާބާދީތައް ދިރިއުޅެއެވެ.
ދުރޫޒުންނަކީ އަރަބިބަހުން ވާހަކަދައްކައި، ބަލާބެލުމަށް މުސްލިމުންހެން ހީވިޔަސް ބާޠިލު އަޤީދާއެއްގެ މަތީގައި އުޅޭ ބައެކެވެ. އިސްލާމީ އަޤީދާގައި ސާބިތުވެ ތިބުމަށް މި ފަދަ ބާޠިލު އަޤީދާތަކުގެ ޞައްޙަ މަޢުލޫމާތު އެނގުމަކީ މުހިންމު ކަމެކެވެ.
މައުލޫމާތު:
https://www.britannica.com/topic/Druze
