1988 ނޮވެމްބަރ ދެވަނަ ދުވަހާއި އެރޭގެ ގިނަ ވަގުތުތަކެއްގައި ވަރަށް ބުރަކޮށް އުޅުއްވުމުގެ ސަބަބުން ވެފައިވާ ވަރުބަލިކަމާއެކު އަރާމު ފުންނިންޖަކަށް ހަށިގަނޑުވަނީ ބޭނުންވެފައެވެ. ”ތެދުވޭ ! ތެދުވޭ! އަވަހަށް ތެދުވޭ!“ އެއީ ކެޕްޓަން ހުޅުލޭ މޫސަގެ ވަރުގަދަ އަޑެވެ. އޭރު 1988 ނޮވެމްބަރު ތިނެއްގެ ބިރުވެރި ޢުދުވާނީ ޙަމަލާވަނީ ފެށިފަ އެވެ. އިވެމުންދަނީ ބަޑީގެއަޑެވެ. އޭރު މޭޖަރ ރޭންކުގައި ހުންނެވި މުޙައްމަދު ޒާހިރަށް ލިބިވަޑައިގަތީ ކުއްލި ހައިރާންކަމެކެވެ. ހިތުގައި އުފެދެމުންދިޔައީ ގިނަގުނަ ސުވާލުތަކެވެ. އަވަސްއަވަހަށް ބެރެކްސްއިން ބޭރަށް ނިކުމެވަޑައިގެންނެވި އެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއިން ސިފައިންގެ މައި މަރުކަޒު ދިފާޢުކުރުމުގައި ސިފައިންކުރި ހިތްވަރުގަދަ ޖިހާދުގައި އެވަގުތުން ފެށިގެން މުޙައްމަދު ޒާހިރު އަމިއްލަފުޅަށް ކޮމާންޑް ނެންގެވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އާއި ޑިފެންސް މިނިސްޓަރުގެ ނާއިބުގެ އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ދަށުން ސިފައިންގެ އެންމެ އިސް އޮފިސަރަކަށް ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރ، މޭޖަރ އަންބަރީ ޢަބްދުއް ސައްތާރެވެ. ކަންދިމާވިގޮތުން ޢުދުވާނީ ޙަމަލާދިން ރެއަކީ އަންބަރީ ޢަބްދުއްސައްތާރުގެ ގޭރޭކަމަށްވީތީ އެމަނިކުފާނު ހުންނެވީ ސިފައިންގެއިން ބޭރުގަ އެވެ.

މުޙައްމަދު ޒާހިރު ބެރެކްސްއިން ނިކުމެވަޑައިގެންވި ގޮތަށް ޓާސްކްފޯސް ޑިއުޓީ ކައުންޓަރު ކައިރީ ޑިއުޓީއަށްހުރި ޕްރައިވެޓް އަޙްމަދު ރަޝާދު (ޓިބެޓް) ގެ އަތުގައިއޮތް ބަޑި އަތުލެއްވި އެވެ. އޭރު ސީނިއަރ އޮފިސަރުންގެ ބެރެކްސްގެ ބޭރުގައި ހުރި ފޯނު ރިންގްވަމުންދެއެވެ. އެއީ ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ފެށުމާއެކު ވެގެންއުޅޭގޮތެއް ސާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެވެރިޔާ ސިފައިންގެއަށް ގުޅުއްވި ފުރަތަމަ ފަހަރެވެ. ”އަޅުގަނޑު ދެންނެވިން ވެގެން އުޅޭގޮތެއް ޙަމަލާދެމުންދަނީ ކޮންބައެއްކަމެއް އަދި ނޭނގެޔޭ. ޙަމަލާ ދެމުންދަނީ ސިފައިންގެ ހެޑްކްއާޓަރަށޭ.“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ. އެފޯނު ރައީސް މައުމޫން ކަޑުއްވާލެއްވިތާ ކުޑަ ހިނދުކޮޅެއްފަހުން ދުޝްމިނުން ސިފައިންގެ މަގުމަތީ ފާރުގެ ހުޅަނގު ދެކުނުކަން ގޮއްވާލި އެވެ. އެބާގަނޑުން ސިފައިންގެ ތެރެއަށް ދުޝްމިނުންނަށް ނުވަދެވުނީ އެދިމާލަށް ސިފައިން ދިން ކުއްލި އަދި އަވަސް ރައްދު ޙަމަލާގެ ސަބަބުންނެވެ.

ދުޝްމަނުން ދެމުންގެންދިޔަ ހަމަލާތަކުން ހީވަމުންދިޔައީ ހަމަ ދެންމެ ދެންމެ ސިފައިންގެ ހެޑްކުއާޓަރަށް އެމީހުން ވަދެގަންފާނެ ހެންނެވެ. އެހެންކަމުން މުޙައްމަދު ޒާހިރު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ދުޝްމިނުންނާ ދެކޮޅަށް ދެމުންދިޔަ ރައްދު ޙަމަލާތައް ވަރުގަދަކުރެއްވުމެވެ. ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލާއި ލެފްޓިނަންޓް ބިލާލް އާދަމްމަނިކު ބަޑިހިފައިގެން ފުލުސް އޮފީހަށް ދުރުވެއްޖެއެވެ. ލެފްޓިނަންޓް ޙަސަން ނަޞީރާއި ލެފްޓިނަންޓް ޢަބްދުއްލަޠީފް މުޙައްމަދާއެކު މުޙައްމަދު ޒާހިރު ވަޑައިގެންނެވީ ސިފައިންގެ ތިންބުރި އިމާރާތުގެ މައްޗަށެވެ. ތިންބުރި އިމާރާތުގެ އެންމެ މަތީބުރިން ޑިފެންސް މިނިސްޓްރީ ތެރެއަށް ވަދެވެން ހުންނަ ދޮރުން ވަންނަވަން ބެއްލެވިއިރު އެދޮރު ހުރީ ތަޅުލާފަ އެވެ. މުޙައްމަދު ޒާހިރުގެ އަތުގައި އޮތް އޭކޭ 47 ގެ ރައިފަލުގެ ބަޓުން (މުއްގަޑުން) ޖަހާ ދޮރުފަތުގެ ފިލާގަނޑު ފަޅާލައްވާ އެތެރެއަށް ވަދެވަޑައިގެން ޑިފެންސް ނިމިސްޓްރީ ތެރެއިން ސިފައިންގެ އޮފިހަށް ވަޑައިގެންނެވި އެވެ. އެހިސާބުން ސިފައިންގެއަށް ދުޝްމަނުން ދެމުންދާ ޙަމަލާތައް އަންނަނީ ކޮންކޮން ދިމާތަތަކުންކަން އެގިވަޑައިގެންނެވިއެވެ. ބަނޑޭރިގޭމަތީބުރީގައި އަމީރު އަޙުމަދުމަގަށް ވާގޮތަށް ހުންނަ ކުޑަދޮރުތަކުގެ ކައިރީގައި ދުޝްމިނުންގެ ޕޮއިންޓްތައް ކަވަރ ކުރެވޭނެގޮތަށް ބަޑިއާއެކު ސިފައިން ބައިތިއްބުމަށްފަހު ދެންވަޑައިގަތީ އެ ޢިމާރާތުގެ ހުޅަނގުކޮޅުގައި ހުންނަ ޑިފެންސް މިނިސްޓަރުގެ ނާއިބުގެ ކޮޓަރިކޮޅަށެވެ. އެ ކޮޓަރިކޮޅުގެ ދޮރުވެސްހުރީ ތަޅުލާފަ އެވެ. އެދޮރު ހުޅުވުމަށްޓަކައި ބަޑީގެ ބަޓުންޖަހާ ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅާލިވަގުތު ކުދިކުދި ވެގެންއައި ބިއްލޫރި ގަނޑަކުން ޖެހިފައި މުޙައްމަދު ޒާހިރުގެ ވާތުގެ ބޮޑުވައި އިގިއްޔާ ދިމާލުން ތިރިން އަތްތިލައިން ގާތްގަނޑަކަށް ދޮޅު އިންޗި ދިގުމިނުގެ ތަނެއް ވަރަށް ފުންކޮށް ކަފައިގެންގޮސް ލޭ އަންނަން ފެށިއެވެ. އެވަގުތު އެތަނުގައި ހުންނެވި ލެފްޓިނަންޓް ޙަސަން ނަޞީރު އެކޮޓަރިކޮޅުގެ ދޮރުފޮތިގަނޑުން ބައެއް ވީދާލާފައި އެ ޒަޚަމްގެ މަތިން ވަރަށް ބާރަށް ބަނދެދެއްވި އެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް ނަޞްރު ލިބެންދެން ކުރިހުރިހާ ކަމެއްވެސް ކުރެއްވީ އެއަތްޕުޅު އެގޮތަށް އޮށްވައެވެ. 

ދުޝްމިނުން ސިފައިންގެ ހިފުމަށް ފަތިހު ފެށި ޙަމަލާއާ ދެކޮޅަށް ރައްދުގައި ޙަމަލާދެމުން ދަނިކޮށް ވަޒަން ހުސްވަމުން ދާކަން މުޙައްމަދު ޒާހިރުގެ ސަމާލުކަމަށް ބަޑިގުދަނުގައި ހަރަކާތްތެރިވަމުން ގެންދެވި ލެފްޓިނަންޓް އިނގިރޭސި ޢުމަރުމަނިކު ގެންނެވި އެވެ. ޑިއުޓީތަކަށް ބޭނުންވާވަރަށް ބަޑިއާއި ވަޒަން ބެހެއްޓުމަށްފަހު ދެންހުންނަ ވަޒަނާއި ބަޑިތައް ހުންނަނީ ބަޑިގުދަނުގެ އެތެރޭ ލޮކަރުގަ އެވެ. ޒަމާނުއްސުރެ ސިފައިންގެ ބަޑިގުދަނުގެ އެތެރޭބައިގެ ތަޅުދަނޑި އޮންނަނީ އޭރެއްގައި ހުންނަވާ ސިފައިންގެ އެންމެ އިސް ބޭފުޅެއްގެ އަތްޕުޅުގަ އެވެ. ނޮވެމްބަރު ތިންވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑިއޮތީ އޭރުގެ ޑިފެންސް މިނިސްޓަރގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ އަތްޕުޅުގަ އެވެ. ”ތަޅުދަނޑި ނުލިބި ދޮރުހުޅުވޭނެ އެއްވެސް ގޮތެއްނެތް. އެނާޒުކު ވަގުތު ކޯޕްރަލް އިބްރާހީމް ދީދީ (ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީ) ސިފައިންގެއަށް ފޯނުކުރެއްވީ.  އިއްތިފާޤުން އަޅުގަނޑަށް އެފޯނު ނެގުނީ. ވަގުތުން ވީ އެންމެ އަވަހަށް ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑި ގެނެސްދިނުމަށް ޓާސްކްކުރީ. އެޓާސްކް އިބްރާހީމް ދީދީ ވަރަށް ފުރިހަމައަށް އަދާކުރެއްވި“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ.

ބަޑިގުދަނުގެ އެތެރެބައި ހުޅުވުމާއެކު ދުޝްމަނުންނާ ދެކޮޅަށް ދެމުންދާ ރައްދު ޙަމަލާތައް ވަރުގަދަ ކުރި އެވެ. މުޙައްމަދު ޒާހިރު ބޭނުންފުޅުވީ ދުޝްމަނުންގެ މަޤާމުތަކަށް ޖީޕީއެމްޖީ އިން ވަރުގަދަ ޙަމަލާތަކެއް ދެއްވުމަށެވެ. އޭރަކު ޖީޕީއެމްޖީގެ މާގިނަ ބަޑިއެއް ސިފައިންގެއަކު ނެތެވެ. ”ޖީޕީއެމްޖީ ހުސްވެއްޖެއޭ ދެންހުރީ ރަޝިޔަން ޖީ.ޕީ.އެމް.ޖީ ނުވަތަ ޕީ.ކޭ.އެމް ބަޑިއޭ އިނގިރޭސި ޢުމަރުމަނިކު ވިދާޅުވެއްޖެ. އަދި އެވައްތަރުގެ ބަޑި ޖަހަން ދަންނަ މީހަކުވެސް ނެތްކަމަށް ޢުމަރުމަނިކު ވިދާޅުވި. ދެން އަޅުގަނޑު ބަޑިގުދަނަށްވަދެ ޕީކޭއެމްއެއް ނަގާ ލޯޑް އަންލޯޑް ފަރިތަކޮށްލާ ބޭރަށް ނިކުމެ މައްޗަށް ބަޑިޖަހާ ޓެސްޓްކުރީ. އެއަށްފަހު އެތަނުގައި ތިބި ކުދިންނަށް ބަޑިޖަހަންވީގޮތް ކިޔައިދިނީ“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ. ލީބިއާގައި އެމަނިކުފާނު ހެއްދެވި ޓްރޭނިންގައި ޕީ.ކޭ.އެމް ބޭނުންކުރައްވާފައި ވާތީ އެބަޑިއަކީ އެމަނިކުފާނަށް އާ ބަޑިއެއްނޫނެވެ. ޖީޕީއެމްޖީ އާއި ޕީކޭއެމް އާއިއެކު ދުޝްމަނުން އެންމެ ވަރުގަދައަށް ޙަމަލާދެމުންދާ ސަރަޙައްދުތައް ކަވަރު ކުރެވޭގޮތަށް ޕޮޒިޝަން ކުރެއްވި އެވެ. ”ބަނޑޭރިގޭ މަތީގައި ލ.ކޯޕްރަލް އާދަމް މުޙައްމަދު (ފުސްފަރު) އާއި ޕްރައިވެޓް ޙުސައިން މަނިކު ބޭތިއްބިން. ރައީސް އޮފީހާއި ދިމާލުން އަންނަ ޙަމަލާތަކަށް ޙަމަލާ ދިނުމަށް ސްޓާފް ސާރޖެންޓް ޠާހާ ވަޙީދު ފުލުސް އޮފީސް މައްޗަށް ފޮނުވާ، ސިފައިންގެ އިރު ދެކުނު ކަނަށް ކޯޕްރަލް ޒުބައިރު އަޙުމަދު މަނިކު ފޮނުވިން“ މުޙައްމަދު ޒާހިރު ވިދާޅުވި ގޮތުގައި މިތަން ތަނުގައި ބަޑިތައް ބަހައްޓައިގެން ޙަމަލާދޭން ފެށުމުން ދުޝްމަނުން ދެމުންދިޔަ ޙަމަލާތައް މައިތިރިވާން ފެށިކަން ފާހަގަ ކުރެވުނެވެ.

ނޮވެމްބަރު ތިންވަނަ ދުވަހަށް އިރުއަރައިގެން އަންނަނީ އެވެ. ސިފައިންގެ ކުރިމަތީގައި ހުރި ދޮށިމޭނާ ބިލްޑިންގގެ ފުރަގަހަށް ރަހީނުންގެ ގޮތުގައި ޢާއްމު ރައްޔިތުން އެއްކުރުމުގެ މަސައްކަތް ދުޝްމަނުން ކުރަމުންދާތަން މުޙައްމަދު ޒާހިރަށް ފެނިވަޑައިގެންނެވި އެވެ. ދުޝްމިނުންގެ ހަރަކާތްތައް ހުރިގޮތުން އެމީހުން ރާވަމުންދާ ރޭވުމުގެ ނުރައްކާތެރިކަން ވިސްނިވަޑައިގެންނެވުނެވެ. ވަގުތުން ބަނޑޭރިގޭ މަތީބުރީގައި ހުންނަ ނާއިބުގެ ކޮޓަރިކޮޅަށް 0.5 އިންޗީގެ ބޮޑުބަޑިއެއް ގެންނެވުމަށް އެންގެވި އެވެ. ބަޑިގެނެސް މޭޒުކޮޅުމަތީގައި މައުންޓްކޮށް ބެއްލެވިއިރު ބަޑިޖަހަން ދަންނަ މީހަކު އެތަނަކުނެތެވެ. އެބަޑި ޖަހަން ދަންނަ މަދު ބޭކަލުންގެ ތެރެއިން އެއް ބޭކަލަކީ ސްޓާފް ސާރޖަންޓް ނަންނާރި ޢަބްދުލް ޢަޒީޒެވެ. ބަޑިޖަހާނެ މީހަކު ހޯއްދެވުމަށްޓަކައި މުޙައްމަދު ޒާހިރު ތިރިއަށް ވަޑައިގެންނެވިއިރު ޢަޒީ އިންނެވީ ފަޔަށް ވަޒަނެއް އަރައިގެން ހިނގާބިގާވެ ނޫޅެވޭވަރުވެފަ އެވެ. އެކަމަކު މުޙައްމަދު ޒާހިރު ވިދާޅުވުމުން ޢަޒީ އެބަޑިޖަހަން ދިއުމަށް އެއްބަސްވި އެވެ. ދެން ޢަޒީ ނަންގަވާ މުޙައްމަދު ޒާހިރުގެ ކޮޑުމަތީގައި ބާއްވަވައިގެން ނާއިބުގެ ކޮޓަރިކޮޅަށް ގެންނެވި އެވެ. ”ޢަޒީ ގެނެސް ދޮށިމޭނާ ބިލްޑިންގ ބިމާއި ހަމަކޮށްލުމަށް އޭނާއަށް އަޅުގަނޑު އޯޑަރު ދިނިން. އެބަޑިން ވަރަށް ވަރުގަދަ ހަމަލާތަކެއްދީ ދުޝްމިނުން ފަހަތަށް ޖެއްސި“ ދޮށިމޭނާ ބިލްޑިންގއަށް ބޮޑުބަޑިން ހަމަލާދޭން ފެށުމުން ދުޝްމިނުން ހުޅަނގަށް ޖެހި އޭރުގެ ޕޯސްޓް އޮފީހާއި ދިމާއިން ސިފައިންގެ ހުޅަނގުއުތުރު ކަނާދިމާލުން ޙަމަލާދޭން ފެށިއެވެ. ނާއިބުގެ ކޮޓަރިކޮޅާޖެހިގެން ހުޅަނގުގައި ސިފައިންގެ ވެރިޔާ އިންނެވުމަށް އޭރު ހަދަމުންދިޔަ ކޮޓަރިކޮޅުގައި 0.5 އިންޗީގެ އިތުރު ބަޑިއެއް ބަހައްޓާ އެބަޑިކައިރި އަޙުމަދު ނަޢީމް (ބްރެޑް) ބޭންދެވުމަށްފަހު ދުޝްމިނުން އެސަރަޙައްދުގައި ޖަހަމުންދިޔަ ބަންކަރު ދުއްވާލުމަށް މުޙައްމަދު ޒާހިރު އޯޑަރުދެއްވި އެވެ. އެބަޑި ބެހެއްޓުމާއެކު ދުޝްމިނުން ދެމުންދިޔަ ޙަމަލާތަކުގެ ބާރު ކަނޑުވާލެވުނެވެ.

ސިފައިންގެ ހެޑްކްއޯޓާރޒް ދިފާޢުކުރުމުގައި ހިތްވަރާއެކު ސިފައިން ޖިހާދުކުރަމުން ދަނިކޮށް، ޑިފެންސް މިނިސްޓަރުގެ ނާއިބު ގުޅުއްވާ ސިފައިންގެ ތެރެއިން ބޭރަށް ކޮންމެވެސްބަޔަކު ނިކުމެގެން ދުޝްމަނުންނާ ޙަމަލާ ދިނުމަށް ރޭވުމަށް ވިދާޅުވިއެވެ. އެ އޯޑަރ މުޙައްމަދު ޒާހިރަށް ލިބިވަޑައިގެންނެވުމުން  އެވަގުތު ކަންތައްތައް ހުރިގޮތުން ސިފައިންގެއިން ބަޔަކު ބޭރަށް ނެރެން ނުފެންނަކަމަށް ދެންނެވި އެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް އެއޯޑަރ ލިބިވަޑައިގެންނެވުމުން އެކަން ކުރެއްވޭނީ ކިހިނެއްތޯ ބައްލަވަން ފެއްޓެވި އެވެ. އޭރު މޫސާ ޢަލީ ޖަލީލު ގެންދެވީ ބޭރަށް ނިކުތުމަށް ހުއްދަދެއްވުމަށް މުޙައްމަދު ޒާހިރަށް ދަންނަވަމުންނެވެ. ”އަޅުގަނޑަށް އެންމެ ރަނގަޅު ގޮތެއްކަމަށް ފެނުނީ ބަޑިހިފައިގެން ބަހެއްގައި ސިފައިން ނިކުތުމަށް. އެހެންވެ، އޭރު ސިފައިންގޭގައި އޮތް އިމަރޖެންސީ ބަސް ގެނެސް އެބަހަށް ހުސްފީފާ އަރުވައި ފީފާ ތަކަށް ވެލި އަޅާ ހަތިޔާރާއެކު މީހުންނަށް ތިބެވޭނެގޮތް ހެދީ. އަދި އެވަގުތު ސިފައިންގޭގައި ތިބި ޓާސްކްފޯސް ޓްރެއިނިންގ ހަދާފައިވާ މީހުން އަޅުގަނޑާއެކު ނިކުތުމަށް އެންގީ“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ.

”ދުޝްމަނުންނާ ހަމަލާ ދިނުމަށް ބަހުގައި އެންމެ ފުރަތަމަ ނިކުންނާނީ އަޅުގަނޑުކަމުގައި އެވަގުތު ބުނިން. އަދި އަޅުގަނޑާ އެކީގައި ނިކުމެ ދުޝްމަނުންނާ ހަނގުރާމަ ކުރަން އައުމަށް އޯޑަރު ކުރިން. މޫސާ ޢަލީ ޖަލީލު އަޅުގަނޑާ އެއްކޮޅަށް ޖެހިވަޑައިގެންނެވި. ދެން އަޅުގަނޑާ އެކީގައި ބަހުގައި ނިކުތުމަށް ފުރަތަމަ ދުރުވި ބޭކަލުންގެ ތެރޭގައި ޙުސައިން ޢަލީ (ފުށްކަފަ ދޮންތުއްތު)، މުޙައްމަދު ރަޝީދު (މޭލޭ)، ޢަބްދުﷲ ނަސީމް (ތިނަދޫ)، މުޙައްމަދު ނަޢީމް (ގްރޭވޫލް) ހިމެނޭ“ ނޮވެމްބަރު ތިންވަނަ ދުވަހުގެ ހަނދާންތައް އާކުރައްވަމުން މުޙައްމަދު ޒާހިރު ވިދާޅުވި އެވެ. މުޙައްމަދު ޒާހިރާއެކު ބަހުގައި ބޭރަށް ނިކުތުމަށް ތައްޔާރުވެގެން އައި މީހުންނަށް ބޭރަށް ނުނިކުމެވި ސިފައިންގެ މައިގޭޓުގެ އެތެރެފަރާތުގައި މަޑުކުރަންޖެހުނީ މައިގޭޓަށް ދުޝްމިނުން އާރުޕީޖީން ދިން ޙަމަލާތަކުން ގޭޓް ތާށިވެފައި ހުރުމުން ހުޅުވޭގޮތް ނުވެގެންނެވެ. ގޭޓް ހުޅުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ މޭޖަރ ޝައުކަތު އިބްރާހީމެވެ. ”ގޭޓްހުޅުވުމުގެ މަސައްކަތް ކުރަމުންދާތީ މަޑުކޮށްގެން ތިއްބާ ބަނޑޭރިގޭ މަތީބުރިން ކެޕްޓަން އަޙްމަދު ނަޢީމް ގޮވާލެއްވީ އަޅުގަނޑު ބޭރަށް ނުނިކުތުމަށް ރައީސް ވިދާޅުވާކަމަށް. ދެތިންފަހަރަކު އެގޮތަށް ގޮވާލެއްވުމުން އަޅުގަނޑު ބަހުންފޭބީ“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ. ސިފައިންގެ މައިގޭޓުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާން ފެށުމާއެކު ދުޝްމިނުން ވަރުގަދަ ޙަމަލާތަކެއް ގޭޓަށް ދިނެވެ. އެ ޙަމަލާތަކުގެ ތެރޭގައި ގޭޓް ވައްޓާލުމަށް ބޭނުންކުރި ޓްރެކްޓަރ ގޭޓްގައި ތާށިވި އެވެ. އަދި ދުޝްމަނުން ދިން މޯޓަރ ސެލްގެ ޙަމަލާއަކުން ގޭޓުހުޅުވުމުގެ މަސައްކަތުގައި އުޅުނު ބައެއްމީހުން ޒަޚަމްވި އެވެ.

ގޭޓްހުޅުވުމަށްކުރި އެއްވެސް ކަމެއް ކާމިޔާބުނުވުމުން ފުލުސް އޮފީހުގެ ގޭޓުން ސިފައިން ބޭރަށް ނެރުމަށް މުޙައްމަދު ޒާހިރު ނިންމަވާ ބޭރަށް ނިކުންނަން ހަމަޖެހުނު ބޭކަލުންގެ ކޮމާންޑަރަކަށް ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ހަމަޖެއްސެވި އެވެ. ”އެމީހުންނަށް އެންގީ ބޭރަށް ނިކުމެ ސިފައިންގެ ކައިރި ސަރަޙައްދުގައި ހަރަކާތްތެރިވާ ދުޝްމަނުންގެ ހަރަކާތްތަކާއި މަޤާމްތައް ހުރިގޮތް ބަލާފައި އެނބުރި ސިފައިންގެއަށް ވަނުމަށް“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ. ދުޝްމަނުން ސިފައިންގެއަށް ޙަމަލާދެމުންދިޔަ ވަގުތުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދީނާއި ޤައުމުގެ ޙައްޤުގައި ދުޝްމިނުންނާ ކުރިމަތިލުމަށް ހިތްވަރާއި ޢަޒުމާއެކު ނިކުތް ބޭކަލުންގެ ތެރެއިން ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި) އަދި ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) ޝަހީދުވެވަޑައިގެންނެވި އެވެ.

ފަތިހުއްސުރެ ދުޝްމަނުންނާ ދެކޮޅަށް މެދުނުކެނޑި ހިތްވަރާއެކު ހަނގުރާމަކުރަމުންދިޔަ ބައެއް ސިފައިންގެ މޫނުމަތިން ބަޑުހައިކަމާއި ވަރުބަލިކަން ފެންނަންމުންދިޔަ އެވެ. އެހެންނަމަވެސް ޤާއިމުކުރެވިފައިވާ މަޤާމުތަކުގައި ސިފައިން ސާބިތުކަމާއެކު ތިއްބެވެ. ވަޒަން އަރައިގެންނާއި ދުޝްމަނުން ދިން މޯޓަރު ބޮމުގެ ޙަމަލާތަކުން ޒަޚަމްވެފައިވާ ސިފައިންނަށް ފަރުވާއެއް ދެވޭނެގޮތެއް ނެތިފައި ތިއްބެވެ. އެވަގުތު މުޙައްމަދު ޒާހިރުގެ އެންމެ މުހިންމު މަސައްކަތަކަށްވީ ސިފައިންގެ ތެރޭގައި އެކިތަންތަނަށް ވަޑައިގެން ސިފައިންނަށް ހިތްވަރު ދެއްވުމެވެ. ސާބިތުކަމާއެކު ތިބެގެން ހަނގުރާމަ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވުމެވެ. ހަވީރުވެ އިރު އޮއްސެމުންދިޔައިރު ދުޝްމިނުންގެ ޙަމަލާތައްވަނީ މުޅިން ކަހަލަގޮތަކަށް ހުއްޓިފަ އެވެ. ދުޝްމަނުންގެ ހުރިހާ ރޭވުމެއްވަނީ ނާކާމިޔާބު ކޮށްލެވިފަ އެވެ. ”އިންޑިއާ ސިފައިން އައުމުގެ ޔަގީންކަން ލިބި ގާތްގަނޑަކަށް އެރޭ 21:30 އާއި 22:00 އާ ދެމެދުގެ ވަގުތެއްގައި އިންޑިއަން އެއަރ ފޯސްގެ މަތިންދާބޯޓެއް ހުޅުލެއަށް ޖެއްސި. އޭރު ދުޝްމަނުން ވަނީ ރަހީނުންގެ ގޮތުގައި ދިވެހިންގެ ބަޔަކު ގޮވައިގެން މާލޭ ބަނދަރުގައި އޮތް އެމް.ވީ ޕްރޮގްރެސް ލައިޓްގައި ސްރީލަންކާއަށް ދިއުމަށް ފުރާފަ. އިންޑިއާ ސިފައިންގެ މައިގަނޑު މަސައްކަތަކަށްވީ އެބޯޓުން ގެންދިޔަ ރަހީނުން ސަލާމަތްކުރުމާއި ފިލަން މަސއްކަތްކުރި ދުޝްމަނުން އަތުލައިގަތުން“ މުޙައްމަދު ޒާހިރު ވިދާޅުވި އެވެ.

މިއަދަށް ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށް 24 އަހަރު ވެއްޖެ އެވެ. އެހެންނަމަވެސް އެދުވަހުގެ އެހަނދާންތަކާއި އެ އަސަރުތައް އެދުވަހު ސިފައިންގެ އެތެރޭގައި އެންމެއިސް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެމްއެންޑީއެފް ގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރުގެ ހިތްޕުޅުގައި އަދިވެސް ތާޒާކަމާއެކު އެބަހުއްޓެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމަށްޓަކައި ފަހުގެ ތާރީޚުގައި ދިވެހިންކުރި އެންމެ ވަރުގަދަ ޖިހާދެވެ. އެއީ ދިވެހި ސިފައިން ޢަޒުމާއެކުކުރި ހިތްވަރާއި ހިންމަތުގެ ސަބަބުން މާތްﷲ ދިވެހިންނަށް ނަޞްރު ދެއްވި ދުވަހެވެ.

ޝެއަރކުރެއްވުމަށް