ޤައުމިއްޔަތަކީ އެ ޤައުމެއްގެ ވަކިވަކި ފަރުދުންނާއި މުޖްތަމަޢުން ޤަބޫލުކޮށް ހަރުދަނާކަމާއެކު ހިފަހައްޓާ އެބައެއްގެ ސިޔާސީ އައިޑިއޮލޮޖީ ނުވަތަ އެބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. ނޭޝަނަލިޒަމް ނުވަތަ ޤައުމިއްޔަތަކީ އިންސާނުން އުފައްދާފައިވާ ފިކުރީ މަޛުހަބެކެވެ. ޤައުމިއްޔަތު ނިސްބަތްވަނީ އެމީހެއްގެ ނުވަތަ އެބައެއްގެ ޤައުމަށެވެ. ޤައުމިއްޔަތު ބިނާވަނީ އެބައެއްގެ ދީނާއި، ސަގާފަތާއި، ބަހާއި، އަދި އެބައެއްގެ ތެރޭގައި ހުންނަ ޚާއްޞަ ސިފަތަކުގެ މައްޗަށެވެ. އެއީ ތަފާތު ޚިޔާލާއި ފިކުރާއި ވިސްނުންތަކުގެ ތެރެއިން އެބަޔަކު އެއްގަލަކަށް އަރުވައިދޭ ސިފަތަކެވެ. މިގޮތުން ބަލާއިރު ދިވެހި މުޖްތަމަޢު އެއްގަލަކަށް އަރުވައިދީފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މާދަރީބަހާއި، ދިވެހިންގެ ސަގާފަތެވެ.
މިއީ ދިވެހި ޤައުމިއްޔަތު ބިނާވެފައިވާ މައިގަނޑު ތިން ބައެވެ. މިތިންބައިގެ ތެރެއިން ކޮންމެ ބަޔަކަށް ލޮޅުމެއް އަޔަސް ދިވެހި ޤައުމިއްޔަތަށް އެކަމުގެ އަސަރުނުކޮށެއް ނުދާނެ އެވެ.
ދިވެހިންނަކީ، އެއް ދީނަކަށް އުޅޭ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ނަސްލެއްގެ، އެއްސަގާފަތެއްގެ ވެރި ބައެކެވެ. ދިވެހިންނަކީ ގާތް ޢާއިލާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައެކެވެ. މިއީ މުޖްތަމަޢު ކުޑަކަމާއެކު އެކަކު އަނެކަކު ދަންނަ ރަޙުމަތްތެރި ބައެކެވެ. ޢާއިލާތަކުގެ މެދުގައި ތިމާގެކަމާއި ލޭގެގުޅުންވަނީ ދެމިގެންގޮސްފަ އެވެ. މި ޚާއްޞަ ސިފަތަކަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ހަރުދަނާ ޤައުމިއްޔަތެއް ދެމިހެއްޓިގެންދިޔަ ސަބަބުތަކެވެ. ދިވެހިންގެ ޤައުމިއްޔަތު ދިރުވުމަކީ އިސްލާމްދީނާއި ދިވެހި ޤައުމުދެކެ ލޯބިވުމެވެ. އަމިއްލަ ފަރުދީ އެދުންތަކާއި މަސްލަހަތު ތަކުގެ ކުރިއަށް އިސްލާމްދީނާއި ޤައުމު ނެރުމެވެ. ދީނީ ޝިއާރުތަކަށާއި ޤައުމީ މަސްލަހަތަށް އިސްކަންދިނުމެވެ. ދީނާއި ޤައުމު ކުރިއެރުވުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ޤައުމުގައި ޞުލްޙަމަސަލަސްކަމާއި އިޖްތިމާޢީ ހަމަޖެހުން ޤާއިމު ކުރުމެވެ. ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ އަމާން ވެއްޓެއް ޤާއިމު ކުރުމެވެ. ރައްކާތެރި ހިތްފަސޭހަ ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށެވެ. ޤާނޫނީ ވެރިކަން ތަންފީޒުކުރުމެވެ.
މިއަދު ރާއްޖޭގެ ޤައުމިއްޔަތު މިއޮތީ ކޮންހާލަތެއްގައި ހެއްޔެވެ؟ ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ ޢަޤީދާ ކިލަނބު ކޮށްލުމަށް ދީނުގެ ދުޝްމަނުން ސިއްރާއި ފާޅުގައި ކުރަމުންދާ މަސައްކަތުގެ އަސަރު އެބަފެނެ އެވެ. ލާދީނީ ފިކުރުތަކަށް ދިވެހިންގެ ހިތްތައްދަނީ ލެނބެމުންނެވެ. އިސްލާމީ ޝަރީޢަތާއި އިސްލާމީ ތާރީޚާއި އިސްލާމީ ތަޢުލީމަކީ މުހިންމު އެއްޗެއް ނޫންކަމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް އެބަ ޤަބޫލުކުރެވެ އެވެ. ދިވެހިބަހަކީ އަޅުގަނޑުމެން ދިވެހިން އެބަހަކުން ވާހަކަދައްކާހަދަން ލަދުވެތިވާ ބަހަކަށް ވެއްޖެއެވެ. ދިވެހި ބަހުގެ ޤަދަރެއް ޢިއްޒަތެއް ނެތްކަން ދިވެހި މުޖްތަމަޢުން ފެންނަން ފަށައިފި އެވެ. ދިވެހިބަހަކީ ދިވެހި ދަރިވަރުން ކޮންމެހެން އުގެނެންޖެހޭ މާއްދާއެއްތޯ ސުވާލު އުފެދިއްޖެއެވެ. ދިވެހިންގެ ސަގާފަތާއި އާދަކާދައިގައިހުރި ރީތި އަދަބުވެރި ގޮތްތައް ނެތިދަނީ އެވެ. އިންސާނީ ޙައްޤުތަކުގެ ވާހަކަތަކާއި އަޑުތައް މުޖްތަމަޢުގައި ގަދަވި ވަރަކަށް ޙައްޤަކާ ނުލައި ޤަތުލުކުރެވޭ ނަފްސުތައް އިތުރުވަނީ އެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ޖިހާދުކުރި މުޖާހިދުންނާއި ޤައުމު ބިނާކުރި އަބުޠާލުންގެ މައްޗަށް އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ލޯތްބެއް ނެތް ކަހަލަ އެވެ. އެބޭފުޅުންގެ ޤައުމީ ޚިދުމަތްތަކަށް ކުރެވޭ އަޑުއިވެނީ ފުރައްސާރައާއި މަލާމާތެވެ. މިއީ އަޅުގަނޑުމެންގެ އަދުގެ ހާލަތު ކަމަށްވީއިރު މި ޤައުމުގެ ޤައުމިއްޔަތުގެ ހާލަތަކީ ކޮބައިތޯ އެވެ؟

ޤައުމިއްޔަތެއްގެ ޙަޤީޤީ މޭވާއަކީ އެ ޤައުމެއްގެ އަމިއްލަވަންތަކާއި މިނިވަންކަމެވެ. ސިޔާދަތާއި އިސްތިޤްލާލެވެ. ޤައުމިއްޔަތަށް އަރާކޮންމެ ލޮޅުމެއްގެ އަސަރު މިނިވަންކަމަށް ނުކޮށެއް ނުދާނެއެވެ. ޤައުމިއްޔަތުގެ ފޭރާން ބާވެ، ދޯހަޅިވަމުން ދިޔަވަރަކަށް އެބައެއްގެ ތެރެއަށް އަޅުވެތިކަން އެތެރެވުމުގެ ދޮރުތައްދާނީ ހުޅުވެމުންނެވެ. މިއީ ދިވެހި ތާރީޚުންވެސް ފެންނަންއޮތް ޙަޤީޤަތެކެވެ. ދިވެހި ޤައުމުގެ މިނިވަންކަން ގެއްލުނު ކޮންމެފަހަރަކުވެސް އެމިނިވަންކަން ގެއްލިގެންދިޔައީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚިޔާނާތްތެރިވެގެންނެވެ. އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި ދީނާއި ޤައުމަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫންކަމަށް ޤަބޫލުކުރެވިގެންނެވެ. 9ވަނަ ޙަސަން ރަސްގެފާނު ރަސްކަން އަމިއްލަފުޅަށް ދޫކޮށްލެއްވުމަށްފަހު ކްރިސްޓިއަން ދީނަށް ވެދެވަޑައިގެން ޕޯޗްގީޒުންގެ އެހީއާ މަދަދު ހޯއްދަވައިގެން ދެވަނަ ފަހަރަށް ރާއްޖޭގެ ރަސްކަމުގެ ތަހުތަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ ދިވެހިންގެ މިނިވަންކަން ގެއްލި 15 އަހަރުގެ ދިގު މުއްދަތަކަށް ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށްދިއުމެވެ. ޙަސަން ތާޖުއްދީނުގެ ދެދަރިކަލުންކަމަށްވާ އަލްޤާޟީ މުޙައްމަދު ޝަމުސުއްދީނާއި އަލްޚަޠީބު އަޙުމަދު މުޙްޔިއްދީނާ ދެބެން ދިވެހި ޤައުމަށް ޚިޔާނާތްތެރިވުމުގެ ނަތީޖާއަކީ މަލަބާރީން ނުވަތަ ހޮޅިންގެ އަޅުވެރިކަމަށް ރާއްޖެ ދިއުމެވެ. ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ރޭވި ޢަބްދުﷲ ލުޠުފީއާއި އޭނާގެ ބައިވެރިންގެ ޚިޔާނާތުގެ ނަތީޖާއަކީ ދިވެހިންގެ ތެރެއިން އެއްވެސް ކުށެއްނެތް 19 ބޭކަލަކު ޝަހީދުވެގެން ދިއުމެވެ. މުޅި ޤައުމު ބިރުވެރިކަމެއްގެ ތެރެއަށްވެއްޓި، އެތައް އަނބިންނެއް ހުވަފަތްވެ، އެތައް ދަރިންނެއް ޔަތީމުވުމުވެ ނިކަމެތިވުމެވެ.
މިއަދުގެ ދުނިޔޭގައި އެއް ޤައުމަކުން އަނެއްޤައުމަށް އަސްކަރީ ބާރާއެކު އަރާ އަޅުވެތި ނުކޮށްފާނެ އެވެ. އެކަމަކު ޤައުމެއްގެ ފިކުރީ މިނިވަންކަމާއި ހަމަޖެހުމާއި އިޤްތިޞާދީ މިނިވަންކަމާއި ސުލުހަވެރިކަން ގެއްލުވާލަފާނެ އެވެ. އެފަދަ ހާލަތުގައި ނަމެއްގައި އޮންނަ މިނިވަންކަމެއްގެ އަގެއް ނެތެވެ. ކަނޑިއާއި ބަޑިން ކުރެވޭ ހަނގުރާމަތަކަށްވުރެ ފިކުރީ ހަނގުރާމަތައް މާކާމިޔާބުކަމަށް ބުނެވެނީ އެހެންވެގެންނެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި ފިކުރީ އޮއިވަރުތަކުގެ ތެރޭގައި ދިވެހިރާއްޖެދަނީ ތަފާތު ރޮނގުތަކުން ތަރައްޤީތަކެއް ޙާޞިލް ކުރަމުންނެވެ. ޒަމާނީ ޑިމޮކްރަސީގެ ކަނޑުގައި ދިވެހިންވަނީ ދަތުރަށްފަށާފަ އެވެ. ރަނގަޅު އާގޮތްތަކަށާއި ފައިދާއާއި މަންފާހުރި އާ ޚިޔާލުތަކަށް އަޅުގަނޑުމެން މިދަނީ މަރުޙަބާ ކިޔަމުންނެވެ. މިއިން އެއްވެސް ކަމަކުން ދިވެހިންގެ ޤައުމިއްޔަތަށް ލޮޅުމެއް އަރައިގެން ނުވާނެ އެވެ. ދިވެހިންގެ ތެރޭގައިހުރި ރީތި އާދަކާދަތަކާއި އިސްލާމީ އަދި އިޖްތިމާޢީ ރީތި އަދަބުތަކުގެ ފޭރާން ވީދިގެން ނުވާނެ އެވެ. މިއީ އަޅުގަނޑުމެން އެންމެން އެއްވަރަކަށް ހިއްސާވާ އެންމެންގެ ޤައުމެވެ. ދިވެހި ދައުލަތަކީ ހުރިހާ ދިވެހިން ޝާމިލުވާ ދައުލަތެވެ. ދިވެހި ދައުލަތަކީ ހުރިހާ ދިވެހިންގެ އެއްޗެކެވެ. ޤައުމިއްޔަތަށް ލޯބިކުރުމަކީ މިދެންނެވި މައިގަނޑު ބައިތަކުގެ ބާރު ގަދަކޮށްދޭނެ ފަރުވާއެކެވެ. ޤައުމެއްގެ އަފްރާދުންގެ ހިތްތަކުގައި އެޤައުމަކަށްޓަކައި ލޯބި އޮންނަންޖެހޭނީ ހަމައެކަނި ބުނާ ބަސްތަކާއި ދައްކާ ވާހަކަތަކުގައި އެކަންޏެއްނޫނެވެ. އެއީ ބަހާއި ޢަމަލުން ދައްކައިދޭންޖެހޭނެ ލޯތްބެކެވެ. ޤައުމީ ލޯބި ނެތް ބައެއްގެ ތެރޭގައި ޤައުމިއްޔަތެއް ނޯންނާނެ އެވެ. ޤައުމިއްޔަތެއްނެތް ބައެއްގެ މެދުގައި މިނިވަންކަމެއް ނޯންނާނެ އެވެ.
