އެކުވެރިކަމާއި އެއްބައިވަންތަކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރެވެމުން އަންނަ ބަސްތަކެވެ. މިބަސްތަކުން ދޭހަކޮށްދޭ މާނަޔާއި މިބަސްތަކުގެ މައިގަނޑު އަމާޒަކީވެސް އަޅުގަނޑުމެންނަށް އައު އެއްޗެއް ނޫނެވެ. ކުދިކުދި ޖަމާޢަތްތަކުގެ ފެންވަރުގައްޔާއި، މާސިންގާ ބޮޑެތި ފާރމްތަކުގައިވެސް މިބަސްތައް ހަމަ މިބީދައިން ބޭނުންކުރެވެއެވެ. ހަމައެއާއެކު ކުދި ޤައުމުތަކުންފެށިގެން މުޅި ދުނިޔެވަރުގެ ބޮޑެތި ޤައުމުތަކުންވެސް ދަނީ މިބަސްތައް ހަމަ މިގޮތައް ބޭނުންކުރަމުންނެވެ. ސަބަބަކީތޯއެވެ. މިބަސްތަކުން ހުރިހާ އެންމެންނަށްވެސް މޭރުންވާ މާނައަކީ އެކައްޗެއްކަމުގައިވާތީއެވެ. ގުޅިގެން އުޅުމަކީ ހުރިހާ ޢުމުރުފުރައެއްގައިވެސް، އަދި ހުރިހާ ޤައުމުތަކުންވެސް ޤަބޫލުކުރާ އަސާސަކަށް ވާތީއެވެ.
ދުނިޔޭގައި ހިގަމުންދާ ތަފާތު ދާއިރާތަކަށް ނަޒަރު ހިންގާލާއިރު، އަސްކަރީ ނިޒާމަކީ ވަކި ތަފާތު ވިސްނުމަކުން ހިގަމުންދާ ނިޒާމެކޭ ދެންނެވެން ނެތްކަމުގައި ބައެއް ޢިލްމުވެރިން ދެކެއެވެ. ތަފާތު ނަޒަރިއްޔާތުތަކަށް އަލިއަޅުއްވާ ލިއުއްވާފައިވާ ބޭފުޅުން ފާހަގަކުރައްވާގޮތުގައި، އަސްކަރީ ނިޒާމުގައި އެންމެ ބޮޑު ތަފާތަކަށް ވަނީ މިނިޒާމު ވަކި ހަމައަކުން، ވަކިއުސޫލަކުން، އަދި ވަކި ގޮތަކަށް ހިގަމުން އަންނަކަމެވެ. އަދި އެކަންތައްތައް، އޭގެ ރޫޙަށް އެއްވެސް ހީނަރުކަމެއް އަޔަނުދީ، ހަރުދަނާކަންމަތީ ދެމެހެއްޓެމުން އަންނަމުންދާތީއެވެ. އެހެންކަމުން މުޅި ނިޒާމުގެތެރޭގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަމަށް ދީފައިވާ އަހުމިއްޔަތާއި، އެކަން ދެމެހެއްޓުމަށް ބާރުއަޅާފައިވާ މިންވަރު ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ. މީގެ އިތުރުން، އަސްކަރީ ނިޒާމުގެ ތެރެއަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާއިރުވެސް، އެމީހަކީ މިދެންނެވިފަދަ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ލޯބިކުރުމާއެކު، އެވިސްނުމުގައި މަސައްކަތްކޮށް ތަމްރީނުވާމީހެއްކަމުގައި ވެގެންދެއެވެ. ނަތީޖާއެއްގެގޮތުން، އަސްކަރީ ނިޒާމުގެ ތެރެއަށް ފުރަތަމަ އައްވަލަށް ވަންނަ މީހާއަކީވެސް، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ފަލްސަފާގެ ތެރެއަށް ފުރިހަމައަށް ހޭނި، އަހުލުވެރިވެފައިވާ މީހަކަށްވުމަށް ލާޒިމުވެއެވެ. އަދި އޭނާގެ އަސްކަރީ ޙަޔާތް ވެއަތުކުރަމުންދާއިރު، މިވިސްނުމާއި ފިކުރަކީ އެއްވެސް ޙާލެއްގައި ފިލައިގެންދާނެ އަދި ހީނަރުވެގެންދާނެ ކަންތައްތަކެއް ނޫނެވެ. މިކަންތައްތައް ވަނީ މިނިޒާމުގެ ތެރޭގައި ވަރަށް ރަގަޅަށް ރޭވިފައެވެ.

އަސްކަރީ ފިލާވަޅުތައް ސިކުނޑިއަށް ފުރަތަމަ ލައިދެވޭ ހިސާބުންފެށިގެން އަސްކަރިއްޔާތަކުގެ އެންމެ އިސް މަޤާމުތައް ފުރުމަށްފަހު ޝަރަފުވެރިކަމާއެކު ވަކިވަންދެންވެސް، އަސްކަރިއްޔާގައި ޚިދުމަތްކުރަމުންދާ އެންމެހާ މީސްތަކުން ޤަބޫލުކުރާ އަސާސްތަކަކީ އެއް އަސާސްތަކެވެ. އެހެންކަމުން، ކޮންމެ ޤައުމެއްގައި ޚިދުމަތްކުރަމުންދާ ފައުޖީއެއްކަމުގައިވިއަސް، ޢާންމު އުސޫލުން އަސްކަރިއްޔާތަކުގައި މަސައްކަތްކުރާ އެންމެންވެސް ވާހަކަދައްކަމުންދަނީ އެއްބަހުރުވައިންނެވެ. އެއީ ”އަސްކަރީ ބަހުރުވަ“ އެވެ. މިބަހުރުވައިގައި ޖަމާޢަތް ފެށިގެން އަންނަނީ ”ފަޔަރ ޓީމް“ އާއި ހިސާބުންނެވެ. މިމަރުޙަލާގައިވެސް، ދަސްކޮށްދެވެނީ، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، މަޤްޞަދު ޙާޞިލްކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހަމަ މިބީދައިން އަސްކަރިއްޔާގެ ހުރިހާ ފަންތިއެއްގައިވެސް މިކަމަށް އަހުމިއްޔަތުކަންދީފައިވަނީ، އެކަމަށް އެއްވެސް މިންވަރަކަށް ހީނަރުކަން ނާންނަގޮތަށެވެ. އަސްކަރިއްޔާގައި ޚިދުމަތްކުރާ، ނުވަތަ މަސްއްކަތްކުރާ ހުރިހާ އެންމެންވެސް ވާހަކަދައްކަނީ“އެއްބަހުރުވަ“އިންކަމަށް ބުނެވެނީ މިސަބަބަށްޓަކައެވެ.
އަސްކަރީ ދާއިރާއަކީ ތަފާތު ޢިލްމާއި ޙިލްމު، އަދި އެކިއެކި ފަންނުތަކުގެ މައްޗަށް ރުކުރުވާލެވިފައިވާ ސަފުތަކެއްގެ މައްޗަށް އެކުލެވޭ ދާއިރާއެކެވެ. މިހުރިހާ ސަފުތަކަކީވެސް މައިގަނޑު އެއް އަސާސްތަކެއްގެމަތީގައި ސާބިތުކަމާއެކު ފައިހަރުކޮށްގެން ތިބޭ ސަފުތަކެކެވެ. މިސާބިތުކަމާއި ވަރުގަދަ ޢަޒުމް ހިމުންވެގެން އަންނަނީ މިސަފުތަކުގެތެރޭގައި ޤާއިމުވެފައިވާ ވަޙުދަތުގެ މައްޗަށެވެ. އެކަކު އަނެކަކަށް ކުރާ އިޙުތިރާމުގެ މައްޗަށެވެ. އަނެކުންނަށް އަޅާލާ މިންވަރުގެ މައްޗަށެވެ. އާޚިރުގައި އަސްކަރިއްޔާގެތެރޭގައި އޮންނަނީ އެކަތަޔަށްވުރެ ވަރުގަދަ ގުޅުމެކެވެ. އަސްކަރީގޮތުން ފުންނާބު އުސް މުފައްކިރުން ކަމުގައިވާ ސަން ޒޫ އާއި ކްލޮސެވިޓްޒް ފަދަ މަޝްހޫރު ބޭފުޅުން ފާހަގަކުރައްވާގޮތުގައި، އަސްކަރިއްޔާގެތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ އަސްކަރިއްޔާގެ ޠަބީޢީ ސިފައެކެވެ. އަދި ހަގުރާމައިގެ ޙާލަތްތަކުގައި ކާމިޔާބު ޙާޞިލްކުރުމުގައި ކޮމާންޑަރުން ބަރޯސާވާންޖެހޭ ކަންތައްތަކަކީ ހަމައެކަނި މީހުންގެ ތަމްރީނާއި އާލާތްތަކެއްނޫނެވެ. އަދި ކިއެއްތޯއެވެ. އެމީހުންގެ ތެރޭގައި އުފެދިފައިވާ ގާތްގުޅުމާއި، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙްގެ މައްޗަށެވެ.
އަޅުގަނޑުމެންގެ މިކުޑަ ކުޑަ ޤައުމުގެ އަސްކަރިއްޔާގެތެރެއިންވެސް ފެންނަނީ މިމަންޒަރުތަކެވެ. ދުނިޔޭގެ އެހެން އަސްކަރިއްޔާތަކެކޭ އެއްފަދައިން ސަފުތައް ތަރުތީބު ކުރެވި، ފައްކާކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުންދާއިރުވެސް، އަޅުގަނޑު ކުރިން އިޝާރާތްކުރިފަދަ އެއްބައިވަންތަކަމުގެ ވަރުގަދަ ރޫޙެއް އަބަދުވެސް ދިވެހި އަސްކަރިއްޔާގެތެރޭގައި އޮންނަކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. މިކަންތައްތަކަށް ބާރުއަޅައިދޭ ކިތަންމެ ކަންތައްތަކެއް ޤައުމީ ޙަޔާތުގައި ހިގާފައިވާކަން ޤަބޫލުކުރަންޖެހެއެވެ. ޤައުމުގައި ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައި ދިވެހި ސިފައިންވަނީ އެމީހުންގެ އެއްބައިވަންތަކަން ސާބިތުކޮށްދީފައެވެ. ފަހުގެ ތާރީޚުގައި ކޮށްފައިވާ ބޮޑެތި މަސައްކަތްތަކަށް ބަލާއިރު 17 ވަނަ ސާރކް ސަމިޓަށް މުޅި ޤައުމު ތައްޔާރުވުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ކޮށްފައިވާ މިންނަތް މަސައްކަތް ފުދޭނެކަމަށް ދެކެމެވެ. ހަމަ މިގޮތައް ޤައުމަށް ކުރިމަތިވާ ބޮޑެތި ކާރިޘާތަކުގައި ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހި ސިފައިން ވެފައިވާ ޤުރުބާނީތަކަކީވެސް މުޅި ޤައުމު އެކަމަށް ހެކިވާނެ ކަންތައްތަކެވެ. މިގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ކާރިޘާއަކީ މީގެ ހަމަ އެންމެ މިސާލެކެވެ. މިފަދަ އެތައްކަމެއްގައި ދިވެހި ސިފައިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ ދައްކައިދީފައެވެ.
އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ހަމައެކަނި އަސްކަރިއްޔާއަށް ޚާއްސަކަމެއްނޫނެވެ. ކޮންމެ ދާއިރާއަކަށްވެސް މިކަން މުހިންމެވެ. ޤައުމެއްގެ ޙަޔާތުގައިވެސް މިކަމަކީ ނުހަނު މުހިންމު ކަމެކެވެ. ވިޔަފާރި ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ނަފާ އިތުރުކުރުމަށްޓަކައިވެސް މިކަން މުހިންމެވެ. އިޖުތިމާޢީ ފޭރާން ރަގަޅުކޮށް، ޖަމާޢަތުގެ މަސްލަޙަތައްޓަކައިވެސް މިކަން މުހިންމެވެ. ޤައުމުގެ އަމްނު އަމާންކަން ދަމަހައްޓައި، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށްޓަކާވެސް މިކަން މުހިންމެވެ. އެކަކު އެނެކަކަށް އިޙުތިރާމްކުރުމުގެ ވެއްޓެއް ޤާއިމުކޮށް، ޢާއިލީ ގުޅުން ހަރުދަނާކުރުމަށްޓަކައިވެސް މިކަން މުހިންމެވެ.
އަސްކަރިއްޔާގައި މިކަން ޚާއްސަވެފައި، މިކަމުގެ މުހިންމުކަން އިންތިހާޔަށް ބޮޑެވެ. ޚާއްސަކޮށް މިޒަމާނުގެ ފަލްސަފާގެތެރެއިން އައިސްފައިވާ ޖޮއިންޓްމަންޝިޕް ކޮންސެޕްޓްގެ ތެރޭގައި މަސައްކަތްކުރުމުގައިވެސް، އެކުވެރިކަމުގެ މާޙައުލެއްގެ ތެރެއިން މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި ކޮމާންޑަރުން ވަރަށް އިސްކަންދެއެވެ. ހަމައެއާއެކު މިކޮންސެޕްޓްގެ ތަރަޙައިގެ ތެރޭގައި ޝާމިލުވާ އެންމެހާ ދާއިރާތައް އެއް އަމާޒަކަށް ހިފާ، އެއްމަޤްޞަދެއް ޙާޞިލްކުރުމުގައިވެސް އެންމެ ބޮޑު ވާގިވެރިއަކީ ދާއިރާތަކުގެތެރޭގައި އުފެދިފައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ރޫޙެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ އަސްކަރިއްޔާ ތަމްސީލުކުރާ މެމްބަރުންނަށްކަމަށްވުމާއެކު، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އިތުރުކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ އަޅުގަނޑުމެންގެ މައިގަނޑު މަސްދަރު ކަމުގައި ހަދަންޖެހެއެވެ.
