ސިފައިންގެ އިޖްތިމާޢީ ޚިދުމަތްތަކަކީ ސިފައިން އުފެދުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށް ވެސް ތަފާތު އެކި ސިފަސިފައިގާ ރައްޔިތުންނަށް ފޯރުކޮށްދެވެމުން އައިސްފައިވާ ޚިދުމަތްތަކެކެވެ. އެއިރެއްގައި މިޤައުމަށް ނުވަތަ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުން ބޮޑު ދިމަދިމާއިން ސިފައިން އައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިހަށް ޖެހިލާއިރު ރާއްޖޭގައި ފެތުރުނު ތަފާތު ރޯގާތަކާއި ގުޅިގެން ސިފައިންގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. ހަމައެއާއިއެކު އެކިދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ޤުދުރަތީ ކާރިސާތަކުން، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ލިބުމާއި ގުޅިގެން އެ ފަހަރު ތަކުގައި ސިފައިންގެ އެހީތެރިކަން އެއިރަކާއި އެންމެ އެކަށޭނަ މިންވަރަކަށް ފޯރުކޮށްދެވިފައި ވެއެވެ. މިގޮތުން 1987 ވަނަ އަހަރުގެ ތެރެއަށް ބަލާއިރު އެއަހަރުގެ އޭޕްރިލް މަހު މާލެއަށް ކުރިމަތިވި ބޮޑުރާޅު އެރުމުގެ ޙާދިސާއާއި ގުޅިގެން ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. ސިފައިންގެ އެހީތެރިކަން އެކިދާއިރާތަކުން ފާހަގަކޮށްލަން ޖެހެއެވެ. މީގެ ތެރޭގައި އުމްރާނީ ގޮތުން ކުރެވިފައިވާ މަސައްކަތްތައް ވެސް ހިމެނެއެވެ. 1979 ވަނަ އަހަރު މާލޭގެ ބިންހިއްކުމުގެ ޕްރޮގްރާމަށް އެހީތެރި ވުމުގެގޮތުން، ބޭނުންވާނޭ ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގައި ހުރިހާސިފައިން ދެދަންފަޅިއަކަށް ބަހާލައިގެން ވަރަށް ބުރަ މަސައްކަތް ތަކެއްކުރި އެވެ. މީގެއިތުރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ބޭނުންވާނޭ އަކިރި ހަދިޔާ ކުރުމުގެ މަސައްކަތް 1988 ވަނައަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ސިފައިން ކޮށްފައި ވެއެވެ.    މިފަދަ އިތުރު ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމާއި، ކ.ތުލުސްދޫގައި ސިއްޙީމަރުކަޒަކާއި ކ.ހުރާގައި މަސްވެރިންގެ ހިޔާ އެއް ބިނާކުރުން ފާހަގަކޮށްލަން ޖެހެއެވެ. 

ފަހުގެ ތާރީޚަށް ބަލާއިރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން ސިފައިންވަނީ ގިނަދުވަސްތަކެއް ވަންދެން ތަފާތު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ރަށްތައް ސާފުކޮށްދިނުމާއި ހަމައިން ފެށިގެން ގޮސް ކާބޯތަކެތި ފޯރުކޮށްދިނުމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އެއަށްވުރެ ފަހަތައް ޖެހިލާއިރު 2007 ވަނައަހަރުގެ ތެރޭގައި މާލޭގެ މަސްމާރުކެޓުގެ އުތުރުން ފަޅުތެރޭގައި ބޭރު ތޮއްޓާ ދެމެދުގައި ހިއްކާފައި އޮތް ބިމުގައި މާރުކޭޓެއް ހެދުމުގެ މަސައްކަތް ކުރެވިފައި ވެއެވެ. 2008 ވަނައަހުރެގެތެރޭގައި ލޯކަލް މާކެޓްހުރި ހުސްބިމުގައި އެއަހަރުގެ ރޯދައަށް ދަތުރުވެރިންގެ މާރުކޭޓެއް ހަދާދެވިފައި ވެއެވެ.

ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ޤައުމިއްޔަތު އިސްކޮށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ބައެކެވެ. ރާއްޖޭގައި ބޭއްވިފައިވާ ސާރކްސަމިޓްތަކުގައި އެރަސްމިއްޔާތަށް ތައްޔާރުކުރުމުގައި ސިފައިން ކޮށްފައިވާ މަސައްކަތްތަކުން އެކަންކަން ވަރަށްބޮޑަށް ފާހަގަވެއެވެ. މިގޮތުން އެންމެފަހުން ބޭއްވުނު 17 ވަނަ ސާރކްސަމިޓަށް އައްޑޫ ސިޓީ ތައްޔާރުކުރުމުގައާއި އައްޑޫ ސިޓީ ގެ އުމްރާނީ ތަރައްޤީއަށް ސިފައިން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް އައިރު ކަނޑުމަތީގެ ތަފާތު ޙާދިސާތަކާއި އަލިފާނުގެ އެތައް ޙާދިސާތަކާއި ގުޅިގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެވިފައި ވެއެވެ. ހަމަ އެއާއިއެކު ކުއްލި އިމަރޖެންސީ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. މިގޮތުން ކުއްލި ޞިއްޙީ މައްސަލަތަކުގައި ޚާއްޞަ ފަރުވާ ދޭންޖެހުމާއި ގުޅިގެން ބަލިމީހުން މާލެއާއި ހަމައަށް ގެނައުމުގައި ސިފައިންގެ ކޯސްޓްގާރޑް އަދި ރެހެންދި ހެލިކޮޕްޓަރުގައި އެތައް ދަތުރުތަކެއް ކުރެވިފައި ވެއެވެ.

ސިފައިންގެ ޚިދުމަތްތައް ދިނުމުގައި ބެލެވެމުން އައިސްފައިވަނީ ހަމައެކަނި މާލެއަކަށް ނޫނެވެ. ސިފައިންގެ އޭރިއާ ކޮމާންޑްތައް ޤާއިމްކުރެވުމާއިގުޅިގެން އެތަންތަނުން ތަފާތު ޚިދުމަތްތައް މިއަހަރުގެ ތެރޭގައި އެއޭރިއާއެއް ނިސްބަތްވާ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދީފައި ވެއެވެ. މިގޮތުން އުތުރުގެ އަތޮޅުތަކުގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފާހަގަކޮށްލަން ޖެހެއެވެ. މިޕްރޮގްރާމް ހއ ތަކަންދޫ، ނ ވެލިދޫ ށ ފީވަކުގައި ހިންގިފައި ވެއެވެ. މީގެ އިތުރުން މާލޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކުރެވިގެން ”ފަތަމާ ހިނގާ“ މިނަމުގައި 2012 މާރޗް 31 ވަނަދުވަހުން ފެށިގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ.

ދިވެހި ޒުވާނުން އެންމެ ބޮޑަށް ޝައުޤުވެރިވާ ދާއިރާތަކަކީ ކޮމްޕިއުޓަރ ގެ ފަންނުވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކެވެ. އެހެންކަމުން އަތޮޅުތަކުގެ ޒުވާނުންނާއި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކުރެވިގެން ސިލްސިލާކޮށް ކުރިއަށް ގެންދަމުން އަންނަ މަލްޓިމީޑިއާ ގެ ހުނަރުތައް ދަސްކޮށް ދިނުމުގެ ކޯސްތައް ފާހަގަކޮށްލަން ޖެހެއެވެ. މިޕްރޮގްރާމް ހއ އުލިގަން، ހއ.ތުރާކުނު، ހދ .ނާވައިދޫ، ހދ.ނޭކުރެންދޫ، ހދ.ކުޅުދުއްފުށީ، ހދ މަކުނުދޫ، ށ ފީވަކުގައި ވަނީ ހިންގާފައެވެ. މިހާތަނަށް 628 އަށްވުރެ ގިނަ ދަރިވަރުންނަށް މިޕްރޮގްރާމްގެ ތެރެއިން ތަމްރީނުދެވިފައި ވެއެވެ.

ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ފުޓްސެލް ކުޅޭނެ ދަނޑުތަކެއް ތައްޔާރކުރުމުގެ ގޮތުން 2012 މާރޗް 25 ގައި ސިފައިންނާއި ފުލުހުން، އެސްޓީއޯ އަދި ޔޫތު މިނިސްޓްރީ އެކުވެގެން ވެވުނު އެއްބަސްވުމެވެ. ”ޔުނިޓީ ތުރޫ ފުޓްސެލް“ ގެ ނަމުގައި ފެށި މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ހަދަންފެށުނީ ހުޅުމާލޭގައި ތައްޔާރުކުރެވުނު ފްޓްސެލް ދަނޑުގެ މަސައްކަތްތަކެވެ. މިމަސައްކަތް ކުރުމުގައި އަމަލީ ގޮތުން މަސައްކަތްކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. ބޭނުންވާނޭ ހުރިހާ ފަންނީ ލަފައަކާއި އިރުޝާދުތައް ދެމުން ގޮސްފައިވަނީ ސިފައިންގެ ކޯރ އޮފް އިންޖީނިއަރސް ގެ އިންޖިނޭރުންނެވެ.  މިމަސައްކަތް ނިމި ފްޓްސެލް ދަނޑު ރަސްމީކޮށް ހުޅުވުނީ 2012 އޯގަސްޓް 10 ވަނަދުވަހުއެވެ. ދަނޑުހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އޮންރަބްލް މުޙައްމަދު ވަޙިއްދީން އެވެ.

ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހުނު ހަމަ ކޮންމެ މަސައްކަތެއްގައި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ލިބޭ ޚާއްޞަ އުފަލެއް ކަމުގައި ދެކިގެންނެވެ. މިގޮތުން މަސްވެރިންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކޮށްފައިވާ ކަނދުފަތިތައް މަރާމާތުކުރުމާއި އާކަނދުފަތި ހަރުކުރުމުގެ މަސައްކަތްތަކުގައި ސިފައިންގެ ވަރަށް ބޮޑު އެހީތެރުކަމެއް ފޯރުކޮށްދެވިފައި ވެއެވެ. 2012 މެއި 17 އިން 25 އަށް ކުރިއަށްގެންދިޔަ މިމަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއެކު ފިޝަރީޒް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް މަސައްކަތްކުރައްވާފައި ވެއެވެ. އާކުރުމުގެގޮތުން ބަދަލުކުރެވިފައިވަނީ ނ.މާފަރު ކަނދުފައްޗާއި، ށ.ކޮމަންޑޫ ކަނދުފަތީގެ އިތުރުން ހއ.ހޯރަފުށީ ކަނދުފަތި އަދި ހއ.ދިއްދޫ ކަނދުފައްޗެވެ.

ބަރަކާތްތެރި ރަމަޟާންމަހުގައި މާލެއަށް ތަކެތި ގެނެސްގެން ވިޔަފާރިކުރާ ދަނޑުވެރިންނަށާއި އެތަންތަނުން ވިޔަފާރިކުރާ ޢާންމުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދަނޑުވެރިން ތަކެތި ވިއްކުމަށް ބޭނުންކުރާ މާރކޭޓް މަރާމާތުކުރުމުގެ މަސައްކަތް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ވަނީކުރެވިފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމަށް ކުރެވުނު މި މަސައްކަތް ސިފައިން ކޮށްފައިވަނީ ޓީމްތަކަށް ބަހާލައިގެން ހުއްޓުމެއްނެތި މަސައްކަތްނިމެންދެން  24 ގަޑިއިރު މަސައްކަތް ކުރިއަށް ދާގޮތަށެވެ. 

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އުފާވެރި މާޙައުލެއްގައި ހިތްއުފާކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އެ ކުދިންނާއި އެކު ގިރިފުއްޓަށް ދަތުރުދިއުމުގެ ހަރަކާތެއް އަންހެން ސިފައިން އިސްނަގައިގެން ވަނީ ހިންގާފައެވެ. މިދަތުރު ގޮސްފައިވަނީ 2012 މާރޗް 17 ވަނަދުވަހު އެވެ. މިދަތުރަށްޓަކައި ގިރިފުށީ ޓްރޭނިންގ ސެންޓަރ ވަރަށް ބޮޑަށް ތައްޔާރު ކުރެވުނެވެ. މިގޮތުން ސިފައިންގެ އަންހެން ޑޮކްޓަރުންނާއި ނަރުހުންވެސް މިދަތުރުގައި ބައިވެރިވެފައި ވާއިރު ދިމާވެދާނެ ހާލަތަކަށް، އިވެކުއޭޝަން ލޯންޗަކާއި އެމްބިއުލާންސްވެސް ބޭއްވިފައި އޮތެވެ. މިދަތުރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ގޯނި ރޭހާއި، ރިލޭ ރޭހާއި، ތިންފައި ރޭހާއި، ލުނބޯ ރޭހާއި، ފުޓްބޯޅަ، ވޮލީބޯޅަ ފަދަ ކުޅިވަރުތަކުގެ އިތުރުން ފޭސް ޕެއިންޓް ކުރުމާއި، ސްޕެލިންގ ބީ ކޮންޓެސްޓް އަދި ފަސްޓް އެއިޑްފަދަ ޕްރޮގްރާމްތައް ހިންގިފައިވެއެވެ.

ސިފައިންގެ 120 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހިންގިފައިވާ ކަންތައްތަކުގެ ތެރެއިން އިޖްތިމާޢީ ގޮތުން ފާހަގަކޮށްލަން ޖެހޭ އެންމެ ޚާއްޞަ އެއް ކަމަކީ ތެލެސީމިއާ ކުދިންނަށް ލޭހަދިޔާކުރުމުގެ ގޮތުން ހިންގިފައިވާ ލޭހަދިޔާކުރުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 22 އޭޕްރީލް 2012 ވަނަ ދުވަހުއެވެ.  ސިފައިންގެ ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިއަށްގެން ދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ސިފައިން ވަނީ ލޭ ހަދިޔާކޮށްފަ އެވެ. ޑިފެންސް މިނިސްޓަރ އޮންރަބްލް މުޙައްމަދު ނާޒިމްގެ އިތުރުން ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ސިފައިން، މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، ލޭ ހަދިޔާ ކޮށްދީފައި ވެއެވެ. މި ހަރަކާތަކީ ސިފައިންގެ 120 ވަނަ އަހަރީ ދުވަހުގެ ޕްރޮގްރާމްގައި ހިމަނައިގެން، ޗައިލްޑް އެބިއުސަން ޕްރިވެންޝަން ސޮސައިޓީން ކުރިއަށްގެންދާ “ބީ އިނީޝިއޭޓިވް ޓު ހެލްޕް ތެލެސީމިއާ ޗިލްރެން” ކެންޕޭނުގައި ދިވެހި ސިފައިން ބައިވެރިވުމުގެ ގޮތުން ހިންގި ޚާއްޞަ ހަރަކާތެކެވެ.

ސިފައިންނަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައެކެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހުނު ކޮންމެ މަސައްކަތެއް ސިފައިން އައީ ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ ހަމަ އެގޮތުގެ މަތީންނެވެ. ދިވެހި ރައްޔިތުންނަށް އެހީތެރިވުމަކީ ސިފައިންނަށް ލިބޭ އުފަލެކެވެ. ޢާންމު ފަރުދަކަށް ފޯރުކޮށްލަދެވޭ ކޮންމެ ޚިދުމަތަކީ ސިފައިންގެ ހިތްތަކަށް އެކަމުން ފިނިކަން ގެނުވައިދޭ ކަމެކެވެ. ތަފާތު ހާދިސާތަކުން މާތްﷲ ގެ ރަޙްމަތްފުޅާއިއެކު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރެވޭ ހިނދު އަހަރެމެންގެ ސިފައިންގެ ހިތްތަކަށްވެސް ހިތްހަމަ ޖެހުން ލިބެއެވެ. ސިފައިންގެ މީހަކަށް ވީތީ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގެ ހިތްހަމަ ޖެހުމެވެ. ދިވެހި ރައްޔިތަކަށް އެހީތެރިކަން ބޭނުންވި ހިނދު އެ އެހީތެރިކަން ފޯރުކޮށްދެވުނު ކަމުގެ ހިތްހަމަ ޖެހުމެވެ.

ޝެއަރކުރެއްވުމަށް