2012 ސެޕްޓެމްބަރ 8 ވަނަ ދުވަހުގެ ހަވީރުގެ ވަގުތުން ފެށިގެން ދިޔައީ މެދުނުކެނޑި ޑިސްޓްރެސް ކޯލްތައް ލިބެމުންނެވެ. ނޮދަން އޭރިއާގެ އަތޮޅުތަކުން ފެށިގެން ސެންޓްރަލް އޭރިއާގެ އަތޮޅުތަކުގައިވެސް ކަނޑުމަތީގެ ހިތާމަވެރި ގިނަ ޙާދިސާތަކެއް އެދުވަހުގައި ހިނގާފައިވެއެެެވެ.

އދ އަތޮޅު ތެރޭގައި ދޯންޏެއް އަޑިއަށްގޮސް އޭގައިތިބި މީހުން ކަނޑުވެފައިވާ އިރު ޅ.އަތޮޅުންވެސް ދެދޯންޏެއް އަޑިއަށް ގޮސް އޭގައި ތިބި މީހުން ތިބީ ކަނޑުވެފައެެވެ. ށ. އަތޮޅުން ކުޑަ ދޯންޏެއްގެ ޚަބަރު ނުވެގެން އެދޯނި ނިސްބަތްވާ ރަށުގެ މީހުން ހިތާމަ އާއި ހާސްކަން އިޙުސާސް ކުރަމުންދާއިރު ކުޑަ ދެޑިންގީއެއް އަޑިއަށް ދިޔަ ޚަބަރާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އުޅަނދުފަހަރު ފަރުފަރަށް އަރައިގެންވެސް ދިޔައީ ރިޕޯޓްތައް ލިބެމުންނެވެ. މިހުރިހާ ފަރާތްތައްވެސް ތިބީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިއެދި އެވެ. މިފަރާތްތަކުގެ ކޯލްތައް ލިބިގަނެ މިފަރާތްތަކުގެ އާދޭސްތައް އަޑުއެހުމުގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އޮޕަރޭޝަން ރޫމްގައި ޙަރަކާތްތެރިވަމުން ދިޔަ ސިފައިން ތިބީ ފަރުވާތެރިވެ އެމައުލޫމާތުތައް ލިބިގަނެ އެމަސައްކަތުގައެެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއް ދުވަހެއްގައި އެންމެ ގިނަ ކަނޑުމަތީގެ ޙާދިސާތައް ހިނގި ދުވަހެވެ.

ކޮޅިގަނޑުގައި ސާޅީސް ފަސް ނޯޓިކަލް މައިލްސް އަށްވުރެ ބާރަށް ވައިޖެހިފައިވާ އެދުވަހު ހިނގާދިޔަ ނުރައްކާތެރި ޙާދިސާތަކުގައި ޙާލުގައިޖެހިފައިވާ މީހުންނަށާއި އެފަރާތްތަކުގެ ޢާއިލާ ތަކާއި ގުޅުންހުރި ފަރާތްތަކުން ކުރަމުންދިޔަ ސުވާލުތަކަށާއި  އެދުންތަކަށް ޖަވާބުދީ އެޙާދިސާތަކަށް ޙައްލެއް ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ޕްލޭންތައް ތައްޔާރު ކުރަމުން ދިޔައީވެސް އެމް.އާރ.ސީ.ސީގެ އޮޕަރޭޝަންސް އިންނެވެ. އެދުވަހު އޮޕަރޭޝަންގައި ހާރަކާތްތެރިވުމުގެ ފަޚުރު ލިބުނު އޮފިސަރަކަށް ވީތީ އެމް.އާރ.ސީ.ސީ އަކީ ކިހާ މުހިންމު މަރުކަޒެއްކަން ވަރަށް ރަނގަޅަށް އަޅުގަނޑަށް ތަސައްވުރު ކުރެވިގެންދިޔައެެވެ.

2012 ޖުލައި 26 ވަނަ ދުވަހު ވިލިމާލޭގައި ހުޅުވިގެންދިޔަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖެ ފަދަ ނުވަދިހަ ނުވައިން ސައްތަ ކަނޑުގެ ސަރަހައްދެއް އޮތް ޖަޒީރާ ޤައުމަށް ކިތަންމެހާވެސް މުހިންމު މަރުކަޒެކެވެ. މިފަދަ މަރުކަޒެއްގެ މުހިންމުކަން ދިވެހި ކޮންމެ ފަރުދަކަށްވެސް ވަޒަން ކުރެވޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

ދިވެހިރާއްޖޭގެ ސާރޗް އެންޑް ރެސްކިޔު ރީޖަން (އެސް.އާރ.އާރ) ގައި ހިނގާ އެންމެހައި ކަނޑުމަތީ ޙާދިސާތަކުގައި މީހުންނާއި މުދާ ސަލާމްތަކުރުމަށް ޙަރަކާތްތެރިވުމުގައި ޢަމަލުކުރަންވާ ގޮތުގެ ސިޔާސަތުތައް ނެރެ، އެފަދަ ޙާލަތްތަކުގައި ވިލަރެސް ކުރަންޖެހޭ ފަރާތްތަކާއި ވިލަރެސް ކުރުމުގައި މެރިޓައިމް ރެސްކިޔު ސަބް ސެންޓަރުތަކަށް އެހީތެރިވުމުގެ މަޤްސަދުގައި އުފައްދަވާފައިވާ އެމް.އާރ.ސީ.ސީ ވެގެންދާނީ ކަނޑުމަގުން ދަތުރުފަތުރު ކުރުމުގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމަކަށެވެ.

ކަނޑުމަތީގައި ދިމާވާ ތަފާތު ޙާދިސާތަކުގައި ޢަމަލުކުރާނެ ޤައުމީ ފެންވަރުގައި އެކުލަވާލަންޖެހޭ އުސޫލުތައްވެސް ވުޖޫދަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާނެ މިމުހިންމު މަރުކަޒުގެ މަސްއޫލިއްޔަތަކަށް ވެގެންދާނީ ދިވެހިރާއްޖޭގެ އެސް.އާރ.އާރގައި ހިނގާ ކަނޑުމަތީގެ ޙާދިސާތަކަށް ހިންގޭ އޮޕަރޭޝަންތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ސިޔާސަތުތައް ނެރުމާއި، ކަނޑުމަތީގައި ޙާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގައި ހިންގޭ އޮޕަރޭޝަންތައް ޚަރަދުކުޑަ އަދި ހަރުދަނާ މިންގަނޑެއްގައި ދެމެހެއްޓުމާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރެވޭ މެރިޓައިމް ރެސްކިޔު ސަބް ސެންޓަރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިވުމަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާނެ އާލާތްތައް ދެނެގަނެ ހޯދުމާއި ބައިނަލް އަޤްވާމީ ފެންވަރުގައި އެހެން ޤައުމުތަކުގެ އެމް.އާރު.ސީ.ސީ ތަކާއި ވިލަރެސް ކުރަންޖެހޭ ޙާލަތްތަކުގައި އެފަރާތްތަކާއި ވިލަރެސްކުރުންވެސް މިމުހިންމު މަރުކަޒުގެ މަސްއޫލިއްޔަތުގެ ތެރެގައި ހިމެނެއެވެ.

ކަނޑުމަތީގައި ޙަރަކާތްތެރިވާ ކޮމިއުނިޓީއަށް ސައުވީސް ގަޑިއިރު މިމުހިންމު އިންސާނީ އެހީތެރިކަންް ފޯރުކޮށް ދިނުމުގެ ބުރަ އަދި މުހިންމު މަސައްކަތް އަދާ ކުރުމުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް މީގެ ކުރިންވެސް މަސައްކަތް ކުރަމުން ގޮސްފައިވަނީ ލިބިފައިހުރި ވަސީލަތްތަކާއި ލިބިފައިހުރި ތަމްރީންތަކަށް ރިޢާޔަތް ކުރާއިރު ތަޢުރީފް ޙައްޤު މިންވަރަކަށެވެ. ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ހޯދާފައިވާ ކާމިޔާބީތައްވެސް އެހާމެ ގިނައެވެ. ނަމަވެސް މިއަދު އެމް.އާރ.ސީ.ސީ އާއެކު މިއަށްވުރެ ރަނގަޅު ޒަމާނީ އަދި ފަންނީގޮތުންވެސް ކުރިއަރާފައިވާ ބައެއްގެ ގޮތުގައި ދިވިހި ރައްޔިތުންނަށާއި އިންޓަނޭޝަނަލް މެރިޓައިމް ކޮމިއުނިޓީއަށްވެސް  އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާބިލުކަން ލިބިގަތުމަކީ މިމަރުކަޒު ހޯދަން ބޭނުންވާނެ ނަތީޖާއެވެ.

ޝެއަރކުރެއްވުމަށް