ހުޅުލޭގައި އެއަރޕޯޓެއް އެންމެ ފުރަތަމަ ހެދީ، ދިވެހި ދައުލަތުގެ ހުއްދައާ އެކު، އިނގިރޭސީންނެވެ. އިނގިރޭސިވިލާތުގެ ޓީމަކުން ހުޅުލެ ސަރވޭކޮށް ހުޅުލޭގައި އެއަރޕޯޓެއް ހެދުމުގެ މަސައްކަތް ފެށީ 1960 އެޕްރީލު 4ވަނަ ދުވަހުއެވެ. އެއަރޕޯޓުގެ ރަންވޭ ހެދުމަށް ބޭނުންވާ ސަރަހައްދުގައި ހުރި ރުއްގަސް ކަނޑައި، ބިން އެއްވަރުކޮށް، ބިން ހަރުކުރުމަށްފަހު، ލޯވަޅުތަކެއް އަޅާފައިހުރި ދަގަނޑު ފިލާތަކެއް ރަންވޭމަތީގައި އަތުރައިގެން، އިނގިރޭސިން ހެދީ ދިގުމިނުގައި 3000 ފޫޓް، ފުޅާމިނުގައި 75 ފޫޓް ހުންނަ ވަރުގެ އެއަރސްޓްރިޕެކެވެ. މިތަން ބޭނުންކުރަން ފެށީ 1960 އޮކްޓޫބަރު 19ވަނަ ދުވަހުއެވެ.
ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް އިނގިރޭސިން ވަދެ ކުޅެމުންދިޔަ ސިޔާސީ ކުޅިގަނޑާއި، އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދުމަށް ދިވެހިން ފެށި މަސައްކަތާ އެކު އިނގިރޭސިންނާ މެދު ދިވެހިންގެ ހިތްތަކުގައި އުފެދުނު ނަފުރަތާއި ރުޅިވެރިކަމުގެ ތެރޭގައި ހުޅުލޭގައި އިނގިރޭސިން އަޅާފައިއޮތް އެއަރސްޓްރިޕަށް 1963 ނޮވެންބަރު 14ވަނަ ދުވަހުގެ ރެއިން ފެށިގެން ތަފާތު ގެއްލުންތައް ދޭން ފެށިއެވެ. އެރޭ ވަނީ ރަންވޭގެ ދެކޮޅުގައި ވައިގެ މިސްރާބު ބެލުމަށް ޓަކައި، އިނގިރޭސިން ޖަހާފައިހުރި ދެ ހޮޅި ވައްޓާލާފައެވެ. އޭގެފަހުން އެއަރޕޯޓު ރަންވޭއަށް ގެއްލުންދިނުން އިތުރުވުމުން އިނގިރޭސިންނަށް އެތަން ބޭނުންކުރުން ހުއްޓާލަން މަޖުބޫރުވެއްޖެއެވެ. މި އެއަރސްޓްރިޕުގެ އިތުރުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އައްޑު އަތޮޅު ގަމުގައި ވައިގެ ބަނދަރެއް ހަދައިގެން އިނގިރޭސިން ބޭނުންކުރަމުން ގެންދިޔައެވެ. މި ތަންތަނަކީ ރާއްޖޭގައި ހަދާފައިވާ ތަންތަން ކަމަށްވިޔަސް މިއިން އެއްވެސް ތަނަކީ ދިވެހިންނަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ހުރި ތަންތަނެއް ނޫނެވެ. މާލެއާ ކިތަންމެ ކައިރީގައި އޮތް ނަމަވެސް ހުޅުލޭ އެއަރސްޓްރިޕަކީ އިނގިރޭސިންގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ ތަނަކަށްވާތީ އެތަން ސަރުކާރުން ބޭނުންކުރެއްވުމުގައި ދަތިތަކެއް ހުއްޓެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މަދަނީ އެއަރޕޯޓެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ރައްޔިތުންގެ އެހީތެރިކަމާއި އެއްބައިވަންތަކަމާ އެކު ހައްލުކުރުމަށް ސަރުކާރުން ނިންމެވިއެވެ.
ހުޅުލޭގައި އިނގިރޭސި ރޯޔަލް އެއަރފޯސްއިން ދަގަނޑު ފިލާ އަޅައިގެން ހަދާފައިއޮތް އެއަރސްޓްރިޕް، އޮތް ސަރަހައްދުގައި ދިވެހި ދައުލަތުގެ ފަރާތުން ވައިގެ ބަނދަރެއް ތަރައްޤީ ކުރައްވަން ނިންމަވައި އެކަން 1964 އެޕްރީލު 27ވަނަ ދުވަހު އިޢުލާނުކުރެއްވިއެވެ. ހަމައެއާ އެކު ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީވުމުގެ ދޮރު ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުވާލެއްވިއެވެ. މި މަސައްކަތް ވެގެންދިޔައީ ރާއްޖޭގެ ހުރިހާ ފަންތިއެއްގެ އެންމެން ގުޅިގެން ހިލޭސާބަހަށް ކުރި އެންމެ ބޮޑު އަދި އެންމެ އަގުހުރި މަސައްކަތަށެވެ. އިނގިރޭސި ސަރުކާރާއި ދިވެހި ދައުލަތާ ދެމެދު އޭރުއޮތް ނުތަނަވަސްކަމާ އެކު ދިވެހި ރައްޔިތުންގެ މެދުގައި ޖޯޝާއި ފޯރީ އޮތީ ވަރަށް މަތީ ދަރަޖައަކަށެވެ. މި ޤައުމީ މަސައްކަތުގައި ރައްޔިތުންނާ އެކު ނަންބަރުތަކަށް ބަހާލެވިގެން ޤައުމީ ޖޯޝުގައި ދިވެހި ސިފައިން ކުރަމުންދިޔަ ބުރަ މަސައްކަތްތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. އެމީހުންގެ މެދުގައި ޖޯޝާއި ފޯރި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.
އެއަރޕޯޓް ރަންވޭ ހެދުމުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެއަރޕޯޓުގައި އިނގިރޭސިން އަޅާފައިހުރި ދަގަނޑުފިލާތައް ނެއްޓުމުގެ މަސައްކަތްކަމުގައި ހަމަޖައްސައި، މަސައްކަތުގެ ފުރަތަމަ ދުވަހަކީ 1964 މޭ 1ވަނަ ދުވަސް ކަމުގައި ހަމަޖެއްސިއެވެ. ދަގަނޑު ފިލާތައް ނެއްޓުމުގެ މަސައްކަތްކުރުމަށް ހަމަޖެއްސި ދުވަހުގެ އެއް ދުވަސް ކުރިން ފެށިއެވެ. ދެން ކުރެވުނީ ހުޅުލޭ ރަންވޭ ބޮޑުކުރުމަށް ޓަކައި، ކޮންމެ ފަރާތަކުން ވެސް 200 ފޫޓުގެ ބިން ސާފުކުރުމުގެ މަސައްކަތެވެ. ދެން ކުރެވުނީ ގަސްރުއް ކަނޑައި ބިން ސާފުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް 1964 މޭ 7ވަނަ ދުވަހު ފަށައި 1964 ޖޫން 1ވަނަ ދުވަހު ނިންމާލިއެވެ. ރަންވޭ ހެދުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމަށް ފަހުގައި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުނީ 1964 ޖޫން 18ވަނަ ދުވަހުއެވެ. މި ފިޔަވަހީގައި އޮތީ ބިންކޮނުމެވެ. ރަންވޭ ހެދުމުގެ މަސައްކަތަށް އެހީވުމަށް ސްރީލަންކާއިން 1964 އޮގަސްޓު 3ވަނަ ދުވަހު ތިން އިންޖިނޭރުން ފޮނުއްވިއެވެ. އެއީ ޑީޖޭއައިޓީ ޕަންޑިތަރަތުނާއާއި ކޭ. ސަމަރަތްނަމްއާއި ސީސީ ޗިންނައްޕާއެވެ. ހުޅުލޭ އެއަރޕޯޓްގެ ޓާމިނަލް ބިލްޑިންގާއި ވަގުތީ ކޮންޓްރޯލް ޓަވަރުގެ ބިންގާ އެޅީ 1966 ފެބުރުވަރީ 26ވަނަ ދުވަހުއެވެ. ހުޅުލޭ އެއަރޕޯޓުގައި މަތިންދާބޯޓު ޖެއްސޭ ވަރަށް ތައްޔާރުވުމުން ”ހުޅުލޭ ވައިގެ ބަނދަރު“ ރަސްމީކޮށް 1966 އެޕްރީލު 12ވަނަ ދުވަހު ހުޅުވުނެވެ. ވައިގެ ބަނދަރު ހުޅުވުނީ، ވަޒީރުލް އަޢުޡަމް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ވަޑައިގެންނެވި އެއަރ ސިލޯނުގެ މަތިންދާބޯޓް ރަންވޭގައި ޖެއްސުމުންނެވެ. މިއީ ހުޅުލޭ ވައިގެ ބަނދަރުގައި ޖެއްސި ފުރަތަމަ މަތިންދާ ބޯޓެވެ.
