ކަންކަމުގައި ޢުޒުރުދެއްކުމަކީ، އިންސާނާގެ ޠަބީޢަތުގައި ހުންނަ ނުރަނގަޅު ސިފައެކެވެ. މިއީ، ތިމާއާ ޙަވާލުވެފައިވާ ޒިންމާއިން ރެކުމަށް، ނުވަތަ ފަސޭހަމަގު ޚިޔާރުކުރުމަށް ވަރަށް ގިނަ ފަހަރު ކުރާކަމެކެވެ. މިގޮތުން، އެ ކަމެއްގައި ހުރި އެންމެހައި ދަތިތަކުގެ ވާހަކަދައްކައި، އެ ކަމެއް ނުކޮށްވާނެ ގޮތް ހޯދަން އިންސާނާ މަސައްކަތްކުރެއެވެ. އަދި، ކޮންމެހެން ކުރަންޖެހޭ ކަމެއް ނުކުރެވުމުން، ނުވަތަ ތިމާގެ ފަރުވާކުޑަކަމުން ކަމެއް ގޯސްމަގުން ދިއުމުން، އެ ކަމެއް ފޫބެއްދުމަށް ވެސް އިންސާނާ ޢުޒުރުތައްދައްކައެވެ. ކަންކަމުގައި، ގިނައިން ޢުޒުރުދެއްކުމަކީ، ރަނގަޅު ލީޑަރެއްގެ ކިބާގައި ހުރެގެންވާނެ ސިފައެއް ނޫނެވެ.

ޢާންމުކޮށް ޢުޒުރުދެއްކުމަކީ ޒިންމާދާރުކަންކުޑަ ޢަމަލެކެވެ. ތިމާއަށް ކުރެވޭ ނުރަނގަޅު ކަންކަމުގެ ޒިންމާ އުފުލުމުގެ ހިތްވަރު ތިމާގެ ކިބާގައި ހުންނަންވާނެއެވެ. މިގޮތުން، ޒިންމާ އުފުލުމުގެ ސަބަބުން، އެ ވަގުތަށް ތިމާގެ ވެރިންގެ ނުރުހުން ލިބުނުކަމުގައި ވިޔަސް، ޒިންމާ އުފުލައި، ތިމާއަށް ކުރެވުނު ކުށް ޤަބޫލުކޮށް އިޞްލާޙުކުރުމުގެ ޢަޒުމަކީ އަނެކުން ތިމާގެ ލީޑަރޝިޕް ބަލައިގަންނާނެ ސިފައެކެވެ. އަދި މިއީ ރަނގަޅު ލީޑަރަކަށްނޫނީ ކުރަންނުކެރޭ ހިތްވަރުގަދަ ސިފައެކެވެ. މިއާ ޚިލާފަށް، ކަމެއް ގޯސްކޮށް ކުރެވުމުން، އެކަން ދިފާޢުކޮށް، އެކި ކަހަލަ ސަބަބުތައް ދައްކައި، އެކަން އޭނާކުރީ ރަނގަޅަށްކަމަށް ދައްކަން އެކި ގޮތްގޮތަށް ވާހަކަތައް ދައްކައި ހެދުމަކީ ބައެއް މީހުންގެ ކިބާގައި ހުންނަ ނުރަނގަޅު ސިފައެކެވެ. އެފަދަ މީހުން ދެކޭ ގޮތުގައި، ތިމާ ކުރާ ހުރިހައި ކަމަކީ ވެސް ރަނގަޅު ކަންކަމެވެ. އަދި ތިމާ ކަމަކާ މެދު އަޅާ ފިޔަވަޅަކީ ނުވަތަ ނިންމާނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމުގައި ދެކެއެވެ. މިއީ ޚުދުމުޚުތާރުކަމުގެ ސިފައެކެވެ. މިފަދަ މީހުން އަބަދުވެސް ކަންކަމުގައި އުޒުރުދައްކާނެއެވެ. އަދި، އަނެކާ ބުނާބަސް ޤަބޫލުނުކޮށް، ކަންކަމުގައި ޖަދަލުކުރުން އިންތިހާއަށް ބޮޑުވާނެއެވެ.

އިންސާނުންނަކީ އަބަދުވެސް ލުއިފަސޭހަމަގު ޚިޔާރުކުރުމުގެ އެދުމާ އެކު ދުނިޔެއަށް އުފަންވެފައިވާ ބައެކެވެ. އެހެންކަމުން، ކަންކަމުގައި ކުރުމަގު ޚިޔާރުކުރުމަށް އޭނާ ލޯބިކުރެއެވެ. ރަނގަޅު ގޮތުގައި، ހެޔޮކޮށް ކަންކަން ކުރުމަށް ކުރުމަގު ވެސް ޚިޔާރުކުރެވިދާނެއެވެ. އެހެންނަމަވެސް، މާ ރަނގަޅަށް ކުރެވެން އޮތްކަމެއް، ފަރުވާކުޑަކޮށްލުމުގެ ގޮތުން، ކުރުމަގު ޚިޔާރުކުރުމަކީ އެކަމަކުން ޙާޞިލުކުރަން ބޭނުންވާ އެންމެ އެދެވޭ ލަނޑުދަނޑި ޙާޞިލުކުރެވޭނޭކަމެއް ނޫނެވެ. އާޚިރުގައި އޭނާއަށް ޖެހެނީ، މިފަދަ ކަމަކުން ނުކުންނަ ނަތީޖާތައް ދިފާޢުކުރުމުގައި ތަފާތު އެކިކަހަލަ އުޒުރު ދައްކާށެވެ.

ތިމަންނާއަށް މިވެނިއެވެނި ކަމެއް ނުކުރެވުނީ، މިހެންވެގެންނޭ، މިވެނިއެވެނި ސަބަބަކާ ހުރެއޭ ބުނެ ފަރުޖައްސައިލުމަކީ ވަރަށްގިނަ މީހުންގެ އާދައެކެވެ. ދީނީ އަޅުކަންތަކުގައި ވެސް، ގިނަ މީހުންގެ އުޒުރުދެއްކުން ހުންނަނީ މި ބީދައިންނެވެ. އެފަދަ މީހުން ބުނެއުޅެއެވެ. އަހަރެންނަށް ނަމާދު ނުކުރެވުނީ އޮފީހުގައި ބުރަވެގެންނެވެ. ނޫނީ، މަސައްކަތެއްގައި އުޅެން ޖެހުމުންނެވެ. ބުރަކަމުން ވަގުތުނުވެގެން ޤުރުއާނުން އަކުރެއް ކިޔާލާނެ ވަގުތެއް ނުލިބެއެވެ. ޢާއިލާއަށް ވަގުތު ދޭންޖެހޭތީ އޮފީހުގެ މަސައްކަތްތައް ނުނިންމެއެވެ. މިހެންގޮސް އެތައް ސަބަބުތަކެކެވެ. ގުނާ ޢަދަދުނުކުރެވޭހައި ގިނަ އުޒުރުތަކެވެ. ކަންމިހެން ހުރިނަމަވެސް، އިންސާނާ އޭނާ ކުރަން ހިތްއެދޭ، ކުރަން ބޭނުންވާ ކަންތައްތައް ކޮންމެ ގޮތެއްހަދައިގެން ވެސް އޭނާ ކުރެއެވެ. ޙާޞިލްކުރަން ބޭނުންވާ ކަންތައްތައް ޙާޞިލުކުރަން ވެސް، ކަށިން ހިތްވަރުނެރެ މަސައްކަތްކުރެއެވެ. ހަމައެކަނި، ނުކުރެވޭ ކަމަކީ އޭނާގެ ޒިންމާތަކާއި، މަސައްކަތްތަކުގައި އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގައި، ބައެއް ކަހަލަ މުހިންމު ޒިންމާތައް ލިސްޓުގެ ކުރިއަށް ލުމެވެ. ނަފުސުގެ އެދުންތަކާއި، އަމިއްލަ ބޭނުންތަކުގެ ކުރިއަށް ދީނީ، އިޖުތިމާޢީ އަދި ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އިސްނުކުރެވުމެވެ. ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ހުރި އެތައް ބައިވަރު ސަބަބުތަކެއް، އޭނާގެ އަމިއްލަ މަޞްލަޙަތުހުރި ކަންކަން ކުރިމަތިވުމުން މުޅީންހެން ނެތިދަނީ މި ސަބަބަށް ޓަކައެވެ. މިހެން ކަންވާނަމަ، ދެން އޭނާގެ ޒިންމާތަކާ މެދު ކުރެވޭ ފަރުވާކުޑަކުރުންތަކަށް އޭނާ އަބަދުވެސް އުޒުރުދައްކަން މަޖުބޫރުވެއެވެ. އަދި އޭނާގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބާއި ގުޅުންހުރި ކަންކަމަށް އުޒުރުވެރިވުމުގައި އެތައް ބައިވަރު ޟަރޫރަތްތަކެއް ނެރެ ދައްކައެވެ. މިއީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ކިބައިން ފެންނަ ވަރަށް ނޭދެވޭ ސިފައެކެވެ.

އަޅުގަނޑުމެން ވާންޖެހޭނީ، އަމިއްލަ ކަންކަމަށް ވުރެ، ދީނީ އަދި ޤައުމީ މަޞްލަޙަތު އިސްކުރާ ބަޔަކަށެވެ. އިންސާނާގެ ނަފުސުގެ އެދުންތަކަށް އިސްކަންދޭ ވަރަށްވުރު މާބޮޑަށް ދީނީ ވާޖިބުތަކަށާއި، އޭނާގެ ވަޒީފާގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ޤައުމީ އެންމެހައި ކަންކަމަށް އިސްކަންދޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. ނަފުސަށް ވެވޭ އިޚްލާޞްތެރިކަމަކީ، މިފަދަ ކަންކަމުގައި އުޒުރުވެރިވާން އޮތް ޟަރޫރަތެއް ހަމަ ފަރުދީ މަޞްލަޙަތުގައި ދެމިއޮތުމެވެ. އަޅުގަނޑުމެން ވާންޖެހޭނީ، ކަންކަމުގައި އުޒުރުދެއްކުން މަދުކުރާ ބަޔަކަށެވެ. އަދި އުޒުރުދައްކަން ވާނީ، މަޤުބޫލު ސަބަބުތަކަށް ޓަކައި، ބުއްދީގެ ހަމަތަކުން ވެސް ޤަބޫލުކުރެވޭ ފަދަ ޟަރޫރީ ކަންކަމުގައި އެކަންޏެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. 

ޝެއަރކުރެއްވުމަށް