މިހާރަކަށް އައިސް މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެއްޖެއެވެ. ހިތާމަވެރި އެކްސިޑެންޓުތަކުގައި ފުރާނައަށް ނުރައްކާވާ ކިތަންމެ ހާދިސާއެއް ކޮންމެވެސް ބައެއްގެ ފަރުވާކުޑަކަމުން މި ކުޑަކުޑަ މުޖުތަމަޢުގައި ހިނގާކަމީ ހިތާމަހުރި ކަމެވެ.

އެކްސިޑެންޓުތައް ހިނގަން އާންމުކޮށް މެދުވެރި ވަނީ ޤާނޫނާއި ގަވާއިދުތަކަށް ޢަމަލުކުރުމުގައި އިހުމާލުވެ ފަރުވާކުޑަކުރެވޭތީއެވެ. މަގުމަތީގައި ހިނގާބިނގާވުމާއި މަގު ހުރަސްކުރާ އިރު އަދި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެވެ.

މަގުހުރަސްކުރާ ޒިބްރާކްރޮސް ފާހަގަޖަހާފައި ހުންނަނީ މަގުހުރަސްކުރަން ޖެހޭތަން އެންގުމުގެ ގޮތުންނެވެ. މަގު ހުރަސްކުރަން ޒިބްރާކްރޮސްއަށް އަރަން ވާނީ ވަރަށް ބޮޑަށް މަގުގެ ދެކޮޅުބަލާފައި އެއްވެސް އުޅަނދެއްގެ ނުރައްކަލެއް ނެތްކަން ޔަޤީން ކުރުމަށްފަހުއެވެ. މަގުހުރަސްކުރުމުގައި އަބަދުވެސް ބަލަން ވާނީ ވީހާ ވެސް އަވަހަކަށް ބޭކާރު ކަންތައްތަކުން ދުރުވެ މަގު ހުރަސްކޮށް ނިންމާލުމަށެވެ. ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މަގު ހުރަސްކުރުމުގައި މަގުމައްޗަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.

އިންޖީނު އެޅި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ވެސް މަގުއޮތީ ހިތަކަށް ލިބިފައިކަމަށް ބަލައި ހިތުހުރި ގޮތަކަށް އުޅަނދުތައް ދުއްވައިގެން ނުވާނެއެވެ. ކިތަންމެ އަވަހަށް ތަނަކަށް ދާން އޮތްކަމުގައި ވިޔަސް، އެއްގަމު އުޅަނދުފަހަރު ބާރު ދުވެލީގައި ދުއްވުމާއި ރޭސްޖަހާ އުސޫލުން އުޅަނދުތައް ދުއްވައިގެން ނުވާނެއެވެ. އެއްގަމު އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަނޑައެޅިފައިވާ ސްޕީޑުގައި ނޫންގޮތަކަށް ދުއްވުމަކީ ބޮޑު ނުރައްކަލަކަށް ހުށަހެޅިދާނެ ޤާނޫނީ ބޮޑު ކުށެކެވެ. ދުއްވާ މީހުން ވެސް މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލަންޖެހެއެވެ. ޓްރެފިކަށް ޚާއްޞަ ސަމާލުކަންދޭން ޖެހެއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ފަރުވާތެރިވެ މަގުހުރަސްކުރަން ފުރުޞަތުދިނުމާއި އޯވަރޓޭކްކުރާ އިރު ކަނާތްފަރާތުން އެރުމާއި ސިގްނަލްތައް ބަރާބަރަށް ދިނުމާއި އެއް އުޅަނދު އަނެއް އުޅަނދާ ގާތްނުވާނެގޮތަށް މިންގަނޑުތައް ގެންގުޅުމާއި ދެމީހުން އެއްހަމައެއްގައި ތިބެގެން ސައިކަލް ނުދުއްވުން މިއީ ދެފަރާތުގެ ރައްކާތެރިކަމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.

މި ކަންކަމަށް ސަމާލުކަން ދީގެން މެނުވީ އެކްސިޑެންޓުތައް މަދެއް ނުކުރެވޭނެއެވެ. އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް މަގުތަކަކީ އެންމެންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ ބާރު އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އޭރުން މި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ޝެއަރކުރެއްވުމަށް