2007ވަނަ އަހަރުގެ މެއިމަހުގެ 15ވަނަ ދުވަހު ހުވަދޫ ކަނޑުތެރޭގައި މަހަށް ނުކުމެއުޅުނު ގއ.ވިލިނގިލީ [ޓޫނާ] ދޯންޏަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި (ގއ.ވިލިނގިލީގެ އިރު އުތުރުން 14 މޭލު ބޭރުގައި) ބޭރު ޤައުމެއްގެ ބޯޓަކުން ބަޑިން ހަމަލާދިނެވެ. އެ ދުވަހު މެންދުރު ފަހު 1:00 ހާއިރު ދިން މި ޙަމަލާގައި ޓޫނާ މަސްދޯންޏަށް ވަނީ ވަޒަންއަރާފައެވެ. މި މަޢުލޫމާތު ލިބުމާ އެކު ”އޮޕަރޭޝަން ދެރަހަ“އިގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ސިފައިން ފެށިއެވެ. މި އޮޕަރޭޝަނުގައި އެ ބޯޓާ އިންޓަސެޕްޓްކުރުމަށް ފުރަތަމަ ނައްޓާލީ ގދ. ފަރެސްމާތޮޑާ ބަނދަރުގައި އޮތް ކޯސްޓްގާޑް ޝިޕް ހުރަވީއެވެ. އެ ސަރަހައްދަށް ދިޔަ އިރު ޓޫނާ މަސްދޯނީގެ އިތުރުން އިތުރު މަސްދޯންޏަކާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޕީޑް ލޯންޗެއް ޙަމަލާދިން ބޭރުގެ ބޯޓާ މޭލެއްހާ ދުރުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އޭރު ފަރެސް މާތޮޑާ ކައިރީ ހަރަކާތްތެރިވަމުންދިޔަ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ލ.ކައްދޫގައި އެސްޓީއެފް ތަމްރީނު ހަދަންމުންދިޔަ ސިފައިންގެ ތެރެއިން ޓީމެއް ހަތިޔާރާ އެކު ބަޑިޖެހި ބޯޓު އޮތް ސަރަހައްދަށް ދިއުމަށް ފުރިއެވެ. އަދި ކޯސްޓްގާޑް ޝިޕް ހުރަވީއަށް އެހީތެރިވުމަށް ޓަކައި ކޯސްޓްގާޑް ޝިޕް ޝަހީދުޢަލީ ހަތިޔާރާއި އިތުރު ސިފައިންނާ އެކު އެ ސަރަހައްދަށް ފުރިއެވެ. ހަތިޔާރު ބޯޓު ހޯދައި އެ ބޯޓާ 300 މީޓަރަށް ހުރަވީ ކައިރިކުރި ތަނާ އެ ބޯޓުން މީހަކު ކަނޑަށް ފުންމާލިއެވެ. އެ މީހާ ހުރަވީއަށް ނެގީ ޑިންގީއަށް ނެގުމަށް ފަހުގައެވެ. އެ މީހާގެ ފަރާތުން އެނގުނު ގޮތުގައި މި ބޯޓަކީ ސްރީލަންކާގެ ތަމަޅަ ޓައިގަރުން ކަނޑުމަތިން ހަތިޔާރު ސުމަގުލްކުރުމަށް ފޭރިގަނެފައިވާ އިންޑިއާގެ މަސްބޯޓެކެވެ. އެ މީހަކީ ”ސްރީކްރިޝްނާ“ ބޯޓުގެ ކެޕްޓަންކަމަށާއި އެ ބޯޓުގެ އެތެރެއަށް ވަނީ ވަރަށް ގިނަ އަދަދަކަށް ތެޔޮ އަޅާފައި ކަންވެސް އެ މީހާގެ ފަރާތުން އެނގުނެވެ.
ބޯޓާ ވަކި ހިސާބަކަށް ހުރަވީ ކައިރިކުރުމަށް ފަހު އަޑުގަދަކުރާއިން ބޯޓު މަޑުކުރަން ތަކުރާރުކޮށް އަންގަމުން ދިޔައެވެ. ނަމަވެސް ބޯޓު މަޑުނުކޮށް ކުރިއަށް ދަތުރުކުރަމުން ދާތީ އިންޒާރު ދިނުމުގެ ގޮތުން ހުރަވީން މައްޗަށް ބަޑިޖެހިއެވެ. ނަމަވެސް ދުވެލި މަޑުނުކޮށް ބޯޓް ދިޔައީ ދުއްވަމުންނެވެ. އިންޒާރަށް ބެލުމެއްނެތި ބޯޓް މަޑުނުކޮށް ދުއްވަމުންދާތީ ބޯޓުން ނެއްޓި ކުރިޔަށް ލޮނުގަނޑަށް ބަޑިޖެހިއެވެ. އެއަށްފަހު އަޑުގަދަ ކުރާއިން އަންގާ މަޑު ނުކުރުމުން ބޯޓުގެ ކުނބަށް ބަޑިޖެހިއެވެ. އެވަރުން ވެސް ބޯޓުގެ ދުވެއްޔަކަށް ބަދަލެއް ނުގެނެސް ދުއްވަމުން ދިޔައީ ކުރިއަށެވެ. ދެން ބަޑިޖެހީ ބޯޓުގެ ކުރިއަށެވެ. އެއްގޮތަކަށް ވެސް ބޯޓު މަޑު ނުކުރުމުން ހުރަވީން ބަރު ހަތިޔާރުގެ ބޭނުންކުރިއެވެ. އެވަގުތު ބޯޓު ހުއްޓުނެވެ. އަދި ބޯޓުގައި އަލިފާން ރޯވިއެވެ. އެވަގުތު ބޯޓުގައިތިބި މީހުން ކަނޑަށް ފޭބިއެވެ. ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑާ އެކު ބާރުގަދަ ގޮވުންތައް ގޮވަމުން ދިޔައެވެ.
ބޯޓުގައި އަލިފާން ރޯވުމުން ކަނޑަށް ފޭބި މީހުން ކައިރިއަށްގޮސް ފުރަތަމަ އެ މީހުންނަށް ލައިފް ޖެކެޓާއި ލައިފް ރިންގް ދީފައި ކަނޑުމަތީގައި ބޭތިއްބީއެވެ. ބޯޓު ފެންނަ ހިސާބުގައި ބޯޓަށް ވަމުންދާގޮތް ބަލަން ހުރަވީ އޮތެވެ. ބޯޓުގައި ހުރި ގޮވާތަކެތީގައި ހުޅުހިފާ ބާރުގަދަ ގޮވުންތަކެއް ގޮވުމަށް ފަހު ބޯޓު އެއް ފަރާތަށް އަރިވިއެވެ. އަދި 2007 މޭ 16ވަނަ ދުވަހުގެ ހެނދުނު 8:25 ހާއިރު ބޯޓު އަޑިއަށް ދިޔައީއެވެ. މާލެއިން ފުރައިގެން ދަތުރުކުރި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް އެ ސަރަހައްދަށް ދެވުނު އިރު ކޯސްޓްގާޑް ޝިޕް ހުރަވީން އެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. ސްރީކްރިޝްނާ ރާއްޖެއަށް ވަން މައްސަލާގައި ހަތިޔާރު ބޯޓުން އަތުލައިގަތް ޓައިގަރުންގެ ހަތަރު މީހެއް މައްޗަށް ދައުވާކޮށް ޝަރީޢަތުން ޙުކުމްކުރިއެވެ.
