އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު، އެންމެ ދިގު އަދި އެންމެ ފަހުގެ އިސްލާމީ ޚިލާފަތަކީ ޢުޘްމާނީ ޚިލާފަތު (އޮޓަމަން އެމްޕަޔަރ) އެވެ. އިސްލާމީ ޚިލާފަތަކީ ޚަލީފާއެއް ނުވަތަ އަމީރުލްމުއުމިނީންއެއްގެ ދަށުގައި (އެއް ވެރިޔެއްގެ ވެރިކަމުގެ ދަށުގައި) މުޅި އިސްލާމީ އުންމަތުގެ ޤިޔާދަތު އޮތް ނިޒާމެވެ. އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި ސަރަޙައްދުތަކުގައި އޮތް އިސްލާމީ ޚިލާފަތުތަކުގެ ތެރެއިން ޢުޘްމާނީ ޚިލާފާތަކީ މިހާރުގެ ތުރުކީގައި އެ ޚިލާފަތުގެ ބިންގާ އެޅުނު ތާރީޚަށް ބަލާއިރު ހަ ގަރުނަށް ދިގު ދެމިގެންދިޔަ، މުޅި ދުނިޔެއަށް ވެސް ސިޔާސީ، އިޖުތިމާޢީ އަދި ސަގާފީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނައި ބާރުގަދަ ޚިލާފަތެކެވެ.
ޢުޘްމާނީ ޚިލާފަތުގެ ނަން ނިސްބަތްވަނީ އެ ޚިލާފަތުގެ ބާނީ ސުލްޠާން ޢުޘްމާން ބިން އުރުޠުޣުރުލް ނުވަތަ ސުލްޠާން ޢުޘްމާން (އެއްވަނަ) އަށެވެ. މި ޚިލާފަތު މީލާދީން 1299އިން 1922އަށް ދެމިއޮތެވެ. ނަމަވެސް ޢުޘްމާނީންނަށް ރަސްމީކޮށް އިސްލާމީ ޚިލާފަތު ލިބުނީ މީލާދީން 1517ވަނަ އަހަރެވެ. އަދި މި ޚިލާފަތު ރަސްމީކޮށް އުވާލެވުނީ 1924ވަނަ އަހަރުގައެވެ.
ޢުޘްމާނީ ޚިލާފަތުގެ ބިންގާ އެޅިގެން ދިޔައީ މިހާރުގެ ތުރުކީވިލާތުގެ ސަރަޙައްދުގައެވެ. އޭރު އެ ސަރަޙައްދުގައި އޮތީ ސެލްޖޫޤީންގެ ރަސްކަމެވެ. މި ރަސްކަން ވެއްޓިގެންދާން ފެށުމުން، އުފެދުނު އަމީރުންގެ ކުދިކުދި ރަސްރަސްކަމުގެ ތެރެއިން ސުލްޠާން ޢުޘްމާން (އެއްވަނަ) 1299ވަނަ އަހަރު މިނިވަން ދައުލަތެއްގެ ގޮތުގައި އިޢުލާނު ކުރެއްވި ރަސްކަން ފުޅާވެ، ފަހުން އެ ރަސްކަމަށް އިސްލާމީ ޚިލާފަތުގެ ވެރިކަން ލިބުނީއެވެ.
ޢުޘްމާނީ ޚިލާފަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1453ވަނަ އަހަރު ބައިޒަންޓައިން އެމްޕަޔަރ (ރޯމަން އަންބަރާތޫރު)ގެ ވެރިރަށް ކަމުގައިވާ ކޮންސްޓަންޓިނޯޕްލް (ޢަރަބިން ކިޔާ ޤުސްޠަންޠީނިއްޔާ) ފަތަޙަކުރުމެވެ. އެ ސިޓީއަށް އިސްތަންބޫލް ނުވަތަ އިސްލާމީ ސިޓީގެ ނަންދީ، އެއީ ޢުޘްމާނީ ޚިލާފަތުގެ ވެރިރަށްކަމުގައި ކަނޑައެޅުމެވެ.
ޢުޘްމާނީ ޚިލާފަތަށް އިސްލާމީ އުންމަތުގެ ޤިޔާދަތު ލިބުނީ މިޞްރުގައި ވެރިކަންކުރަމުން ދިޔަ މަމާލިކުން (މަމްލޫކުން) ބަލިކޮށް މިޞްރު ފަތަޙަކުރުމުންނެވެ. ޢުޘްމާނީ ޚިލާފަތު ދެކުނު އިރުމަތީ ޔޫރަޕާއި، ހުޅަނގު އޭޝިއާއާއި އުތުރު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް ފެތުރުނެވެ. އެއިރު ޢުޘްމާނީ ޚިލާފަތަކީ ދުނިޔޭގެ ބޮޑުބާރެވެ. ޢުޘްމާނީ ޚިލާފަތު ބަލިކަށިވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި ސިޔާސީ ހަލަބޮލިކަން ބޮޑުވުމާއި، ވެރިކަމުގެ ތެރޭގައި ދިމާވި މައްސަލަތަކުގެ ސަބަބުން ޚިލާފަތުގައި ދާޚިލީ ހަމަޖެހުން ގެއްލިގެން ދިއުން ހިމެނެއެވެ.
ޢުޘްމާނީ ޚިލާފަތު ވެއްޓެން މެދުވެރިވި އަނެއް ސަބަބަކީ ޚިލާފަތުގެ ދަށުގައި އޮތް ވަކިވަކި ޤައުމުތަކުގައި ޤައުމިއްޔަތުގެ ރޫޙު ވަރުގަދަވެ، މިނިވަންވުމަށް އެދި ހަނގުރާމަ ފެށުމެވެ. ޢުޘްމާނީ ޚިލާފަތު ނިމުމަކަށް އައުމުގައި މިހާރުގެ ތުރުކީވިލާތުގައި އުފެދުނު ”އިލްމާނީ ފިކުރު“ ވަރަށް އިސް ދައުރެއް އަދާކުރިއެވެ. އޭރު ހުޅަނގުގެ ފަލްސަފާތައް ހިފައިގެން ތެދުވި ޖަމާޢަތްތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާޢަތަކަށްވީ ”ޜައުން ތުރްކްލަރް“ (Young Turks) އެވެ. މި އިލްމާނީ ޖަމާޢަތުން 1909ވަނަ އަހަރު ޢުޘްމާނީ ޚިލާފަތުގެ ޚަލީފާ ސުލްޠާން ޢަބްދުލްޙަމީދު ވެރިކަމުން ދުރުކޮށް ޚިލާފަތުގެ ބާރުތަކަށް ވެރިވެގަތެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ (1914-1918) ގައި ޢުޘްމާނީން ބަލިވުމާ އެކު، އިތުރަށް އެ ޚިލާފަތު ބަލިކަށިވެ އެމީހުންގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތައް ގެއްލިގެން ދިޔައެވެ. މި ދަނޑިވަޅުގައި، މުޞްޠަފާ ކަމާލް އަތާތުރުކްގެ އިސްވާރުކަމުގައި ފެށި ދާޚިލީ ދެކޮޅުވެރިކަމުގައި 1922ވަނަ އަހަރު ޢުޘްމާނީ ޚިލާފަތު އުވާލައި ފަހުން، 1924ވަނަ އަހަރު ޢުޘްމާނީ ޚިލާފަތް އެއްކޮށް އުވާލިއެވެ.
ޢުޘްމާނީ ޚިލާފަތުގެ ދިގު ތާރީޚުގައި އަދި އެ ޚިލާފަތުގެ ކީރިތިކަމާއި މޫރިތިކަން އޮތް ދުވަސްވަރު ކުރެވުނު އިސްލާމީ ދިރާސާތަކަށާއި، އާކިޓެކްޗަރަށާއި، ސަގާފަތަށާއި، އިންސާފުވެރިކަމަށް ދިން އިސްކަމުގެ ސަބަބުން، މިއަދު ވެސް އެ ޚިލާފަތުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން އެބަހުއްޓެވެ. އެއީ މުސްލިމުންގެ އާރާއި ބާރުގެ ރަމްޒެއް ގޮތުގައި ތާރީޚުން ފެންނަން އޮތް މުހިންމު އެންމެ ފަހުގެ ޚިލާފަތެވެ.
