ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ގިނަ މީހުންނަށް އެނގި މަޝްހޫރުވެފައި ވަނީ ”ބޮޑު ހަސަނު“ ގެ ނަމުންނެވެ. ޙަޤީޤަތުގައި ވެސް އާންމު ދިވެހީންނާ އަޅާ ބަލާއިރު ޙަސަންބެގެ އިސްކޮޅާއި ރޫފަ ބޮޑެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ޝަރީޢަތްތައް ކުރިއަށް ދިޔައިރު އެ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ކުށްވެރިން ގޮވައިގެން ކޯޓަށް ދިއުމަށް ސިފައިންގެއިން ނެންގެވި ”ބޮޑެތި“ ބޭފުޅުންގެ ތެރޭގައި ޙަސަންބެ ހިމެނިވަޑައިގަތެވެ.

ޙަސަންބެއަކީ ނޮވެންބަރު ތިންވަނަ ދުވަހު މާލެތެރޭގައި ދުޝްމަނުންނާ ދެކޮޅަށް ހަރަކާތްތެރިވި ސިފައިންނާ އެކު މަސައްކަތްކުރެއްވި ހިތްވަރުގަދަ، ބިރުކުޑަ ބޭފުޅެކެވެ. އެ ދުވަހު ގިރިފުށްޓަށް ހަތިޔާރު ބަލައި ދިޔަ ޓީމުގެ މެންބަރެކެވެ. އިންޑިއާ ސިފައިން މާލެއެރި ތަނުން ގިރިފުށިން ހަތިޔާރު ހިފައިގެން އައި މި ޓީމު ފެނިގެން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ޙަސަންބެ ހިމެނިވަޑައިގަތެވެ. އިންޑިއާ ސިފައިންނަށް މިއީ ދިވެހި ސިފައިންގެ ބައެއްކަށް ޔަގީންވަންދެން ޙަސަންބެމެން ތިއްބެވީ އިންޑިއާ ސިފައިންގެ ބަޑިތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވާފައެވެ.


ސިފައިންގެ ސަރވިސް ނަންބަރު 226، ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1970ވަނަ އަހަރު އޮގަސްޓު މަހުގެ 13ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކު 38 އަހަރާއި 11 މަހާއި 13 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ދިވެހި ޤައުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ވަނީ ކުރައްވާފައެވެ.

މި ދިގު މުއްދަތުގެ ތެރޭގައި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާޖަންޓްކަމާއި، ސްޓާފް ސާޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާ އެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާންގެ ގޮތުގައި 6 ކުލައާއި 5 މެޑެލި ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ އަސްކަރީ މެޑެލިތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސައްތައިގެ މެޑެލި، 3 ނޮވެންބަރުގެ މެޑެލި ހިމެނެއެވެ. ހާސިލުކުރެއްވި އަސްކަރީ ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތަށް ޚިދުމަތްކުރުމުގެ ކުލަ ފާހަގަ ކުރެވެއެވެ. މީގެއިތުރުން ތަފާތު އެކިއެކި ކަންކަމާ ގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ހާސިލު ކުރައްވާފައިވެއެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރުގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ޑިއުޓީ ސެކްޝަންގައި މަސައްކަތް ކުރެއްވި ދުވަސްވަރު ކުރެއްވި ޚިދުމަތްތަކާއި ސިފައިންގެ އެއްގަމު އުޅަނދުފަހަރާއި އިންޖިނިއަރިންގގެ ޚިދުމަތުގައި ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރަކީ ސިފައިންގޭގައި މި ޚިދުމަތް ދިނުމަށް 1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14ވަނަ ދުވަހު އެންމެ ފުރަތަމަ ޔުނިޓެއް އުފެއްދެވި އިރު ތިއްބެވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެވެ. ”ޓްރާންސްޕޯޓް ސެކްޝަން“ގެ ނަމުގައި އޭރު ވަރަށް އާދައިގެ ގޮތެއްގައި ޙަސަންބެގެ ކަބަޑުގައި ރެންޗު ފޮށްޓެއް ބަހައްޓައިގެން ދޭން ފެށުނު ޚިދުމަތް ފުޅާވިއެވެ. އެ ފެށުމުން މި ހިސާބަށް އައިސްފައިވާ އެއް ޔުނިޓަކީ އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އެވެ. އަނެއް ޔުނިޓަކީ ކުރިން ޓްރާންސްޕޯޓް ސަރވިސް (ޓީއެސް) އެވެ. މިހާރުގެ ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސް (އެސްޓީއެސް) އެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ޓްރާންސްޕޯޓް ސަރވިސްގެ ޚިދުމަތުގައެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު އަބޫބަކުރު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، މާލެއަށް ބޮޑުރާޅުއެރުމުގެ ހާދިސާއާއި، މާލޭ މަގުހެދުމަށް ސިފައިން އަކިރިއާއި ވެލި ހަދިޔާކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ދުޝްމިނުންނާ ކުރިމަތި ލެއްވުމުގެ ޢަޒުމުގައި ގިރިފުށްޓަށް ހަތިޔާރު ބަލައި ވަޑައިގެން ޓީމުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތް ފާހަގަ ކުރެވެއެވެ.


ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރަކީ، ސިފައިންގެ ތެރޭގައި ވެރިން ހަވާލުކުރެއްވި ކޮންމެ ކަމެއް ކުރެއްވުމުގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. ޙަސަން އަބޫބަކުރުުގެ މަތިވެރި އަސްކަރީ ޚިދުމަތަކީ، ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާނުންނަށް ވެސް ދައްކުއިދެއްވާފައިވާ ވަރަށް ފުރިހަމަ ރީތި މިސާލެކެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރެއްވީ 01 އޮގަސްޓު 2009ގައެވެ. ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރި ކަމާއެކު ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ރިޓަޔަރ ކުރެއްވުމުން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއާއި، ޢިއްޒަތްތެރި ދިފާޢީ ވަޒީރާއި، ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރުގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންނަވައި، އަސްކަރީ މަތިވެރި ޚިދުމަތަށް އިޚްލާޞްތެރިކަމާ އެކު ޝުކުރާއި މުބާރިކުބާދީ ދަންނަވާފައެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު މި ފަނާވެނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ 2025 ޖުލައި 2ވަނަ ދުވަހުގެ ރޭ ސްރީލަންކާއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،

ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ފުރާނައަށް މާތްﷲ، ރަޙުމަތްލައްވައި، ފާފަ ފުއްސަވައި ދެއްވައި ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. އަދި މަރުޙޫމުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވާށިއެވެ. آمیـــــــــــــن

ޝެއަރކުރެއްވުމަށް