ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރު 1985 ޖޫން 18 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވުމަށްފަހު 1992 އޭޕްރީލް 21 ވަނަދުވަހު ކޮމިޝަން ކުރެއްވުމާއި ހަމައަށްވެސް ޚިދުމަތުގައި ފުރިހަމަ ނަމޫނާއެއް ދައްކަވާފައިވެއެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގައި 25 އަހަރުގެ ދިގު މާޒީއެއް ފުރުއްވާފައިވާއިރު، އެންލިސްޓެޑް ރޭންކްތަކުގައިވެސް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ވަނީ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތުޝަހީރު ކޮށްދެއްވާފައެވެ. ލާންސް ކޯޕްރަލްގެ ރޭންކްގައި ޚިދުމަތް ކުރައްވަން ފެއްޓެވުމަށްފަހު، 1988 ވަނައަހަރުގެ ޖޫންމަހުގެ 6 ވަނަދުވަހު ކޯޕްރަލްރޭކަށް، 1988 ޑިސެމްބަރުމަހުގެ 22 ވަނަދުވަހު ސަރޖަންޓްގެ މަޤާމަށް އަދި 1989 ސެޕްޓެމްބަރ 1ވަނަދުވަހު ޑަބަލް ޕްރޮމޯޝަނަކާއެކު ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވިއެވެ. އޭގެ އެއްއަހަރުފަހުން 1990 ސެޕްޓެމްބަރ 1 ވަނަ ދުވަހު ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ މަޤާމަށް މަޤާމުގެ ކުރިއެރުން ލިބި ވަޑައިގަތެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަހީރު ކަމިޝަން އޮފިސަރަކަށް ވެވަޑައިގެންނެވީ ދިވެހި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި 1992 ވަނައަހަރުގެ އޭޕްރީލް 21 ވަނަ ދުވަހުއެވެ. ލެފްޓިނަންޓް ރޭންކްގައި ކަމިޝަން ވެވަޑައިގެންނެވުމަށްފަހު، ފަސްޓް ލެފްޓިނެންޓް ކަމާއި ކެޕްޓަން ކަމާއި މޭޖަރގެ މަޤާމަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވިއެވެ. އަދި އޭގަފަހުން ލެފްޓިނެންޓް ކާނަލް ކަމާއި ކާނަލްކަމުގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތީ 2009 ފެބްރުއަރީ 8 ވަނަ ދުވަހުއެވެ.

އިނގިރޭސި ވިލާތުގައި ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑާސްޓްގައި އޮފިސަރކެޑޭޓް ކޯސް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރުވަނީ ފުރިހަމަ ކުރައްވާފައެވެ. އެމަނިކުފާނު ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމަށް އައްޔަން ކުރެއްވީ 2008 ނޮވެމްބަރު 18 ދުވަހުއެވެ. ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް ކުރިއެރުން ލިބިލައްވާފައިވަނީ 2009 ފެބްރުއަރީ 08 ވަނަ ދުވަހުއެވެ.
25 އަހަރުގެ ދިގުމުއްދަތެއްގެ އަސްކަރިއްޔާގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ތަފާތު ސްޓާފް އެޕޮއިންޓްމަންޓް ތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް އެކި ޔުނިޓްތަކުގައި އަދާކުރައްވާފައިވެއެވެ. މިގޮތުން ސޭންޑާސްޓްގައި އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަކުރެއްވުމަށްފަހު ޓެކްޓިކްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެއިތުރުން ފުރިހަމަކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޑިފެންސް ޓްރޭނިންގ ކޯޑިނޭޓިންގ އޮފިސަރ، ޗީފް އޮފް ސްޓާފްގެ އެގްޒެކެޓިވް އޮފިސަރ، ކުއިކް ރިއެކްޝަން ފޯސް 3ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ އާރު.އެޗް.ކިޔު ލ.ކައްދޫގެ ކޮމާންޑިންގ އޮފިސަރ އަދި ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިކޭޝަންގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް ހިމެނެއެވެ.
އޮފިސަރ ކެޑޭޓް ކޯހުގެ އިތުރުންވެސް އެމަނިކުފާނުވަނީ ވަރަށްގިނަ އަސްކަރީ ތަމްރީނުތައް ފުރިހަމަ ކުރައްވާފައިއެވެ. މިގޮތުން 1998 ވަނަ އަހަރު އިންޑޮނޭޝިޔާއިން ކޮމާންޑް އެންޑް ސްޓާފް ކޯސް، 1991 ވަނަ އަހަރު އިންޑިޔާއިން ރެޖިމެންޓަލް ސްޓާފް އޮފިސަރ ކޯސް އަދި 2002 ވަނައަހަރު އިންޑިޔާއިން ގަވަނަންސް އެންޑް ޑިފެންސް މެނޭޖްމަންޓް ކޯސް ވަނީ ފުރިހަމަ ކުރައްވާފައެވެ. އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފައިވާ ސެމިނަރތަކާއި މަސައްކަތް ބައްދަލުވުންތަކުގެ ތެރޭގައި 32 ވަނަ އަދި 34 ވަނަ ޕްސިފިކް އޭރިއާ ސީނިއަރ އޮފިސަރ ލޮޖިސްޓިކް ސެމިނަރ، އިންޑޮނޭޝިޔާގައި ބޭއްވުނު 32 ވަނަ ޕެސިފިކް އާރމީސް މެނޭޖްމަންޓް ސެމިނަރ،އިންޑިއާގައި ބޭއްވުނު ޑިފެންސް މެނޭޖްމަންޓް ސެމިނަރ، އެމެރިކާގައި ބޭއްވުނު އޭޝިއާޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒް ސެމިނަރ އޮން ކޮމްޕްރެހެންސިވް ސެކިއުރިޓީ ރެސްޕޮންސް ޓު ޓެރަރިޒަމް، ތައިލެންޑްގައި ބޭއްވުނު އިންޓަރ ނޭޝަނަލް މިލިޓަރީ އޮޕްރޭޝަންސް އެންޑް ލޯކޮންފަރެންސް ވޮޝިންޓަން ޑީސީ ގައި ބޭއްވުނު ނިއަރ އީސްޓް ސައުތު އޭޝިޔާރ ސެންޓަރ ފޮރ ސްޓްރެޓީޖިކް ސްޓަޑީޒް އެގްޒެކެޓިވް ސެމިނަރ، އޮސްޓްރޭލިއާގައި ބޭއްވި ”ޕެސޯލްސް“ ސެމިނަރ އަދި ގްރީސްގައި ބޭއްވި ނިއަ އީސްޓް ސައުތު އޭޝިއާ ސެންޓަރ ފޮރ ސްޓްރެޓީޖިކް ސްޓަޑީޒް އެލުމިނީ ސިޕްޕޯޒިއަމް ހިމެނެއެވެ. މީގެ އިތުރުންވެސް އެހެނިހެން ބައެއް ސެމިނާތަކުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ސިފައިންގެ ޚިދުމަތުގައި ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު ވަނީ ތަފާތު މެޑަލްތައް ޙާޞިލުކުރައްވާފައެވެ. މިގޮތުން މަތިވެރި ޚިދުމަތުގެ މެޑަލް އާއި، 3 ނޮވެމްބަރގެ މެޑަލް، ސައްތައިގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އަޚްލާޤީ މެޑަލް އަދި ރައީސުލް ޖުމްހޫރިއްޔާގެ މެޑަލް ވަނީ ޙާޞިލް ކުރައްވާފައިއެވެ.
އެމް.އެން.ޑީ.އެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރުވަނީ އަގުހުރި ޚިދުމަތްތަކެއް އެމް.އެން.ޑީ.އެފްއަށް ކޮށްދެއްވާފައެވެ. މިގޮތުން މިމުއައްސަސާ ޒަމާނާއި އެއްގޮތަށް ބައްޓަން ކުރުމާއި، ފުރަތަމަ ސްޓްރެޓީޖިކް ޑިފެންސް ޑައިރެކްޓިވް އެކުލަވާލުމުގައި ޑިފެންސް މިނިސްޓަރަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން އިދާރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމާއި މިމުއައްސަސާގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު ޝަރަފުވެރިކަމާއިއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ 2012 ފެބްރުއަރީ 29 ވަނަ ދުވަހުއެވެ.
