މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު (ސާރވިސް ނަމްބަރ:601) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 03 ޖުލައި 1980 ގައެވެ. ސިފައިންގެ ޚިދުމަތުގައިވީ ދިގުމުއްދަތުގެ ތެރޭގައި ތަފާތު ރޭންކްތަކުގައި މަސައްކަތްކުރައްވާ، ހަމަ އެހެންމެ ތަފާތު ޔުނިޓްތަކުގެ އެކިފެންވަރުގެ މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ބައެއް ޔުނިޓްތަކުގެ ކޮމާންޑިންގ އޮފިސަރ ގެ މަޤާމްވެސް އަދާކުރައްވާފައިވެއެވެ.
މޭޖަރ ޖެނެރަލް (ރޓ) މޫސާޢަލީ ޖަލީލު އަކީ އަސްކަރީ ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސިންގަޕޯ އާރމްޑް ފޯރސަސް ޓްރައިނިންގ އިންސްޓިޓިއުޓްގައި އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަ ކުރެއްވުމާއި، ޔުނައިޓެޑް ސްޓޭޓްސް އާރމީ އިންފެންޓްރީ ސްކޫލް، ފޯރޓް ބެނިންގގައި [އިންފެންޓްރީ އޮފިސަރ ބޭސިކް ކޯރސް] އަދި [އިންފެންޓްރީ އޮފިސަރ އެޑްވާންސް ކޯސް] ފުރިހަމަކުރެއްވުން ހިމެނެއެވެ. އަދި ޔޫ.ކޭގެ ރޯޔަލް މެރިންސް ކޮމާންޑޯ ސްކޫލް، ލިމްޕްސްޓޯން ގައި [ އޯލް އާރމްސް ކޮމާންޑޯ ކޯސް] ފުރިހަމަކުރެއްވުމާއި، އިންޑިޔާ ގެ ވެލިންގޓަންގައި ޑިފެންސް ސާރވިސް ސްޓާފް ކޮލެޖް ފުރިހަމަކުރެއްވުމާއި، އިންޑިއާގެ ނިއުދިއްލީގައި ނޭޝަނަލް ޑިފެންސް ކޮލެޖް ފުރިހަމަ ކުރެއްވުމާއި، ޔޫ.އެސް.އޭ ގެ ހަވާއީގައި އޭސިއާ ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒް ގައި“އެގްޒެކެޓިވްކޯސް] ފުރިހަމަ ކުރެއްވުމާއި، މީގެއިތުރުން، ނިއަރ އީސްޓް ސައުތު އޭސިއާ ސެންޓަރ ފޯރ ސްޓްރެޓެޖިކް ސްޓަޑީޒް، ޥޮޝިންޓަން ޑީސީ – ޔޫ.އެސް.އޭ ގައި [އެގްޒެކެޓިވް ކޯހެއް] ފުރިހަމަކުރެއްވުން ހިމެނެވެ. 2005 ގައި [ މާސްޓަރ އޮފް ފިލޯސަފީ އެންޑް މާސްޓަރ އޮފް ސައިންސް ޑިގްރީ އިން ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް] ، ޔުނިވަސިޓީއޮފް މެޑްރާސްގައި ފުރިހަމަ ކުރައްވާފައިވާފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލުގެ ތަޢުލީމާ ތަމްރީނުގެ ސިލްސިލާގެ ދިގެވެ. އޭގެ ތެރޭގައި ނޭވަލް ޕޯސްޓްގްރެޖުއޭޓް ސްކޫލް، މޮންޓެރީ ކެލިފޯރނިއާ ޔޫ.އެސް.އޭގައި ޑިފެންސް ރިސޯސަސް މެނޭޖްމަންޓް ކޯސް ފުރިހަމަކުރެއްވުމާއި ބަނގްލަދޭޝްގައި ޕާރޓިސިޕަންޓް އިންދަ ޕެސިފިކް އޭރިޔާ ސިނިއަރ އޮފިސަރ ލޮޖިސްޓިކް ކޯސް އަދި ޕާރޓިސިޕަންޓް އިންދަ އެއިޓީންތް ޕެސިފިކް އާރމީސް މެނޭޖްމަންޓް ކޯސް ވެސް މިލިސްޓްގައި ހިމަނާލަންޖެހެއެވެ. އަދި މީގެ އިތުރުންވެސް އެކިފެންވަރުގެ ސެމިނާތަކާއި ވޯކްޝޮޕް ފަދަ ޕްރޮގްރާމްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޭޖަރ ޖެނެރަލް ރިޓަޔަޑް މޫސާ ޢަލީ ޖަލީލް މަސައްކަތްކުރައްވާފައިވާ ރޭންކްތަކުގެ ތެރޭގައި ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލް އަދި މޭޖަރ ޖެނެރަލް ރޭންކް ހިމެނެއެވެ. އެންމެފަހުން ހުންނެވި ރޭންކް ކަމުގައިވާ މޭޖަރ ޖެނެރެލް ރޭންކަށް ޕްރޮމޯޓްވެފައިވަނީ 08 ފެބުރުއަރީ 2009 ގައެވެ.
މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ސިފައިންގޭގައި ކުރައްވާފައި ޚިދުމަތްތަކާއި ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު މެޑެލް އަދި ޑެކަރޭޝަންސް ލިބިލައްވާފައިވެއެވެ. ލިބިލައްވާފައިވާ މެޑެލްތަކުގެ ތެރޭގައި 03 ނޮވެމްބަރގެ ޢުދުވާނީ ޙަމަލަ ނާކާމިޔާބު ކޮށްލުމުގައި ސާބިތުކަމާއިއެކު ކުރެއްވި ޚިދުމަތްތަކާއި ގުޅިގެން ލިބިލައްވާފައިވާ 03 ނޮވެމްބަރގެ މެޑެލިއާއި ޖިހާދުގެ ރަތްމެޑެލި ހިމެނެއެވެ. މީގެ އިތުރުން ސައްތައިގެ މެޑެލި، ހުރަވީ ރަންމެޑެލި، ދިގުމުއްދަތުގައި ޚިދުމަތްކުރުމުގެ މެޑެލި، މަދިވެރި ޚިދުމަތްތަކުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާސްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި އަދި އަޚްލާޤީ މެޑެލި ހިމެނެއެވެ. ލިބިލައްވާފައިވާ ޑެކަރޭޝަންސްތަކުގެ ތެރޭގައި ޚާއްޞަ ޚިދުމަތުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ 1 ވަނަފަހަރަށް، ކާމިޔާބުގެ ކުލަ 2 ވަނަ ފަހަރަށް، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާސްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށް ޙާޞިލް ކުރައްވާފައިވެއެވެ.

މޭޖަރ ޖެނެރަލް(ރޓ) މޫސާ ޢަލީ ޖަލީލުއަކީ ރާއްޖެއިން ބޭރުން ތަފާތު ތަމްރީނުތައް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ލިބިވަޑައިގެންނެވި ތަމްރީނާއި ތަޖުރިބާގެ އަލީގައި ސިފައިން ތަމްރީނު ކުރެއްވުމުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރެއްވިއެވެ. ކޯސްޓްގާޑާއި، ހުޅުލޭގެ އެންމެ އިސްވެރިއެއްގެ ގޮތުން ކުރެއްވި މަސައްކަތުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްއެއްގެ ގޮތުގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލުއަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި ގުޅިގެން ސިފައިންގެ އެތެރޭގައި ވަރަށް އިސްރޯލެއް އަދާކުރެއްވި ހިތްވަރުގަދަ ފަހުލަވާނެކެވެ. އެދުވަހު ޒަޚަމްވެ ވަޑައިގެންފައިވަނިކޮށް ރެކީ ޕެޓްރޯލަށް ސިފައިންގެއިން ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ.
މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލު ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުން އިސްތިޢުފާ ދެއްވާ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
