ދުނިޔޭގެ އެކި ހިސާބުތަކުން އަޅުގަނޑުމެންނަށް މިއަދު ފެންނަމުންދާ މަންޒަރުތަކަކީ އެއް ޤައުމަށްވުރެ އަނެއް ޤައުމު، އެކަކަށްވުރެ އަނެކާ ކުރިއަރައިގެން ދިއުމަށްޓަކައި އެބަޔަކަށް ނުވަތަ އެމީހަކަށް ބޭނުން ކުރެވެންހުރި ވަޞީލަތްތަށް ބޭނުންކޮށްގެން އެހެން މީހަކަށް ނުވަތަ ބަޔަކަށްވުރެ ކުރިއަރައިގެން ދިއުމަށް މަސައްކަތްކުރަމުންދާ މަންޒަރުތަކެވެ. ބާރާއި މޮޅުކަމާއި ނުފޫޒަކީ ކޮންމެ ބަޔަކަށްވެސް ހޯދުމަށްޓަކައި ކަރުހިއްކައިގެންފައިވާ ތަކެއްޗެވެ. ބައެއްމީހުން ހަމަޔާއި ހުދޫދުގެ ތެރޭގައި މިކަމަށް މަސައްކަތްކުރި ކަމުގައިވީނަމަވެސް ގިނަބަޔަކު މިކަންކުރަމުންދަނީ ހަމަޔާއި ޙުދޫދުތަކުގެ ބޭރުންކަން އަޅުގަނޑުމެންދެކެމުއެވެ. މިގޮތުން މޮޅުކަމާއި ބާރާ ނުފޫޒު ހޯދުމަށްޓަކައި އެންމެ ކާމިޔާބު ގޮތެއްގައި މިހާރު ބޭނުންކުރެވޭ ވަޞީލަތަކީ މީޑިޔާއެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމުގައިވެސް ކަންހުރީ މިހެންނެވެ. ފިކުރީ ހަނގުރާމައިގެ އޮއިވަރެއް މިރާއްޖެއަށް މިވަނީ ފާޅުވެފައެވެ.
ކަންމިހެން ހުރުމާއިއެކު ތަފާތު އެކިއެކި މީޑިޔާތަކުން އެކިގޮތްގޮތަށް އަޅުގަނޑުމެންގެ ފިކުރުތަކާއި ކުޅުމަށް ކުރަމުންދާ މަސައްކަތްތަކަށް އަޅުގަނޑުމެންގެ ފިކުރުތައް ތަމްރީނުކޮށްލަން ޖެހެއެވެ. ޙައްގާއި ބާޠިލް، ހެވާއި ނުބައިގައިވާ ސިފަތައް ދެނެގަތުމަށް އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ. ތެދާއިދޮގު މިނެކިރުމުގެ ކުޅަދާނަކަން ފަރުދީގޮތުން ކޮންމެ މީހަކު ލިބިގަންނަންޖެހެއެވެ. މިގޮތުން އެންމެ މުހިއްމު އެއްކަމަކީ ޙަޤީޤަތް ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ތަފާތު ޚިޔާލުތަކުގެ މީޑިޔާތަކުން ދައްކާ ވާހަކަތަކާއި ފޮނުވާ ޚަބަރުތައް އަޅާކިޔާލުމެވެ. އެއަށްފަހު އޭގެ ޙަޤީޤަތް ހޯދާ ބެލުމެވެ.
ފިކުރީ ހަނގުރާމައިގެ ބާރުގަދަކަން މިއަދު އަޅުގަނޑުމެންގެ މިދިވެހި ފަސްގަނޑުން ވެސް މިދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންގެ ޤައުމުގެ ސިޔާސީ މަޝްރަޙް ކިލަނބުވެ ކުރުމުއްދަތެއްގެ ތެރޭގައި ޤައުމަށް މިއައި ބޮޑުބަދަލުގައި މީޑިޔާ ކުޅެފައިވާ ދައުރަކީ އަޅުގަނޑުމެން އެންމެން ދެނެތިބިކަމެކެވެ. މިއީ ތަފާތު އެކިގޮތްގޮތުން ފަތުރަމުންދިޔަ މަޢުލޫމާތުތަކެއްގެ ނިމުމެވެ. މިބަދަލަށްފަހު ދެން އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ ފިކުރީ ހަނގުރާމައިގެ ތަފާތު މަރުހަލާއެއް މުޅިން ތަފާތު ގޮތަކަށް ކުރަމުންދާތަނެވެ.
މިފިކުރީ ހަނގުރާމައިގެ ޙަމަލާތައް މީޑިޔާއާއި މުވާޞަލާތުގެ ތެރެއިންވެސް މިއަދު އަޅުގަނޑުމެންނާ މުޤާބަލާ ވަމުންދާކަން އަޅުގަނޑުމެން ނުހަނު ރަނގަޅަށް ދަންނަމުއެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤުރުބާންވާން އަޒުމުގައިތިބި ބަޔަކަށް ވާހިނދު މިފަދަ ޚަބަރުތަކާއި މަޢުލޫމާތުތަކަށް ސިކުނޑި ހޭލައްވާލާ ބެހެއްޓުމަށް މަސައްކަތް ކުރުން ވަރަށް މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ.
ކޮންމެ މީހަކުވެސް މީޑިޔާގައި ހާމަކުރަމުންދަނީ އެމީހަކު ތަބަޢަވާ ފިކުރުގެ ނުވަތަ ހާލުގައި ފަތުރާލާ ދޮގު ވާހަކަތަކެކެވެ. މިފަދަ ވާހަކަތަކާއި ފިކުރުތަކަކީ ކޮންމެހެން ތިބާގެ ފިކުރުކަމުގައި ވާކަށް ނުޖެހެއެވެ. މީގެ ބަދަލުގައި އެފިކުރަކީ ޤައުމުގެ ސަލާމަތާއި ތިމާއަށް ކޮންކަހަލަ އަސަރުތަކެއް ކުރުވަނިވި ފިކުރުތަކެއްތޯ ތިމާ އަމިއްލައަށް ވިސްނާ ފިކުރުކުރުމަށް ވަރަށްވެސް ބޭނުންތެރިއެވެ.
ޚަބަރު ފަތުރާ ވަޞީލަތް ތަކުން ފާޅުގަ އަޅުގަނޑުމެން ސިފައިންނަށް އަމާޒުކޮށްގެން ކުރެވެމުންދާ މަސައްކަތްތައްވެސް މިއަދު މިވަނީ ނިހާޔަތަށް ގޮސްފައެވެ. އެހެންކަމުން ދިވެހި ސިފައިންގެ ކޮންމެ ޢަމަލެއްވެސް ބިނާކުރަންޖެހޭނީ މިފަދަ ފިކުރުތަކުން ރެކި ޤައުމާއި ތިމާގެ ނަފްސަށް ގެއްލުމެއް ނުލިބޭނެ ފަދަގޮތަކަށެވެ. ފިކުރީ ހަނގުރާމައެއްގެ އޮއިވަރުގައި އަޅުގަނޑުމެން ކަސްތަޅުއެޅި ރަހީނުވެއްޖެނަމަ އެކަމުން ސަލާމަތްވާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އޭރުން، ހެޔޮކޮށް ވިސްނަން ތިމާގެ ބުއްދި ރައްކާތެރިކޮށް ހަމަގޮތުގައި ބޭނުން ކުރެވުނުނަމަ ކިހާ މޮޅުހޭ ތިމާ ހިތަށްއަރާނެއެވެ.

ޝެއަރކުރެއްވުމަށް