ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަކީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ފެންނަން ފެށި ޒަމާނެވެ. ހަނގުރާމައިގެ މައިދާނުގައި ކޮމިޔުނިކޭޓްކުރަން ގެންގުޅޭ ޒަމާނީ ވަސީލަތްތައް އީޖާދުވެގެން އަންނަން ފެށި ޒަމާނެވެ. މިއާއެކު، އެ ދުވަސްވަރުގެ ހަނގުރާމަވެރިން ޤުދުރަތީ ވަސީލަތްތައް ވެސް ކޮންމެވެސް ވަރަކަށް ގެންގުޅުނެވެ. މިގޮތުން އެ ދުވަސްވަރު ހަނގުރާމައިގައި ކޮމިޔުނިކޭޓްކުރުމަށް ޓަކައި އިނގިރޭސިވިލާތުން ކޮތަރުތަކެއް ތަމްރީނުކުރި ވާހަކަ ފާހަގަކޮށްލަންޖެހެއެވެ. މި ކޮތަރުތަކުގެ ބޭނުންކުރަމުންދިޔައީ ހަނގުރާމައިގެ މައިދާނުގައި އެއްތަނުން އަނެއްތަނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދިނުމަށެވެ. ނުވަތަ ސިގްނަލް ފޯރުކޮށްދިނުމެވެ. މިގޮތުން ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތުން ތަމްރީނުކުރި ކޮތަރުތަކެއް އެމެރިކާއަށް ހަދިޔާކުރިއެވެ. އެ ކޮތަރުތަކުގެ ތެރޭގައި ވަރަށް ޚާއްޞަ ކޮތަރެއް ވިއެވެ. ތެދުވެރިކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެއް އެ ކޮތަރު ދައްކުވައިދިނެވެ. ކޮތަރަށް އެމެރިކާގެ ސިފައިން ކިޔަމުން އައި ނަމަކީ ”ޝޭ އާމީ“ އެވެ. އެއީ ފްރެންޗް ބަހުން ނަގާފައިވާ ނަމެކެވެ. އިނގިރޭސި މާނައަކީ ”ޑިއަ ފްރެންޑް“ އެވެ. މި ހިސާބުން ކޮތަރުގެ ވާހަކަ ފަށަމާ ހިނގާށެވެ!

އެއީ 1918 އޮކްޓޫބަރު 3ވަނަ ދުވަހެވެ. އެމެރިކާގެ ”77 ވަނަ ޑިވިޜަން“ ގެ ހަނގުރާމަވެރިން ޤާއިމްވެފައިތިބީ ފްރާންސްގައެވެ. އެމީހުންގެ ކޮމާންޑަރަކަށް ހުންނެވީ ލެފްޓިނެންޓް ކާނަލް ޗާލްސް ވިޓްލިސީ ނަމަކަށް ކިޔުނު އޮފިސަރެކެވެ. ހަނގުރާމަ ކުރެވެމުންދަނީ ޖަރުމަނު ސިފައިންނާ ދެކޮޅަށެވެ. ހަނގުރާމައިގެ މައިދާނުގައި ޖަރުމަނުގެ ސިފައިން ދިޔައީ ކުރިހޯދަމުންނެވެ. ހަމައެއާއެކު، އެމެރިކާގެ ހަނގުރާމަވެރިން ދިޔައީ މައިދާނުގައި ވިއްސިވިހާލިވަމުންނެވެ. އެމެރިކާގެ ހަނގުރާމަވެރިން މައިދާނުގައި ބަލިވަމުންއައިސް، ހަނގުރާމަވެރިންގެ ތެރެއިން 500އަށް ވުރެ ގިނަ ސިފައިން ސަލާމަތްވާނެ ގޮތެއްނެތި އެ ސަރަޙައްދުގައި ތާށިވިއެވެ. މި ހާދިސާއާ ގުޅުވައިގެން ހަނގުރާމަވެރިންނަށް ފަހުން ”ލޮސްޓް ބެޓޭލިއަން“ ގެ ނަމުން މުހާތަބުކުރަމުން އައިސްފައިވެއެވެ.

އެމެރިކާގެ މި ހަނގުރާމަވެރިންގެ އަތުގައި ހުރި ހަތިޔާރުތައް އޭރު ވަނީ ހުސްވެފައެވެ. އެމީހުންގެ އަތުން ކާއެއްޗެތި ހުސްވެ، ބަނޑަށް ޖެހިފައެވެ. ޖަރުމަނުގެ ހަނގުރާމަވެރިން އެމީހުން ވަށާލައިގެން ތިބެ، ފުރަތަމަ ދެ ދުވަހު ވެސް އެތައް ބަޔަކު މަރާލި އިރު، އެމެރިކާގެ އެކުވެރި ފައުޖުތަކުން ވެސް ބައެއްފަހަރު ”ލޮސްޓް ބެޓޭލިއަން“ އާ ދެކޮޅަށް ނޭނގުމުގެ ތެރޭގައި ޙަމަލާދެމުން ދިޔައެވެ. ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެ ހަނގުރާމަވެރިން ތިބީ ”ގުޑިލަން“ ވެސް ނުކެރިފައެވެ. މިގޮތުގައި އެތައް އިރަކު ތިބެފައި، ”ލޮސްޓް ބެޓޭލިއަން“ އިން ނިންމީ، އެންމެފަހުން ކޮންމެވެސް ގޮތަކުން އެހީތެރިކަމަށް އެދުމަށެވެ. އެކަމަށް އެހީތެރިވެދިނުމަށް ޓަކައި އެ ހަނގުރާމަވެރިންގެ އަތުގައި އޭރު އޮތީ އިނގިރޭސިވިލާތުން ހަދިޔާކުރި ކޮތަރުތަކުގެ ތެރެއިން ހަމައެކަނި ތިން ކޮތަރެވެ.

އެހެން ސަރަޙައްދުތަކުގައި ތިބި ހަނގުރާމަވެރިންނަށް މިކަން އެންގުމަށް ޓަކައި އެމީހުންގެ ކޮމާންޑަރަކަށް ހުރި ވިޓްލިސީ ކޮތަރުތަކުގެ ބޭނުން ހިފިއެވެ. މިގޮތުން ކަރުދާސްކޮޅެއްގައި މެސެޖެއް ލިޔެ ފުރަތަމަ ކޮތަރުގެ ފައިގައި އެޅުވުމަށްފަހު ފޮނުވާލިއެވެ. މި މެސެޖުގައި ލިޔެފައިވަނީ ”ހަނގުރާމަވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކުތިބީ ވަރަށް ބޮޑެތި ޒަޚަމްތަކަކާ އެކުގައެވެ. އަހަރެމެންނަށް ވަރަށް އަވަހަށް އެހެން ޔުނިޓްތަކުގެ ސަޕޯޓް ބޭނުންވެއެވެ.“ މި ފަދައިންނެވެ.

ފުރަތަމަ ކޮތަރުގެ ވާޖިބު އަދާކުރުމަށް އުދުއްސައިގަނެ، ވަކި ހިސާބަކަށް ދެވުނުތަނާހެން ޖަރުމަނު ސިފައިންނަށް ކޮތަރު ފެނިއްޖެއެވެ. ހަމައެއާ އެކު، ޖަރުމަނު ސިފައިންގެ ޙަމަލާތަކުގެ ޝިކާރަ އަކަށްވެ، ކޮތަރު މަރުވެގެން ވެއްޓިއްޖެއެވެ. ފުރަތަމަ ކޮތަރު މަރުވުމާ އެކު ދެވަނަ ކޮތަރުގެ ފައިގައި ވެސް މެސެޖެއް ލިޔެ، އެޅުވުމަށްފަހު ފޮނުވާލިއެވެ. ދެވަނަ މެސެޖުގައި ލިޔެފައިވަނީ ”ހަނގުރާވެރިން ތިބީ ހާލުގައިޖެހިފައެވެ. އަހަރެމެންނަށް ވަރަށް އަވަހަށް އެހެން ޔުނިޓްތަކުގެ ސަޕޯޓް ބޭނުންވެއެވެ.“ މިހެނެވެ. ފުރަތަމަ ކޮތަރެކޭ އެއްފަދައިން ދެވަނަ ކޮތަރު ވެސް މަރުވެގެން ވެއްޓުނީ ޖަރުމަނު ސިފައިންގެ ޙަމަލާތަކުންނެވެ. ބާކީ އެމީހުންގެ އަތުގައި އޮތީ އެންމެ ކޮތަރެކެވެ. މި ކޮތަރަކީ ކުރިން ދެންނެވި ”ޝޭ އާމީ“ ގެ ނަންދީފައިވާ ކޮތަރެވެ. ޝޭ އާމީގެ ފައިގައި އެޅުވި މެސެޖުގައި ލިޔެފައިވެއެވެ.

”އަހަރެމެން މިތިބީ މަގުގެ ތެދަށް 276.4 ޕަރަރަލް ވާގޮތަށެވެ. އަހަރެމެންގެ އަމިއްލަ ހަތިޔާރުތަކުން ޙަމަލާދެމުން ތިދަނީ ޚުދު އަހަރެމެންގެ އަމިއްލަ ހަށިތަކަށެވެ. މާތްކަލާނގެ ރަސްކަންފުޅަށް ޓަކައި ޙަމަލާދިނުން ހުއްޓާލާށެވެ.“
”We are along the road paralell to 276.4. Our own artillery is dropping a barrage directly on us. For heavens sake stop it.“

ފުރަތަމަ ކޮތަރާއި ދެވަނަ ކޮތަރެކޭ އެއްފަދައިން ޝޭ އާމީ އުދުއްސައިގަތުމާ އެކުހެން، ޖަރުމަނު ސިފައިންގެ ލޮލުގައި އެ ސޮރު ވެސް އަޅައިގަތެވެ. އިސާހިތަކު ޝޭ އާމީގެ ވަށައިގެން ވަޒަންތައް އޮހިގެންފިއެވެ. ވަޒަންތަކުގެ ދޭތެރެއިން އުފުހެމުން ފިލަމުން ދެވޭވަރުގެ ޖާގައެއް އެސޮރަށް ލިބޭގޮތެއް ނުވިއެވެ. އެންމެފަހުން، އެސޮރުގެ ފަޔަށް ވަޒަން އަރައި ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިންމައްޗަށް ވެއްޓުނު އިރު، އެ ސޮރުގެ އެއްފައި ވަނީ ޙަމަލާތަކުގެ ސަބަބުން ބިންދައިގެން ގޮސްފައެވެ. އެހެނަސް، ޝޭ އާމީ ހިތްވަރުކުރަމުން ދިޔައީ ދެވަނަ ފަހަރަށް ވެސް އުދުހިގަނެ، އޭގެ މަންޒިލާ ހަމައަށް ދިޔުމަށެވެ. މިގޮތަށް އެތައްފަހަރަކު ހިތްވަރާއެކު އަލުން އެނބުރި ވައިގެ ތެރޭގައި އެސޮރުގެ ފިޔަ ހުޅުވާލައެވެ. އަދި 25 މޭލުގެ ދިގު ރާސްތާއެއް ކަޑައްތުކޮށް މަންޒިލަށް ވާސިލްވިއެވެ.

ޝޭ އާމީ ވަނީ އެ މެސެޖު ހިފައިގެން ހެޑްކްއޯޓަޒްއަށް ދިޔުމަށް ޓަކައި ގާތްގަނޑަކަށް އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު އުދުހިފައެވެ. މަންޒިލަށް ވާސިލުވެވުނު އިރު، އެ ސޮރުގެ އެއް ލޯ ވަނީ ކަނުވެފައެވެ. ހަށިގަނޑު ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައެވެ. މުޅި ހަށިގަނޑު ތަތްތެޅިފައި އޮތީ ލެއިންނެވެ. އެއް ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

އެމެރިކާ ސިފައިންގެ މެޑިކުން ޝޭ އާމީގެ ފުރާނަ ސަލާމަތް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން އެސޮރުގެ ބިނދިފައިވާ ފައި ރަނގަޅު ކުރުމަށް އެތައް މަސައްކަތްތަކެއް ކުރިއެވެ. އެންމެފަހުން ޖެހުނީ އެސޮރުގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ބިނދިފައިވާ ފައި ބުރިކޮށްލާށެވެ. އެ ފައިގެ ބަދަލުގައި ފަހުން އާޓިފިޝަލް ކުޑަ ފައެއް ހެދުމަށްފަހު އެޅުވިއެވެ.

ޝޭ އާމީގެ ހިތްވަރާ އެކު ގެނެސްދިން މި މެސެޖުގެ ސަބަބުން ހަނގުރާމައިގައި ވިއްސިވިހާލިވެފައިތިބި 194 ސިފައިންގެ ފުރާނަ ސަލާމަތްކުރެވުނެވެ. މި ހާދިސާއަށްފަހު ޝޭ އާމީ ވެފައިވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސާރވިސްގެ ރަމްޒީ ނިޝާނަށެވެ. މި ކޮތަރުގެ ޚިދުމަތް ފާހަގަކޮށް ”ކްރޮއިޒް ޑި ގޯރޭ“ މެޑަލް އެސޮރަށް ވަނީ ދީފައެވެ. މި މެޑަލްއަކީ ހަނގުރާމަތަކުގައި ދުޝްމަނުންނާ ކުރިމަތިލައި ދައްކުވައިދޭ ގަދަ ހިތްވަރަށް ޓަކައި އެރުވޭ ވަރަށް ޝަރަފުވެރި މެޑެއްޔެކެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ބަތަލުންގެ ލިސްޓްގައި ވެސް ޝޭ އާމީގެ ނަން ހިމަނާފައިވެއެވެ. އަދި 1920އާއި 1930ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގައި ޝޭ އާމީގެ ނަން ވަރަށް މަޝްހޫރުވެގެން ގޮސްފައިވެއެވެ. މިގޮތުން އެމެރިކާގެ ސްކޫލުތަކުގައި ޝޭ އާމީގެ ވާހަކަ ފިލާވަޅެއްގެ ގޮތުގައި ކިޔައިދެމުންދިޔައެވެ. ޝޭ އާމީގެ ހިތްވަރުގަދަކަމުގެ ހަނދާނީ ޒިކުރާއެއް ގޮތުގައި އެސޮރުގެ މޮޑެލްއެއް ހަދައި އެމެރިކާގެ ނޭޝަނަލް މިއުޒިއަމްގައި މިހާރު ވަނީ ބަހައްޓާފައެވެ.

ޝޭ އާމީ މަރުވެފައިވަނީ 1919 ޖޫން 13ވަނަ ދުވަހު އެމެރިކާގެ ނިއުޖާޒީގައެވެ.

ޝެއަރކުރެއްވުމަށް