އާ އީޖާދުކުރުމާއި، މޮޅެތި ގޮތްތައް ހޯދުމަކީ އަބަދުވެސް ދުނިޔޭގައި ހިނގަމުންއަންނަ ޤާނޫނެއްކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެ ދުވަސްވަރަކަށް އެންމެ އެކަށޭނަ އާ ހޯދުމެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަކީ އިންސާނީ އާދައެކެވެ. ދާދި ފަހުން ފެނިގެންދިޔަ މިފަދަ އެއް މަސައްކަތަކީ ”ސޯލާރ ޕެއިންޓް“ ކިޔާ ދަވާދެއް އީޖާދުކުރުމެވެ. މާނައަކީ އިރުގެ ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާނެ އާގޮތެއް ހޯދުމެވެ.
މީ އަދި ވަރަށް ފަހުގެ އީޖާދެކެވެ. ވަރަށް ޅަފަތުގައި ވާ ހޯދުމެކެވެ. ނަމަވެސް މި ހޯދުމަކީ ކާރބަން ނިއުޓްރަލް ކުރަން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. ސޯލާ ޕެނަލާއި، ވިންޑް ޓާރބައިންއަށް ވުރެ ފަސޭހަގޮތެއް ހޯދުމަކީ ހަމަ އެންމެން ވެސް އެދިއެދި ތިބޭނެ ކަމެއްކަން ޔަގީނެވެ. އެމެރިކާގެ ރޭޑިއޭޝަން ލެބޯރަޓެރީއާއި، ޑިޕާޓްމެންޓް އޮފް ކެމިސްޓްރީ އެންޑް ބަޔޯކެމިސްޓްރީއާ ގުޅިގެން ކުރެވުނު ހުރިހާ ތަހުލީލެއް ވެސް ވަނީ ކާމިޔާބު ވެފައެވެ.
މި ދަވާދުގައި ހިމެނެނީ ”ޓައިޓޭނިއަމް ޑައިއޮކްސައިޑް“ ގެ ”ނެނޯ ޕާރޓިކަލްސް“ ތަކަކާއި، ހިމުންކުރެވިފައިވާ ހަކުރެވެ. ޓައިޓޭނިއަމް ޑައިއޮކްސައިޑްގެ އެންމެބޮޑު ބޭނުމަކީ ސަން ސްކްރީން ކުރަން ބޭނުންވާ ހުދުކަން ހޯދުމެވެ. ބުނެވުނު ޓައިޓޭނިއަމް ފާރޓިކަލްތަކަކީ ”ސެމީ ކޮންޑަކްޓަރ“އެއް ކަމަށްވާ ”ކެޑްމިއަމް ނެނޯ ކްރިސްޓަލް“ގެ ކޯޓިންގއެއް ލެވިފައިވާ ޕާޓިކަލްތަކެކެވެ. މި ޕާޓިކަލްތަކާއި ދެން އެއްކުރެވުނީ ފެނާއި، ”އަލްކަހޯލް“އެވެ. ބޭނުމަކީ ރަންކުލައިގެ ދަވާދު ކުލަ ގެނައުމެވެ. މި ދަވާދު އުފައްދާ ރިސާޗަރުން މި ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ ”ސަންބިލީވަބްލް“އެވެ. މި ދަވާދު ބިއްލޫރީގައި ލުމަށް ފަހު ކަރަންޓް އުފައްދާކަން ވަނީ ޔަގީން ކޮށްފައެވެ.
ދަވާދު ލެވުނު ބިއްލޫރިގަނޑަށް އިރުގެއަލި އެޅުވުމުން ކަރަންޓް އުފައްދަން ފަށައެވެ. ތިޔަ ހީފުޅުކުރެއްވިހާ ވަރުގަދަ ކަރަންޓެއް ނޫނެވެ. ހަމަ ވަރަށް ކުޑަ މިންވަރެކެވެ. އަދި މި ކުރެވުނު ދިރާސާއިން ދައްކާގޮތުން ބޭނުން ކުރެވުނު އަލީގެ 1 އިންސައްތަ ވަނީ އިލެކްޓްރިސިޓީއަށް ބަދަލުވެފައެވެ. ސޯލާރ ޕެނަލާ އަޅާކިޔާ ނަމަވެސް މީ އަދި ވަރަށްކުޑަ މިންވަރެކެވެ. އާންމުކޮށް ސޯލާޕެނަލަކުން 10 އިންސައްތައާއި 15އިންސައްތައިގެ އެފިސެންސީ ލިބޭނެއެވެ.
ނަމަވެސް މިއީ ހާސްވާންޖެހޭ ވަރުގެ މައްސަލައެއް ނޫންކަމަށް ރިސާޗް ޓީމުން ވަނީ ބުނެފައެވެ. ސަބަބަކީ މި ދަވާދު އުފެއްދުމުގެ ޚަރަދު ވަރަށް ކުޑަވުމާއި، ބޭނުން ކުލައަކުން ފަސޭހަކަމާ އެކު އުފައްދާލެވޭކަމެވެ. އެހެންކަމުން ކުޑަ ޚަރަދަކުން ބޮޑު އޭރިއާއެއްގައި ދަވާދު ލެވިދާނެއެވެ. އެހެންކަމުން މީ ”ޓޫއިން ވަން“ އެކެވެ. ފުރާޅު ނުވަތަ ފެންސްގައި ދަވާދު ލެވުނީއެވެ. ހަމައެއާ އެކު ކާބަން ފްރީ ކަރަންޓް ވެސް ލިބުނީއެވެ.
މީ އަދި ރަނގަޅު އުފެއްދުމެއްގެ ފެށުމެވެ. ގިނަގުނަ ކުރިއެރުންތަކެއް ހޯދޭނެކަމަށް އުންމީދުކުރެވޭ އުފެއްދުމެކެވެ. ހަމަޔަޤީނުން ވެސް މި ދަވާދަކީ އިރުގެއަލިން ކަރަންޓް ނެގުމަށް ކުރާ މަސައްކަތަށް ކޮށާލެވުނު ވަރަށް ތަނަވަސް މަގަކަށް ވާނެއެވެ.
