ސްޓީވް ޖޮބްސް މަރުވުމާއެކު މުޅިދުނިޔެއެއަށް ކުރިމަތިވި ހިތާމާގައި އެތައް ބަޔަކު ބައިވެރިވެ އޭނާގެ ހަނދާންތައް އެތައް ސިފަސިފައެއްގައި އާކުރަމުންދިޔައެވެ. ޓުވިޓާގެ ޓްވީޓްސްތަކުގައި ”ސްޓީވް ޖޮބްސް“ ގެނަން އެތައް ހާސްފަހަރަކު ބޭނުންކުރަމުންދިޔުމާއެކު އޭނަގެ ނަން އެތައް ގަޑިއިރަކަށް ޓްރެންޑްވެގެންދިޔައެވެ. ފޭސްބުކުގައި ”ސްޓީވް ޖޮބްސް.. ސްޓީވް ޖޮބްސް“ ނަން ނޫނީ ނުފެންނަ ފީޑެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ނިމުނީކި ނޫނެވެ. މީޑިއާގެ ފަލަ ސުރުޚީތަކާއި ރިޕޯޓުތަކުގައި އެނާގެ ވާހަކަ ފަވާލިއެވެ. ޓެކް ބޮލޮގްތަކުގެ ވާހަކަ ދެން ނުދެއްކިއަސް އެންމެ ރަނގަޅުތާއެވެ.
ސްޓީވް ޖޮބްސްގެ ހަނދާންތައް މުޅި ދުނިޔެ އާކުރަންޖެހުނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެތައް މިލިއަން ބަޔަކު، އައި ފޯނާއި، އައިޕެޑާއި، އައިމެކްގެ ޖާދޫގައި ވަކި ހިއްޕާލަދިން އެޕަލް ކުންފުނީގެ އެއް ބާނީއަށް އޭނަ ވީތީއެވެ. ދުނިޔޭގެ އެންމެ މަޤްބޫލު އައިޓީ އުފެއްދުންތަކުގެ މޭސްތެރި، އެޕަލް ކުންފުނި ވެއްޓިފައިވާ ފުން ވަޅުގަނޑުން ނަގާ ކޮޅަށް ޖެހި ސީއީއޯއަށް ޖޮބްސް ވާތީއެވެ. ދެން އެންމެ ރަނގަޅެވެ މިވަރުގެ ބޮޑު އިންގިލާބެއް ދުނިޔެއަށް ގެނައި އަބްޠާލެއްގެ ހަނދާން އާކުރުމަކީ އެމީހަކު ކޮށްފައިވާ މަސައްކަތަށް ކުރެވޭ އިޙްތިރާމެކެވެ. އެމީހަކަށް ހައްޤު ތަޢުރީފުކުރުމަކީ ވެސް ނެތްކަމެއް ނޫންތާއެވެ!
ނަމަވެސް މީޑއާތަކުން މިހުރިހާ ޒިކުރާތަކެއް އާކުރަމުން، ކުރެވުނުހާ ހުށާމަދެއް ކުރަމުން ދިޔައިރު އެފަރާތްތަކުން ވަނީ އެއްކަމެއްގެ މަތިން ޣާފިލުވެފައެވެ. އެއީ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަށް އައިސްފައިވާ ކުރިއެރުމެއް ގެނެސްދިން ”ސީ“ ލޭންގްއޭޖްގެ ބާނީ ޑެނިސް ރިޗީ މަރުވިއިރުވެސް މީޑިއާތަކުން އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަމެއްދީފައިނުވާތީއެވެ. ޖޮބްސް އާއި ރިޗީ މަރުވެފައިވަނީ އެއްއަހަރެއްގައެވެ. އެއްމަހެއްގައެވެ. ނަމަވެސް ރިޗީގެ ވާހަކަ މޮޅުކޮށްގެން ދައްކާނެމީހެއްނެތެވެ. ނަމަވެސް އައިޓީ އިންޑަސްޓްރީ ދިރާސާކުރާ ދުވަސްވީ ހަރު ބައެއް މުރާސިލުންވަނީ މީޑިއާއިން ޖޮބްސް އާއި ރިޗީއާއި ދެމެދު މަޢުލޫމާތު ފެތުރުމުގައި ގެންގުޅުނު ފަރަގަށް ފާޑުކިޔާފައެވެ. އަދި މިއީ ތާރީޚު އޮޅުވާލަން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައިވެސް އެފަރާތްތަކުން ވަނީ ސިފަކޮއްފައިވެއެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ ޓެކްނޮލެޖީގެ ދުނިޔެއެއަށް އެންމެ ނުފޫޒު ފޯރި މީހަކީ މީޑިއާއިން މަޝްހޫރުކޮށްފައިވާ ސްޓީވް ޖޮބްސް ބާއޭ ނޫނީ ”ހަނދާންނައްތާލައިފައިވާ“ ޑެނިސް ރިޗީބާވައެވެ؟
ކޮމްޕިއުޓަރެއްގެ ޕްރޮގްރާމެއްވިއަސް ގޭމެއްވިއަސް އަދި މޭޒުމަތީ ކޮމްޕިއުޓަރެއްގެ ސޮފްޓްވެއަރވިއަސް، ފޯނެއްގެ އޯއެސް ވިއަސް ތައްޔާރުކޮށްފައިވަނީ ކޮންމެެވެސް ކޮމްޕިއުޓަރ ލެންގްއޭޖެއް ބޭނުންކޮށްގެނެވެ. ފެންނަންއޮތް ޙަޤީޤަތަކީ މިހާތަނަށް އުފަންކޮއްފައިވާ ކޮމްޕިއުޓަރގެ ހުރިހާ ޕްރޮގްރާމިންގ ލޭންގުއޭޖެއްގެ އަސްލު ”މަންމަ“ އަކީ ޑެނިސް ރިޗީގެ ”ސީ“ ޕްރޮގްރާމެކެވެ. ސީ ޕްރޮގްރާމާއިއެކު ޔުނިކްސް އޮޕަރޭޓިންގ ސިސްޓަމްގެ ތަރައްޤީކުރުން ވެގެންދިޔައީ ކޮމްޕިއުޓަރާއި ޑިޖިޓަލް ދުނިޔޭގެ ފެށުމެވެ. ނަތީޖާއެއްގެ ގޮތުން ސެކިއުރިޓީ ސިސްޓަމްތަކާއި، ވެހިކަލް ސިސްޓަމްތަކާއި، ޓްރެފިކްލައިޓް ، ޑިޖިޓަލް ކެމެރާއާއި، ޓީވީއާއި ، ވެބްސަރވަރތަކާއި އަދިވެސް މިހާތަނަށް އުފައްދާފައިވާ ޑިޖިޓަލް ސާމާނު އުފެއްދުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި ކީއްތޯއެވެ! ސްޓީވް ޖޮބްސްގެ ކުންފުނިން މިހާތަނަށް ތައްޔާރުކޮށްފައިވާ، އައިޕޮޑާއި، އައިފޯނު އުފެއްދުމުގެ މައި ނާރެސްއަކީ މިބުނާ ސީ ޕްރޮގްރާމާއި ޔުނިކްސް އޮޕަރޭޓިންގ ސިސްޓަމެވެ.


ސްޓީވް ޖޮބްސް ދިޔައީ އޭނާގެ އެޕަލް ކުންފުނީގެ އުފެއްދުންތަކަށް ސްޓައިލިޝްކަމެއް ގެނެސް ކަސްޓަމަރުން ހިންއެދޭހާ ސިފަތަކުން ޒީނަތްތެރި ކުރަމުންނެވެ. މީގެ މިސާލަކީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އައިފޯނާއި، އައިޕެޑާއި، އައިޕޮޑް ފަދަ ގެޖެޓްސްތައް ހޯދާފައިވާ މަޤްބޫލުކަމެވެ. އެހެންކަމުން މިސަބަބައްޓަކައި ޖޮބްސް އާ ދޭތެރޭ މީޑިއާ އާއި ޒުވާން ޖީލުގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވުނީކަމަށްވެދާނެއެވެ. ކޮންމެއަކަސް ޙަޤީޤަތަކީ ޖޮބްސް އުފެއްދީ އެންމެ ބްރޭންޑެކެވެ. އެއީވެސް ވިޔަފާރިއަކަށެވެ. ނަމަވެސް ޑެނިސް ރިޗީގެ ޔުނިކްސް އޮޕަރޭޓިންގ ސިސްޓަމަކީ ކޮމްޕިއުޓަރު ދުނިޔޭގެ ބިންގަލެވެ. ސްޓީވް ޖޮބްސްގެ އެޕަލް ކުންފުންޏަކީ އެބިންގަލުން ލިބުނު މޭވާއެކެވެ.

ޝެއަރކުރެއްވުމަށް