ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ނޫމުތީގެ ހާރެއްގެ ގޮތުގައި ދުނިޔޭގެ ޗާޓުން ފާހަގަކުރަމުން އަންނަ ފަޚްރުވެރި މާޒީއެއްއޮތް ޤައުމެކެވެ. އަންޒަމާނުއްސުރެން މިލޮބުވެތި ޤައުމު ފަތުރުވެރިން ސިފަކުރަމުން އައިސްފައިވަނީ ސުލްޙަވެރި އަމާން ތަނެއްގެ ގޮތުގައެވެ. ފާއިތުވި ދިގުމާޒީގައި އަޅުގަނޑުމެން އުފާފާޅުކޮށް އުޅުނު ނަމަވެސް ނަވާރަސަތޭކައިގެ ފަހުކޮޅު އަޅުގަނޑުމެންގެ މިއަމާން ޤައުމަށް މަސްތުވާތަކެތީގެ ނާމާންކަން ކުރިމަތިވިއެވެ.މަސްތުވާތަކެތީގެ ވަބާ މުޅި ޤައުމުގައި ވަކި ހިއްޕާލުމާއެކު ދެން ފެނިގެން ދިޔައީ ވެރިކަންކުރާ މާލެއާއި އާބާދީ ބޮޑެތި އަަތޮޅުތަކުގައި ނުރައްކާތެރި ގުރޫޕުތައް ނުވަތަ ގޭންގުތައް ހީވެސް ނުކުރާހައި އަވަހަށް އުފެދި ޙަރަކާތްތެރިވާން ފެށިތަނެވެ. މިހާތަނަށް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މިފަދަ ގޭންގުތަކުގެ ޙަރަކާތްތައް ކުރިޔަށް ގެންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ. ނަމަވެސް މިއުފެދުނު ގޭންގުތަކުގެ ނުރައްކާ އަޅުގަނޑުމެންގެ ޢާއިލާތަކަށް ކުރަންފަށައި، ދިވެހިންގެ ދައު އޮހޮރައިގެން ހޯދާފައިވާ އަގުބޮޑެތި މުދާކޮޅު ވަގަށް ނަގައި، ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅު ފޭރިގަނެ މަސްތުވާ ތަކެތި ގަތުމަށް ބޭނުންކުރަން ފެށިއެވެ.

މިކަމުގެ ސަބަބުން ދިވެހި މައިންގެ ބަނޑުތަކުން މިބިމަށް އުފަންވި ދިވެހި އެތައް ދަރިންނެއް މަސްތުވެގެންތިބެ މަގުމަތީ އަވީލެވިގެންދާންޖެހުނެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރަންފެށުނެވެ. 2010 ވަނައަހަރުގެ އޮކްޓޫބަރުމަހު ޔޫ.އެން.އޯ.ޑީ.ސީން (ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް) ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ތިންލައްކައެއްހާ މީހުން އުޅޭ މިދިވެހިރާއްޖޭގައި މަސްތުވާ ތަކެތި ބޭނުންކުރާ ތިރީސްހާހަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ވެރިކަންކުރާ މާލޭގައި އެކަނިވެސް މާރާމާރީގެ ތަފާތު 30 ގޭންގެއް މިހާތަނަށް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިގުރޫޕް ނުވަތަ ގޭންގުތަކަށް ނިސްބަތްވާ 600 އަށްވުރެ ގިނަ ޒުވާނުން މާލޭގައި ޙަރަކާތްތެރިވަމުން ގެންދާއިރު، ރާއްޖޭގައި ކުށްކުރާ ރޭޓް އެންމެ ގިނައީ ޢުމުރުން 20 އަހަރާއި 35 ދެމެދުގެ ޒުވާނުންކަން މިދިރާސާގެ އަލީގައި ފާހަގަކޮށްލަން ޖެހެއެވެ.
މިދިރާސާގެ އިތުރުން ފުލުހުންގެ ތަފާސް ހިސާބުތަކަށް ނަޒަރު ހިންގާލާއިރުވެސް ގްރޫޕް މާރާމާރީތަކުގައި އަނިޔާލިބިގެން 2008 ވަނައަހަރުން ފެށިގެން 2012 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް 19 މީހަކު ދުނިޔެ ދޫކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި 2011 ވަނަ އަހަރު ޤައުމުގެ ސަލާމަތާއި އަމަން އަމާންކަމަށް ގެއްލުން ލިބޭފަދަ 710 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، ހަށިގަނޑާ ފުރާނަޔަށް ގެއްލުން ލިބޭފަދަ 1661 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ “ބިއުރޯ އޮފް ކްރައިމް ރެކޯރޑްސް“ ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މާރާމާރީގެ 1254 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު އޭގެތެރޭގައި ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 48 މައްސަލައަކާއި، ހަތިޔާރު ބޭނުންނުކޮށް ގްރޫޕް ހަދައިގެން މާރާމާރީ ހިންގި 159 މައްސަލައެއް ވޭތުވެދިޔަ 2011 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 63 މައްސަލައަކާއި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 85 މައްސަލައެއްވެސް ހުށަހެޅިފައިވާއިރު ހަތިޔާރު ބޭނުންނުކޮށް 899 މާރާމާރީއެއް ހިންގާފައިވާކަން ފުލުހުންގެ ކުށުގެ ރެކޯރޑުތަކުން ދައްކާކަމީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ހާލަތަށްބަލައި، އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭވަރުގެ ބޮޑު މައްސަލައެކެވެ.
ކަންމިހެން ހުރިނަމަވެސް މިފަދަ ގްރޫޕްތަކުގެ ޙަރަކާތްތައް ފުޅާވެ ބިރުވެރިކަން އިތުރުވަމުން ދިޔައިރު އަޅުގަނޑުމެންގެ އަންހެން ދަރިންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ، ވަކިވަކި ފަރުދުންގެ ގޮތުގައާއި ގުރޫޕް ގުރޫޕަށް ބޮޑެތި ބޮޑެތި ފާޙިޝް ޢަމަލުތައް ދަނީ ހިންގަމުންނެވެ. އަދި އަންހެން ކުދިން ރޭޕުކޮށް އެކުދިންގެ މުސްތަޤުބަލް އޮޔާލަމުންދާކަމީ ވިސްނާނުލައި ދޫކޮށްލެވެން ނެތްވަރުގެ މައްސަލައެކެވެ. މިފަދަ މައްސަލަތަކުގެ ކުށުގެ ރެކޯރޑްތަކަށް ބަލާލާއިރު ވޭތުވެ ދިޔަ 2011 ވަނަ އަހަރު އެކަނިވެސް ޖިންސީ ހާނިކައާއިގުޅޭ 646 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. އޭގެތެރޭގައި ރޭޕްކުރުމުގެ 13 މައްސަލައެއް ހިމެނޭކަމަށް ފުލުހުންގެ ރެކޯރޑްތަކުން ދައްކާކަމީ މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެކެވެ.
ހަމަމިއާއެކު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ވިޔަފާރި ކުރާ ތަންތަން ލޫޓުވައި އެތަންތަަނުގައި ފައިސާ ރައްކާކުރަން ހަދާފައިވާ ތިޖޫރީތައް ފަޅާލައި ބޮޑެތި ޢަދަދުތަކުން އިންތިހާއަށް ދަނީ ފައިސާ ވަގަށް ނަގަމުންނެވެ. އަދި ހަމަ އެހެންމެ ވަގުނޫޓް ޗާޕްކޮށް، ބާޒާރަށް ނެރެ ދަނީ ވިއްކަމުންނެވެ. މިގޮތުން 2011 ވަނަ އަހަރު ކައުންޓަރފިޓް އަދި ފޯޖްކުރުމުގެ 1614 މައްސަލައެއް ފުލުހުންނަށް ހުށަހެޅި، ކައުންޓަރފިޓްކޮށްފައިވާ ފައިސާ ގެންގުޅުމުގެ 64 މައްސަލައެއް ފުލުހުންނަށް ހުށަހެޅި ފައިވެއެވެ. އަދި މިފަދަ ވަގުފައިސާގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކަކީވެސް އަޅުގަނޑުމެން ދިވެހިން ކަންބޮޑުވާންޖެހޭ ވަރަށް، ބޮޑު ވެފައިވާ މައްސަލައެކެވެ.
މިކަންކަމުން އަންގައިދެނީ ކުށްކުރުމުގެ ނުރައްކާ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮތް މިންވަރެވެ. އެހެންކަމުން މުޖުތަމަޢުގައި ހިނގާ މިފަދަ މައްސަލަތައް ހުއްޓުވުމަށް ޤައުމުގެ ސަލާމަތީ ބާރުތަކުން ރެއާ ދުވާލު ކެނޑި ނޭޅި ކުރަމުންގެންދާ ބުރަ މަސައްކަތަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިއަދު މިވަނީ ބޭނުންވެފައެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެއްބައި ވަންތަކަމާއި އެއްބަނޑު އެއްބަފާކަން މިއަދު މިވަނީ ދިރުވައި އަލާކުރަން ޖެހިފައެވެ. އެންމެން އެކުވެރިވެ ސުލްހަ މަސަލަސްކަން ޤާއިމްކުރަން ޖެހިފައެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ހިމާޔަތްކުުރުމާއި ޤާނޫނާއި ޤަވާއިދުތަކަށް ދިވެހި ރައްޔިތުން އަހުލުވެރިކޮށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން މިއަދު މިވަނީ ބޭނުންވެފައެވެ. ޤާނޫނާ ޚިލާފް އަމަލެއް ނުވަތަ ޣައިރު ޤާނޫނީ އަމަލެއް ކުރާނަމަ އެފަދަ ކަމަކަށް ސަލާމަތީ ބާރުތަކުން ޖާގަ ނުދޭ ހިނދު ރައްޔިތުންވެސް މިފަދަ ޢަމަލުތަކަށް ޖާގަ ދީގެންނުވާނެއެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ހާލަތެއްގައިވެސް ތައްޔާރަށް ތިބޭ ބަޔަކަށް ވާންޖެހެއެވެ. މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ޚިމާޔަތްކުރުމަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެއްކަމުގައި ޤަބޫލުކުރަން ޖެހިއްޖެއެވެ. އިސްލާމްދީނާ ދިވެހި ޤައުމަށްޓަކައި އެންމެން އެކުވެރިވެ އަތާއިއަތް ގުޅަންޖެހިއްޖެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިމުޖުތަމައުގެ ސަލާމަތްތެރިކަމާއެކު ދެމިއޮތުމަށްޓަކައި މިޤައުމުގެ އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށްޓަކައި ކޮންމެ ދިވެހި ދަރިއަކުވެސް މިއަދު މިވަނީ ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ.
