ދުނިޔެއަށް ޖެހެމުން މިދާ ތަރައްޤީގެ ހަމަވައި ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން ދިވެހިންނަށްވެސް އައީ ލިބެމުންނެވެ. އެކި މޫސުމުގައި އެކިވަރަށެވެ. ދުވެލި މަޑުވާ ފަހަރާއި ބާރުވާ ފަހަރެވެ. ޔަޤީނުންވެސް އެނގޭ އެއްޗަކީ ތަރައްޤީ އަންނަކަމެވެ. ނަމަވެސް މިތަރައްޤީ އަޅުގަނޑުމެންނާއި ހަމައަށް އަންނަނީ ދުނިޔޭގެ އެހެންވެސް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އައިސްފައިވާ ބީދައިންތޯ ބަލާލުން އެއީ އަޅުގަނޑު ހިތުން ނެތްކަމެއް ނޫނެވެ. އެބައިމީހުންގެ ތަރައްޤީ އާއި އަޅުގަނޑުމެން މިކިޔާ ތަރައްޤިއާއި ހުރި ތަފާތަކީ ކޮބައިތޯ މިނެކިރާލަންޖެހެއެވެ. ޝައްކެއް ނެތްގޮތުގައި މިތަރައްޤީ މިނެކިރޭނެ އެންމެ ރަނގަޅު އެއް މިންގަޑަކަށްވާނީ އެ މުޖްތަމަޢެއްގައި ދިރިއުޅޭ ފަރުދުންގެ އެކިއެކި ކަންކަމަށް އަންނަ ބަދަލުތައް، ތަރައްޤީ އާއި ތަހުޒީބުގެ ތަރާދުން ކިރާލައި އޭގެން ބުރަދަން ހުރީ ކޮންކޮޅަކަށްތޯ ބަލައިލެވިގެންނެވެ. ތަނެއް ތަރައްޤީ ވާވަރަކަށް އެމާޙައުލެއްގައި އުޅޭބައެއްގެ ޢަމަލުތައް ތަހުޒީބުވާން ޖެހޭނެއެވެ. ހަމައެކަނި ތަރައްޤީ ވިޔަކަސް އަދި އެ ތަހުޒީބު ވީއެއް ނޫނެވެ. ތަރައްޤީގެ ހަޤީޤީ މާނަ އަންނަނީ އޭގެތެރެއަށް ތަހުޒީބުގެ ލަފުޒުވެސް އިތުރުކޮށްލެވިގެންނެވެ. ދުނިޔޭގެ ތަރައްޤީގެ ސަފުން ސިންގަޕޫރ ފާހަގަކޮށްލަން ޖެހެނީ އަޅުގަނޑު މިދެންނެވި މާނައިގެ ތެރެއިންނެވެ. އެހެންކަމުން އަޅުގަނޑުމެން ކަންކަން ކުރުމުގައި ގެންގުޅޭ މިންގަނޑުތައް ތަރައްޤީއާއި ތަހުޒީބުވެފައިވާ އެހެނިހެން ޤައުމުތަކުގެ މިންގަނޑުން ކިރާލަމާ ހިނގާށެވެ. ބަރުވާ ކޮޅެއްވެސް އެނގޭނީ ބަލައިލީމަތާއެވެ.
މިއަދު އަޅުގަނޑުމެން ތަރައްޤީ ވެފައިވާ މިންވަރަކީ އިއްޔެ މެންދުރު ވަޒީފާއަށް ވަތް ކުއްޖާވެސް ސަވާރީއެއްކަމުގައި ބޭނުންކުރާނީ ސައިކަލެކެވެ. ނަމްބަރު ބޯޑްގައި އޮތީ ”ޕީ“ ކަމެއް ”ސީ“ ކަމެއް ކިޔާނެކަމެއް ނެތެވެ. ޔަޤީނުންވެސް ދުއްވަނީ ސައިކަލެވެ. ބައިސްކަލް މިހާރު އެއީ ރާއްޖޭގައި އުޅޭ ބިދޭސީ ލޭބަރުންނަށް ޚާއްޞަ އެއްޗެއްކަމުގެ ލޭބަލް އޮންނަނީ ކުރެވިފައެވެ. މިދެންނެވި ތަރައްޤީގެ ފަސޭހަތަކާއިއެކު މަގުމަތީގައި އުޅޭއުޅުމުގައި އުމުރުން ދުވަސްވީމީހަކު ޓެކްސީއަކުން ފައިބަން އެނަގާ ވަގުތުކޮޅުގައިވެސް ކެތްތެރިކަމެއްނެތި މަޑުކޮށްލައިގެން އިނުމުގެ ބަދަލުގައި، ކައިރި ހިސާބުގަނޑުގެ ކުޑަކުދިން ހޭލާވަރަށް ބަރުގޮނު އެޅޭކަމުގައި ވާނަމަ ތަރައްޤީ އަދި ވިޔެއްކަމަކު ތަހުޒީބު ނުވަނީއެވެ.
ކިތަންމެ ބޮޑު ޢަދަދަކުން ނޫޓް ނަގަން ބޭނުންވެގެން ކަމުގައިވިޔަސް އޭ.ޓީ.އެމް މެޝިންތަކުގެ ކައިރީގައި ކިޔުގައި ހުންނައިރު އެތަނުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ މާބަނޑު އަންހެނުންނަށް ނުވަތަ ކުޑަކުއްޖަކު އުރައިގެން ހުންނަ މީހަކަށް އިސްކަންދިނުމުގެ ބަދަލުގައި ތިމާގެ ނަފުސު އިސްކުރާނަމަ އަދި އެހިސާބުން އެތަހުޒީބުވީކަމަކަށް ނުބެލެވޭނެއެވެ. ހަމައެއާއިއެކު ފެރީގައި ދަތުރުކުރާއިރު މާބަނޑު މީހުންނަށް ނުވަތަ ދުވަސްވީ މީހުން އިށީނުމަށް ހަމަޖެހިފައި ހުންނަ ގޮނޑިއާއި ދިމާލުގައި ލިޔެފައިވާ ލިއުންކޮޅަށް ސަމާލުކަން ދިނުމެއް ނެތި އެގޮނޑީގައި އިށީނދެވޭ ކަމުގައިވާނަމަ ދެންނެވޭނީ ތިމާ އަދި ތަޢުލީމީގޮތުން ކިތަންމެ މަތީ ސަނަދެއް ޙާޞިލްކޮށްގެން ހުރިކަމުގައިވިޔަސް އެހޯދި ތަޢުލީމަކުން ލިބުނު ތަހްޒީބެއް ނެތްކަމުގައެވެ.
ބާޒާރަށް ނުކުމެ އުޅޭއިރު ތިމާ ވަންނަ ފިހާރައިގެ ދޮރުފަތް، ފަހަތުން އަންނަ މީހާގެ މޫނުމައްޗަށް ދޫކޮށްލެވޭނަމަ ޖީބުގައި އަދި އޮޑިޖެހި ނޫޓްގެ ކިތަންމެ ބައިވަރެއް ހުއްޓަސް ހަމަ ހިމަނާލަން މިޖެހެނީ ތަހުޒީބު ނުވާ ގިންތީގައެވެ. ފިހާރައިން ނުކުންނަން އަންނަ މީހާ ހުޅުވާލާ ދޮރުން، އޭނާ ދޮރުވާނަކަށް ހަދާފައި ތިމާ އޭނާގެ އަތްދަށުން ފިހާރަތެރެއަށް ލޫދިގެން ދިޔުންވެސް މިހިމަނާލެވެނީ ހަމަ ތަހުޒީބު ނުވާ މީހުންގެ ސިފަތަކުގެ ތެރޭގައެވެ.
ބައެއްގެ ތެރޭގައި އުޅޭ އުޅުމުގައި ތިމާއަކީ މާ ކަންތައް އެނގޭ މީހެއްކަމަށް ހިތައި އެހެންމީހުން ވާހަކަ ދެއްކުމަށް ފުރުޞަތުނުދީ، ނުވިތާކަށް އެއްވެސް އިޙްތިރާމެއް ނުބަހައްޓާ އަޑުގަދަކޮށް ވާހަކަދައްކާ ހަދާނަމަ އަދި ތިމާއަކީ ކިތަންމެ ކަންކަން ދަންނަ މީހަކުކަމުގައިވިޔަސް އެއީ ތަހްޒީބު މީހެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.
ޕާޓީތަކަށް ގޮސް އުޅޭ އުޅުމުގައިވެސް ތަނުގެ މޫރިތި ކަން ގެއްލޭ މިންވަރަށް މަޖާކޮށް، ތަނަށް ޖެހި ގޮށްރާޅެއްހެން އުޅޭ ކަމުގައިވާނަމަ އަރިހުގައި އަދި ކިތަންމެ ނިޔަނެތި ކަނބަލެއް ހުއްޓަސް އެހުރެވުނީ ހަމަޔަޤީނުންވެސް ތަހުޒީބު މީހަކާއެކުއޭ، އޭނާއަށް ދިމާއަށް ބުނެވޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
ރައްޓެހި ރަޙްމަތްތެރިންނާއިއެކު ކޮފީމޭޒުތަކުގައި ވަގުތު ހޭދަކޮށްލާ، ދުނިޔަވީ ވާހަކަތައް ދައްކާލާ ގުޅުން ބަދަހިކޮށްލުމުގެ ނިޔަތުގައި ނަމަވެސް އެފަދަ ތަންތަނަށް ގޮސް އުޅޭއުޅުމުގައި ޖެހިގެން ހުންނަ މޭޒުކައިރީގައި ހުރި ހުސްގޮނޑި، އެމޭޒުކައިރީ އިންސާފުކުރަމުންދާ މީހުންގާތު އަހާލުމެއް ކަހާލުމެއް ނެތި ބޭނުންކޮށްލެވޭ ކަމަށްވާނަމަ، ރައްޓެހިންގެ ކުރިމަތީގައި ކޮފީދިނުމުގައި ކިތަންމެ ދީލަތި މީހަކުކަމުގައިވިޔަސް އެއީ ތަހުޒީބު މީހެކޭ ނުބުނެވޭނެއެވެ. އަދި އެހެންވާހަކައެކެވެ. ތިމާ ކޮފީއަށް އިންސާފު ކުރަމުންދާއިރު ބައެއްފަހަރު އެދަމާލެވޭ ސިނގިރޭޓުން ބޭރުކޮށްލެވޭ ދުންއެއީ ޖެހިގެންހުރި މޭޒުކައިރީގައި އިންސާފުކުރަންތިބި އާއިލާއެއްގެ އެންމެ ތުއްތު މެންބަރުންނާ ހަމައަށްވެސް ފޯރާ ގޮތަށް ދޫކޮށްލެވޭ އެއްޗަކަށްވާނަމަ، އެހާލަތުގައިވެސް ލެވެން މިއަންނަނީ ހަމަ އެއްކަލަ ތަހުޒީބު ނުވާ މީހުންގެ ގޮޅިއަށެވެ.
މިލިއުމުގައި މިފާހަގަކޮށްލެވުނު ކަންތައްތަކަކީ ބައެއްމީހުންނަށް ފަހަރުގައި ވަރަށް އާދައިގެ ކަންތައްތައް ކަމަށް ހީވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިއީ ހަމަ ބޮޑެތިކަންކަމެވެ. މީހާއަކީ އުޅުންހުރި ގޮތެއްހުރި، މީހެއްކަމުގައި ފެނިގެންދާނީ މިފަދަ ކަންތައްތަކަށް ސަމާލުކަން ދެވިގެންނެވެ. އަޅުގަނޑުމެން ކޮންމެ ތަނެއްގައި އުޅުނުކަމުގައި ވިޔަސް ވަކިކަހަލަ ސުލޫކީ މިންގަނޑުތަކެއް އެމާޙައުލަކާއި ނުވަތަ އެމުޖްތަމަޢަކާ ގުޅޭގޮތެއްގެ މަތިން ބަހައްޓަންޖެހެއެވެ. އެހެންމީހުންނަށް އިޙްތިރާމް ކުރަންޖެހެއެވެ. ދަރިންނަށް ރިވެތި އާދަތަށް ދަސްކޮށްދޭން ޖެހެއެވެ. ޒުވާނުންގެ ކިބައިގައި ތަހްޒީބު އާދަތައް އަށަގަންނުވަންޖެހެއެވެ. އިސްލާމީ ރިވެތި ސިފަތައް ހިތްތަކަށް ވައްދަން ޖެހެއެވެ. ދިވެހިންނަކީ އޯގާތެރި ހިތްހެޔޮ އުޅުންހުރި ބައެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އެތައް ބަޔަކު ވަނީ ސިފަކޮށްފައެވެ. މިކަން މިގޮތުގައި ދެމެހެއްޓޭނީ ބަދަލުވަމުން މިދާ ދުނިޔޭގައި ދިވެހިންނަކީ އުޅުންހުރި ގޮތްހުރި ބައެއްގެ ގޮތުގައި ދެމިތިބެވިގެންނެވެ. ދިވެއްސަކަށް ވީތީ ފަޚްރުވެރިވެވެން އޮތީ އޭރުންނެވެ.
