ދިވެހިރާއްޖޭގެ އެއްވަނަ އެތުލީޓަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކަނޑައެޅިގެންއެއީ ކާކުކަން ބުނަން ނޭނގިދާނެއެވެ. ނަމަވެސް އެންމެ ފުރަތަމަވެސް ހިތަށް ގެނެވޭނެ ނަމަކީ ސާރޖަންޓް ފަސްޓްކްލާސް ހުސެއިން ރިޔާޒް ނުވަތަ ”ބޭބެރިޔާ“ގެ ނަމެވެ. އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތެއް ބޭއްވުމަށްޓަކައި ސްކޫލްތަކުން ހޮވިއިރު އެކަމަށް ޝައުޤުވެރިވެގެން އަހުމަދިއްޔާ ސްކޫލުން ނެގި ކުދިންތަކުގެ ތެރޭގައި އެސްއެފްސީ ޙުސައިން ރިޔާޒްވެސް އަމިއްލައަށް ހިމެނުނެވެ. 1990ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 800މީޓަރ އަދި 1500މީޓަރ ދުވުމުން އެއްވަނަ ހޯދައި ބެސްޓް ފިރިހެން އެތުލީޓްގެ މަޤާމް އޭރު އުމުރުން އެންމެ 16އަހަރުވެފައިވާ ހުސެއިން ރިޔާޒަށް ލިބުނެވެ. މިހާހިސާބުން ފަސްއެނބުރި ބެލުމެއްނެތި މިދާއިރާއިން އޭނާ ދިޔައީ ދެވެން އޮތްހާ ކުރިއަކަށް ދިއުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކޮންމެ ދުވަހަކު ދެގަޑިއިރު ދުވުމުގައި ހޭދަކުރިއެވެ. ކާމިޔާބު އެތުލީޓަކަށް ވުމަށްޓަކައެވެ.
އިންޓަރސްކޫލް މުބާރާތްތަކުން ރަންވަނަ ތަކެއް ހޯދުމަށްފަހު ޤައުމީ މުބާރާތްތަކުގައި ވާދަކުރަންފެށިއެވެ. އަދި ސްކޫލް ދަރިވަރެއްގެ ގޮތުގައިހުރެ ރާއްޖެ ތަމްސީލްކުރާ 01 ނަމްބަރ އެތީލަޓަކަށްވެސް އެސްއެފްސީ ޙުސައިން ރިޔާޒް ނުވަތަ ބޭބެރިޔާގެ ނަން ހިމެނިގެން ދިޔައެވެ. ޤައުމީ މުބާރާތްތަކުގައި ރަންމެޑަލް އަޅުވަމުން ސާފް ގޭމްސް އާއި އޭޝިއަން ގޭމްސް އަދި ކޮމަންވެލްތް ގޭމްސްގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ތަމްސީލްކޮށް ރާއްޖޭގެ ޤައުމީ ރެކޯޑްތައް އާކުރަމުންދިޔައެވެ. ޙުސައިން ރިޔާޒްއަކީ 800މީޓަރ އާއި 1500މީޓަރ އަދި 5000މީޓަރ ދުވުންތަކަށް ޚާއްސާ އެތުލީޓަކެވެ. އެހެން ނަމަވެސް ހާފްމެރިތަންއާއި މެރިތަން އަދި ޓްރައިތަލޯން ފަދަ ރޭސްތަކުގައި ވާދަކޮށްވެސް ތަފާތު ވަނަތައް ހޯދާފައިވެއެވެ. 1993ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުނު ސާފްގޭމްސްއަކީ ޙުސައިން ރިޔާޒްގެ އެންމެ ކާމިޔާބު މުބާރާތެވެ. މިމުބާރާތުގައި ރިޔާޒް ދުވި 5000މީޓަރ، 1500މީޓަރ، 800މީޓަރ އަދި 4×400 މީޓަރ ރިލޭއިން ދިވެހި ރާއްޖޭގެ ޤައުމީ ރިކޯޑް އޭނާވަނީ ހަދާފައެވެ. މިއީވެސް ރިކޯޑެކެވެ.

އެސްއެފްސީ ޙުސައިން ރިޔާޒް ސިފައިންގެ ޚިދުމަތާ ގުޅިފައިވަނީ 1996ވަނަ އަހަރުއެވެ. އޭގެފަހުންވެސް އޭނާގެ ދުވުގެ ކެރިއަރަށް އެއްވެސް ބަދަލެއް ގެނެސް ފައެއް ނުވެއެވެ. ސިފައިންގެ ވަޒީފާއާއި ގުޅުމަށްފަހު ސިފައިންގޭގައި އޮންނަ ސިފައިންގެ ރެކްރިއޭޝަން ކްލަބް (ދިވެހި ސިފައިންގެ ކްލަބް)ގެ ނަމުގައި ޤައުމީ މުބާރާތްތަކުގައި ވާދަކޮށް އެއްވަނަ ހޯދަމުން ދިޔައީ، ސިފައިންގެއަށް ރީތި ނަން ހޯދަމުންނެވެ.
އެސްއެފްސީ ޙުސައިން ރިޔާޒްގެ އަތުގައި މިހާރުވެސް ޤައުމީ ދެ ރެކޯޑެއް އެބައޮތެވެ. އެއީ 15މިނެޓް 36ސިކުންތުން ދުވެގެން ހަދާފައިވާ 5000މީޓަރ ދުވުމުގެ ރެކޯޑާއި، 04:00 މިނެޓުން ދުވެގެން ޤާއިމުކޮށްފައިވާ 1500މީޓަރ ދުވުމުގެ ރެކޯޑެވެ. އެސްއެފްސީ ޙުސައިން ރިޔާޒަކީ ސިފައިންގޭގައި ބާއްވަމުން އަންނަ ފިޒިކަލް ޓެސްޓްގެ ދުވުމުގެ ރެކޯޑްވެސް އޮންނަ ފަރާތެވެ. މިރެކޯޑް ޤާއިމުކޮށްފައިވަނީ 09މިނެޓް 46 ސިކުންތުން 02މޭލު ދުވެގެންނެވެ. މީގެއިތުރުން ސިފައިންގެ ބެސްޓް ފިޓެސްޓް ސޯލްޖަރގެ ގޮތުގައި 03ފަހަރު އެސްއެފްސީ ޙުސައިން ރިޔާޒް ހޮވިފައިވެއެވެ. އެސްއެފްސީ ޙުސައިން ރިޔާޒް ހޯދާފައިވާ މެޑަލް ތަކުގެ ތަފްޞީލް ލިޔުމަކީ ފަސޭހަ ކަމަކަށް ނުވާތީ ލިބިފައި ބައެއް ރަން މެޑަލް ތަކާއި ޚާއްޞަ ކާމިޔާބީތައް ފާހަގަ ކޮށްލާނަމެވެ.

ބައެއް މުހިއްމު ކާމިޔާބީތައް:
ފުރަތަމަ އިންޓަރ ސުކޫލް އެތުލެޓިކްސް މުބާރާތް 1990ގެ 800މީޓަރ އަދި 1500މީޓަރ ދުވުމުން 01ވަނަ އަދި ބެސްޓް ފިރިހެން އެތުލީޓް.
ދެވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 1991ގެ 5000މީޓަރ ދުމުން 01ވަނަ.
ތިންވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 1994ގެ 800މީޓަރ ދުވުމުން 01ވަނަ.
10، 12 އަދި 16ވަނަ ޤައުމީ ކަސްރަތު މުބާރާތުން 10000މީޓަރ ދުވުމުން 01ވަނަ.
11، 12، 13، 14އަދި 18ވަނަ ޤައުމީ ކަސްރަތުމުބާރާތާއި، 06ވަނަ އެސޯސިއޭޝަން ޗެމްޕިއަން ޝިޕުން 5000މީޓަރ ދުވުމުން 01ވަނަ.
11 އަދި 13ވަނަ ޤައުމީ ކަސްރަތު މުބާރާތާއި 05 އަދި 06ވަނަ އެސޯސިއޭޝަން ޗެމްޕިއަން ޝިޕުން1500މީޓަރ ދުވުމުން 01ވަނަ.
14ވަނަ ޤައުމީ ކަސްރަތު މުބާރާތާއި 05ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން 800މީޓަރ ދުވުމުން 01ވަނަ.
14އަދި 15ވަނަ ޤައުމީ ކަސްރަތު މުބާރާތުގެ ބެސްޓް އެތުލީޓް.
08ވަނަ މާލޭ މެރިތަން- 10ކިލޯމީޓަރ ދުވުމުން 01ވަނަ
11ވަނަ މާލޭ މެރިތަން- 42.195ކިލޯމީޓަރ ދުވުމުން 01ވަނަ
ހާފްމެރިތަން 2004 – 01ވަނަ
05ވަނަ ޓްރައިތެލޯން 1999- 01ވަނަ
ޤައުމީ ރިކޯޑް
5000މީޓަރ ދުވުން 15:36
1500މީޓަރ ދުވުން 4:00
އެމް.އެން.ޑީ.އެފް ބެސްޓް ފިޓެސްޓް ސޯލްޖަރ: 2004، 2006 އަދި 2007
ބީއެފްޓީ/އޭއެފްޓީ ރިކޯޑް: 02 މޭލު ދުވުން 09:46
ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުބާރާތްތައް:
އޮލިމްޕިކް ގޭމްސް- ބާސެލޯނާ 1992
އޮލިމްޕިކް ގޭމްސް- އެޓްލާންޓާ 1996
ކޮމަންވެލްތު ގޭމްސް- ކްއޯލަރލަމްޕޫރު 1998
އޭސިއަން ގޭމްސް- ޖަޕާން 1994
އޭސިއަން އެތުލިޓިކްސް ޗެމްޕިއަންޝިޕް- ސްރީލަންކާ 2002
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް- މޮރިޝަސް 2003
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް- މައްކާ މަދީނާ 2005
ވޯލްޑް ހާފްމެރިތަން ޗެމްޕިއަންޝިޕް- ނުދިއްލީ 2004
ސާފްގޭމްސް ކޮލަމްބޯ 1991
ސާފްގޭމްސް- ޑާކާ 1993
ސާފްގޭމްސް- މެޑްރާސް 1995
ސާފްގޭމްސް- ކަތަމަންޑޫ 1999
ސާފްގޭމްސް- ޕާކިސްތާން 2004
ޓްރިވެންޑްރަމް މެރިތަން
ޕޫނާ މެރިތަން
ހޮންކޮންގ މެރިތަން
