އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ސިރީ މުތެއި ރަންމަނިލޯކަ މަހާރަދުން (1701މ1705މ، 1113ހ1116ހ) ނަކީ އިސްދޫ ދަރިކޮޅުން ރަސްކަމަށް ވަޑައިގެންނެވި ތިންވަނަ ރަސްގެފާނެވެ. މިއީ އިސްދޫ އިބްރާހީމް ޝާހުބަންދަރު (ވެލާނާ މަނިކުފާނު) ގެ ދަރިކަލުން ޙަސަން މާފަތްތަކުރުފާނުގެ ދަރިކަލެކެވެ. މަންމާފުޅަކީ އަތިރީ ކަމަނާއެވެ. މިރަދުންނަކީ އިސްކޮޅުފުޅުން ބޮޑު ބޭފުޅަކަށް ވުމާއެކު، މީނާއަށް ’ބޮޑުކިލެގެފާނު“ ގެ ނަންފުޅުންވެސް ކިޔާފައިވެއެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، މަކަރުވެރި ރޭވުމެއްގެ ދަށުން، މިމަނިކުފާނާ ދެބޭންގެ ދެދަރި އައްސުލްޠާން ޙަސަން (ދިހަ ވަނަ) ރަސްކަމުން ދުރުކުރައްވާފައެވެ.
ތަޚުތު އަތުލެއްވުމަށްފަހު، ބޮޑުވަޒީރުކަން ދެއްވީ، ކޮޅުމަޑުލު ދިޔަމިނގިލި އިބްރާހީމް ދޮށިމޭނާ ތަކުރުފާނުގެ ދަރިކަލުން މުޙައްމަދު ދޮށިމޭނާތަކުރުފާނަށެވެ. މިއީ ފަހުން އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން، ދިޔަމިނގިލި ބަންޑާރައިންނެވެ.
އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ޙައްޖަށް ވަޑައިގަތުމަށް 1115ހ ވަނަ އަހަރު (1703/1704މ) ދަތުރުފުޅު ތައްޔާރުކުރެއްވިއެވެ. މިގޮތަށް ޤަސްދު ކުރެއްވުމަށް ފަހު، މި ދަތުރުފުޅުގައި އޭނާ އަވަހާރަވެއްޖެ ނަމަ، އޭނާގެ ތުއްޕުޅު ދަރިކަލުން ރާއްޖޭގެ ތަޚުތަށް އިސްކުރުމަށް ވަޒީރުން ލައްވާ ޢަހްދުކުރެއްވިއެވެ. މިދަރިކަލުންނަކީ ދާދި ތުއްޕުޅު ކިރުފޮދުހިއްޕަވާ ވަރުގެ ބޭފުޅެކެވެ. ދަރިކަލުން ތުއްޕުޅުއިރު ރަސްކަމުގެ ކަންތައް ހިންގަވަން ޙަވާލުކުރެއްވީ، އެދަރިކަލުންގެ މަންމާފުޅު ކަނޑޫދޫ ފާތިމާ ކަނބާފާނާއެވެ. ޙައްޖު ދަތުރުފުޅުގައި މާލެއިން ފުރާވަޑައިގަތީ އެކަމަށް ބައްލަވައިގެންނެވި ނަވަކާއި، އަދި ރާއްޖޭގައި ބެންނެވި ހަތަރު ފުރެއްދެއޮޑީގައެވެ. މިއުޅަނދުތައް ވަނީ، ކާށްޓާއި، ބޮއްޔާއި، އެހެނިހެން އަގުހުރި މުދަލާއި ތަކެތީން ބަރާކޮށްފައެވެ. އަދި ބޮޑުކޯއްޓޭ ބުރުޒުން ނަވަށް 80 ބޮޑުބަޑިއާއި އެއަށް ވާވަރަށް އުންޑައާއި ބޭސްވެސް ލެއްވެވިއެވެ.

ޙައްޖަށް ފުރާވަޑައިގަތީ އެއަހަރުގެ ރަމަޟާން މަހުގެ 10 ވަނަ ދުވަހު (17 ޖަނަވަރީ 1704) އެވެ. އަރިއަހުގައި ގެންދެވި މީހުންގެ ތެރޭގައި، އެންމެފަހުން ހުންނެވި ޙަސަން ރަސްގެފާނާއި، ރަދުންގެ ބޭބޭފުޅު ޙަސަން ހަނދޭގިރި މަނިކާއި، މުޙައްމަދު ޢަބްދުލްޙަކީމް ފަނޑިޔާރުކަލޭގެފާނާއި ޙަސަން ތާޖުއްދީން ހިމެނިވަޑައިގަތެވެ. ޖިއްދާއަށް ވަޑައިގެންފައި، އެރަށުން މައްކާއަށް ވަޑައިގެން ޙައްޖުވެވަޑައިގަތެވެ. ނަމަވެސް އެތާނގައި، މި ދަތުރުފުޅުގެ ފުރަތަމަ މުޞީބާތާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެރަށުގައި، ފަނޑިޔާރުމަނިކުފާނާއި ރަދުންގެ އަރިއަހުގައި ވަޑައިގެންނެވި ބައެއް ބޭފުޅުންނާއި ރަދުންގެ އަނބިކަނބަލަކު، ކަށިވިދުރީގެ އާލާސްކަންފުޅުގައި އަވަހާރަވެއްޖެއެވެ.
މިކަން ދިމާވުމުން، މަދީނާއަށްވެސް ވަޑައިނުގަންނަވައި، ސަލާމަތުން ތިބި މީހުންނާއިގެން މާލެ ވަޑައިގަތުމަށްޓަކައި، 1116ހ ވަނަ އަހަރުގެ ޞަފަރުމަހުގެ 23 ވަނަ ދުވަހު (26 ޖޫން 1704މ) ރަދުން ޖިއްދާއިން ފުރާވަޑައިގަތެވެ. ދަތުރުމަތީގައި އެއުޅަނދުތަކާ ވަރަށް ގަދަ ވިއްސާރަގަނޑަކާ ދިމާވެގެން، ހަތަރުއޮޑީގެ ތެރެއިން ތިން އޮޑި، ކޮޅިގަނޑުގެ ތެރޭގައި ހަލާކުވިއެވެ. ސަލާމަތްވީ ޙަސަން ތާޖުއްދީން އިންނެވި އޮޑިއެވެ. މިއޮޑީގެ މީހުން މާލެއައިސް ޚަބަރުދިނީ، ރަދުންނާއި އެހެން އެންމެން، ވިއްސާރަގަނޑު ތެރޭގައި ނެތިހިނގައްޖެ ކަމުގައެވެ. އެއީ އެމީހުންނަށް ހީވެފައިއޮތް ގޮތެވެ. ނަމަވެސް ޙަޤީޤަތަކީ، ރަދުންނާއި ޙަސަން ރަސްގެފާނު ތިއްބެވި ނަވަށް ވަރަށް ދަތި ހާލުޖެހުމަށް ފަހު، ސޫރަތުގެ ކައިރީ ރަށަކަށް އެނައު ދިޔުމެވެ. އެ ދެބޭފުޅުން އެ ރަށުން ހިންގަވާފައި، ސަލާމަތުން ސޫރަތަށް ވަޑައިގެންނެވިއެވެ. ނަމަވެސް ޙައްޖު ދަތުރުފުޅުގައި، ރަދުންގެ އަރިއަހުގައި ގެންދެވި 500 މީހުންގެ ތެރެއިން، 300 މީހުން މަރުވިއެވެ.
ރަދުން ގެއްލުނު ޚަބަރު މާލެއަށް ލިބުމުން، ވަރަށް ބޮޑު ގަޑުބަޑެއް މެދުވެރިވިއެވެ. ދެފަރާތަކުން ތަޚުތަށް ދަޢުވާ ކުޅައެވެ. ރަސްކަން ބޭނުންފުޅުވެގެން ފުރަތަމަ އުޅުއްވީ، މުޡްހިރުއްދީންގެ ކޮއްކޯފުޅު ޙުސައިން ވެލާނާތަކުރުފާނެވެ. އެ އެދުންފުޅުގައި، މުޡްހިރުއްދީން ރަދުންގެ އަނބިކަނބަލުން ގަނޑުވަރުން ބޭރަށްލައްވާން އުޅުއްވަނިކޮށް، އެކަން ބޭޒާރުވެގެން، ވެލާނާ ތަކުރުފާނާއި އޭނާގެ އަނބިދަރީން ނައިފަރަށް އަރުވާލެވުނެވެ. އޭގެ ފަހުން ތަޚުތާ ދިމާކޮށްލައްވައި ކާމިޔާބު ކުރެއްވީ ބޮޑުވަޒީރަކަށް ހުންނެވި، މުޙައްމަދު ދޮށިމޭނާތަކުރުފާނެވެ. ރަދުންގެ އަނބިކަނބަލުންނާއި، ތުއްޕުޅު ދަރިކަލުން އެކަމަނާގެ އުފަން ރަށަށް ފޮނުވާލެއްވުމަށް ފަހު، ދިޔަމިނގިލި މުޙައްމަދު ދޮށިމޭނާތަކުރުފާނު، ރަސްކަމަށް އަރާވަޑައިގަތެވެ. މިކަންހިނގީ، 1116 ވަނަ އަހަރުގެ ޝައުބާން މަހު 22 (19 ޑިސެމްބަރު 1704) ވަނަ ދުވަހުއެވެ. މިރަދުންނަކީ ކޮޅުމަޑުލު ދިޔަމިނގިލީ އިބްރާހީމް ދޮށިމޭނާކިލެގެގެ ދަރިކަލުން މުޙައްމަދު ދޮށިމޭނާތަކުރުފާނެވެ. މަންމާފުޅަކީ އާމިނާދިޔޯ އެވެ. ރަސްމީ ނަންފުޅަކީ، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. ”ދިޔަމިނގިލި ބަންޑާރައިން“ގެ ނަންފުޅުންވެސް މި ރަދުންނަށް ކިޔައެވެ.
ތާރީޚު ބުނާގޮތުގައި، ކުރީގެ ރަދުން، އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީނަކީ، ރަސްކަން ކުރެއްވިއިރު ރައްޔިތުންގެ ޙާލުބައްލަވައި ހެއްދެވި އޯގާވެރި ރަސްކަލެކެވެ. ނަމަވެސް ރަސްކަން ގެއްލިވަޑައިގަތުމަށް ފަހު، ރައްޔިތުންގެ ޙާލާއި މެދު ފަރުވާލެއް ނުބަހައްޓަވައި، ތަޚުތު އަލުން ހޯއްދެވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތާ ހެދި، އެތަކެއް އަހަރުވާންދެން މީނާގެ ފަރާތްޕުޅުން ގިނަ އުނދަގޫތަކެއް ދިވެހިރާއްޖެއަށް ފޯރަމުންދިޔައެވެ. ތިން ފަހަރެއްގެ މަތިން މާލެއާ ހަނގުރާމައަށް ވަޑައިގަތެވެ. މީގެ ތެރެއިން ދެފަހަރު ރާއްޖެއާ ދެކޮޅަށް މި ރަދުން ވަޑައިގަތީ، އިންޑިޔާގެ ރަސްކަލެއްގެ އެހީ ހޯއްދަވައިގެން، ހަތިޔާރު ހިއްޕަވައިގެންނެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ކާމިޔާބީއެއް ލިބިވަޑައެއްނުގަތެވެ.
އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، 1116ހ ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި (ޖަނަވަރީ 1705)، މުޡްހިރުއްދީން ރަދުންނާއި ކުރީގައި ރަސްކަންކުރެއްވި ޙަސަން (ދިހަވަނަ) އާއި، ދެބޭފުޅުން، ސޫރަތުން ފުރާވަޑައިގަންނަވައިގެން، މިލަދުންމަޑުލު ދެކުނުބުރީ މަނަދުއަށް ވަޑައިގެންނެވިއެވެ. މާލެއަށް ސިއްރުން ފައިބައިވަޑައިގަންނަވާން ޤަޞްދުކުރައްވައިގެން، އެ ރަށުން އޮޑިއެއްގައި ފުރާވަޑައިގެންނެވިއެވެ. ނަމަވެސް، މާލެއަށް ވަޑައިނުގެންނެވެނީސް، އެބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވާ ޚަބަރު މާލެއަށް ލިބިއްޖެއެވެ. ސަރުކާރުން ފޮނުއްވި ބާރަށްދުވާ އޮޑިއެއް، މަކުނުދޫއާ ހިސާބުން އެބޭފުޅުން އަތުލައިގަނެގެން މާލެއަށް ގެނައެވެ. ދެބޭފުޅުންމެ އަރުވާލެއްވީ ފުވައްމުލަކަށެވެ. ދުވަސްކޮޅަކަށް ފަހު، އައްސުލްތާން ޙަސަން، ފުވައްމުލަކުން އައްޑުއަތޮޅު ހިތަދޫއަށް ފޮނުއްވާލެއްވިއެވެ.
ފުވައްމުލަކުގައި ދުވަސްކޮޅަކު އަރުވާލެވިފައި ހުންނެވުމަށްފަހު، މުޡްހިރުއްދީން ރަދުން، އެރަށުން ސަލާމަތް ވެވަޑައިގަންނަވައިގެން ޚާދިމަކާ އެކުގައި ސިލޯނުގެ ގާއްޔަށް ވަޑައިގެންނެވިއެވެ. ޑަޗް ނަވެއްގައި މަދަރާސީއަށް ވަޑައިގެންފައި، އެރަށުން ދެން ވަޑައިގަތީ ބަންގާޅަށެވެ. ބަންގާޅުގައި އެއްއަހަރު ހުންނެވުމަށް ފަހު، އިންޑިޔާގެ ފައްރުޚުޝިޔާރު ކިޔުނު ރަސްކަލެއްގެ އެހީފުޅާއެކު، މާލެއާދެކޮޅަށް ވަޑައިގަތުމަށް މުޡްހިރުއްދީން ރޭއްވެވިއެވެ. އެޗް. ސީ. ޕީ. ބެލް ލިޔުއްވާފައިވާ ގޮތުގައި، މިރަދުން މަދަރާސީގައި ހުންނަވަނިކޮށް، ކަންނަންނޫރު އަލީރާޖާގެ ދަރިކަލުން ކުންޏަ މުޙައްމަދާއި، ދިވެހިރާއްޖޭގެ ރަދުންނަށް ސިއްރިޔާތުގައި އެހީވެދޭ މަލިކު މީހަކާ ދެމީހުން ވެގެން، ބަނދަރުގައި އޮތް އުޅަނދެއްގައި މުޡްހިރުއްދީނު ރަދުން ބަންދުކޮށްގެން، ޓެންގައިޕައްޑަނަމް ކިޔާ އެ ހިސާބުގެ ރަށަކަށް ގެންދިޔައެވެ. މިޚަބަރުތައް ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނަށް ފޮނުވުމުން، ޢަލީރާޖާއަށް ސިޓީފުޅަކާއި ވަރަށް ގިނަ އަދަދެއްގެ ބޮލި ފޮނުއްވާފައި، މުޡްހިރުއްދީން މާލެއަށް އަނބުރާ ފޮނުއްވައިދެއްވަން އޭނާ އެދިވަޑައިގަތެވެ. މުޡްހިރުއްދީނަށް މިކަން އެނގިވަޑައިގަނެގެން، ފިއްލަވައިގެން ވަޑައިގަތީ ކަލްކަތާއަށެވެ.
މުޡްހިރުއްދީން ރަދުން އަހަރަކަށް ވުރެ ގިނަ ދުވަހު ކަލްކަތާގައި ހުންނެވިއެވެ. މިހުންނެވި ހުންނެވުމުގައި، ފައްރުޚުޝިޔާރުގެ އެހީފުޅާއެކު، އަނެއްކާވެސް މާލެއާ ދެކޮޅަށް ހަނގުރާމައަށް ވަޑައިގަންނަވަން ރޭއްވެވިއެވެ. ދިވެހި ތާރީޚުގައިވާ ގޮތުގައި، ފައްރުޚުޝިޔާރުގެ ފަރާތްޕުޅުން މުޡްހިރުއްދީނަށް އެއްލައްކަ ރުފިޔާ ލިބިވަޑައިގަތެވެ. މިފައިސާގެ އެހީގައި، ދެނަވާއި ބަގަލާއަކާއި އަސްކަރުންނާއި، ބޭނުންފުޅުވާ އެހެނިހެން ތަކެތި ހޯއްދަވައިގެން، މާލެއާ ދެކޮޅަށް އޭނާ ވަޑައިގަތެވެ. މިދަތުރުފުޅުގައި ވަރަށް ވަރުގަދަ ވިއްސާރަގަނޑަކާ ޖެހިގެން، އެއްނައު ބެހިގެން ސިލޯނުގެ ގާއްޔަށް ދިޔައެވެ. މިކަމާހެދި އެމަނިކުފާނަށް މާލެއަށް ވަޑައިގެންނެވުނީ މޫސުން ފަސްވީފަހުންނެވެ.
މުޡްހިރުއްދީން ރަދުންގެ ލަސްކަރާއި މާލޭގެ ލަސްކަރާ ދެފަރާތުގެ ޙަމަލާތަށް ފެށުނީ، 23 ރަބީޢުލްއަޢްވަލު 1123 (2 ޖަނަވަރީ 1712މ) ގައެވެ. މާލޭގެ ލަސްކަރު ބަޑިޖަހަމުން ގެންދިޔައީ އަތިރިމަތީގައި ހުރި ބުރުޒުތަކުންނެވެ. މުޡްހިރުއްދީން ބޮޑުކިލެގެފާނުގެ ލަސްކަރު، އެމީހުންގެ އުޅަނދުތަކުންނެވެ. އެއްވެސް ފަރާތަކަށް ކާމިޔާބެއް ނުލިބި ހަވީރުވަންދެން ދެފަރާތުން ބަޑިޖަހައިފައި، އެރަދުންގެ އުޅަނދުތައް ދޫނިދޫބޭރަށް ހިނގައްޖެއެވެ. ރާއްޖޭގައި، އެތަކެއް ދުވަސްވަންދެން އޮޑިދޯނިފަހަރަށް ދުއްތުރައުދެއްވައި، ދައުލަތާ ދެކޮޅަށް މިފަދަ ޢަމަލުތައް ހިންގަވައި ހެއްދެވިއެވެ. އެއަށްފަހު، މުޡްހިރުއްދީނާ ދެކޮޅަށް ހަތިޔާރުލައްވައިފައިވާ އޮޑިތަކެއް ދިވެހިރާއްޖޭގެ ރަދުން ފޮނުއްވައިފިއެވެ. މިއޮޑިތަކާ މުޡްހިރުއްދީނުގެ އުޅަނދުފަހަރާ ދިމާވީ އެމީހުން މާޅޮސްމަޑުލާއި މިލަދުންމަޑުލުގެ ރަށްތަށް ފޭރި، ލޫޓުވައި އުޅެނިކޮންނެވެ. ދެކޮޅަށް ހިނގި ޙަރަކާތްތަކުގައި ބަލިވެގެން ދުޝްމިނުން ރައްކާވެ ފުރައިގެންދިޔުމުގައި، ބައެއްމީހުން ހިފައި ހައްޔަރުކުރެވުނު ކަމަށްވެއެވެ. މީގެފަހުން، ޖާސޫސުން މެދުވެރިކުރައްވައިގެން، މުޡްހިރުއްދީނު އޭނާގެ ދެކޮއްކޯފުޅާ ގުޅުއްވައިގެން، މާލެއަށް ފައިބައިވަޑައިގަންނަވަން ރޭއްވެވިއެވެ. ނަމަވެސް، މިކަންވެސް ފައުޅުވެގެން ނާކާމިޔާބުވީއެވެ.
މިރޭއްވެވުމުގައި، ހަމަޖައްސަވާފައި އޮތީ، ބަޔަކުމީހުން ލައްވާ މުޙައްމަދު ޢިމާދުއްދީން ދިޔަމިނގިލި ބަންޑާރައިން ޤަތުލުކޮށްފައި، ރަސްކަން ހިއްޕެވުމަށެވެ. ރަސްގެފާނު ޤަތުލުކުރަން ޙަވާލުކުރީ ސުރޫރު ކިޔުނު ބަބުރަކާއެވެ. އަދި، މަރުޖާނު ކިޔާ ބަބުރެއްވެސް މިކަމުގައި ބައިވެރިކުރަން އެމީހުން ވާހަކަދެއްކިއެވެ. ނަމަވެސް، މިވާހަކަތައް އަހާފައި، މަރުޖާނު ގޮސް ރަދުން އަރިއަހުގައި މި ވާހަކަތައް ދެންނެވީއެވެ. ދެން މިމީހުން ގެންނަވައި މިކަން ބެއްލެވުމަށްފަހު، މިރޭވުމުގައި ބައިވެރިވި މީހުންގެ ތެރެއިން ސުރޫރާ އަދި އިތުރު ތިންމީހުން ޤަތުލުކުރައްވައިފައި، އެހެން މީހުން އަރުވައިލެއްވިއެވެ.
މުޡްހިރުއްދީން ރަދުން އެތައް ދުވަހެއް ވަންދެން ދިވެހިރާއްޖޭގައި، ދައުލަތާ ދެކޮޅަށް ދުއްތުރައުތައް ދެއްވަން އުޅުއްވުމަށްފަހު، ރަބީޢުލްއާޚިރު މަހުގެ 26 ވަނަ ދުވަހު، ބަންގާޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންނެވިއެވެ. މާލެ އަތޮޅުން ވަކިވެވަޑައިގަތުމުގެ ކުރީގައި، ވިލިނގިލީގައި ހުރި މިސްކިތް އަންދަވާލެއްވި ކަމަށް ބުނެވެއެވެ.
1124ހ ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު (1712މ)، އަނެއް ފަހަރު މުޡްހިރުއްދީން މާލެއާ ދެކޮޅަށް ގުރާބުތަކަކާއިގެން ވަޑައިގަތެވެ. މިފަހަރު ވަޑައިގަތީ މާރަނގަޅަށް ތައްޔާރުވެވަޑައިގަނެގެންނެވެ. ހަތިޔާރުގެ ތެރޭގައި އުންޑައިގެ ތެރެއަށް ބޭސްއަޅާ ވައްތަރެއްގެ ބަޑިތަކެއްވެސް ގެންނެވިއެވެ. މިގެންނެވި ލަސްކަރު މާލެއަތޮޅު ފުނަދޫއަށް ފައިބައި ތިބެގެން، މާލޭގެ ބޮޑުބުރުޒަށް ބަޑިޖަހައިގެންވެސް ކާމިޔާބެއް ނުލިބުނެވެ. އޭގެފަހުރޭ އެމީހުން އެއްގަމަށް އަރާން ދިމާކޮށްލިއެވެ. ފުރިހަމައަށް ހަތިޔާރު އަޅައިގެން، މައި ފާރުން އަރަންވެސް ތައްޔާރުވެގެން، މާލޭގެ ހުޅަނގުފަރާތުން އެމީހުން ރަށަށް އެރިއެވެ. މާލެ ދިފާޢުކުރަން ތިބި މީހުންގެ ތެރެއިން ހަތް މީހުން ނޫން އެހެން އެންމެނަށް ޖެހުނީ ދުޝްމިނުންގެ ބަޑީގެ ޙަމަލާއަށް ފަހަތަށް ޖެހޭށެވެ. ގަނޑުވަރާ ދިމާކޮށްލަން ތައްޔާރުވުމުގެ ގޮތުން، ދުޝްމިނުން އާބުރުޒު ހިފިއެވެ. ނަމަވެސް، މާފަންނު ދޮރޯށި ހިފަހައްޓާލި މާލޭގެ ހިތްވަރުގަދަ ފަހުލަވާނުން ކޮޅެއްގެ ހިތްވަރާއި ހިންމަތުން ދުޝްމިނުންގެ މީހުން، އެހިސާބުގައި ހުއްޓުވައިފިއެވެ. ދެން މާލެއިން އާ ލަސްކަރެއް ނުކުމެ، ހަނގުރާމަކޮށްގެން، އެމީހުން ފަހަށް ޖައްސައި، އާބުރުޒު އަތުލައި، ދުޝްމިނުން އެމީހުންގެ ދޯނިތަކާ ހަމައަށް ފައްސާލިއެވެ. ނަމަވެސް، މުޡްހިރުއްދީނާއި، ލަސްކަރުންގެ ވަރަށް ގިނަމީހުން ސަލާމަތްވެގެން އެނބުރި އިންޑިޔާއަށް ދިޔައެވެ. މީގެ ފަހުންވެސް، ފައްރުޚުޝިޔާރުގެ ގަނޑުވަރުގައި، ތިން އަހަރު މުޡްހިރުއްދީނު ރަދުން އުޅުއްވިއެވެ. ނަމަވެސް އޭގެ ފަހުން ރާއްޖެއާ ދެކޮޅަށް ހަނގުރާމައަކަށް ވަޑައެއްނުގަންނަވައެވެ.
އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން އަވަހާރަވީ ތާރީޚެއް އަދި އަވަހާރަވީ ތަނެއްވެސް އެނގޭކަށް ނެތެވެ. ގިނަ ލިޔުންތެރިން ބުރަވެވަޑައިގެންފައި ވަނީ، މިރަދުން ފުރައުއްތަވެވަޑައިގަތީ އިންޑިޔާގައި ކަމަށެވެ.
ރިފަރެންސް:
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު 1981: ދިވެހިތާރީޚު.
ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު؛ ”ތަންޤީޙްކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“
އެޗް. ސީ. ޕީ. ބެލް 1940މ: ދަ މޯލްޑިވް އައިލަންޑްސް، މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ.
