ސިފައިންނަށް ޞިއްޙީ ޚިދުމަތް ދޭން ފައްޓާފައިވަނީ ވަރަށް ހަނި އަދި ވަރަށް ނިކަމެތި ގޮތެއްގައެވެ. ނަމަވެސް ސިފައިންނަށް މިޚިދުމަތް ދޭން ފެއްޓުމަށްފަހު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް އެޚިދުމަތް ތަރައްޤީވެ ކުރިއަރަމުންނެވެ. ދުނިޔޭގެ ހުރިހާ އަސްކަރިއްޔާއެއްގައިވެސް ޞިއްޙީ ޚިދުމަތަކީ ވަރަށް ފުޅާދާއިރާ އެއްގައި ދެމުންއަންނަ ޚިދުމަތެކެވެ. އަދި މިޚިދުމަތަކީ ސިފައިންގެ މީހުންގެ އިތުރުން އެމީހެއްގެ ޒިންމާގެ ދަށުގައިވާ އާއިލާއަށް ވެސް ވަކި އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިން ދެވޭ ޚިދުމަތެކެވެ.
ދިވެހި ސިފައިން އުފެދިގެން އައިއިރު ސިފައިންނަށް ބޭސް ފަރުވާ ކޮށްދޭގޮތައް ހަމަޖެހިފައެއް ނޯވެއެވެ. ބަލިވެއްޖެނަމަ ބޭސްކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެހެންނަމަވެސް ފަހުން އެކި ގޮތްގޮތައް އެކި ސިފަސިފާގައި ކޮންމެވެސްވަރަކަށް ސިފައިންނަށް ޞިއްޙީ ޚިދުމަތް ދީފައިވެއެވެ. އަދި ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި މިހާރު އޭޑީކޭ ހޮސްޕިޓަލް ހުންނަތަނުގައި ހޮސްޕިޓަލެއް ސަރުކާރުން ހުޅުވުމުން އެހޮސްޕިޓަލުން ސިފައިންނަށް ބޭސް ފަރުވާ ކުރެވޭނެ ނިޒާމެއް ހަމަޖެހިގެން ދިޔައެވެ. މިގޮތުން ސިފައިންގެ މީހަކު ބަލިވެއްޖެނަމަ ވަކިގަޑިއެއްގައި ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރަށް ދެއްކޭގޮތައް ހަމަޖެހިފައިއޮތެވެ. އޭގެދުވަސްކޮޅެއްފަހުން ސިފައިންގެ މީހުންގެ އާއިލާގެ މެމްބަރުން ބަލިވުމުން ބޭސްކުރެވޭނެ ނިޒާމެއްވެސް ހަމަޖެހިފައި އޮތެވެ. ބޭސްފަރުވާގެ ޚިދުމަތް ސިފައިންގެ ތެރޭގައި ފުޅާވެގެން ގޮސްފައިވަނީ ސިފައިންގެ ތެރެއަށް މީހުން އިތުރުވެ، ހޮސްޕިޓަލުން ސިފައިންގެ މީހުން ޑޮކްޓަރަށް ދައްކަން ހަމަޖެހިފައިވާ ގަޑީގައި ބޭނުންވާ އެންމެން ޑޮކްޓަރަށް ދައްކަން އުނދަގޫވާންް ފެށުމުންނެވެ. މިގޮތުން ސިފައިންގެ ތެރޭގައި ފުރަތަމަ އުފެއްދެވީ އެން.އެސް.އެސް ބޭހާބެހޭބައެވެ. އެއީ މިހާރުގެ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގު ހުންނަތާގައި އޭރުހުރި މޭނާ ބިލްޑިންގުގެ ފަސްޓް ފްލޯގައެވެ. އޭގެ ފަހުން 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ވަނީ އެން އެސް އެސް ބޭހާބެހޭބައިި އެން.އެސް.އެސް މެޑިކަލް ސާރވިސްގެ ނަމަށްބަދަލު ކުރައްވާ ޞިއްޙީ ޚިދުމަތުގެ ދައުރު ފުޅާކުރައްވާފައެވެ. އެހެންނަމަވެސް އެޚިދުމަތް ދެމުންދިޔައީީ ބޭހާބެހޭބައި ހިންގަމުން ގެންދިޔަ ތަނުގައެވެ. އެދުވަސްވަރު ސިފައިންގޭގައި ޑޮކްޓަރަކު ނެތުމުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑިރެކްޓަރ މެޑިކަލް ސާރވިސްގެ މަޤާމު އުފައްދަވާ އެމަޤާމަށް ޑޮކްޓަރ މުޙައްމަދު އަޙުމަދު ހަމަޖައްސަވާ، ޑޮކްޓަރ މުޙައްމަދު އަޙްމަދު އަކީ އެން.އެސް.އެސް މެޑިކަލް ސާރވިސްގެ ޑޮކްޓަރ މަކުގައިވެސް ހަމަޖެއްސެވިއެވެ. އަދި ފަހުން ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރުވެސް ބަންޑާރަ ކޮށީގައި ބޭނުންކުރަމުން އަންނަ ފަސްޓް އެއިޑް ޕޮއިންޓް 1994 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަ ހުޅުވާ ފަސްޓް އެއިޑްގެ ޚިދުމަތް ބަންޑާރަ ކޮށީގައި ދޭން ފެއްޓިއެވެ. ނަމަވެސް ފާހަގަކޮށްލެވޭކަމަކީ އެހާހިސާބަށް އައިއިރުވެސް ސިފައިންގެ ޔުނީފޯމުގެ ޑޮކްޓަރަކު ނުހުންނަކަމެވެ.

ބޭސްފަރުވާގެ ޚިދުމަތް ސިފައިންގެ ތެރޭގައި ފުޅާވެގެން ދިޔަނަމަވެސް ސިފައިންނަށް އެންމެ ދެރަވާ އެއްކަމަކަށް އޮތީ ސިފައިންގެ މީހުންގެ ވިސްނުމާ ފިކުރު އަދި ސިފައިންގެ ޚިދުމަތް ރަނގަޅަށް އެގޭ ޑޮކްޓަރަކު ނެތުމެވެ. މިވިސްނުން ބަދަލުވެނެން ދިޔައީ އިނގިރޭސިވިލާތުން އެމް.ބީ.ބީ އެސް ފުރިހަމަކުރެއްވުމަށްފަހު މާލެ ވަޑައިގެން ލެފްޓިނެންޓް ޑޮކްޓަރ ޝާޙް މާހިރު މެޑިކަލް ސާރވިސް އޯޑިއޯންގައި ބަލިމީހުންނަށް ފަރުވާ ދެއްވަން ފެއްޓެވުމުންނެވެ. ސާހް މާހިރަށްފަހު ދިޔައީ ސިފައިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އިތުރުވަމުންނެވެ. ނަމަވެސް ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ސިފައިންގޭގައި ނެތުމުން ޖެހެނީ ޚާއްޞަ ޑޮކްޓަރުން ވަކި ކޮންޓްރެކްޓެއްގެ ދަށުން މެޑިކަލް ސާރވިސްއަށް ގެނެސްގެން ބަލިމީހުންނަށް ފަރުވާދޭށެވެ. އެހެންނަމަވެސް ވަކި ބަލިތަކަކަށް ޚައްޞަ ސިފައިންގެ ޑޮކްޓަރެއްގެގޮތުގައި ފުރަތަމަ ވެގެންދިޔަ ލެފްޓިނެންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު 2008 ޖުލައި 21 ވަނަ ދުވަހު އެތެރެހަށީގެ ބަލިތަކަށް އެމް އެން ޑީ އެފް މެޑިކަލް ސާރވިސްގައި ފަރުވާ ދެއްވަން ފެއްޓެވުމުން ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން ގެންނަ ޚާއްޞަ ޑޮކްޓަރުންނަށް ކުރަމުންދިޔަ ޚަރަދުގެ ބައެއް ކުޑަވެގެންދިޔައެވެ.
ޞިއްޙީ ފަރުވާގެ ދައުރު ސިފައިންގެ ތެރޭގައި ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭން ފާހަގަކޮށްލެވޭ އެއްކަމަކީ މެޑިކަލް ސާރވިސްގެ ތެރޭގައި ބޭސް ފިހާރައެއް ހުޅުވިގެން ދިއުމެވެ. 2006 ސެޕްޓެމްބަރ 25 ވަނަ ދުވަހު ސިފައިންގެ އެކުވެރި ކުންފުނި ނުވަތަ ސިފްކޯ އިން މެޑިކަލް ސާރވިސްގެ އިމާރާތުގެ ތެރޭގައި ބޭސް ފިހާރައެއް ހުޅުވުމުން ޑޮކްޓަރަށް ދައްކާމީހުންނަށް ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދިޔައެވެ. މީގެ އިތުރުން ސިފައިންގެ އޭރިއާތަކުގައި މަސައްކަތްކުރާ ސިފައިންނާއިި އެސިފައިންގެ އާއިލާތަކަށް އެސަރަހައްދެއްގައި ހުންނަ ހޮސްޕިޓަލަކުން ފަރުވާކުރެވޭނެ ނިޒާމެއް ހަމޖެހިގެން ދިއުމަކީވެސް ސިފައިންގެ ބޭސްފަރުވާއަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ. އަދި ސިފައިންގެ މީހަކު ނިޔާވުމުން އެމީހެއްގެ ޖަނާޒާގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި މެޑިކަލް ސާރވިސް އިން އަދާކުރަމުންދާ ދައުރަކީވެސް ފާހަގަކޮށްލޭ މުހިންމު ދައުރެކެވެ.
ސިފައިންގޭގައި ޑޮކްޓަރުންނާއި ނަރުހުން ތިބިކަމުގައިވިއަސް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ދެވޭނީ އެފަދަ ޚިދުމަތަކަށް އެކަށީގެންވާ އިމާރާތަކާއި ވަޞީލަތްތައް ފުރިހަމަވެގެން ކަމަށްވާތީ ސިފައިންގެ ލީޑަރޝިޕުން ދަނީ އަބަދުވެސް އެކަންކަމާއިމެދު ވިސްނަވަމުންނެވެ. ނަމަވެސް މިކަމަށް ޢަމަލީ ހައްލެއް ނައިސްއުޅެނިކޮށް މިހާރު ފެންނަމުންމިދާ މިލިޓަރީީ ހޮސްޕިޓަލް ނުވަތަ ސިފައިންގެ ހޮސްޕިޓަލްގެ ޙަޤީޤީކުލަ ޖެހެންފެއްޓީ 2009 އޯގަސްޓް 25 ވަނަ ދުވަހު އިންޑިއާ ސަރުކާރުގެ ހިލޭއެހީގައި މިލިޓަރީ ހޮސްޕިޓަލެއް އަޅުއްވާ ދެއްވުމަށް ހަމަޖެހިފައިވާކަމަށް އޭރުގެ ޑިފެންސް މިނިސްޓަރ އޮނަރަބަލް އަމީން ފައިސަލް އިޢުލާން ކުރެއްވުމާއި ހަމައިންނެވެ. މިހޮސްޕިޓަލަކީ ސިފައިންނާއި ސިފައިންގެ އާއިލާ ތަކަށް ޚިދުމަތް ދިނުމުގެ އިތުރުން މެޑިލަކް އިވެކުއޭޝަން ތަކުގައި މާލެ ގެންނަ މީހުންނަށްވެސް އަވަސްފަރުވާ ދެމުން ދާނެ ހޮސްޕިޓަލެކެވެ.
ބަލިމީހުންނަށް ފަރުވާދިނުމަށް 25 އެނދުގެ މައްޗަށް ބިނާކޮށް މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވޭތަނަކީ ތަފާތު ގިނަ ޚިދުމަތްތަކަކާއިއެކު ދިވެހިރާއްޖޭގެ ކުރީގެ އަޑު ނުވަތަ ބައު އަޑު ހިންގަމުންދިޔަ އިމާރާތް މަރާމާތު ކުރުމަށްފަހު ތައްޔާރު ކުރެވިފައިވާ ހޮސްޕިޓަލެކެވެ. މިލިޓަރީ ހޮސްޕިޓަލް ނުވަތަ ސިފައިންގެ ހޮސްޕިޓަލް އިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެތެރޭގައި X-RAY, ECHO, TMT, ECG, PHYSIOTHERAPY, USG, LABORATORY, AMBULANCE, OPD GENERAL, OPD SPECIALIST, DENTAL, ADMISSION, OBSERVATION, INTENSIVEC ARE, BEDSIDE NURSING CARE, NEBULIZATION, MINOR INCISION, SUTURING, INJECTION/DRESSING, STERILIZATION, LAUNDRY, SUCTION, POP, ANTENATAL CARE, DIBETES, AVIATION MEDICINE, DIVING MEDICINE ފާހަގަކޮށްލެވެއެވެ.
މިހޮސްޕިޓަލަކީ މިލިޓަރީ ހޮސްޕިޓަލަކަށްވީނަމަވެސް މެޑް-ވެކް އޮޕަރޭޝަން ތަކުގައި ސިފައިންގެއިން ގެންނަ މީހުންނަށާއި މޯލްޑިވްސް ޕޮލިސް ސާރވިސް ފަދަ މުއައްސަސާތަކަށް މިހޮސްޕިޓަލްގެ ޚިދުމަތް ލިބިގެންދިއުމަކީ އެކަށީގެންވާކަމެކެވެ. ޖާގައިގެ ގޮތުންނާއި ވަޞީލަތުގެ ގޮތުން މިހޮސްޕިޓަލްގެ ޚިދުމަތް އެންމެނަށް ހުޅުވާލެވިގެން ނުދިޔަނަމަވެސް ރާއްޖޭގެ އެހެން ހޮސްޕިޓަލަކުން ނުލިބޭ ޚިދުމަތެއް މިހޮސްޕިޓަލުން ދެވެންހުރިނަމަ އެފަދަ ޚިދުމަތްތައް އެންމެނަށްވެސް ހުޅުވިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން މިހޮސްޕިޓަލަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އިތުރުން ކޮންމެ ދިވެއްސަކަށްވެސް ވަރަށް މުހިންމުވާނެ ހޮސްޕިޓަލެއް ކަމާއިމެދަކު ޝައްކެއްނެތެވެ.
