ދިވެހިރާއްޖޭގައި މި ހިނގާ ޖުމްހޫރީ ވެރިކަމަކީ ދެވަނަ ފަހަރަށް މި ރާއްޖޭގައި އުފެދިގެންދިޔަ ޖުމްހޫރީ ވެރިކަމުގެ ނިޒާމެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަން ނިމުމާ އެކު އަނެއްކާ ވެސް ރާއްޖޭގައި އުފެދިގެން ދިޔައީ ރަސްކަމެކެވެ. މުޙައްމަދު ފަރީދު ދީދީ ރަސްކަމުގެ ތަހުތުގައި އިންނަވަނިކޮށް ދިވެހިން ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަން ބޭނުންވުމާ ގުޅިގެން ދެވަނަފަހަރަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ.
ދެވަނަފަހަރަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައީ ވެލާނާގޭ އިބްރާހީމް ނާސިރު ދިވެހިޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިސްކުރުމާ ގުޅިގެންނެވެ. ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދި އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިބްރާހީމް ނާސިރު ހަމަޖެހިގެން ދިޔައެވެ. އިބްރާހީމް ނާސިރު އުފަންވެ ވަޑައިގަތީ 1926ވަނަ އަހަރެވެ. އަދި އިބްރާހީމް ނާސިރު ނިސްބަތް ވަނީ ފުވައްމުލަކަށް ކަމަށް ބުނެވެއެވެ. ތިން ކައިވެނި ކުރެއްވި އިރު މި ކައިވެނިތަކުން 4 ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅެއް ލިބިލައްވާފައި ވެއެވެ.
ރައީސް ނާސިރު ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި މަޝްހޫރު ދެ ދަރިކޮޅުކަމަށްވާ ހުރާ ދަރިކޮޅާއި، ދިޔަމިނގިލީ ދަރިކޮޅަށެވެ. އިބްރާހީމް ނާސިރުގެ މައިކަނބަލުން އައިޝަތު ދީދީގެ އާއިލާ ފެށޭ ހިސާބަކީ ދިޔަމިނގިލީ ދަރިކޮޅުގެ މަޝްހޫރު ރަސްގެފާނު، ސުލްތާން މުޙައްމަދު އިމާދުއްދީން ދެވަނައާ ހިސާބުންނެވެ. ސުލްތާން މުޙައްމަދު އިމާދުއްދީންގެ ފަހުން މި ދަރިކޮޅުން ރަސްކަންކުރެއްވި ފާހަގަކޮށްލެވޭ އަނެއް ރަސްކަލަކީ ސުލްތާން އިބްރާހީމް އިސްކަންދަރު ދެވަނައެވެ. އިސްކަންދަރު ރަސްގެފާނުގެ ފަހުން ރަސްކަން ކުރެއްވީ ސުލްތާން މުޙައްމަދު ޣިޔާސުންދީންއެވެ. އެހެންކަމުން އިބްރާހީމް ނާސިރަކީ ރަސްކަމުގެ ކޮއިލް ތެރެއިން ނުކުމެވަޑައިގެންނެވި ބޭކަލެކެވެ. ކިޔަވައިވިދާޅުވީ މަދުރަސަތުލް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) އިންނެވެ. އޭގެފަހުން ސިލޯނުން ވެސް ތަޢުލީމް ހާސިލުކުރެއްވިއެވެ.
އިބްރާހީމް ނާސިރު ފުރަތަމަ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ މުޙައްމަދު ފަރީދު ދީދީގެ ރަސްކަމުގައި، އެ ރަސްކަމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައެވެ. އެއީ 12 ޑިސެންބަރު 1957އިން ފެށިގެން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމާ ހަމައަށެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްޙޫރިއްޔާ ފެށުނީ 11 ނޮވެންބަރު 1968ވަނަ އަހަރުއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ އަލްމަރުޙޫމް ވެލާނާގޭ އިބްރާހީމް ނާސިރެވެ. އަޅުގަނޑުމެން އެންމެން މިހާރު ވެސް ފާހަގަކުރަމުން މިދާ ނޮވެންބަރު 11 ނުވަތަ ޖުމްހޫރީ ދުވަހަކީ މި ތާރީޚީ ދުވަހެވެ.
ދިވެހި ތާރީޚީ ލިޔުންތަކުން ފެންނަ ގޮތުގައި ރައީސް ނާސިރަކީ މި ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަލެކެވެ. ރާއްޖެ މިއަދު މި ދެކޭ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި ފަރާތަކީ ވެސް ރައީސް ނާސިރުކަމަށް ވެދާނެއެވެ. އދ.ގެ މެމްބަރަކަށް ރާއްޖެ ހެދުމަށް ރައީސް ނާސިރު ކުރެއްވި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ރާއްޖެ މާ ބޮޑަށް ތަޢާރަފު ނުވެ އޮތް އިރެއްގައި މީ ފަސޭހަ ކަމަށް ނުވާނެކަން ހަމަޔަގީނެވެ. މަސްވެރިކަން ޒަމާނާ އެއްގޮތަށް ބަދަލުކުރެއްވުމާއި، ޓުއަރިޒަމް ތަޢާރަފުކުރުމަކީ ވެސް ފާހަގަނުކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. މިނޫން ވެސް ވަރަށްގިނަ ކަންތައްތަކެއް ރާއްޖެއަށް މި ވެރިކަމުގައި ތައާރަފުކުރެވިފައިވެއެވެ. އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމާއި، ޓެލެވިޒަން މޯލްޑިވްސްއާއި، ރޭޑިއޯ މޯލްޑިވްސް އުފެއްދެވުން ވެސް ފާހަގަކޮށްލެވެއެވެ. ބުނެވޭގޮތުން ރައީސް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ޝިޕިންގ ލައިންގައި 40 އާގުބޯޓު އޮތެވެ. މިއީ މުޅި އޭޝިއާ ވެސް ޖެހިލުންވެގެން ދިޔަ ކަމެކެވެ. އަދި މިއީ މި ކުޑަ ރާއްޖޭގެ ފަޚުރާއި ޝަރަފު ކަމުގައި ދުނިޔޭގައި މަޝްހޫރުވެގެން ދިޔައެވެ. ހުޅުލޭގައި ގާއިމްކުރެވުނު ރަންވޭއާއި، އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ ވެސް ރައީސް ނާސިރުގެ ޚިދުމަތުގެ ތެރެއިން ފާހަގަކުރެވޭ އަގުބޮޑެތި މަސައްކަތްތަކެވެ. މިނޫން ވެސް ކިތަންމެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ރަނގަޅު ކިތަންމެ ގިނަ ކަންތައްތަކެއް ހުރިނަމަވެސް، ފެންނާންހުރި ނުރަނގަޅު ކަންކަން ވެސް ފާހަގަކޮށްލުމަކީ ހަމަ އެންމެ ރަނގަޅުކަމެއް ކަމުގައި ފެންނާތީ އެ ވާހަކަ ވެސް ހިމަނާލާނަމެވެ. ރައީސް ނާސިރަކީ އިދިކޮޅު ފަރާތްތަކާ މެދު ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވި، ގޮއްމުށުގެ ބާރުން ވެރިކަން ކުރެއްވި ބޭފުޅެކޭ ބުނެ ދެކެވިފައިވާ ވާހަކަތައް ވެސް ތާރީޚުން ފެންނާން އެބަހުއްޓެވެ. މިގޮތުން އެންމެ ބޮޑު ފާޑުކިއުމެއް އަމާޒު ވަނީ އައްޑޫ، ހުވަދޫ ބަޤާވަތް ރޫޅާލުމަށް ދިވެހި ރައްޔިތުންނާ މެދު ރައީސް ނާސިރު ޢަމަލުކުރެއްވި ހަރުކަށި އުސޫލުތަކަށެވެ. އަދި ވިލިނގިލީގައި ހަދައިގެން އުޅުނު ޖަލުގެ އަނިޔާވެރިކަމާއި، ބިރުވެރިކަމުގެ ވާހަކައަކީ މިއަދު ވެސް ދޭދޭ ދިވެހިންގެ މެދުގައި ދެކެވޭ ވާހަކައެކެވެ. ޖަލުތަކާ މެދު ދިވެހިން މިއަދު ވެސް އިތުބާރު ނުކުރުމުގެ އަސްލަކީ މި ގޮތްނޭނގޭ ޖަލުކަމަށް ވެދާނެއެވެ.
ދިވެހި ސިފައިންނަށް އަމާޒުކޮށް އަޅުގަނޑު މި ވާހަކަތައް، އާދެ، ވެރިކަން ކުރެއްވި ބޭކަލުންނާއި، ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ދެތިން އާޓިކަލެއް މި ލިޔުނީ ވަރަށް މުހިންމު މަގުސަދެއްގައެވެ. ދިވެހިރާއްޖެއަކީ ވެރިކަމާ ތޮޅުމުގެ ވަރަށް ނުބައި އާދައެއް ހަރުލާފައިވާ މުޖުތަމައުއެއްކަން ދިވެހި ސިފައިންނަށް ހަނދުމަކޮށް ދިނުމަށެވެ. ކޮންމެ ވެރިކަމެއް ބަދަލުވުމުގައި ވެސް ހިނގައިގެން ނުވާނެ ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާކަން ދިވެހި ސިފައިންނަށް އަންގައި ދިނުމަށެވެ. މިފަދަ ހުރިހާ ސިޔާސީ ކަމަކަށް ހޭލާ ތިބުމުގެ ހިތްވަރު ދިނުމަށާއި، ސިފައިން ސިޔާސީ ނުވުމަށް ހިތްވަރު ދިނުމަށެވެ. ދިވެހިރާއްޖޭގައި އެއިރެއްގައި އޮންނަ ގާނޫނީ ވެރިކަމެއް ހިމާޔަތްކުރުމުގެ ޒިންމާ އަދާކުރުމުގެ ހިތްވަރު ދިނުމަށެވެ. ގައުމާއި، ދީނާއި، ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، އެހާމެ ކެތްތެރިކަމުގައި ތިބެންޖެހޭ ބައެއްކަން ހަނދާނަށް ގެނެސް އެ ކަންތައްތަކަށް ހިތްވަރުދިނުމަށެވެ.
ނޯޓް: މިލިއުމުގައި ހިމަނާފައިވާ ތާރީޚްތަކާއި، މަޢުލޫމާތުތަކަކީ ދިވެހި ތާރީޚީ އެކިއެކި ލިޔުންތަކުން ހޯދާފައިވާ މަޢުލޫމާތެވެ.
