ޒަމާނަކީ ދިރާސާކުރަން ހުރި ފޮތްތަކެކެވެ. އެއީ ޢިބުރަތްތަކުން ފުރިފައިވި ފިލާވަޅު ތަކެކެވެ. މުސްތަޤްބަލަށް ހުޅުވާލަދޭ ދޮރުތަކެކެވެ. އެކަމަކު އެއީ އެޒަމާންތަކުން ޢިބުރަތް ލިބިގަންނަން ބޭނުންވާ މީހުންނަށެވެ. ޤަޢުމެއްގެ ޙަޔާތަށް ބަލާއިރު އެޤަޢުމެއްގެ އެންމެ އަގުހުރި ތަރިކައަކީ އެޤަޢުމެއްގެ އަފުރާދުންނެވެ. އެއަފުރާދުންގެ ދިރިއުޅުން އަބަދުވެސް ބިނާކުރަމުން ގެންގޮސްފައިވަނީ އެޤަޢުމެއްގެ ހާލާއި ވެއްޓަށްވެސް ސަމާލުކަންދީގެންނެވެ. ޤަޢުމާއި ޤަޢުމިއްޔަތަށް އިސްކަންދީގެންނެވެ. ޤަޢުމިއްޔަތަކީ އެޤަޢުމެއްފަނާނުވެ، އަދިވެސް ދުނިޔޭގައި އެބައޮތްކަން ދައްކައިދޭ ހެއްކެކެވެ. ޤަޢުމުތަކުގެ ޤަޢުމިއްޔަތު ބިނާކުރަމުން، ހަރުދަނާކުރަމުން އަބަދުވެސް ގެންގޮސްފައި އޮތްކަމަށް ދައްކަނީ މާޒީވެދިޔަ ޒަމާންތަކުގައި ކުރެވުނު ތަޖުރިބާތަކާއި ޢިލްމީ އަލިކަމުގެތެރޭން ހާސިލުކުރެވޭ ޤާބިލްކަންވެސް ލިބިގަނެގެންނެވެ.

ޤަޢުމެއް ބިނާކުރަން އަތުކުރި އޮޅާލާ ބައެއްގެ އެންމެ ފުރަތަމަ ވާޖިބެއްކަމުގައި ވާންޖެހޭނީ ޅަސިކުނޑިތަކަށް ޤަޢުމީރޫޙާއި ޤަޢުމީލޯބި ވައްދައިދޭނޭ ގޮތްތަކެއް ދެނެގަތުމެވެ. އެކި ދުވަސްވަރު މިކަންކޮށްއުޅުނީ އެކިގޮތަށެވެ. އެކިވަސީލަތް ބޭނުންކޮށްގެންނެވެ. ޤަޢުމިއްޔަތެއް އުފެއްދުމަށް ކޮންމެވަސީލަތެއް ބޭނުންކުރިކަމުގައި ވިޔަސް އެންމެނަށް އިއްތިފާޤުވެވޭ އެއްކަމެއް އޮވެއެވެ. އެވާފަށަކުން އެކަކަށްވެސްދޫކޮށްނުލެވޭ، ނުވަތަ ދޫކޮށްލައިގެންނުވާނޭ އެއްވާފަށެއް އޮވެއެވެ. އެއީ ފާއިތުވަމުންދާ، އަދި ގޮސްފައިވާ ޒަމާންތަކެވެ. އެދުވަސްވަރު އުޅުނުބަޔަކު އުޅެ ނިމިގޮސްފައިވާ ގޮތެވެ. ހިފެހެއްޓި އުސޫލުތަކެވެ. ލިބުނު ގެއްލުންތަކާއި މަންފާތަކެވެ. ރުއި ރުއިންތަކާއި، އުފުލި ވޭންތަކާއި، ކެކުޅުންތަކެވެ. ލިބުނު ހިތްހަމަޖެހުމާއި އުފާތަކެވެ.

ޝައްކެއްވެސް ނެތެވެ. މިއީކީ ފަލްސަފާއެއް ނޫނެވެ. މިއީ ޤަޢުމިއްޔަތުގެ ނާރެހުން ދިއްލިގެން އަންނަ ހުޅުކޮޅެކެވެ. އެހުޅުކޮޅުން ލިބުނު އަލިކަން މިއަންނަނީ އެއްޒަމާނުން އަނެއްޒަމާނަށް ނަގުލުވަމުންނެވެ. އަދި އެއަލިކަމުގެތެރެއިން ޤަޢުމުތަކުގައި ޤަޢުމިއްޔަތު އުފެދިއާލާވަމުން ދިޔަގޮތާއި ސަބަބުތައް ވަރަށް ރަނގަޅަށް ފެންނާން އެބައޮތެވެ. ޤަޢުމުތަކަށް ލިބުނު ހިތްދަތިކަމާއި، ގައުމު އަޅުވެތިވަމުން ދިޔަގޮތާއި ހަޟާރަތްތައް ފުނޑުފުނޑުވެގެން ދާންޖެހުނު ސަބަބުތައްވެސް އެއޮތީ ފެންނާށެވެ.

މާއްދީ ކަންތައްތަކުން ހިތްޕުޅަށް ތިޔަ ލިބިވަޑައިގަންނަވާ ނުތަނަވަސްކަމާ ހިނދުކޮޅަކަށް ނަމަވެސް ދުރަށްޖެހިވަޑައިގެން މާޒީގެތެރެއަށް ވަޑައިގެން ބައްލަވާށެވެ. އޭރުން އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ރަނގަޅަށް އިޙްސާސް ކުރެއްވިދާނެއެވެ. ޒަމާނާއި ޙާލަތުނިޔާކުރިގޮތުން މިހާރު އަޅުގނޑުމެންނަށް މިތިބެވުނީ އެފަދަ ޙާލަތަކަށް އާދެވިފައެވެ.

މީލާދީގޮތުން 849 އަހަރުގެ މާޒީއަކަށް ޖެހިލަމާތޯއެވެ. އެހިސާބަށް އަންނަންދެން މިޤަޢުމުގައި އޮތީ ޣައިރު ދީނެވެ. އެދުވަސްވަރު ރާއްޖޭގައި ތިބިބަޔަކު އުޅެމުން ގެންދިޔައީ ބުދު ދީނަށެވެ. މިސަރުޙައްދުގައިހުރި އެންމެބޮޑު ބުދުފައްޅިކަމަށް ބެލެވޭ ބުދުފައްޅި ހުރީ މާލެއަތޮޅު ކާށިދޫގައެވެ. ބުޑިޒަމްގެ ބާރު ނުފޯރާ އެންމެ އަތޮޅެއް، އެންމެ ރަށެއްވެސް ނެތެވެ. އެހެން އެކަން ހިނގަހިނގައި އޮތްވައި ﷲގެ ރަޙްމަތްފުޅުން މިޤަޢުމުގައި އިސްލާމްދީނުގެ އަލިގަދަ ދަންމަރު ދިއްލިގެން ހިނގައްޖެއެވެ. މަޣުރިބުކަރައިން ވަޑައިގެންެނެވި ދީނީ އިލްމުވެރިއެއްގެ އަތްޕުޅުގެ މައްޗަށް އޭރު ދިވެހި ތަޚުތުގައި އިންނެވި ކީރިތި މަހާރަދުން ދިނެއި ކަލަމިންޖާ (ފަހުން އައްސުލްޠާން މުޙައްމަދު ބުނި ޢަބްﷲ ދަރުމަވަންތަ ރަސްގެފާނު) އިސްލާމްވެ ވަޑައިގެން މިޤަޢުމުގެ ޙައްޤުގައި، ދިވެހި ޤަޢުމިއްޔަތުގެ ޙައްޤުގައި އޭނާގެ ދީންވެސް ޤުރުބާންކުރެއްވީއެވެ. އިސްލާމްދީން ޚިޔާރުކުރެއްވީއެވެ. މާއްދީ ފައިދާއަށްޓަކައެއްނޫނެވެ. މީހަކު ދޭންބުނި ހަދިޔާތަކެއްގެ އަވާގައި ޖެހިވަޑައިގަންނަވައި ގެނެއްވެސް ނުމެނޫންމެއެވެ.

ކީރިތި މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު)ގެ މި އިސްނެންގެވުމަށް ދިވެހީން އިޖާބަދީ މަޑުމަޑުން މުޅި ދިވެހިރާއްޖޭގެ އެންމެހާ މީސްތަކުން އިސްލާމްދީން ޤަބޫލުކޮށް ނިމިއްޖެއެވެ. އަދި ހުރިހާ ބުދު ފައްޅިތައް ތަޅައި ފަސްއަޅާ ފޮރުވައިފިއެވެ. ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ. އެމީހުންގެ އަތުން ތަޅާފުނޑުފުނޑުކޮށް އަދި ފަސްއަޅާ މިފޮރުވާލީ ކިތައްސަތޭކަ އަހަރުވަންދެން އަޅުކަންކޮށްއުޅުނު ފައްޅިތަކަކާއި ބުދުތަކެއް ހެއްޔެވެ. އެހެންކަމުން މިމަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދިންފިލާވަޅަކީ މާތްވެގެންވާ އިސްލާމްދީނާއި ތިމާމެންގެ ލޯބިވާ ވަޠަނަށްޓަކައި ޤުރުބާން ނުކުރާނެ އެކައްޗެއްވެސް ނޯންނާނެކަމެވެ.

ތާރީޚްގެ ގަނޑުތައް އުއްކަވަމުން ގެންދަވާށެވެ. އައްސުލްޠާން ޢަލީ (6 ވަނަ) ރަސްގެފާނު ޒިޔާރަތް މިއަދުވެސް އެހުރީ ފެންނާށެވެ. އެރަދުންގެ ފުރާނަފުޅު ދުއްވާލީ މިޤައުމުގެ ޙައްޤުގައެވެ. ޖިހާދުގެ ކަމަރުބެންނެވީ ފަހަތްޕުޅުގައި ތިބީ ކިތައްމީހުންތޯ ބައްލަވާފައެއްނޫނެވެ. އަނބިކަނބަލުންނަށާއި ތުއްޕުޅު ދަރިކަނބަލުންނަށް ވަސިއްޔަތް ކުރައްވާފައެވެ. ކޮންކަމަކަށް ތޯއެވެ. މިޤަޢުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރައްވާ ބަޠަލަކު ފެނިވަޑައިގެންފިނަމަ، އެބޭފުޅެއްގެ ފަހަތްޕުޅުގައި ތިއްބަވައިގެން ވެވުނު ޚިދުމަތެއް ޤަޢުމަށް ކޮށްދެއްވުން އެދިވަޑައިގަތެވެ.

އެލޮބުވެތި ރަސްގެފާނު ދުޝްމަނުންގެ އަތްދަށުވެ ޝަހީދުވެވަޑައިގެންނެވި ހާދިސާ މެދުވެރިވެގެން އައީވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައިތިބި މަދު ޚިޔާނާތްތެރިން ތަކެއްގެ ސަބަބުންނެވެ. އިބުރަތެއް ހާސިލުކުރާނަމަ، މިއީ ކުޑަ ފިލާވަޅެއްތޯއެވެ. ދިވެހިންނަށް 15 އަހަރުގެ ދިގު އަޅުވެތިކަމެއްގައި ޕޯޗްގީޒުންގެ އަތްދަށުވާން ޖެހުނީވެސް އެހެންވެއެވެ. އަޅުވެތިކަމުގައި ކިތައްޢާއިލާ ވަކިވަކިވެ ބިކަހާލުގައި ޖެހިގެން ދިޔަތޯއެވެ. ކިތައް ކުދިން ޔަތީމުވެ، ކިތައް އަންހެނުން ހުވަފަތްވާންވެސް ޖެހުނުތޯއެވެ. ތިމާގެ ކުރިމަތީގައި ތިމާގެ އަނބިމީހާއި މައިމީހާއާ ނަހަމަގުޅުން ހިންގައި މަރާލިއެވެ. އެންމެފަހުން ހިފަހައްޓައި ރޯނުން ބަނދެފައި ކަރަށް ރާއަޅާ ހިސާބައްވެސްދިޔައެވެ. މިއީކީ ފޫހިފިލުވާލަން ކިޔާލަން މީހަކު ލިޔެފައި އޮތް ޚިޔާލީ ވާހަކައެއް ނޫނެވެ. މިޤަޢުމު ތަޖުރިބާކުރި، އަދި އަހަރެމެންގެ ކާބަފައިންގެ ލޭކޯރުތައް ދެމިގެންދިޔަ ޙަޤީޤީހާދިސާއެކެވެ. އެހެންވީމާ ޒަމާނަކީ ޢިލްމީ ފޮތްތަކަކަށް ނުވޭތޯއެވެ.

އަޅުވެތިކަމާއި ގިސްލުމާއި ވޭނުގެ ދިގު 15 އަހަރު ދުވަހަށްފަހު ﷲގެ ރަހުމަތްފުޅުން އަޅުތަކުންގެ ދުޢާއާއި ކުރި ހިތްވަރާ ކެތްތެރިކަމުގެ ސަބަބުން އަމާންކަމުގެ ފަތިސްދަންމަތިވެގެން އައިއިރު މިނިވަންކަމުގެ ދެތިން ހަތަރު ތަރިއެއް އަރައިގެން އަތުވެއްޖެއެވެ. ތިލަދުންމަތީ އުތީމުންނެވެ. މީގެ 438 އަހަރުކުރިންނެވެ.

އުތީމު ތިންބެއިން ދިވެހިޤަޢުމާއި އިސްލާމްދީނުގެ ހިމާޔަތުގައި ނުކުމެވަޑައިގަތީ ކޮންއެއްޗެއް ހިއްޕަވައިގެންތޯއެވެ. ކަނޑިއެއް، ބަޑިއެއް، ބޮމެއް، ރޮކެޓެއް ބިމުގެ ނުވަތަ ކަނޑުގެ މައިނެއްވެސް ނެތެއެވެ. ޕެޕަރ ސްޕްރޭއެއް، ޓިއަރ ގޭހެއް، ބެޓުންއެއްވެސް ނެތެވެ. ކުރިމައްޗަށް ދިއްކޮށްލާނެ ޝީލްޑެއްވެސްނެތެވެ. އެކަމަކު ﷲގެ ރަޙުމަތްފުޅާއެކު  އެއޮތް ބޮޑު ޕޯޗްގީޒުގެ ލަޝްކަރު ބުރައިގެންދިޔައީ ކީއްވެގެންތޯއެވެ. މިއީ މިއަދުގެ ކޮންމެދިވެއްސަކު ވިސްނަންވެއްޖެ ކަމެކެވެ. އެބޭފުޅުން އިސްލާމްދީނާއި ޤަޢުމުގެ ހިމާޔަތުގައި ނުކުމެ ވަޑައިގަތީ ވަރަށް ވަރުގަދަ “ހަތިޔާރެއް“ ހިއްޕަވައިގެންނެވެ. އެއީ ކޮންއެއްޗެއް ތޯއެވެ. އެއީ ވަރުގަދަ އީމާންކަމަކާއި އިޢުތިޤާދެކެވެ. މައިންބަފައިން ދަރިންނަށްދިން ހަރުދަނާ ތަރުބިއްޔަތެކެވެ. ބައްޕައެއްގެ އޯގާތެރި ވަސިއްޔަތެވެ. އެހެންކަމުން އިސްލާމްދީނާއި ދިވެހިޤަޢުމު އެއީ ދިވެހިންގެ ހަށީގައި ފުރާނަހުރިހާ ހިނދަކު ދޫކޮށްލައިގެން ވާނޭ އެއްޗެއްނޫންކަމުގައި ދެކެވަޑައިގަތެވެ.

ޒަމާންތަކައް  ފަސްދީ ދިއުމުގައި އިބްރާހިމް ކަލާފާނުގެ ޒަމާނާއި ބޮޑުރަސްގެފާނު (އައްސުލްތާން މުޙައްމަދު އިމާދުއްދީން 1)ގެ ރަސްކަންވެސް  ދިވެހިން ދުއްޓެވެ. ކަން ހިނގައިދިޔަ ގޮތް އެއޮތީ ތާރީޚުން ފެންނާށެވެ. އެންމެ ފަހަރަކުނަމަވެސް މިޖީލުގެ ދަރީން މިސަފުހާތަށް ކިޔާލާނޭނަމަ ކޮންފަދަހެއްޔެވެ. ޚިޔާނާތްތެރިން ޚިޔާނާތްތެރި އަލިފާންގަނޑު ރޯކުރާގޮތް އެނގިވަޑައި ގަންނަވާނީ އޭރުންނެވެ.

ޒަމާނުގެ ހުދާއި ކަޅުގެ ޞަފުޙާތައް އުއްކަމުން ގެންދަވާއިރު ދިވެހި ކަނޑު އޮޅިތަކުން ހޮޅީންގެ ލަޝްކަރުތައް ރާއްޖެއަށް ވަދެގެންއައިގޮތް ރަނގަޅަށް ފެނިވަޑައިގަންނަވާނެއެވެ. އެމީހުންވެސް ރާއްޖެއަށް އެތެރެކުރީކީ ރަން ރިހީގެ ކަންވާރުތަކެއް ނޫނެވެ. އެމީހުންއައީ ދިވެހިން މަރާހުސްކޮށް މިޤަޢުމު އަތުލައިގަންނާނޭ ހަތިޔާރާ މީހުން ގޮވައިގެންނެވެ. ހޮޅީންގެ މިއަނިޔާވެރިކަމުން ސަލާމަތްވުމަށް މިފަހަރުވެސް ﷲ މިންވަރުކުރެއްވީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންނާއި ދިވެހިޤަޢުމުގެ ހިމާޔަތުގައި އަބްޠާލުންތަކެއް ކުރެއްވި ހިތްވަރުފުޅުގަދަ މަސައްކަތްތަކެކެވެ. މިފަހަރު މުލީގޭ ދޮންޙަސަން މަނިކުފާނާއި އޭނާގެ އެހީތެރި ދިވެހީން ކޮޅެކެވެ. ކާކު ކޮންއެއްޗެއް ދޭން ބުނެގެންތޯއެވެ. ދިވެހި ކާބަފައިން ދިވެހި ދަރީންނަށް ދީފައިވާ ހަރުދަނާ ތަރުބިއްޔަތަކާއި ދީނާމެދު ދަރީންގެ ހިތްތަކުގައި އުފައްދަވާފައިވާ ލޯބިފިޔަވައި އެކައްޗެއްވެސް ނެތެވެ. އެކަމަކު އެތަރުބިއްޔަތާއި އެލޯބި ހިމެނިގެންދިޔައީ ހޮޅީންގެ ކަނޑިބަޑިތަކާއި ލޮންސިތަކުގެ ޙަމަލާތައްވެސް ދިފާޢުކުރެވޭވަރުގެ ގަދަފަދަ އައްޑަނައަކަށެވެ. އެހެނީ ހޮޅީންގެނައި ލޮންސިއަކުން، އަދި އެމީހުންގެނައި ބަޑިއަކުން ދިވެހީންގެ އިޢުތިޤާދު ފުނޑުފުނޑު ކޮށްލެވޭވަރެއް ނުވިއެވެ. ހޮޅީންވެސް ބުނާގޮތުގައި ދިވެހިންނަކީ ހިތްވަރުގަދަ ޢަޒުމު ވަރުގަދަ ބައެކެވެ. އެމީހުން އެކަކުއަނެކަކާ ވާހަކަދައްކާއިރުބުނެއެވެ.

”މިދިވެހީންނަކީ ހިތްވަރުގަދަ ބައެކެވެ. އެމީހުން މަޑުމަޑުން ތިއްބެއްކަމަކު އެކަމަށް އަހަރެމެން ސަމާލުނުވެ ތިބޭކަށްނުވާނެއެވެ. އެމީހުން އެތިބެނީ ފުރުސަތަކަށް ބަލަބަލައެވެ. އެމީހުންނަކީ މާސިންހާ ކަނޑުން އެނަގާ ބިޔަ ރާޅުތަކުގެ ވަރުބަލާފައި އެމީހުންގެ ކުދިކުދި ދޯނިތަކުގައި ކަނޑަށް ނުކުންނަ ހިތްވަރުގަދަ ބައެކެވެ.“

ޝައްކެއްނެތެވެ. މުލީގޭ ދޮންޙަސަން މަނިކުފާނު، ފަހުން އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒައްދީން ނުވަތަ ދޮންބަންޑާރައިން މިޤަޢުމު ﷲގެ ރަހްމަތްފުޅާއެކު ސަލާމަތް ކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ވާރުތަވަމުންއައި އަމާނާތް އެމަނިކުފާނަށްފަހު އައިޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވިއެވެ. ދޮންބަންޑާރައިން އެޖިހާދުކުރެއްވީ މީލާދީން 1753 ވަނައަހަރުއެވެ. މީގެ 259 އަހަރު ކުރިންނެވެ.

އަނެއްކާވެސް ޒަމާންތަކެއްފަސްދީ ހިނގައްޖެއެވެ. ކަލަންޑަރުން ގަނޑުތަކެއް ކެނޑިގެން ހިގައްޖެއެވެ. ޒަމާނަށް ބަދަލުތައްއަންނަމުން ދުނިޔެއަށް އާގޮތްތަކާއި ކަންތައްތައް ތަޢާރަފު ވަމުންދާން ފަށައިފިއެވެ. އިންސާނާގެ ފިކުރާއި ބުއްދިން ﷲ ދެއްވި މަތިވެރި ނިޢުމަތުގެ ބޭނުންހިފައިގެން ތަރައްޤީގެ މައިދާންތަނަވަސްކޮށް ފުޅާކުރަމުން ދާންފަށައިފިއެވެ. ޢިލްމީގޮތުން މީހުންގެ ޤާބިލުކަން އިތުރުވަމުންގޮސް ސައިންޓިފިކް އައު ހޯދުންތަކާއެކު މުޅިދުނިޔެއަށް ސިނާޢީ އިންޤިލާބެއްގެންނަމުން ދުނިޔެ ޣާފިލުކަމުގެ ތަންމަތިން ތެދުވެއްޖެއެވެ. މީގެދެތިންޤަރުނުކުރިންނެވެ.

18ވަނަ ގަރުނުގެތެރޭގައި ދުނިޔެއަށް މިއައި އިންޑަސްޓްރިއަލް ރިވޮލިއުޝަން (ނުވަތަ ސިނާއީ އިންޤިލާބު)ގެ އަސަރު ރާއްޖެއަށް ފޯރަންފެށީ 20 ވަނަ ޤަރުނުގެތެރޭގައެވެ. އުއްސަކުރު ޒަމާނުގެ ނަމުން ނަންދެމުންނެވެ. އެޒަމާން ރާއްޖެދުށީ  ހާދަ އުފާވެރި، ހާދަ މިނިވަން، ހާދަ އެކުވެރި ޒަމާނެއްގެ ގޮތުގައެވެ. ތިމާގެ މީހުންގެ ތިމާގެކަމާއި، އެކުވެރި ރަޙްމަތްތެރިންގެ ގާތްކަމާއި މައިވަންތަކަމުގެ ލޯތްބާއި، އަނބިފިރިންގެ ގުޅުން އޮތީ ދުވަހަކުވެސް ރާއްޖޭގައި ނެތްފަދަ ގޮތެއްގައެވެ. އިސްލާމީ އެންމެރިވެތި މިސާލުތައް ދައްކަމުންނެވެ. އެޒަމާން އެގެނެސްދިނީވެސް ޢިބުރަތްތަކެކެވެ. ފިލާވަޅުތަކެކެވެ. ޕީ.އެޗް.ޑީ ހައްދަވާ ދަރިވަރުން ތީސީސްއެއް ލިޔެލަން ދިރާސާއެއް ހަދާލައިފިނަމަ ޒަމާން އެގެނެސްދެނީ ކޮންފަދަ ތަޖުރިބާތަކެއްކަން ދިރާސާތަކުން އެނގޭނެއެވެ.

އެދުވަސްތަކަށް ދިވެހިން އަލްވަދާޢުކީ އެއްވަނަ ބޮޑު ހަނގުރާމައާއި އަދި އޭގެފަހުން 1939 ވަނަ އަހަރު ފެށިގެންދިޔަ ދެވަނަ ބޮޑު ހަނގުރާމައަށްފަހުއެވެ. އެހަނގުރާމަ ނިމިގެން ދިޔައިރު އަޅުގަނޑުމެން ވަނީ އެކަހެރިވެފައެވެ.  އަތްމަތި ހުސްވެ ފަގީރުވެފައެވެ. އެހެން މީހުންނާއި ވަކިން ދިރިއުޅެން ބޭނުންވެފައެވެ. މައިންބަފައިންނާ ދަރިންނާ އަޅާލުން ކުޑަވެފައެވެ. އަނބިންނާއި ފިރިންގެ ލޯބި ކަފިކަފިވާން ފަށާފައެވެ. މިވީ ކިހިނެއްތޯއެވެ. މިސުވާާލު ކޮންމެ މީހަކަށް އަމިއްލައަށް ކުރެވެއެވެ. އެކަމަކު ޖަވާބުދޭކަށް ނޭގެއެވެ.

ދިވެހިން ތިބީ ކުދިކުދި ރަށްތަކެއްގައެވެ. ތިލަދުންމަތީ ތުރާކުނުގެ އުތުރުކާލިން އައްޑު އަތޮޅުގެ ދެކުނުކާއްޔަށް ދަމާލެވުނު ހަތަރުސަތޭކަ މޭލެއްހާ ދިގުމިނުގެ ސަރަހައްދެއްގައި ވަކިވަކިން ދިރިއުޅޭބައެއްގެ ގޮތުގައެވެ. ދުވާލަކު ދެފަހަރު ތިންފަހަރު އެމަދު މީސްކޮޅު ފެނިދެނިވެއެވެ. ޙާލު ބަލައި ހެދެއެވެ. އެއްބަނޑުއެއްބަފާ މީހުން ނޫނެއްކަމަކު ދިރިއުޅެނީ އެއްބަނޑުއެއްބަފާ ބައެއްގެގޮތުގައެވެ. ރަށުގެ އެންމެފަރުދަކަށް އަޅާ ވޭނަކީވެސް މުޅިރަށުގެ އެންމެހައި ރައްޔިތުންގެ ހަށިގަޑުގައި އަޅާވޭނެއްކަމުގައި ދުށީމުއެވެ.

މިނިވަން އުފާވެރި މާޙައުލެއްގައި ދެންވެސް މިދިވެހިން ދިރިއުޅުނީމުއެވެ. އެމިނިވަން މާޙައުލު ދެން ފުނޑުފުނޑުކޮށްލީ މިރާއްޖެހިފަން އަވަށްޓެރި ސްރީލަންކާގެ ޓެމިލް ގްރޫޕެއް ގޮވައިގެން އައިސް މާލެއެރި ދިވެހި ޚާއިނުންތަކެކެވެ. ރޭގަނޑެއްގެ ދަންވަރު އެންމެން ނިދާފައި ތިއްބައެވެ. ސިއްރިޔާތުގައި މާލެ އެރުނު ކަމުގައިވިއަސް ރާއްޖޭގެ ދިފާޢީ މަރުކަޒު ބަލަހައްޓަން ތިބި ބަޔަކު ތިބީކީ ނިދާފައެއްނޫނެވެ. އެމީހުންގެ ހަށިގަނޑުގައި ޖަހަމުންދިޔަ ކޮންމެވިންދަކީ މިދީނާއި މިޤަޢުމުގެ ޙައްޤުގައި ޖަހާ ވިންދެއްކަމުގައި ދެކި އެމީހުންގެ ފުރާނަވެސް ވަނީ ދިވެހިޤަޢުމަށް ވަގުފުކޮށްދީފައެވެ.

އާ ދުވަހަކަށް ދުނިޔެ ހޭލަމުން އަންނަކަމުގެ އިޢުލާން ކުރަމުން ދިޔަވަގުތެއެވެ. ރާއްޖޭގެ ދިފާޢީމަރުކަޒު ފޫއަޅުވާލުމަށް ދުޝްމަނުންފޮނުވާލި ވަޒަނުގެ އަޑާއެކު ދިފާޢީ މަރުކަޒުގެ މައިގޭޓް ބަލަހައްޓަންހުރި ހިތްވަރުގަދަ ޒުވާން ބަޠަލު ކުޅުދުއްފުށީ ޙުސައިން އާދަމް ރައްދު ޖަވާބުދީފިއެވެ. ހަމަ ބަޑިންނެވެ. ގިނައިރުތަކެއްނުވެ ޙުސައިން އާދަމުގެ މޭ ފުރޭޏެއްގެ މިސާލުގައި ތޮރުފިގެން ލޯވަޅުތައް އެޅިގެން ދިޔައެވެ. އެވަގުތު ދިވެހި ފަސްގަނޑު ތެމެމުންދިޔައީ އޭނާގެ ހަށިގަނޑުން އޮހެމުންދިޔަލެއިންނެވެ. ލޯތްބާއެކު ހައްދަމުންދިޔަ ދަނޑަކަށް ހޮޅިއަކުން މީހަކު ފެންދެމުންދިޔަ ބީދައިންނެވެ. އޭނާއަށްވެސް އެކަންއެނގެއެވެ. އޭނާގެ ލޯބިވާ މައިންބަފައިންވީ އޭނާގެ ކުރިމަތިން ފެންނަން އެއޮތްކަނޑުގެ އުތުރަށްގޮސް އޮބާފައެވެ. ރަށްތަކުގެތެރެއިން ރަށެއްގައެވެ. އަރާމު ތަންމަތީގައި މިހާރުތިބޭނީ ނިދާފައިކަންވެސް އެނގެއެވެ. ހެނދުނު އިރުއެރުމާއެކު އެމީހުންގެ ދަރިފުޅު މިހާރު ދުނިޔެއަކު ނެތްކަން އެނގުމުން ހާދަ ރުއިމެއް ރޯނެއެވެ. އެކަމަކު އެފަޚުރުވެރި ޒުވާނާ ބުނާކަހަލައެވެ. މިބިމުގެ އެންމެ ވެލިފުކެއްވެސް އަހަރެންގެ ފުރާނަހުރިހާ ހިނދަކު ބޭރުބައެއްގެ އައްމައްޗަށް ދޫކޮށެއް ނުލާނަމެވެ. ލޯބިވާމަންމާއެވެ. ބައްޕާއެވެ. ދައްތައާއި ކޮށްކޮމެންނޭއެވެ. ދެން ނުރޯށެވެ. ހުއްޓާލާށެވެ. އަހަންނަށް ތިޔަހުރިހާ ފަރާތްތަކުން ދިން ލޯއްބާއި ކޮށްދިން ތަރުބިއްޔަތު ފޮނިމޭވާ ލިބުނީކަމުގައި ޤަބޫލުކުރާށެވެ.

އާދޭހެކެވެ. ޒުވާން ޙުސައިން އާދަމް ޝަހީދުވެގެންދިޔަ ހާދިސާއަށްވެސް ވިސްނާވަޑައިގަންނަވާށެވެ. އެއީވެސް ޒަމާނެކެވެ. ދުރުނޫން މާޒީއެކެވެ. މިހިރީ ހައްތަހާވެސް ފިލާވަޅެވެ. ޢިބުރަތެވެ. އެކަމަކު އެއިން ފިލާވަޅެއް ލިބިގަންނަ ބަޔަކަށެވެ. އެޒަމާންތައް އެދިޔައީއެވެ. ދެން ކިތަންމެ ބޭނުންވިއަސް އަނބުރާ އެޒަމާންތަކެއް ނުގެނެވޭނެއެވެ. ދެންއޮތީ މިޒަމާނެވެ. މިޒަމާނުގައި އަޅުގަނޑުމެންގެ ހާލަތާމެދު ފުންކޮށްވިސްނާލަމާތޯއެވެ.

“ޒަމާނަށް ހެއިނުލާ ތިބެގެން އަމާނެއް ލިބިނެތޭދާކަށް، ކަމާއިބަހާ މިދުނިޔޭގައި ހިނގާމަގު ވިސްނަވާށޭ“.

ޝެއަރކުރެއްވުމަށް